މުނިފޫހިފިލުވުން / ވާހަކަ

ހިތް

ބުދަ ދުވަހާ ގުޅޭ

"ނުވާނެ އެހެނެއް!" ފަހަތުން މީހަކު ބުނި އަޑުއިވުނެވެ.

ނަޒްދާ ބަލައިލި އިރު ފަހަތުގައި ހުރީ އޭނައެވެ. ނަޒްދާގެ ހިތާމައިގައި ބައިވެރިވުމުގެ ބަދަލުގައި އުފާކުރި މީހާއެވެ. އަނެއްކޮޅުން، ހަނާ އިންދައި އެ ގޮތަށް ނަޒްދާގެ ކުރިމައްޗަށް އޭނަ އަތުވެދާނެކަމަކަށް ހަނާ ހިއެއްނުކުރެއެވެ. ދެ މީހުންނަށް ވެސް ލިބުނީ ސިހުމެކެވެ. ނުތަނަވަސްކަމެކެވެ. ދެން ވީ ނުވާންވީ ގޮތެވެ. ހަނާ ދެކެ ނަޒްދާ ރުޅިއައުމެވެ.

"ދެ މީހުން ރާވައިގެން ދޯ އަހަރެން މި ތަނަށް ގެނައީ؟" ނަޒްދާ އިސްޖަހާލައިގެން އިނދެ މަޑުމަޑުން ބުންޏެވެ. އަދި ހަނާޔާ ދިމާއަށް ނަޒްދާ ބަލައިލިއެވެ. "އަހަރެން ހީކުރީ އަހަރެންކަމަށް ހަނާގެ ފްރެންޑަކީ."

ނަޒްދާ ވަގުތުން ތެދުވެގެން ހިނގައިގަތެވެ. ހަނާ ގޮވައިލުމުން ވެސް ނުހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭނގިގެން ހަނާއަށް ޗޮކެއްކަނޑައިލެވުނެވެ.

"ތިހިރީ ކުރި ކަންތައް. ކީއްކުރަން މި ތަނަށް ތި އައީ؟" ހަނާ އެހިއެވެ. "ދެން ނޭނގެ އަހަންނާ ވެސް ނަޒޫ ވާހަކަދައްކާނެކަމެއް."

އޭނަ އިށީނެވެ. ކުރީ ރޭ ހިނގައިދިޔަ ހާދިސާ ވަރަށް ކުރުކޮށް ކިޔައިދިނެވެ. ގަބޫލުކުރަންވީ ކާކުގެ ވާހަކައެއްކަމެއް ހަނާއަކަށް ނޭނގުނެވެ. ދެރައީ ނަޒްދާގެ ދުލުން އެ ވާހަކަ އަޑުއަހަން ހަނާއަށް ލިބުނު ފުރުސަތު ގެއްލުނުކަމެވެ.

"އަހަންނަށް އެނގޭ ކިޑް ދެކެ ނަޒްދާ ކިހާ ލޯބިވާކަން،" އޭނަ ކިޔައިދިނެވެ. "ނަޒްދާ ބުނީ މުޖޫ އުޅެނީ ޑިވޯސްކުރާށޭ! ތެދެއް. އެހެން ބުނީމަ އަހަރެން އުފާވި. ކީއްވެ؟ ނަޒްދާއަށް ހަމަޖެހިލައިގެން ނޭވާލެވޭނެތީ. އަހަންނަށް ޓަކައެއް ނޫނޭ އަހަރެން އުފާވީ. ނަޒްދާއަށް އޮޅުނީއޭ. މުޖޫ ޑިވޯސްކުރިޔަސް ނަޒްދާ މެރީކުރާނެތަ އަހަންނާ؟ އައި ޑޯންޓް ނޯ! ދެން އަހަރެން ކޮން އުފަލެއްވާންވީ؟"

"އައި ވެސް ޑޯންޓް ނޯއޭ!" ހަނާ ބުންޏެވެ. "އެކަކު ބުނާނެ އެހެން ބުންޏޭ! އަނެކަކު ތި ބުނަނީ އެހެނެއް ނުބުނެޔޭ! މިހާރު އޭނަ އެ ދިޔައީ ރުޅިއައިސްގެން. ދެން ކިހިނެއްހަދާނީ؟"

"ނަޒްދާ މާ ސެންސިޓިވީ. އެހާ އަވަހަށް ރުޅިއަންނާކަށް ނުވާނެ ދޯ؟" ގޮނޑީގައި ހަމަޖެހިލަމުން އޭނަ ބުންޏެވެ. "ތޫފާނެއް ބޯމަތީ އެނބުރެނިކޮށް، ރޭގަނޑު، އެކަނިމާ އެކަނި އެ ގޮތަށް ގޮސްގެން ނުވާނެ."

"އޭނަގެ ހިތުގަ އެ ތޫފާނެއް އެނބުރޭތާ ހާދަ ދުވަހެއް ވެއްޖޭ!" ފިކުރަކަށް ގެއްލިފައި އިނދެ ހަނާ ބުންޏެވެ. "އަހަރެން ހިތަށްއަރަނީ އަޒާން އަތުލައިފިއްޔާ ނަޒޫއަށް ކިހިނެއްބާއޭ ވާނީ؟ އޭނަ މޮޔަވާނެ. ހުވާ!"

"ލާހިކެއް ނޫން އަޒާން އަތުލާކަށް،" ވަރަށް ޔަގީންކަމާ އެކީގައި އޭނަ ބުންޏެވެ. "އެއީ އަހަރެން ދަންނަ މުޖޫއެއް. އެއްކޮޅަށް މުޖޫ ލާފަ އަނެއް ކޮޅަށް ރަން އަޅައިގެން ވެސް އަޒާން އަތުލާފަ ނަޒްދާއަށް ދޭނަން. އެކަމަކު ނަޒްދާއަށް މި ކަން ނާންގާތި. ނަޒްދާ ބޭނުމީ އަހަންނާ ވާހަކަނުދައްކަންކަމަށް ވަންޏާ، އެ ނިންމުން އަހަރެން ގަބޫލުކުރާނަން."

"ދެން މި ނިމުނީ؟ ނަޒޫ ދޫކޮށްލީ؟" ހައިރާންވެފައި ހަނާ އެހިއެވެ.

"އެ ހިތްވަރު ހުންނަންޖެހޭނެ. އެއަކަށް ނޫންތަ ލޯބި ކިޔަނީ؟" ލުއި ހިނިތުންވުމަކާ އެކުގައި އޭނަ ބުންޏެވެ.

ނަޒްދާ އުޅުނީ މުޖުތަބާ އަންނަންވާ އިރަށް މުޅި އެޕާޓުމަންޓުގައި ފޮޓޯ ހަރުކުރާށެވެ. ނަޒްދާ ބުރުގާއަޅައިގެންހުރި ފޮޓޯއެވެ. ފޮޓޯތައް ހައްދައިގެން ގެނައީ އެހެންވެއެވެ. އެހެނަސް، ކަންތައްވެގެންދިޔަ ގޮތުން އެ ހިޔާލު ބަދަލުކުރިއެވެ. އަނެއްކޮޅުން ގެއަށް އައި މުޖުތަބާއަށް ފެނުނީ ކުރިން ދުށް ނަޒްދާއެއް ނޫނެވެ. ގޭތެރޭގެ ތަރުތީބު ހުރީ ބަދަލުވެފައެވެ. ނަޒްދާ ވެސް މެއެވެ.

"މީ ކޮން ކަމެއް؟" ބުރުގާގައި ހިފާލަމުން މުޖުތަބާ އެހިއެވެ. "ފިރިމީހާގެ ހުއްދަ ނެތި މި ކަހަލަ ކަންތައް ނުކުރެވޭނެކަން އެނގޭތަ؟"

