08 ޑިސެމްބަރ 2022 - 15:33
ރަޝިޔާ އަކީ މޮޔަ ގައުމެއް ނޫން ކަމަށާއި، އެހެން ނަމަވެސް ނިއުކްލިއާ ހަތިޔާރު ނުރައްކާ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޕުޓިން ވިދާޅުވީ ނިއުކްލިއާ ހަތިޔާރުގެ ނުރައްކާތެރިކަން ބޮޑުވަމުން ދިޔަ ނަމަވެސް، އިސްވެ އެންމެ ފުރަތަމަ ނިއުކްލިއާ ހަތިޔާރުގެ ބޭނުންކުރާ ގައުމަކަށް ރަޝިޔާ ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރެއް ބޭނުން ކުރަން ޖެހުނަސް ކުރާނީ، ރަޝިޔާ އަށް ކުރިމަތިވާ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި ރައީސް ޕުޓިން ހުންނެވީ ޔޫކްރޭން ހަނގުރާމައިގެ ވަކި ހިސާބަކުން ނިއުކްލިއާ ހަތިޔާރުވެސް ބޭނުންކުރައްވަން ރޭވުންތައް ރާއްވައިގެންނެވެ. ނަމަވެސް ޕުޓިން ވިދާޅުވީ ރަޝިޔާ އިން އިސްވެ ނިއުކްލިއާ ހަތިޔާރުގެ ބޭނުން ނުކުރިޔަސް، ޔޫކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމަ ދިގު މުއްދަތަކަށް ދިގުލައިގެން ހިނގާނެ ކަމަށެވެ.
"(ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ) ނުރައްކާތެރިކަން އެ ދަނީ ބޮޑުވަމުން. އެކަން ފޮރުވަން އުޅުމަކީ ގޯހެއް. އަހަރެމެން އަދި މިތިބީ ބުއްދި ފިލައި ގޮސްފައެއް ނޫން. ނިއުކްލިއާ ހަތިޔާރަކީ ކޮން އެއްޗެއްކަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ. އަހަރެމެން މިއުޅެނީ ދުނިޔެ ވަށައިގެން ރޭޒަރު ތިލައެއްހެން ނިއުކްލިއާ ހަތިޔާރު މުޅި ދުނިޔޭގައި ހޫރާކަށް ނޫން،" ޕުޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޭޓޯ އާއި ވިލާތުގެ ގައުމުތަކުން ޔޫކްރޭން މެދުވެރިކޮށް ރަޝިޔާ އަށް ކުރިމަތިކުރާ ނުރައްކާތަކުގެ ސަބަބުން، މަސްރަހު ކިތަންމެ ގޯސްވިޔަސް، އެއްވެސް ހާލަތެއްގައި ރަޝިޔާ އިން އިސްވެ ނިއުކްލިއާ ހަތިޔާރުގެ ބޭނުމެއް ނުކުރާނެ އެވެ. އަދި ރަޝިޔާގައި ހުރި ނިއުކްލިއާ ހަތިޔާރުން އެއްވެސް ގައުމަކަށް ބިރު ދައްކައި އިންޒާރުކުރުމަކީ ވެސް ރަޝިޔާ އިން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރަކީ މުޅީ ދުނިޔެއަށް ބަލާއިރު ވެސް، ޕުޓިން ވިދާޅުވި ގޮތުގައި، އެންމެ ޒަމާނީ އަދި އެންމެ ކުރިއަރާފައިވާ ނިއުކްލިއާ ހަތިޔާރެވެ. އެހެން ނަމަވެސް، އެމެރިކާގެ ނިއުކްލިއާ ސްޓްރެޓީޖިއާ ރަޝިޔާގެ ސްޓްރެޓީޖީ ވަރަށް ތަފާތުކަން ފާހަގަ ކުރެއްވި އެވެ.
