ވިމެން އެންޑް ޑިމޮކްރަސީއިން ކުރިއަށް ގެންދިޔަ ޓްރެއިނިންއެއްގެ ތެރެއިން. އެ ޖައްމިއްޔާއިން އެ ފަދަ އެކި ސެޝަންތަކާއި، އެކި ފޯރަމް އަދި ވެބިނާތައް ދަނީ ބާއްވަމުން. -- ފޮޓޯ: ވިމެން އެންޑް ޑިމޮކްރަސީ
31 އޮކްޓޯބަރ 2022 - 12:14
އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމިއްޔާ، ވިމެން އެންޑް ޑިމޮކްރަސީން ޖަރުމަނުގެ ޖަމިއްޔާއެއް ކަމަށްވާ ފެޑްރިކް ނައުމަން ފައުންޑޭޝަން އޮފް ފްރީޑޮމް (އެފްއެންއެފް) އާ ގުޅިގެން ހާއްސަ ވެބިނާއެއް ބާއްވަން ނިންމައިފި އެވެ.
އެ ވެބިނާ އަކީ "މުޖުތަމައުގައި އަންހެނުންގެ ދައުރު" ގެ މައުލޫއަށް މަޝްވަރާ ކުރާނެ ވެބިނާއެއް ކަމަށް އެ ޖައްމިއްޔާއިން ބުންޏެވެ. އެ ޖަމިއްޔާއިން ބުނީ، އެ ވެބިނާގެ މަގުސަދަކީ ރާއްޖޭގެ މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަހުލުވެރިކޮށް، އަންހެނުންގެ ޝާމިލުވުން އިތުރު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ. އެ ވެބިނާގެ ޕެނަލިސްޓުންގެ ތެރޭގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ވެބިނާގެ މޮޑަރޭޓަރަކަށް ހުންނަވާނީ، ޖާނަލިސްޓެއް ކަމަށްވާ ރާއިއާ މުނައްވަރެވެ. އަދި ޕެނަލިސްޓުންގެ ގޮތުގައި ވާހަކަދައްކަވާނީ، ހިންނަވަރު ދާއިރާގެ މެމްބަރު އަދި 19 ވަނަ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީގެ ޗެއާ ޕާސަން ޖީހާން މަހްމޫދާއި، އީކުއަލް ރައިޓްސް އިނިޝިއޭޓިވްގެ ޗެއާޕަސަން އަދި ކޯ ފައުންޑާ މަރިޔަމް ޖަބީން އާއި ގިފްޓް ބަސްކެޓްގެ އޯނަރު ޔުމްނާ ރަޝީދެވެ.
ވިމެން އެންޑް ޑިމޮކްރަސީން ބުނީ، އެ ވެބިނާ އަކީ ގަޑިއެއްހާއިރަށް އޮންލައިން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެ ވެބިނާ އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އެވެ. އެ ޖަމިއްޔާގެ ޝަލްމީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް އެ ވެބިނާގައި ބައިވެރިވެވޭނެ އެވެ.
އެ ވެބިނާގައި އިގުތިސާދީ ގޮތުން އަންހެނުންގެ ދައުރާއި ހިއްސާ އާއި އަންހެނުންގެ ސިޔާސީ އަދި މަދަނީ މިނިވަންކަމާއި ޖިންސީ ހަމަހަމަ ކަމަށް ލިބިފައިވާ ކާމިޔާބީތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ވިމެން އެންޑް ޑިމޮކްރަސީއަކީ 2016 އިފްތިތާހު ކުރި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ އެކި މައުލޫތަކަކާ ބެހޭ މަޝްވަރާކޮށް އެކި ފޯރަމްތަކާއި ޓްރެއިނިން ޕްރޮގުރާމުތައް ވެސް އަންނަނީ ބާއްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy