ތެލުގެ އަގު ބޮޑުވުމުން، ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނެސްދޭން އެދި މިދިޔަ މާޗް މަހު ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރި މުޒާހަރާގައި ޑްރައިވަރަކު ޝުއޫރު ފާޅުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
29 ސެޕްޓެމްބަރ 2022 - 08:29
މިހާރު ތިބޭނީ ޓެކްސީ ޑްރައިވަރުންނަށް އެއްޗެއް ވިސްނިފައޭ އެބަ ކިޔަ އެވެ. އެކަމަކު އެއީ އެ މީހުންނާ ޒާތީ ވާހަކައަކަށް ވުރެ ބޮޑަށް ޖަޒުބާތީ ވާހަކައެކެވެ. ޓެކްސީ ލިބުން ދަތިވުމާއި އަސާސީ ހިދުމަތަކަށް ބަލާއިރު ނިސްބަތުން އަގު ބޮޑުވުމާއި ހިދުމަތް ދިނުމުގައި ހަމައެއްލަމައެއް ނެތް ކަމަށް ގަބޫލުކުރެވިފައި އޮއްވައި ސަރުކާރުން ބަހުގެ ހިދުމަތް ދޭން ފެށުމުން ލިބުނު ހިތްހަމަޖެހުމާ ހެދި އެވެ.
މާނަ އަކީ މާލޭގައި ބަހުގެ ހިދުމަތް ފަށައި، ފުރަތަމަ މަރުހަލާ ފަށައިގެން މަހެއް ވާން ކައިރިވެފައި ވާއިރު އާންމުންނަށް ލިބުނު އިތުބާރެވެ. އާންމުންނަށް އެ ހިދުމަތަކާ ނުލައި ނޫޅެވޭނެ އާންމު ދަތުރުފަތުރުގެ ކޮންޓްރޯލް ޒަމާންތަކަކަށް ފަހު ޓެކްސީ ޑްރައިވަރުންގެ އަތްމަތިން ގެއްލުނު ކަމުގެ ޔަގީންކަމެވެ؛ މޮނޮޕޮލީ ނިމުމަކަށް އައީ އެވެ.
އެއް ދަތުރެއްގައި ޓެކްސީއަށް ތިން ހަތަރު މީހުން އަރުވައިގެން ވެސް ކޮންމެ މީހެއްގެ އަތުން ވެސް 70-80ރ. ނަގައިގެން ހަމަ އެއް ހިސާބަކަށް ދަތުރު ނިންމުން ފަދަ ކަންކަމަށް ރުހިގެން ތިބެން ވީ މަޖުބޫރު ނިމުނީ އެވެ. އެހެންވެ އާންމުންނަށް ގޮތެއް ފެނުމުން ޓެކްސީ ޑްރައިވަރުންނަށް ހަމްދަރުދީ ވެގެން ދައްކާ ވާހަކައެއް އެހާ ބޮޑަކަށް ނުވެސް އިވެ އެވެ. ބަހުގެ ހިދުމަތް ދޭ ގޮތާ މެދު ކިރިޔާ ވެސް ނުރުހޭ ގޮތަކަށް ޓެކްސީތަކުގެ ފަރާތުން ދައްކާ ވާހަކަތަކަށް އާންމުން ރައްދު ދޭ ގޮތް ސޯޝަލް މީޑިއާގައި ވެސް އެ ހުރީ ފެންނާށެވެ. އެކަމަކު މިއީ ޓެކްސީ ޑްރައިވަރުންގެ ޝަކުވާ އާއި އާންމުންނަށް މި ލިބުނު ފަސޭހައިގެ ދޭތެރެ މެދުން އިންސާފު ގާއިމުކުރަން އެންމެ ރަނގަޅު ވަގުތެވެ.
ޓެކްސީގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށްފައި އޮތް އޮތުން ދޫކޮށްލަންވީ އެވެ.
