މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ކުޅުނު މެޗެއްގެ ތެރެއިން އޭންޖަލް މުނޯޒް: އޭނާ އަށް މުސާރަ ނުދީގެން ފީފާއިން ވަނީ ގްރީން އާ ދެކޮޅަށް ޓްރާންސްފާ ބޭންގެ ފިޔަވަޅު އަޅާފަ --- ފައިލް ފޮޓޯ: އެފްއޭއެމް
19 ސެޕްޓެމްބަރ 2022 - 09:36
ގްރީން ސްޓްރީޓްސް އަށް ކުޅުނު ސްޕެއިންގެ ފޯވާޑް އޭންޖަލް މުނޯޒް އަށް މުސާރަ ދީފައި ނުވުމުން، އާ ކުޅުންތެރިން ސޮއި ނުކުރެވޭ ގޮތަށް އެ ކްލަބާ ދެކޮޅަށް ފީފާއިން ޓްރާންސްފާގެ އަދަބު ދީފި އެވެ.
ފީފާގެ ފުޓްބޯލް ޓްރިބިއުނަލްއިން ޖުލައި މަހު ނިންމި މައްސަލައިގައި ބުނެފައި ވަނީ 45 ދުވަހުގެ ތެރޭ އޭންޖަލް އަށް މުސާރަ ދިނުމަށެވެ. އެ މުއްދަތުގައި މުސާރަ އަދާކޮށްފައި ނުވުމުން ފީފާއިން ވަނީ ކުރިއަށް އޮތް ޓްރާންސްފާގެ ތިން ޕީރިއަޑްގައި އެ ކްލަބަށް އާ ކުޅުންތެރިން ސޮއި ނުކުރެވޭ ގޮތަށް އަދަބު ދީފަ އެވެ. އެކަމަކު އޭގެ ކުރިން ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނަށް އޭގެ އަސަރެއް ނުކުރާނެ އެވެ.
މިވަގުތު ހޮންޑިއުރަސްގެ ލީގުގައި ކުޅެމުންދާ އޭންޖަލްގެ ފަރާތުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ހުށަހެޅި މައްސަލަ އާ ގުޅިގެން ފީފާއިން ގްރީން އަށް އަންގާފައި ވަނީ ޖުލައި 22 ގެ ފަހުން 45 ދުވަހުގެ ތެރޭ އެފައިސާ ދެއްކުމަށެވެ. އެ މުއްދަތު ހަމަވިއިރު ވެސް އޭނާ އަށް ފައިސާ ދައްކާފައި ނުވާކަމަށް އޭންޖަލް "މިހާރު" އަށް ބުންޏެވެ.
އެއީ ކިހާ ފައިސާއެއް ކަން ބުނަން އޭނާ ބޭނުމެއް ނުވެ އެވެ. އޭނާ ބުނީ އެ މައުލޫމާތުތައް ހިއްސާ ނުކުރުމަށް ފީފާގެ ޓްރިބިއުނަލްއިން އޭނާ އަށް އަންގާފައިވާ ކަމަށެވެ.
ލީގުގައި ވެލެންސިއާ އާ ދެކޮޅަށް ގްރީން ކުޅުނު މެޗެއްގެ ތެރެއިން އޭންޖަލް ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: އޭނާ އަށް މުސާރަ ދިނުމަށް ފީފާއިން ގްރީން އަށް ދިން މުހުލަތު މިހާރު ވަނީ ހަމަވެފަ --- ފައިލް ފޮޓޯ: އެފްއޭއެމް
އެނގިފައިވާ ގޮތުގައި އޭންޖަލް އާއެކު ގްރީން އިން ހެދި އެއްބަސްވުމުގެ ދަށުން އޭނާ އަށް މުސާރަ ދޭން ޖެހެނީ އަހަރުގެ ތިން ޕީރިއަޑަކަށް ބަހާލައިގެންނެވެ. އަދި "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭންޖަލް އަށް 20،000 އެމެރިކާ ޑޮލަރު (308،400 ރުފިޔާ) އަށް ވުރެ ބޮޑު އަދަދެއް ގްރީން އިން ދޭން ޖެހެ އެވެ. އެ ފައިސާ ނުދައްކަނީސް އެ ކްލަބާ ދެކޮޅަށް އަޅައިފައިވާ ޓްރާންސްފާގެ އަދަބުން އެ ކްލަބަށް ސަލާމަތެއް ނުވެވޭނެ އެވެ.
