ވިއަވަތި ކޮންފަރެންސްގައި ބައިވެރިވި ކައުންސިލްގެ ރައީސުންނާއި އަންހެނުން ކޮމިޓީގެ ރައީސުން.-- ފޮޓޯ: ރައީސް އޮފީސް
12 ސެޕްޓެމްބަރ 2022 - 18:51
އއ. އުކުޅަހުގައި މިދިޔަ މެއި މަހު ބޭއްވި ވިއަވަތި ކޮންފަރެންސްގައި ހުށަހެޅި ޝަކުވާތަކަށް ވުރެ، ބިޔަ ބޮޑު ދެކުނުގެ ރަށްތަކުގެ ކަންބޮޑުވުންތައް މަދުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މި ރަށުގައި ބޭއްވި ވިއަވަތި ކޮންފަރެންސް ނިންމާލުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބޮޑު އާބާދީއެއް ތަމްސީލުކުރާ 100 އަށްވުރެ ގިނަ ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެމްބަރުން ތިބުމުން އެ މަނިކުފާނަށް ވެސް ގަބޫލުކުރެވުނީ އެ ކައުންސިލަރުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކާއި ޝަކުވާތައް ލިބޭނެ ކަމަށެވެ.
ނަމަވެސް، މެދު ރާއްޖޭގެ ރަށްތަކަށް އަމާޒުކޮށްގެން އުކުޅަހުގައި ބޭއްވި ކޮންފަރެންސްގައި އެއަށްވުރެ ގިނަ ޝަކުވާތައް ހުށަހެޅިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ނަމަވެސް އަޅުގަނޑު ހީކުރި ވަރަށް ވުރެ ރަނގަޅަށް ދިޔައީ. އޭގެ މާނައަކީ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގައި ފާހަގަކުރެވުނު ކަންތައްތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލުތަކެއް ހޯދައިދެވުނުކަމަށް،" ދ. އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ރަށްތަކާ ހަމައަށް ކުރިއަށްގެންދިޔަ ކޮންފަރެންސްއާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.
ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަރިހުގައި ޕޮލިސީ ސެކްރެޓަރީ ހަމްދާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުކުޅަހުން ގަމަށް ކުރި ދަތުރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށެވެ. ކޮންމެ ޕާޓީއެއްގެ މެމްބަރަކަށް ވިޔަސް، އެ ހުށަހެޅި ކަންތައްތައް ބަލައިގަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދާއި އިއްޔެގެ އެކި ބަހުސްތަކުގައި ތަފާތު ކައުންސިލަރުން އަޅުގަނޑު މި ދެންނެވީ ރީނދޫ ކުލަ އާއި ވައިލެޓް ކުލަ އާއި ރަތް ކުލަ އާއި، ވަކި ކުލައަކަށް ހިމެނިވަޑައިނުގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެން، އެ ފާޅުކުރެއްވި ހިޔާލުތައް އަޅުގަނޑުމެން ބަލައިގަންނަ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
މިންތީގެ ހަމަހަމަކަމާއި ބިނާވެށި ޕްލޭނާއި މާލީގޮތުން ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރުން ފަދަ މުހިއްމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަން ވެސް ފާހަގަކުރެއްވި އެވެ.
ލާމަރުކަޒީ ގާނޫނުގައި ހުރި މައްސަލަތަކާއި އެ ނިޒާމްގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ ވިއަވަތީގެ ހަތަރު ވަނަ ކޮންފަރެންސް އަންނަ ޖެނުއަރީ މަހު ހދ. ކުޅުދުއްފުށީގައި އޮންނާނެ އެވެ. އެ ކޮންފަރެންސްގައި ބައިވެރިވާނީ އުތުރުގެ ރަށްތަކުގެ ކައުންސިލާއި އަތޮޅު ކައުންސިލްގެ ރައީސް އަދި އަންހެނުން ކޮމިޓީގެ ރައީސުންނެވެ.
އޭގެ ފުރަތަމަ ކޮންފަރެންސް ބޭއްވީ ޑިސެމްބަރު، 2019 ގައި ކްރޮސްރޯޑްސްގަ އެވެ. އެ ފަހަަރުގެ ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ކައުންސިލެއްގެ ރައީސުން ބައިވެރިވެވަޑައިގެންނެވި އެވެ. އުކުޅަހުގައި ބޭއްވީ ދެ ވަނަ ކޮންފަރެންސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
13 September 2022
ހަމަޖެހިގެން ހުރޭ. އަހަރުމެން ދެން ތިމީހާއަށް ވޯޓް ދޭނެގޮތެއް ނޯންނާނެ. އަދި ފާޅުގައި މިގޮތަށް ކެމްޕޭނު ކުރަންވެސް ނިކުންނާނަން. # ކަންނެލިދޯނީގައި ހުރެގެން ހެދިދޮގު އަހަރުމެން ދުވަހަކުވެސް ހަދާން ނުނެތޭނެ. އިރާދަ ކުރެއްވީއްޔާ ކުރީފަހަރު މިސިޓީއިން ދިން ރިކޯޑް އަދަދުގެ ވޯޓް މިފަހަރު އަނެއްފުށަށް ޖަހާލާފައި އޮންނަތަން ބޭޅާއަށް ފެނިގެން ދާނެ. ވަރަށް ސަލާމް.
މުންޖިޗޭ
13 September 2022
ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ލާބައާއި މަންފާ އެއްކިބާކޮށް އެބަޔަކު ނިސްބަތްވާ ޕާޓީގެ ވިސްނުން އިސްކޮށް ކަމެއް ހުށަނޭޅުމަކީ ރައްޔިތުންގެ އުނދަގޫތައް ޙައްލުކޮށްދެވުމެއްނޫން. ރައްޔިތުން އުޅެނީ ވަރަށް ޙާލުގައި، އިރުއުކޮޅާ މުވައްޒަފުންގެ މުސާރައިގެ ވާހަކަ ދައްކާއިރަށް ވިޔަފާރިވެރިން މުދަލުގެ އަގުއުފުލާ، ދައުލަތަށް އާމްދަނީ މަދުވީމަ ޓެކްސް ބޮޑުކުރޭ، ހުރިހާ ދައްޗެއް ނިކަމެތި ރައްޔިތުންނަށް، ސިޔާސަތެއް ނެތްތަނެއްގައި ކޮން ޝަކުވާއެއް!
ދޮންބެއަލީ
12 September 2022
ކޮބާތޯ ޚާސިލްކުރެވުނު ނަތިޖާއެއް .އާދެ ހަމައެކަނި ބައިވެރިންގެ މޫނުފުޅު ފެނުން ފިޔަވާ ނަތީޖާއެއްނެތް .200 ރަށުގައި މީހުން އުޅޭއިރު 17 ރަށުގެ ލޭންޑްޔޫސް ޕުލޭން މާލޭ މިނިސްޓުރީއިން ފާސް ކުރެވުނީ.. 2 އަހަރު ވީ ޕުލޭންތައް ހުރީ މޭޒުކޮޅުމަތީ ރަށަކުން ގޯއްޗެއް ނުދެވޭ .ޓުވަރިޒަމް އަށް ބިމެއް ނުދެވޭ..ނަމުން ފޮނުއަރުވަނީ ލާމަރުކަޒީ އޭ ގޮވަމުން .ނަތީޖާ އަކީ 0.