ސިނަމާލެ ބްރިޖްގައި ޓެކްސީތަކެއް ދުއްވާފައި އަންނަނީ. -- ފޮޓޯ: މިހާރު
ޓެކްސީ ޑްރައިވަރުންގެ އަބަދުގެ ވެސް ޝަކުވާއަކަށް ވެފައި އޮތީ އެހެން ހުރިހާ ހިދުމަތެއްގައި އެ ވިޔަފާރިއެއް ކުރާ ބަޔަކު ބޭނުން އަގެއް ކަނޑައަޅަން ދޫކޮށްލާފައި އޮތަސް އެ މީހުންނަށް އެ މިނިވަންކަން ނެތުމެވެ. ސަރުކާރާއި ހިދުމަތް ހޯދާ މީހުންގެ ރައްދަކީ އާންމު ދަތުރުފަތުރުގައި ހިތުހުރި އަގެއް ނަގަން ދޫކޮށްނުލެވޭނެ ކަމަށެވެ. އެކަމަކު މިހާރު ޓެކްސީ ދަތުރުތަކަށް ބޭނުން އަގެއް ނަގަން ދޫކޮށްލުމާ ބެހޭ ގޮތުން ދައްކާނެ ވާހަކައެއް ނޯންނާނެ އެވެ.
ކުރިން އޮތީ ކޮންޓްރޯލް ދޫކޮށްލައިފި ނަމަ މާ ބޮޑު އަގުތަކެއް ނަގަން ފެށުމުގެ ކަންބޮޑުވުމެވެ. އެކަމަކު މިހާރު ޔަގީންވާ ކަމަކީ ލަގެޖާ އެކު އެއާޕޯޓް ދަތުރެއް ކުރުން ފަދަ ކަމަކަށް، ނޫނީ ކޮންމެހެން ޓެކްސީއަށް އަރަން ވެސް ނުޖެހޭނެ ކަމެވެ. ދެން ޔަގީންވާ ކަމަކީ ހަމައެކަނި އެއާޕޯޓަށް ދަތުރުކޮށްލައިގެން ޚަރަދު ދެކޮޅު ޖައްސަން ބަލައިފި ނަމަ ވަރަށް ބޮޑު އަގެއް ޓެކްސީތަކުން ނަގަން ޖެހޭނެ ކަމެވެ. އެއީ އާންމުން ގަބޫލުކުރާނެ އަގަކަށް ނުވާނެ އެވެ. އެވަރުގެ ޑިމާންޑެއް ނޯންނާނެ އެވެ. ދަތުރުކޮށްލެވޭނެ އެހެން އިހުތިޔާރުތައް ހުރީތީ އެވެ.
މިހާރު ވެސް އޮތީ ޓެކްސީތަކުން ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގެއް ކަނޑައަޅައިފަ އެވެ. ޓެކްސީކުރާ މީހުންގެ އާމްދަނީ ދަށަށްދާ ނަމަ އަގު ކުޑަކޮށްގެން ޑިމާންޑް އުފެއްދުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު ދުވާލަކު ގަޑި ދެގަޑިއިރު ޓެކްސީކޮށްލައިގެން މުޅި ދުވަހުގެ އާމްދަނީ ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާ ނަމަ މި އަންނަ ބަދަލުގެ ތެރޭގައި ޖެހޭނީ އިނދަ އެވެ.
ޓެކްސީކުރާ މީހުންގެ ވާހަކަތަކުން މިހާރު އެނގޭ ގޮތުގައި ބަހުގެ ހިދުމަތާ އެކު އެންމެ ބޮޑަށް އެނގުންވީ ރަށު ތެރޭގައި ކޮށް އުޅުނު ދަތުރުތަކަށެވެ. ބަހުގައި މިވަގުތު ހިލޭ ދަތުރުކުރެވޭތީ އޮތް ބޮޑު ޑިމާންޑް، އަގު ނަގަން ފެށުމުން ކޮންމެވެސް ވަރަކަށް ދަށަށް ދާނެ ކަމަށް ބެލި ނަމަވެސް ޓެކްސީ ދަތުރުތަކުން އެނގުންވި ދިމާތަކަށް ކުރިން އޮތް ޑިމާންޑް ދެން އަންނާނެ ކަމަކަށް ނުބެލެވެ އެވެ. މިއީ ކޮންޓްރޯލް އަގު ދޫކޮށްލައި، ޓެކްސީކުރާ މީހާ ބޭނުން އަގެއް ނަގަން ދޫކޮށްލަންޖެހޭ އެންމެ ބޮޑު އެެއް ސަބަބެވެ.