އެ ގޮތުން އެމެރިކާ އިން ވަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުތައް އެ ގައުމުން ބޭރު އެހެން ސަރަހައްދުތަކުގައި ވެސް ގާއިމުކޮށްފައި އެބަހުރިކަން ޕުޓިން ފާހަގަކުރެއްވި އެވެ.
"އަހަރެމެންގެ އެންމެ ނިއުކްލިއާ ހަތިޔާރެއް ވެސް ރަޝިޔާގެ ފަސްގަނޑުން ބޭރަކު ނުހުންނާނެ. އެކަމަކު އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް އެހެން ގައުމުތަކުގައި އެބަހުރި. ތުރުކީ ވިލާތުގަ އާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެބަހުރި."
ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރޭން ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް، އެ ހަނގުރާމައިގެ ނަތީޖާ ރަނގަޅެވެ. އެ ގޮތުން އޭނާ ފާހަގަކުރެއްވީ ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ހިފައި ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްޑެލާ
10 December 2022
މީކެރޭ ހުޝިޔާރު ލީޑަރެއް އެމެރިކާ ޖަހާ ބެރަކަށް ނުނަށާނެ
މޮޔަވެއްޖެ
10 December 2022
ރަސިޔާ މޮޔައެއްނޫން، މޮޔައީ ޕުޓިން.
ރަމްޒު
09 December 2022
މޮޔަނޮގޮވާ ހުރޭ އެންމެ ބޮޑު މޮޔައަކީ އެމަރިކާ ބަލަން ހުންނާތި އީރާނާ ކުރާ ހަނގުރާމަ ކަލޭމެންނަށް ވާނެ ހާލު
ޢިހްސާސް
09 December 2022
ދުނިޔޭގަތިބި އެންމެ ބޮޑެތި މޮޔައިންކުރެ މޮޔައެއްތީ. ޢެހެނީ އާހިރަތަށްވުރެ ދުނިޔެ އިސްކުރާބައެއްތީ.
އަފްރާސިޔާބު
08 December 2022
ޕުޓިންނަކީ މޮޔައެއްނޫން، ބޮޑު މޮޔައެެއް. އެހެން ނޫންނަމަ އެއްވެސް ކަމަކާނުލާ މިނިވަން ގައުމަކަށް އަރައިގަނެ އެތަން ފުޑުފުޑުކޮށް އެތައްބަޔަކު ނުމަރާނެ. ރަސިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮއްފި ނަމަ ރަސިޔާ ނޮޅާލާނެކަން ކޮންމެސް މީހަކު ޕުޓިންނަށް ވިސްނައިދިންކަން އެއީ ރަސިޔާ ރައްޔިތުންގެ ނަސީބެއް.
1206
08 December 2022
ފުރިފައި ހުރި އެެއްޗެއް ގުޑުގުޑެއް ނާޅާނެ. ދުނިޔޭގައި އޮތް އެމެރިކާގެ ބާރާއި ނުފޫޒު، ޗައިނާ އާއި ރަޝިޔާ އިން ފިރުކައިގަންނަމުން ދާތީ، އެމެރިކާ ހިތް ބިރުގަނެ، މޭބޮޑުވެ، ދެ ފައި އެއްތާކު ނުކައިގެން ގާތް ގައުމުތަކުން ފެށިގެން ދުރު ގައުމުތަކަށް އިންޒާރު ދީ، ބްލެކްމެއިލްކޮށް ހަދާއިރު، ރަޝިޔާ އާއި ޗައިނާ އަކީ މޮޔައިން ކަމަށް ވީ ނަމަ، ފެނުނީހީ ރިއެކްޓިވް އުޅުމެއް. ހީކުރި ގޮތާއި ޚިލާފަށް އެ މީހުން ފެންނަނީ، އެމެރިކާ ކުރިމަތީ ވަރަށް ހަރުދަނާކޮށް ތިބީތީ.
ލަލީގާ
08 December 2022
ޕޫޓިންއަކީ މޮޔައެއް ނޫން
ރައްޒާގު
08 December 2022
ބޮޑު މޮޔައެއް.