ނަޒްދާ އެއްޗެއް ނުބުނެއެވެ. އެހެނަސް ހިތަށްއެރިއެވެ. ފިރިމީހާ އެހެން ތަންމައްޗެއްގެ ކަންނޭލަކަށްވުމަކީ ކޮން ގޮތަކުން ހުއްދަކަމެއްތޯ އަހަންވީ ހެއްޔެވެ؟ މައްސަލައަކީ ދެއަންބަށް މީހަކާ އިނުމެއް ނޫނެވެ. އޭގެ ކުރިން ހިނގި ކަންކަމެވެ. ނަޒްދާ އަތުގައި ފޮޓޯތައް އެބަ ހުއްޓެވެ. މުޖުތަބާ ދެން ކުރި ކަންތައް ވެސް ނަޒްދާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. މަންމައެއް ގާތުގައި، އޭނަގެ ދަރިފުޅު މަރުވެއްޖޭ ބުނުމަކީ ފިރިޔަކު ކުރާ ކަހަލަ ކަމެއް ހެއްޔެވެ؟ އެކަމަކު އެ ވާހަކައެއް ވެސް ނަޒްދާ ނުދައްކައެވެ. އަޒާން ގައިގައި ބައްދާލައިގެން އިނީއެވެ. ވަކިވުމުގެ ވަގުތު ކިހައި ކައިރިވެއްޖެކަމާއި، ދެން ނުފެނިދާނެކަމުގެ ބިރު ވެސް ނަޒްދާއަށް އޮތެވެ. ހިތްފުރައިލަން ނަޒްދާ ބޭނުމެވެ.

"ބުރުގާ ނަގަންވީތަ؟" ހިތާމަތައް އޮއްބައިލައިފައި، ހިނިތުންވެލައިފައި ނަޒްދާ އެހިއެވެ. "ބުނޭ!"

"އާނ އޭރުން ދެން ބުނަން އޮންނާނެއްނު ފިރިމީހާ ބުރުގާނެގުވީއޭ،" މުޖުތަބާ ބުންޏެވެ. "އެންމެން ވެސް ހިތަށްއަރާނެ އަހަރެންނަކީ ހާދަހާ ނުބައި ފިރިއެކޭ. ތި ކުޅިވަރެއް ނުކުޅެވޭނެ. ދެން ބުރުގާ ނަގައިގެން ނުވާނެ. މިހާރު ދާނެ ތަނެއް ހޯދައިފިންތަ؟"

ދަރިފުޅު ގޮވައިގެން ކޮޓަރިއަށް ވަދެ ކުޅެން ބައިންދާފައި ނަޒްދާ ނުކުތެވެ. ދެމަފިރިން ދައްކާ ވާހަކަ އަޒާން އަޑުއަހާހެން ހީނުވިޔަސް، ކިޔާނުކިޔާ އެއްޗެހި އޭނައަށް އެނގޭނެއެވެ. އަޒާނަށް ހަ އަހަރު ފުރިއްޖެއެވެ.

"މުޖޫ އެ ކަމާ ނުވިސްނާ!" ނަޒްދާ ބުންޏެވެ. "ބުނޭ މި ގެއިން ނުކުންނާށޭ! މިހާރު ބުންޏަސް ހަމަ މިހާރު ނުކުންނާނަން."

މުޖުތަބާ ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ.

"ދީބަލަ ފޯނު!" މުޖުތަބާ އެދުނެވެ.

ނަޒްދާ ވަގުތުން ފޯނު ދިނެވެ. މުޖުތަބާ ފޯނު ހޭވިއެވެ. އޭނަ ހޯދާނީ ކޯޗެއްކަން ނަޒްދާއަށް އެނގެއެވެ. އެ ފަދަ އެއްޗެއް ފޯނަކު ނުހުންނާނެއެވެ. ބަލާނެ ވަރަކަށް ބަލައިފައި މުޖުތަބާ ފޯނު ދިނެވެ.

"އަހަރެން ދިޔަ ވަގުތު ބަލާފަ މީހަކާ ހިތާވީތަ؟" މުޖުތަބާ އެހިއެވެ.

"ޗީޑި!" ނަޒްދާ އެހެން ބުނެފައި އެ ތަނުން ދާން ހިނގައިގަތުމުން ނަޒްދާގެ މުލައްދަނޑީގައި މުޖުތަބާ ހިފާއްޓާފައި ބުންޏެވެ. "ކީއްވެ އަހަންނަށް ހީވަނީ ނަޒްދާ ވަރަށް ޗޭންޖުވެއްޖޭ؟ ގޭގެ ފަރުނީޗަރުތައް ގޮތްގޮތަށް އަނބުރާ، ބުރުގާއަޅާ، ހިތްވަރުގަދަވެ، ވިއްދާފަ އެއްޗެހި ބުނެލާ.. ކީއްކޮށްގެން ތި އުޅެނީ؟"

