ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްްޓާ މަރުވި ރަޝީދު: ފުލުހުންނަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބައިވެރިވުމާ އެކު އެންއައިސީން މައްސަލަ ބަލާ ސަބަބު ދެނެގަތުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައި. -- ފޮޓޯ: ސޯޝަލް މީޑިއާ
01 ނޮވެމްބަރ 2022 - 14:22
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފޮނުވީ އެތަނުގެ އިންވެސްޓިގޭޓަރަކާ އެކުގައި ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން މިއަދު ބުނެފި އެވެ.
ރަޝީދުގެ މަރުގެ މައްސަލާގައި ބަލަން ވެފައި އޮތީ ހައްޔަރުކުރި ފަހުން ވަށައިގެން ހިނގި ކަންކަމާއި ފުލުހުން އަމަލުކުރި ގޮތުގެ އިތުރުން މަރުގެ ސަބަބު ދެނެގަތުމެވެ.
މި މަރާ ގުޅިގެން ފުލުހުންނަށް ބޮޑު ތުހުމަތެއް ކުރާއިރު، އެންއައިސީގެ ތަހުގީގުގައި ފުލުުހުން ބައިވެރިކުރާތީ ސުވާލު އުފައްދަ އެވެ. ތުހުމަތުކުރެވޭ މީހުންނާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގާ ސަބަބު ބަލަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.
އެންއައިސީގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ޕޯސްޓްމޯޓަމްގެ ހުރިހާ ކަމެއް ހިނގާއިރު އެންއައިސީގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. ފުލުހުންނާ އެކު އެންއައިސީގެ އިންވެސްޓިގޭޓަރަކު ދިޔަކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝީދުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ އިއްޔެ ފަތިހެވެ. މިހާތަނަށް ޕޯސްޓްމޯޓަމް ހެދި ކަމެއް ނުވަތަ ނޫން ކަމެއް އެންއައިސީއަކުން ނުބުނެ އެވެ.
އެންއައިސީން އިސްވެ ހިންގާ ތަހުގީގާ ގުޅޭ ހުރިހާ މައުލޫމާތެއް އެތަނުން ދޭ ގޮތަށް ހަމަޖައްސާފައިވާތީ އެ މުއައްސަސާއިންނެވެ.
އެންއައިސީއަކީ ދިވެހި ފުލުހުންގެ ހިދުމަތް ހިމެނޭ ގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއި އެފަދަ އަމަލެއް ހިންގައިފި ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ އެކަމެއް ބަލައި ތަހުގީގު ކުރުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ މުއައްސަސާ އެވެ. މި މުއައްސަސާއަށް އެކަނި ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރެވެން އޮތަސް ފުލުހުން ބައިވެރިކުރި ސަބަބެއް މިހާތަނަށް ނުބުނެ އެވެ.
ފުލުހުންނަށް އަމާޒުވާ ތުހުމަތުތައް ބަލަން އެ މުއައްސަސާއާ ގުޅިގެން ތަހުގީގެއް ހިންގަން ޖެހުނު ސަބަބުގެ ތަފްސީލަކަށް އެންއައިސީން ނުގޮސް ހަވާލާދެނީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއަށެވެ.
އެންއައިސީން ބުނި ގޮތުގައި ފުލުހުންނަށް އަމާޒުވާ ތުހުމަތު ބަލާނީ މިނިވަންކަމާ އެކުގަ އެވެ. ގުޅިގެން ތަހުގީގެއް ހިންގިޔަސް އިތުބާރާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނުދޭނެ ކަމަށާއި ތަހުގީގުގައި ފުލުހުންގެ ދައުރަކީ އެއްބާރުލުން ދިނުން ކަމަށް އެ މުއައްސަސާ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަހީން
01 November 2022
ޢެން އައިސީން ދިޔަޔަސް ވަަނުވާ އެނގޭނެ.. އެތާތިބެނީ މަޖްލީހުން އައްޔަން ކޮފައިތިބޭ ބޯބުރާންތިތަކެއް..
ބޮނދިހާލި
01 November 2022
އެކަމަކުންވެސް ނަން ރީތިނުކުރެވޭނެ.