އެސްއޭއެންއެޗް ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ނައިޓްރޮޖަން މެނޭޖުކުރުމާއި ބެހޭ ގޮތުން އެމްއެންޔޫއިން ތައްޔާރު ކުރި ރިޕޯޓު ނައިބު ރައީސް ނެރެދެއްވަނީ. -- ފޮޓޯ: އެމްއެންޔޫ
29 ނޮވެމްބަރ 2022 - 12:57
ސައުތު އޭޝިއާ ސަރަހައްދުގައި ނައިޓްރިޖަން މެނޭޖު ކުރުމާ ބެހޭ ގޮތުން އެމްއެންޔޫ އިން ބާއްވާ ސައުތު އޭޝިއަން ނައިޓްރިޖަން ހަބް (އެސްއޭއެންއެޗް) ފަށައިފި އެވެ.
އެ ބައްދަލުވުން ރަސްމީކޮށް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ މަނިކުފާނު ވަނީ އިލްމީ ދިރާސާތަކެއްކޮށް، ނައިޓްރިޖަން މެނޭޖު ކުރުމާ ބެހޭ މަޝްވަރާ ބައްދަލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ސިނާއަތްތަކާއި ވިޔަފާރިތަކާއި މުޖުތަމައަށް ނުރައްކާތައް ކުރިމަތިވަމުން ދާއިރު، އެ ކަންތައްތައް ހައްލު ކުރުމަށް އެކި ދާއިރާތަކުން ނައިޓްރިޖަން މަދުކުރުމުގެ ސިޔާސަތުތައް އެކުލަވާލައި، ނައިޓްރިޖަން މަދުކުރުމުގެ އަމާޒުތައް ކަނޑައަޅަން ޖެހެ އެވެ. ނައިޓްރިޖަން ބޭނުން ކުރާ މިންވަރު ދަށް ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ނައިޓްރިޖަން ބޭނުން ކުރާ މިންވަރު ދެނެގަތުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމު ނައިޓްރޮޖަންއާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ "މެސިވް އޯޕަން ޕްރޮގުރާމު" ތައާރަފު ކުރައްވަނީ. އެ ޕްރޮގުރާމަކީ ނައިޓްރޮޖަންއާ މެދު އަހުލުވެރި ކުރުވުމުގެ ޕްރޮޖެކްޓުގެ ދަށުން ތައާރަފު ކުރި ބައިނަލްއަގުވާމީ ޕްރޮގުރާމެއް. -- ފޮޓޯ: އެމްއެންޔޫ
އެ ރަސްމިއްޔާތުގައި، ނައިޓްރިޖަންއާ މެދު އަހުލުވެރި ކުރުވުމުގެ "މެސިވް އޯޕަން" ކޯހަކާއި ސައުތު އޭޝިއަން ނައިޓްރިޖަން ހަބް މޯލްޑިވްސްގެ ކަންޓްރީ ރިޕޯޓު ނައިބު ރައީސް ނެރެދެއްވި އެވެ.
އެއީ ރާއްޖޭގައި ނައިޓްރިޖަންގެ ހާލަތު އޮތް ގޮތާއި މެނޭޖްމަންޓް ސްޓްރެޓެޖީތައް ހިމެނޭ ރިޕޯޓެކެވެ. އިއްޔެ ތައާރަފު ކުރި ކޯހަކީ އެޑެކްސް ޕްލެޓުފޯމުގައި ތައާރަފުކުރި ކޯހެކެވެ. އެއީ އެކި ގައުމުތަކުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ބައިނަލްއަގުވާމީ ކޯހެކެވެ. އެމްއެންޔޫ އިން ވަނީ އެ ކޯސް ދިވެހި ބަހަށް ތަރުޖަމާކޮށްފަ އެވެ. އަދި އެ ކޯސް ސައުތު އޭޝިއާގެ ގިނަ ގައުމުތަކުގެ ބަހުން ހުންނާނެ އެވެ.
ނައިޓްރިޖަން މެނޭޖު ކުރުމާ ގުޅޭ ބައްދަލުވުންތައް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އެ ބައްދަލުވުމުގައި އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް އާއި އަފްގާނިސްތާން އަދި ނޭޕާލާއި ބޫޓާނާއި ސްރީ ލަންކާ އިން ވެސް ބައިވެރިވެެ އެވެ. އެކި ގައުމުތަކުގެ 32 އިންސްޓިޓިއުޓެއްގެ ދިރާސީ ހޯދުންތައް ބައްދަލުވުމަށް ހުށަހަޅައިފަ އެވެ.
އެމްއެންޔޫގައި ފެށި މަޝްވަރާ ބައްދަލުވުންތަކަކީ އެ ޔުނިވާސިޓީން ނައިޓްރިޖަން މެނޭޖުކުރުމާ ބެހޭ ގޮތުން ހިންގާ ޕްރޮޖެކްޓުގެ ދަށުން ފެށި ބައްދަލުވުމެކެވެ. އެއީ އިނގިރޭ ސިވިލާތުގެ ރިސާޗް އެންޑް އިނޮވޭޝަން އާއި ގްލޯބަލް ޗެލެންޖާސް ރިސާޗު ފަންޑުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރުމެންޓް ޕްރޮގުރާމުގެ ސަޕޯޓު ވެސް ވަނީ ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy