ރައީސް ވޭވަށުގެ ބަނދަރު ހުޅުވާދެނީ
28 އޯގަސްޓް 2022 - 22:11
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި މ. ވޭވަށު ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ދައުލަތުގެ ބަޖެޓުން 48 މިލިއަން ރުފިޔާ ހޭދަކުރި މި ބަނދަރު ހުޅުއްވައިދެއްވީ ވޭވަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ މަސްގަނެ ކައްކައި އޭގެއިން ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ވޭވަށުގައި، މިހާތަނަށް އައިއިރު އެ މަސައްކަތަށް ފަހިވާ ކަހަލަ ބަނދަރެއް ނެތް ކަމަށެވެ.
"މި ކަންކަން [މަސްކައްކައި ހިއްކުން] ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ފަސޭހަ ބަނދަރެއް މި ރަށުގައި ގާއިމްކުރުން. އިރާދަކުރެއްވިއްޔާ މިއަދު މިވަނީ އެ ބަނދަރު ހަދައި ގާއިމްކޮށް ހިދުމަތް ދޭން ފެށިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިމަގުގައި އެއްވެސް ދައްޗެއް ނެތި ފަސޭހަކަމާ އެކު އެ ރަށު ރައްޔިތުންނަށް އެ ބަނދަރު ބޭނުން ކުރެވޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވޭވަށު ބަނދަރު ހުޅުއްވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމްޓީސީސީން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައިފަ އެވެ. ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ އެކު ގާތްގަނޑަކަށް 115 ރަށުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އަދި އޭގެ ތެރެއިން 38 ރަށެއްގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކުރީ ސަރުކާރުން ވޭވަށުގެ ތަރައްގީއަށް ހަރަދުކުރީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ. މިއަދު ހަތަރު އަހަރު މި ސަރުކާރަށް ވެގެންދާއިރުގައި، މި ރަށަށް އެކަނި ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ހަރަދުކޮށްފިން،" ރައީސް ވިދާޅުވި އެވެ.
ވޭވަށުގައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 15،875 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކޮށް، 294 މީޓަރުގެ އެއްގަމުތޮއްޓަކާއި 373 މީޓަރުގެ ބޭރުތޮއްޓަކާ އެކު ރިވެޓްމެންޓު ޖެހުމުގެ އިތުރުން ރޭމްޕެއް ވެސް ހަދައިފަ އެވެ.
ބަނދަރު ސަރަހައްދުގައި އެޅި 1470 އަކަ މީޓަރުގެ ޕޭވްމެންޓާއެކު މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ވޭވަށު ބަނދަރު ރައީސް ހުޅުއްވައިދެއްވީ އެމަނިކުފާނު މިހާރު މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދުގެ ޖަލްސާގައި އެމަނިކުފާނާ އެކު، ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ވޭވަށު ކައުންސިލް މެންބަރުންނާއި އެރަށުގެ ގިނަ ރައްޔިތުންނެއް ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
30 August 2022
ވޭވަށު ބަނދަރާއި ގުޅިގެން ހުޅަނގަށް ދުބާއީ ގޮތަށް ޕާމް އައިލޭންޑް ޑިވެލޮޕް ކޮށް ނިމުނީމައި ވޭވަށަކީ މި ރާއްޖޭގެ ދުބާއީއަށް ވެ ނިމުނިއްޔޭ!
އޮނަރަބްލް އަފީފު ދީދީ
29 August 2022
އަދުލުވެރިކަމާއިއެކު ދައުލަތުގެ ބަޖޭޓް ޙިއްސާކުރާނެ ކަމަށާއި، ވެލްތް ޑިސްޓްރިބިއުޓު ކުރުމުގައި ތަފާތުކުރުމެއްނެތި ލާމަރުކަޒީ އުސޫލުން ރާއްޖޭގެސަރަޙައްދުތަކަށް ފެތުރިގެންދާގޮތަށް އިޤްތިސޯދީ ނާރެސްތަކެއް އުފައްދަވާނެކަމަށްވައުދުވެ ވެރިކަންލިބުމުން ކަންކުރައްވަނީ ދެއްކި ވާހަކަ ތަކާއި ޙިލާފަށް. # މާލެއަށް 800މ ޑޮލަރުގެ ބްރިޖާއި، 4 ބިލިޔަން ޑޮލަރުގެ އެއަރޕޯޓާއި ހޮލިޑޭ ހަދާނެ އާޓިފިޝަލް ޕިކްނިކް އައިލެންޑް ހަދާއިރު ރަށެއްގެ ބަނދަރުގައި ކޮނެލަނީ ވަޅެއް.
އެމްސް
29 August 2022
48 މިލިޔަން ހޭދަވި ޕްރޮޖެކްޓަކުން ދިވެހިންނަށް އުފެދުނީ ދެކޮޅުޖެހޭވަރު އާމްދަނީއެއްގެ ކިތައް ވަޒީފާތޯ؟
ދިއްދޫމީހާ
28 August 2022
ސަރުކާރުން އެބަޖެހޭ މިކަހަަލަ ކުޅިކުޅިން ހުއްޓާލަން ތިޔަ ރަސްމިއްޔާތައް ދާނެ ތީގެ 4 ބަނދަރު ހަދާހާ ލާރި ބަނދަރު ރަސްމީކޮއް ހުޅުވީޔޯ ރަސްމީކޮއް ނުހުޅުވާ އެއްޗެެއް ދައްކާބަލަ؟ އަހުން ގެންގުޅޭ ޗެރީ ބައިސްކަލްގެ ތަޅުވެސް މިހުޅުވަނީ ކޮންމެ ދުވަހަކު ރަަސްމީ އިއްޒަތުގާ..