"ކީއްކޮށްގެންހޭ ތި އުޅެނީ؟ މުޖޫތަ ތިހެން އަހަންވީ؟" އަތް ފޮޅުވައިލަމުން ނަޒްދާ ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ފަހު ރޮށި ތަވާ މަތިން ނަގައި، ރޮށިލާ އެއްޗަށް ލައިފައި މޫމިނާ އުނދުން ނިއްވައިލިއެވެ. އެ ވަގުތު ދޮރުގެ ރަނގަބީލުޖެހި އަޑު އިވުނެވެ.

"އަންމަޑޭ! ނުކުމޭ!" ރޮށިއެތި މޭޒުމަތީގައި ބަހައްޓަމުން މޫމިނާ ބުންޏެވެ.

މޫމިނާގެ ފިރިމީހާއަށް ކިޔަނީ އަހުމަދު ނަޒީރެވެ. މޫމިނާ ކިޔަނީ އަންމަޑޭއެވެ. ނަޒީރު ކޮޓަރިން ނުކުމެގެން އައިސް ކާމޭޒު ކައިރީގައި އިށީނެވެ. މޫމިނާ ގޮސް ދޮރު ހުޅުވި އިރު ދޮރުމަތީގައި ހުރީ ނަޒްދާއެވެ. ކައިރީގައި ފޮށްޓެއް ހުއްޓެވެ. މޫމިނާއަށް ލިބުނީ ސިހުމެކެވެ. އެކަމަކު ނަޒްދާ ދެރައެއް ނުވެއެވެ. ނުވެސް ރޮއެވެ. ހާހެއް ވެސް ނުވެއެވެ. އޭނަގެ މޫނުމަތިން ހީވަނީ، ހިތާމަތައް ހިންދާލައިގެން ހުރިހެންނެވެ.

"ކިހިނެއްވީ؟" ހައިރާންވެފައި މޫމިނާ އެހިއެވެ.

ދެން ވެސް ނަޒްދާ އެއްޗެއް ނުބުނެއެވެ. ނަޒްދާގެ މޫނެކޭ ހުދު ކަރުދާސްގަނޑެކޭ އެއްގޮތެވެ. އެއްވެސް އަސަރެއް ނެތެވެ. ނަޒްދާ ގެއިން ނެރެފިއްޔާ މޫމިނާގެ ގެއަށް އައުމަށް މޫމިނާ އޮތީ ދައުވަތުދީފައެވެ. މޫމިނާ އެ ހަނދާން ހުއްޓެވެ.

"ވަދޭވަދޭ!" މޫމިނާ އެދުނެވެ.

ނަޒްދާ ވަނެވެ. ފޮށި ވައްދާކަށް ވެސް އޭނަ ހަނދާނެއް ނެތެވެ. ނަޒީރާއި ނަޒްދާ ދެކިފަރިތައެވެ. ނަޒްދާ ފެނުމުން ނަޒީރު ގޮވައިލިއެވެ. ނަޒްދާ އެއްވެސް ޖަވާބެއް ނުދީ ގޮސް ސޯފާގައި އިށީނދެލިއެވެ. ނަޒީރު އިޝާރާތުން މޫމިނާޔާ ސުވާލުކުރިއެވެ. ކިހިނެއްވީހޭ އެހިއެވެ. މޫމިނާ ވެސް ހަރަކާތުން، އަހަރެން އެ ކަން ބަލާނަމޭ ނަޒީރު އަޅާނުލާށޭ ބުންޏެވެ. ފޮށި ގެންގޮސް ދެން ހުރި ކޮޓަރިއަށް ލާފައި، ނަޒްދާ ގާތުގައި މޫމިނާ އިށީނެވެ.

"ކާންވީނު! ހޫނު ރޮށި ހުންނާނެ. ނަޒީރު މެންދުރުއް ސުރެ އުޅުނީ ހޫނު ރޮށްޓާ ގަރުދިޔަ ކާންވެގެން. ރޮށްޓާ ގަރުދިޔަ ނަޒޫއަށް މީރުތަ؟ ނޫނީ އެހެން އެއްޗެއް ހަދާލަންތަ؟" މޫމިނާ އެހިއެވެ.