ގްރީން އަށް ދިން މުއްދަތު ފަހަނައަޅައި ދިއުމުން ވެސް މުސާރަ ދީފައި ދީފައި ނުވާތީ، ސްޕެއިންގެ ފުޓްބޯޅަ ފެޑެރެޝަނުން ވަނީ މައްސަލަ އަނެއްކާ ވެސް ފީފާގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި ގްރީން އާ މެދު ފިޔަވަޅު އެޅިކަން ކަށަވަރު ކުރުމަށް އެފްއޭއެމްގެ ފަރާތުން ލިޔުން ހޯދަން ބާރު އެޅުމަށް ވެސް ސްޕެއިންގެ ފެޑެރޭޝަނުން ފީފާގައި އެދިފައި ވެއެވެ
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެސް 2019 ގައި ފީފާއިން އެ ފިޔަވަޅު އެޅި އެވެ. އޭގެ ކުރިން އެފްއޭއެމުން ވަނީ ނިއު ސަސްޕެންޑްކޮށްފަ އެވެ. އެއީ ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުންނެވެ. ގްރީންގެ އިތުރުން ބައެއް އެހެން ކްލަބްތަކުގެ ދޭސީ އަދި ބިދޭސީ ކުޅުންތެރިންނަށް ވެސް މުސާރަ ދީފައި ނުވާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.
ރާއްޖެ އަށް ކުޅުންތެރިން ފޮނުވުމުގައި މެދުވެރިޔެއްގެ ރޯލް އަދާ ކުރާ ބައެއް އެޖެންޓުން ބުނި ގޮތުގައި ދިވެހި ބައެއް ކްލަބްތަކުގެ މައްސަލަ ބިދޭސީ ކުޅުންތެރިން މިހާރު ވެސް ފީފާ އަށް ވަނީ ހުށަހަޅައިފަ އެވެ.
ވެލެންސިއާ އާ ދެކޮލަށް ގްރީން ކުޅުނު މެޗުގައި އޭންޖަލް (ވ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: އޭނާ މިހާރު ކުޅެމުން ދަނީ ހޮންޑީއުރަސްގެ ޕްރިމިއާ ލީގުގައި --- ފައިލް ފޮޓޯ: އެފްއޭއެމް
ނިއުއާ ދެކޮޅަށް ފީފާއިން އެޅި ޓްރާންސްފާ ބޭންގެ ފިޔަވަޅުން އެ ކްލަބް ސަލާމަތްވީ މި އަހަރު ޖޫން މަހު އެވެ. އެ އަދަބުން ސަލާމަތް ވުމަށް އެ ކްލަބުން ވަނީ ފީފާ އަށް 2،15000 އެމެރިކާ ޑޮލަރު (3.3 މިލިއަން ރުފިޔާ) ދައްކައިފަ އެވެ.
އެއީ 2017 ގައި އެ ކްލަބަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް އާއި އެ ޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިންގެ މުސާރަ އަށް ވާ ފައިސާ އެވެ. އެ ފައިސާ ކުޅުންތެރިންނަށް ލިބި ފީފާއިން ނިއުގެ ޓްރާންސްފާ ބޭން އުވާލީ ޖޫން 26 ގަ އެވެ. އަދި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާ ގުޅިގެން މައްސަލަ ހުށަހެޅި ކުޅުންތެރިން އަނބުރާ މައްސަލަ ގެންދިއުމުން އެފްއޭއެމުން ނިއުގެ ސަސްޕެންޝަން އުވާލީ ޖޫން 30 ގަ އެވެ.
ނިއުގެ ކުރީގެ ވާދަވެރިޔާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން އެފްއޭއެމުން އުވާލީ އެ މަހު ކުރީކޮޅު ބޭއްވި އެ އެސޯސިއޭޝަންގެ ކޮންގްރެސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސޮރުގެ މައްސަލަ
19 September 2022
މިހުރިހާ ކުލަބެއްގެ ވިސްނުން މިހުންނަނީ ބައްސާމުގެ ފައިސާ ނުދޭ ވިސްނުން. މިހެންތެޅިބާލާތާ މިހާރު ކިތައް އަހަރު މިރާއްޖޭގެ ފުޓްބޯޅައިން ގެއްލިގެން ގޮސްފި؟
ރަދީފްއޮފިޝަލް
19 September 2022
ހެހެހެހެހެހެ.ރާކަނިމަސް ކެވުނުތަ!!
އިހްސާސް
19 September 2022
އެފްއޭއެމް އިން ސަސްޕެންޑު ނުކުރާނެބާ؟