ތެލުގެ އަގު ބޮޑުވުމުން، ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނެސްދޭން އެދި މިދިޔަ މާޗް މަހު ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި މުޒާހަރާކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޓެކްސީ ޑްރައިވަރުންގެ އާމްދަނީ ބަހުގެ ހިދުމަތާ އެކު ދަށަށް ދާ ނަމަ، އެ ބައި ހަމަޖައްސަން ޓެކްސީ ޑްރައިވަރުން ކުރަންޖެހޭނެ ކަމަކީ އަގު ހެޔޮކޮށް ވިޔަސް ގިނައިން ދަތުރުކޮށްދިނުމެވެ. ބޮޑު އަގު ނެގެން އޮތް ފަހަރަކު ބޮޑުކޮށް ވެސް އަގު ކިޔުމެވެ. އޭރުން، ޓެކްސީ ވިޔަފާރި ހަލާކުކޮށްލީ ކަމަކަށް ވެސް ނުބުނެވޭނެ އެވެ. ޓެކްސީއަށް މީހުން އަރާނީ މީޓަރު ހަރުކޮށް، އެޔަށް ބަލައިގެން އަގު ނެގުމުން ކަމަށްވާ ނަމަ އެކަން ވެސް އިހުތިޔާރަށް ދޫކޮށްލަންވީ އެވެ.
މިއީ އެންމެ އިންސާފުވެރި ގޮތް ކަމަށް މިހާރު ބުނަން ޖެހެނީ ބަހުގެ ހިދުމަތް ދޭތީ އެވެ. ބަހުގެ ހިދުމަތުން ޓެކްސީ ވިޔަފާރިއަށް ނޭދެވޭ އަސަރެއް ނުކުރެޔޭ ބުނާތީ ވެސް އެބަ އިވެ އެވެ. އެހެން ކަމަށްވާ ނަމަ އޭގެ މާނަ އަކީ އާންމުންނަށް ޓެކްސީ ދޫކޮށްލެވެން ނެތުމެވެ. އެހެން ނަމަ، ޓެކްސީން އަގު ނެގުމުގެ ކޮންޓްރޯލް މިވަގުތު ދޫކޮށްލުމުން އަގު މައްޗަށް ހިނގައްޖެ ނަމަ ބަހުގެ ހިދުމަތް އިތުރަށް ރަނގަޅުކޮށްގެން ބަހަށް ޑިމާންޑް އުފައްދާނީ އެވެ. ނޫނީ، ބަސް ހުއްޓާލާނީ އެވެ. ޓެކްސީތަކުން އަގަށް ހަދާ ގޮތަކުން ޑިމާންޑް އިތުރަށް ދަށްވެ އެ މީހުންނަށް ދެކޮޅުނުޖެހޭ ހިސާބަށް ދާ ނަމަ އަގު ދަށްކޮށްގެން ނަމަވެސް ޓެކްސީއަށް ޑިމާންޑް އުފައްދާނީ އެވެ. ޑިމާންޑާއި ސަޕްލައި އަދި އަގު އެނބުރޭ ތަބީއަތަށް އެކަން ދޫކޮށްލީމާ ފެންނާނީ އެންމެ އިންސާފުވެރި އަގާއި ހިދުމަތުގެ ފެންވަރެވެ.
މިހާރު ވެސް އޮތީ ޓެކްސީތަކުން ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގެއް ކަނޑައަޅައިފަ އެވެ. ޓެކްސީކުރާ މީހުންގެ އާމްދަނީ ދަށަށްދާ ނަމަ އަގު ކުޑަކޮށްގެން ޑިމާންޑް އުފެއްދުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު ދުވާލަކު ގަޑި ދެގަޑިއިރު ޓެކްސީކޮށްލައިގެން މުޅި ދުވަހުގެ އާމްދަނީ ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާ ނަމަ މި އަންނަ ބަދަލުގެ ތެރޭގައި ޖެހޭނީ އިނދަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
30 September 2022
އެސޮރުމެން މޮޔަފުޅުވަނީ. . ދުނިޔޭގެ ތަރައްގީ ވެފަ ތިބި ގައުމުތައް ނަމޫނާއަކަށްބަލަންވީ، ހޭލުންތެރިވާންވީ. . ގަދަބަސް ނުބުނަންވީ، ހެދިފަހުންނަ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިވާންވީ!
އެމްސް
30 September 2022
ޓެކްސީތަކުގަ މީޓަރު ހަރުކޮށް އަގު ކޮންޓްރޯލް ކުރަންވީ! މިނިމަމް ވޭޖަކީ -/5،000، އެހެންކަމުން ހުޅުމާލެއިން މާލެއަށް، 2 ކޮޅަށް ދުވާލަކު 1 ދަތުރު ކުރާ މީހެއްގެ އަތުން މަހަކު -/5،000 އަށްވުރެ ގިނައިން ދަންޏާ ޢާއްމު މީހާ ނުވަތަ ޓެކްސީ ދަތުރު ކުރާ މީހާ ކަންކަން ދެކޮޅުޖައްސާނީ ކިހިނެއްބާ؟ ލިބޭ ހުރިހާ ލާރިއެއް ޓެކްސީ ޑްރައިވަރަށް ދޭން އޮތުން ކޮން ކަހަލަ އިންސާފެއް ބާ؟
ދަތުރުވެރިޔަ
30 September 2022
މިހާރު އެމީހުންގެ ތެރެއިން ބައެއް މީހުން (2 މީހުނާ ދިމާވެއްޖެ) ހަދާ ގޮތަކީ ކުރީ ބައިގަ ފައިސާ ބޮޑު ނޫޓެއް ދީފިއްޔާ އޭގެ ބާކީ ހަނދާން ނައްތާލއިގެން ތިބެނީ. ދެން މަންޒިލަށް ދެވުމުން ނިކުންނަން ހިފިޔަސް އެއްޗެކޭ ނުބުނެ އިނދޭ. އަދި ބާކީ.. މިހިސާބަށް ބުނާއިރަށް ބާކީ ދޭނެ، އެއްވެސް އެއްޗެކޭ ނުބުނެ. މިގޮތަށް ނުހެދުނީ އެއާރޕޯޓުން ނެގި ޓެކްސީ. އެދިޔައީ ލަގެޖު ބާލާފަ، ފަސް އެނބުރި ބަލައިވެސް ނުލާ ވަރަށް ނުވާކަމަކަށް ހަދާފަ.
ކުރެ ކުއްދާ
30 September 2022
ޓައިޕްރައިޓަރު ޒަމާނުގައި ކޯސް ހަދައިގެން ޓައިޕިސްޓުންނަށް އުޅުނު މީހުން ކޮމްޕިއުޓަރު ތައާރަފް ވުމުން އޭތި ދަސްނުކުރި ނަމަ ތިބޭނީ ބާކީ ވެފަ. ޓެކްސީ ޑްރައިވަރުންގެ ހައްގު އާންމު ރައްޔިތުންގެ ހައްގަށް ވުރެ ބޮޑެއް ނުވާނެ. މިހާރުވެސް ޓެކްސީ ހޯދަން ފަސޭހައެއްނޫން. މާލޭ އޭރިއާގެ އާބާދީގެ ތެރެއިން ބޮޑު ޕަސެންޓޭޖެއާ އަދިވެސް ޓެކްސީގެ ޚިދުމަތް ހޯދާ. ކުރީން ލިބުނު ވަރަށް ނުލިބެންޏާ ރަށަށް ގޮސް މަހަށް ނުކުމޭ.މޫސުމުގަ މަދުވެގެން 13 ހާސްވަރު ހަފްތާއަކަށް ޖެހޭ
ހަލީމަ ދައިތަގެ
29 September 2022
މަށަށްހެޔޯ ކަލޭމެން ކޮންމެ އަގެއް ނެގިޔަސް' އެކަމަކު ބަސްތަކަށް ހުރަސްއަޅަން ކޮންމެ ރެޔަކު ހުރިހާ ޓެކްސީ ތަކުން ވާހަކަދައްކާފަ މަޖީދީމަގަށް ނުކުތުން ހުއްޓާލާ. އަހަރެމެންވެސް ނޭވާލާން ފުރުސަތެއްދީ.