"އޭނ؟" ނަޒްދާ އެހިއެވެ. "ކީކޭ؟"

އިތުރު އެއްޗެއް އެހުމުގެ ބަދަލުގައި މޫމިނާ ހިނިތުންވެލިއެވެ. ނަޒްދާގެ ހާލަށް ޓަކައި މޫމިނާގެ ހިތުގައި ހަމުދަރުދީ އުފެދުނެވެ.

"މަ ނުބުނަން އެކައްޗެއް ވެސް،" މޫމިނާ ޖަވާބުދިނެވެ. "ހިނގާ ރެސްޓުކޮށްލަމާ ދޯ! ކޮޓަރީގަ ކޮއްކޮއެއް ހުރެފަ އިއްޔެ އެ ދިޔައީ. ކޮޓަރި މިހާރު ވެސް ހުންނާނީ ރެޑީގަ."

ނަޒްދާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެފައި، އެނދުގައި ބޭއްވުމުން ނަޒްދާގެ ކަމަކީ ކޮޓަރީގެ އެތަންމިތަނަށް ބެލުމެވެ. ވާހަކައެއް ނުދައްކައެވެ. ފޮށި އެތެރެއަށް ވައްދާފައި އެނދުގައި އިށީނދެލައިގެން އިރުކޮޅަކު މޫމިނާ އިނެވެ. މާ ގިނަ އިރެއް ނުވެ ނަޒްދާއަށް ނިދިއްޖެއެވެ. މޫމިނާ ކޮޓަރިން ނުކުމެފައި ދޮރު ލައްޕައިލިއެވެ. ހަނާއަށް ގުޅިއެވެ. ވީ ގޮތެއް ހަނާއަކަށް ވެސް ނޭނގެއެވެ. ލަފާކުރީ ނަޒްދާ ވަރިކުރީކަމަށެވެ. އެހެން ނޫން ނަމަ ގެއިން ނުކުމެގެން މޫމިނާގެ ގެއަކަށް ނަޒްދާ ނާންނާނެއެވެ.

"އާދެބަލަ މި ގެއަށް." މޫމިނާ އެދުނެވެ.

"އަހަރުމެން ކުޑަ ކުންޏެއް ޖެހިގެން މި އުޅެނީ،" ހަނާ ބުންޏެވެ. "އަނެކަކަށް ގުޅާ. އެ ވެސް އަދި ބައްޔެއް ކަހަލަ ކަމެއް. އެކަކަށް ވެސް އޭނަގެ ނަމެއް ނޭނގެ. އަހަރެން އެ ނަންބަރު ސޭވްކޮށްފަ އިންނާނީ ރޯމިޔޯ ޖަހާފަ."

ހެމުންހެމުން މޫމިނާ ފޯނު ބޭއްވިއެވެ. މޫމިނާ ވެސް އެ ނަންބަރުގައި ޖެހީ ހަމަ އެ ނަމެވެ. އޭނައަށް ގުޅާ އިރަށް ފޯނު ނެގިއެވެ.

"ނަޒްދާ ރޮނީ ދޯ؟" ފޯނު ނެގި ގޮތަށް އޭނަ އެހިއެވެ.

"ނޫން! ޝޮކުގަ ހުރީ،" މޫމިނާ ޖަވާބުދިނެވެ. "އަސްލު ކިހިނެއްތަވީ؟"

"ނަޒްދާ ވަރިކޮށް، ގެއިން ނެރެލާ، ދަރި ވެސް އަތުލީނު،" އޭނަ ބުންޏެވެ. "ނުވާ ތާކަށް މުޖޫ އެ އައީ ނީޒާޔާ މެރީ ވެސް ކޮށްގެން. ޔަގީނުން ވެސް އަހަރެން އޭނަޔަކަށް މާފެއް ނުކުރާނަން."

"މުޖޫ ހަމަ ބޭނުން އެއްޗެއް އެ ހަދާލަނީ." ހައިރާންވެފައި މޫމިނާ ބުންޏެވެ.

