ސެޕްޓެމްބަރ 6، 2022: އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ލީޒް ޓްރަސް (ވ) ބޮޑުވަޒީރުގެ ހައިސިއްޔަތުން، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޑައުނިންގް ސްޓްރީޓް 10 ގެ ކުރިމަތީގައި ފުރަތަމަ ތަގުރީރު ދެއްވަނީ. --އޭއެފްޕީ
07 ސެޕްޓެމްބަރ 2022 - 12:59
އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރުގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި ލީޒް ޓްރަސް އޭނާގެ ކެބިނެޓް އިއްޔެ އިއުލާން ކުރައްވައި، ވެރިކަމުގެ ކަންތައް ފެއްޓެވުމަށް ތައްޔާރުވެވަޑައިގެންފި އެވެ.
ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިނގިރޭސި ރާނީ އެލިޒަބަތުއާ އިއްޔެ، ސްކޮޓްލެންޑްގައި ބައްދަލުކުރައްވައި އިސްތިއުފާ ހުށަހެޅުއްވުމުން، ރާނީ ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކުރައްވައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ކޮންޒަވޭޓިވް ޕާޓީގެ އާ ލީޑަރު ލީޒް ޓްރަސްއާ ރާނީ ބައްދަލުކުރައްވައި، ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރައްވައި، ސަރުކާރު އެކުލަވައިލެއްވުމުގެ ދައުވަތު ދެއްވި އެވެ.
🤝 The Queen received Liz Truss at Balmoral Castle today.
— The Royal Family (@RoyalFamily) September 6, 2022
Her Majesty asked her to form a new Administration. Ms. Truss accepted Her Majesty's offer and was appointed Prime Minister and First Lord of the Treasury. pic.twitter.com/klRwVvEOyc
ބޮޑުވަޒީރުގެ ނާއިބުގެ މަގާމަށާއި ސިއްހަތާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވީ، ބޮޑުވަޒީރު ލީޒްގެ ޒަމާންވީ އެކުވެރިޔާ ތްރީޒް ކޮފީ އެވެ. ސަރުކާރުގައި ތިން ވަނަ އަށް އެންމެ ބާރު ގަދަ މަގާމު ކަމަށްވާ މާލީ ވަޒީރު (ޗާންސެލާ އޮފް ދި އެކްސްޗެކާ)ގެ މަގާމަށް އައްޔަން ކުރެއްވީ ކްވާސީ ކްވާޓެންގް އެވެ.
އާ ޚާރިޖީ ވަޒީރުގެ މަގާމަށް ޖޭމްސް ކްލެވަލީ އައްޔަންކުރެއްވި އިރު، ދާޚިލީ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވީ ސުއެލާ ބްރޭވާމޭން އެވެ.
އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރު ލީޒް ޓްރަސް އެކުލްވައިލެއްވި އޭނާގެ ފުރަތަމަ ކެބިނެޓްގައި މާލީ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވި ކްވާސީ ކްވާޓެންގް، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، 10 ޑައުނިންގް ސްޓްރީޓްގައި އޮތް ބައްދަލުވުމަށް ފަހު ނުކުމެވަޑައިގަންނަވަނީ. --އޭއެފްޕީ
ބޮޑުވަޒީރު ލީޒްގެ ކެބިނެޓް އިއްޔެ އިއުލާން ކުރެއްވި އިރު، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް އޭނާއާ ވާދަ ކުރެއްވި ރިޝީ ސުނަކްއަށް، ޕާޓީގެ އިންތިޚާބުގައި ތާއީދު ކުރެއްވި އެއްވެސް ބޭފުޅަކު ނުހިމަނުއްވަ އެވެ. އެކަމާ ގުޅިގެން ފާޑުވިދާޅުވާ ބައެއް ބޭފުޅުން ވިދާޅުވަނީ، ލީޒްގެ ކެބިނެޓް އެކުލަވައިލެއްވި ގޮތުން، ބައިބައިވުން އުފެދިފައި އޮތް ކޮންޒަވޭޓިވް ޕާޓީ އެއްގަލަކަށް އެރުވުން ދަތިވާނެ ކަމަށެވެ.
ބޮޑުވަޒީރުގެ ހައިސިއްޔަތުން ބޭރު ގައުމެއްގެ ވެރިއަކަށް ކުރެއްވި ފުރަތަމަ ފޯން ކޯލް އިއްޔެ ކުރެއްވީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަށެވެ. ރައީސް ޒެލެންސްކީއާ އެކު ކުރެއްވި މަޝްވަރާތަކުގައި، ބޮޑުވަޒީރު ލީޒް ވަނީ، ރަޝިޔާގެ އުދުވާނާ ދެކޮޅަށް އިނގިރޭސި ވިލާތުން ޔޫކްރޭނަށް ކުރާ ތާއީދާއި ދެމުންދާ އެހީތެރިކަން އެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރު ލީޒް ޓްރަސް އެކުލްވައިލެއްވި އޭނާގެ ފުރަތަމަ ކެބިނެޓްގައި ދާޚިލީ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވި ސުއެލާ ބްރޭވާމޭން، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، 10 ޑައުނިންގް ސްޓްރީޓްގައި އޮތް ބައްދަލުވުމަށް ފަހު ނުކުމެވަޑައިގަންނަވަނީ. --އޭއެފްޕީ
އޭގެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކު ވެސް ފޯނުން މަޝްވަރާ ކުރެއްވި އެވެ. ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ޔޫކްރޭން މައްސަލައިގެ އިތުރުން، ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމުގެ މައްސަލައިގައި ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޑްލައިން
08 September 2022
މިސަކަރާއް ޖަހަން އަހަރުމެން ބަރުލަމާނީ ރާއްޖެގެންނަން ބޭނުން ނުވަނީ!
ނުރަބޯ
07 September 2022
ބޮޑުވަޒީރު ކަމާ ހަވާލުވުމާއެކު ޔުކްރެއިންގެ ކިބުރުވެރި ރައީސް އަށް ފޯނުކުރުމުން އެނގިގެން ދަނީ މާކަ ސުލްޙަޔަށް ލޯބިކުރާ މީހެއް ނޫން ކަމެވެ.
ޓިން ޓިން
07 September 2022
ކެބިނެޓުން އަހަރެމެންގެ ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީއަށް ސުލޮޓެއް ނެތްތަ؟
އަބުދުބެއްޔާ
07 September 2022
މަހަށްދާ ބަޔަކު ނޫޅެޔޯ