ކުޑޫ
29 September 2022
އިރާދަކުރެއްވިއްޔާ ދެހާސްތޭވީސް ނިންމާނީޓެކުސީ ޑުރައިވަރުން ޔާމީނު ވެރިކަމަށްގެނެސް ޝުކުރިއްޔާ
އަފްރާސިޔާބު
29 September 2022
ދެން ނެތްތަ ޖޯކެއް' ޓެކްސީ ޑްރައިވަރުން އެކަނި ވޯޓްލައިގެން މީހަކު ވެރިކަމަށް ގެނެވޭތަ؟ އަހަންނަށް އެގެނީ ޓެކްސީ ޑްރައިވަރުންގެ ވޯޓަށްވުރެ ހެޔޮއަގުގަ ބަހުގަ ދަތުރުކުރަން ބޭނުންވާ ރައްޔިތުންގެ ވޯޓް މާ ގިނަވާނެހެން.
ޢަނަ
29 September 2022
ޓެކްސީ އަކުން 100 ރ ހުޅުމާލެ ދަތުރަކަށް ނަގާއިރު ދުވާލަކު 5 ދަތުރު ކުރިޔަސް 75000 ރ މަހަކަށް ޖެހޭ .. މިއީ އެއްފަހަރުން މުއްސަނދިވަނީ ، މި ދެން ފުކެއް ބޮޑުވަރު
ނުބައި
29 September 2022
ތި ހިސާބު ނުބައި. 500ރ ދުވާލަކު ޖެހޭނަމަ 30 ދުވަހުން 75،000ރ ނުޖެހޭނެ.
ޝަފީ
30 September 2022
އަދުރޭގެ ހިސާބު
އަދުރޭޒް
30 September 2022
ފަނަރަހާސް ދެއްތޯ؟ ނޮޓް 75،000ރ.
މީޓަރު ހަރުކުރުވާށޭ
29 September 2022
ކޮންމެ ވެރިކަމެއްގަ ހައްގު ބޮޑޮކަމުން ކަށަވަރު ނުވި ބަޔެއް. އިންޑިއާ ދަނޑުވެރީންނެކޭ މަލޭ ސަރަހައްދު ޓެކްސީ ޑްރައިވަރުންނެކޭ ތަފާތެއް ނެތް. ޓެކްސީ ޑްރައިވަރުން ދުވާލެއްގެ މައްޗަށް ނަގާ ދަތުރުތަކާއި ލިބޭ އާމްދަނީ އާއި ޚަރަދު ބެލުމަށް 6 މަސް ދުވަހުގެ ސާރވޭއެއް ހަދަން ވެއްޖެ. ސްޓެޓިސްޓިކްސް މުހިންމު. ޕަބްލިކް ޓްރާންސްޕޯރޓް ޚިދުމަތަށް ނިކުންނަ އިރު ޑްރައިވަރުން ބޭނުންހާ ގޮތަކަށް ސަރުކާރުތަކުން ދީލާލާކަށް ނުޖެހޭ. މީޓަރު އަގު ކަނޑައަޅަނީ 20 ސިކުންތުން
ޓެކްސީ ކާޓެލް
29 September 2022
ޓެކްސީ ދަތުރުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރަންޖެހޭ ސަބަބަކީ ޓެކްސީ ދަތުރުގެ ވިޔަފާރިކުރަނީ ދައުލަތުގެ މަގުތަކުގައި ދުއްވައިގެން ކަމުގައި ވާތީ. މިރާއްޖޭގައި ފެށުނީއްސުރެ ހަނޑޫ ހަކުރު ފުށުގެ އަގު ކޮންޓްރޯލް ކުރަނީ ކީތްވެ؟ ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލު ނުކުރާނަމަ ޓެކްސީ ދުއްވާ މީހުން ފަދައިން ރައްޔިތުންގެ އަތް އަނބުރާލާނެ ކާޑުވިއްކާ އަމިއްލަ ވިޔަފާރިވެރިންވެސް.
ޖުލައި
29 September 2022
މިކަންވެސް ބިދޭސީންނާ ހަވާލުކުރަންވީ
ޗަތިހެން ނުބުނޭ
29 September 2022
ނޫން ނޫން..އެއީ އަދި މާބޮޑަށް މަކަރު ހަދާބައެއް..