"ނުލަފާ މީހުންނަށް ނުލަފާކަން ދެއްކެނީ، އެހެން މީހުން އަޅާނުލާތީ،" ބަދަލުހިފުމުގެ ރާގެއްގައި އޭނަ ބުންޏެވެ. "އެކަމަކު ކޮންމެ މީހަކު ވެސް އެކްސިޑެންޓެއް ވެދާނެ ދޯ؟"

ނުނިމޭ

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާރީގާ

05 December 2022

ނަޖޫ އަކީ ބަލިމީހެއް. އެބައްޔައް ކިޔަނީ ބޮލުރޮދިއަވަދި ބަލި.....

The name is already taken The name is available. Register?

ފ4ރޗ554

04 December 2022

ދީނީ ގޮތުން ބަލާއިރު މިހާ ކުރުކޮށް ލިޔުމަކީ ކޮން ކަހަލަ ކަމެއްތޯ؟؟ ކިޔުންތެރިން ހާދަ އިންތިޒާރެއް ކުރެޔޭ އިނގޭތޯ

The name is already taken The name is available. Register?

ނަރޫޓޯ

04 December 2022

ކަލޯމެން ބިޓެއް ހޯދަންވެސް ހާދަ އިންތިޒާރެއް ކުރެޔޭ ދޯ ބިންމާ..އެކަމަކު ތިޔަހާ ޝަކުވާއެއް ނުކުރޭ..އެކަމަކު ބިންމާގެ މިވާހަކައަށް އިންތިޒާރު ކުރަންވީމަ ތިހުރީ ކިޔާ އެއްޗެހި.

The name is already taken The name is available. Register?

ޒުމްރާ

04 December 2022

ބިންމާ ހަމަ އަހަރުމެން ދަހިވާވަރަށް އެބަ ލިޔެ. މިޔަށްވުރެ ދިގުކޮށް ލިޔުނިއްޔާ ފާފަވެރިވަނީތަ؟

The name is already taken The name is available. Register?

ސީރިއަސްލީ

04 December 2022

މަވެސްމީ 5 އަހަރުގެ ފިރިހެން ކުއްޖެއްގެ މަންމައެއް. ދަރިފުޅައްޓަކައޭ ކިޔާފަ ނުހުންނާނަން... މި ނަޒްދާގެ ކެރެކްޓަރ ދެން ވަރަށް މޮޔަ... އެންމެ ފުރަތަމަ ނީޒާ ފޮޓޯ ފޮނުވި ދުވަހު ކޮންފްރޮންޓް ކުރިނަމަ.... އަދި އެންމެ ފޫހިވަނީ އަމިއްލަ ދިފާއުގަ ވާހަކަ ދައްކާލަންްވެސް ނުކެރޭ ފިނޑި މީހަކަށް ނަޒްދާ ހެދީމަ... މަ ނަމަ ގެއިން ނިކުންނާނީވެސް ދަރިފުޅު ގޮވައިގެން..

The name is already taken The name is available. Register?

މަބަލްދީބް

04 December 2022

ދެން މާ ހާސަރު ދިގުވަނީ މިހާރު.

The name is already taken The name is available. Register?

އާސިޔާނާ

04 December 2022

ނަޒުދާ މާ ލޮނުމަޑީ. މުޖޫ އެޅިހާ ބަތަކަށް ރިހަވެގެން.

The name is already taken The name is available. Register?

އާމިނަތު

04 December 2022

ވާހަކަ މާބޮޑަށް ކުރީ... މިއަށްވުރެ ދިގުކޮށްލަބަލަ

The name is already taken The name is available. Register?

ޑެބީ

04 December 2022

ބިންމާ ވެއްޖެއެއްނު ތަންކޮޅެއް ދިގުކޮށް ލިޔަން.

The name is already taken The name is available. Register?

ޡުހޫ

04 December 2022

ޢަސްލުވެސް. ދެފޮޅުވަތް ލިޔަންޏާ ކީއްކުރަން މި ލިޔަނީކީ

The name is already taken The name is available. Register?

ބިންބާ

04 December 2022

ބިންމާ ވާހަކަ ލިޔެ ނިމެންދެން މަޑުކޮށްލަބަލަ. އޭރުން އެއްވާނެއްގެ ހުރިހާ ބައެއް ކިޔާލެވޭނެ.

The name is already taken The name is available. Register?

2022

04 December 2022

ޔޭ މަ ☝️...... ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454