އޮބާމެޔަންގް (ކ) ޗެލްސީއާ ގުޅޭ ޑީލްގެ ތެރެއިން، އޮލޮންސޯ (ވ) ބާސެލޯނާއަށް ބަދަލުވާނެ.
01 ސެޕްޓެމްބަރ 2022 - 20:39
ލަންޑަން (ސެޕްޓެމްބަރު 1) - މި ސީޒަނުގެ ހޫނު މޫސުމުގެ ޓްރާންސްފާގެ ފަހު ދުވަހު، ބާސެލޯނާއަށް ކުޅޭ ޕިއޭ އެމެރިކް އޮބާމެޔަންގް ޗެލްސީ އަށް ބަދަލުވެ، ބަދަލުގައި ޗެލްސީ ގެ ވާތު ބެކް މާކޮސް އޮލޮންސޯ ބާސެލޯނާ އަށް ބަދަލުވާގޮތަށް ހަމަޖެހިއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު އާސެނަލް ދޫކޮށް ބާސެލޯނާއަށް ބަދަލުވި އޮބާމެޔަންގް، 33، ޗެލްސީ އަށް ބަދަލުވާން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެއްބަސް ވެފައި ވީ ނަމަވެސް، އަގެއް ކަނޑައަޅައި، ޑީލް ފައިނަލް ކޮށްފައި ވަނީ މިއަދު އެވެ.
އޮލޮންސޯ، 31، އާ އެކު އިތުރު 14 މިލިއަން ޑޮލަރުގެ އަގަކަށް އޮބާމެޔަންގް ގެންނަން ބާސެލޯނާއާ އެކު ޗެލްސީ އިން ނިންމާފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އަދި އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ ފުރުސަތު ވެސް ދީފައި ވެއެވެ. އޮލޮންސޯ ބާސެލޯނާއާ ގުޅެނީ ތިން އަހަރު ދުވަހަށެވެ.
ބާސެލޯނާއިން އޮބާމެޔަންގްގެ ރިލީސް ކްލޯސް އަކަށް 100 މިލިއަން ޔޫރޯ ހަމަޖައްސާފައި ވީ ނަމަވެސް އޭނާ މި ސީޒަނުގައި މިހާތަނަށް ކުޅެފައި ވަނީ އަށް މިނިޓެވެ. ޖެނުއަރީގައި ބާސެލޯނާއަށް ބަދަލުވެ، އޭނާ ވަނީ 24 މެޗުން 13 ގޯލު ޖަހައިދީފަ އެވެ.
އޮބާމެޔަންގް އަކީ މި ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ގެނައި ހަތް ވަނަ ކުޅުންތެރިޔާ އެވެ. ޗެލްސީ އިން މިއަދު ވަނީ 81 މިލިއަން ޑޮލަރަށް ލެސްޓާ ސިޓީގެ ވެސްލީ ފޮފާނާގެ ޑީލް ވެސް ނިންމައިފަ އެވެ. ފޮފާނާ ޗެލްސީއާ ގުޅުނީ ހަތް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ލެސްޓާ ސިޓީ އިން ވަނީ ފޮފާނާ ގެ ބަދަލަށް، ފްރާންސްގެ ރެއިމްސް އަށް ކުޅޭ ބެލްޖިއަމްގެ ސެންޓަ ބެކް ވައުޓް ފައެސް، 24، ގެނެސްފަ އެވެ.
މީގެ އިތުރުން މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި ނަޕޯލީ އަށް ކުޅުނު ކަލިދޫ ކުލިބާލީ އާއި ބްރައިޓަންގެ މާކް ކުކުރޭޔާގެ އިތުރުން އެސްޓަން ވިލާގެ ކާނީ ޗުކްވުއޭމެކާ އާއި އިންޓަ މިލާނުގެ ޒުވާން މިޑްފީލްޑަރު ސެޒާ ކަސާޑޭ ވެސް ވަނީ މި ސީޒަނުގައި ޗެލްސީ އަށް ގެނެސްފަ އެވެ.
އޮބާމެޔަންގްގެ ޑީލް އާއެކު ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޯލީ ވަނީ އޭނާގެ ފުރަތަމަ ޓްރާންސްފާ ބާޒާރުގައި ގާތްގަނޑަކަށް 287 މިލިއަން ޑޮލަރު ހޭދަ ކޮށްފަ އެވެ.
ބާސެލޯނާ އިން ވަނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ރެއާލް ބެޓިސް އަށް ކުޅުނު އާސެނަލްގެ ކަނާތުބެކް ހެކްޓާ ބެލެރިންގެ ސޮއި ވެސް ހޯދައިފަ އެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ބާސެލޯނާއަށް ބަދަލު ވިއިރު، އާސެނަލް އިން ވަނީ ދެފަރާތް އެއްބަސްވެގެން ބެލެރިން އާއެކު އޮތް ކޮންޓްރެކްޓް އުވާލައިފަ އެވެ.
ބާސެލޯނާގެ އެކަޑަމީ، ލަ މާސިއާ އިން ތަމްރީނު ވެގެން އާސެނަލް ގައި ސީނިއާ ކުރިއަރު ފެށި ބެލެރިން، 27 ވަނީ އާސެނަލް އަށް 239 މެޗު ކުޅެދީ، ނުވަ ލަނޑު ޖަހައިފަ އެވެ. ބެޓިސްގެ އިތުރުން، ސީނިއާ ކެރިއަރު ފެށި ސީޒަނުގައި އޭނާ ވަނީ ލޯނު އުސޫލުން އިނގިރޭސި ޗެމްޕިއަންޝިޕުގައި ވަޓްފޯޑަށް ކުޅެފަ އެވެ.
މީގެ އިތުރުން ބާސެލޯނާ ވަނީ އެޓީމުގެ ކުރިއަށް ކުޅޭ ޑެންމާކުގެ ފޯވާޑް މާޓިން ބްރެއިތުވައިޓް ވެސް ދޫކޮށްލައިފަ އެވެ. ބާސެލޯނާއަށް ކުޅޭ އެމެރިކާގެ ފުލްބެކް ސާޖީނޯ ޑެސްޓް ވަނީ ލޯނު އުސޫލުން އިޓަލީގެ އޭސީ މިލާނަށް ބަދަލުވެފަ އެވެ. މި ސީޒަނަށް ފަހު ޑެސްޓުގެ ލޯނު އެއްބަސްވުން 20 މިލިއަން ޑޮލަރަށް ދާއިމީ ކުރުމުގެ ފުރުސަތު ވެސް މިލާނަށް ދީފައި ވެއެވެ.
ބާސެލޯނާ އިން ޗެލްސީގެ އޮލޮންސޯގެ އިތުރުން ވަނީ، އެޓީމުގެ ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން ވެސް ގެނެސްފަ އެވެ. އަދި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ގެންނަން ޝައުގުވެރި ވި ނަމަވެސް އަޒްޕިލިކުއެޓާ ވަނީ މީގެ ތިން ހަފްތާ ކުރިން ޗެލްސީ އާއެކު އިތުރު ދެ އަހަރަށް ކޮންޓްރެކްޓް އާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy