ކުޅިވަރު / ފުޓްބޯޅަ

ހަނީމޫނަށް ފަހު ކްލަބްތައް ބިކަވަނީ، ބަދަލުވާން ޖެހޭ ކަމެއް!

މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު އާއި ވިކްޓަރީ ކުޅެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ފުޓްބޯޅަ ކްލަބްތައް ވަރުގަދަކުރާއިރު ސަޕޯޓަރުންނަށް ލިބޭ އުފަލާ އެކު ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ވެސް އޮވެ އެވެ. ދެމެހެއްޓެނެވި ގޮތެއްގައި ކްލަބް ނުހިންގި، ތިން އަހަރެއްހާ ދުވަސް ތެރޭގައި ކްލަބް އަޑިއަޅާލަފާނެ ކަމުގެ ބިރެވެ. މިއީ މިދިޔަ 16 ވަރަކަށް އަހަރަށް ބަލާއިރު ފެންނަން އޮތް މަންޒަރެވެ.

ދޭތެރެ ދޭތެރެއިން ވިޔަފާރިވެރިން ނުވަތަ އެފަދަ މީހުންގެ އެހީއާ އެކު، ޖޯޝް ހުރި ޒުވާނުން ނުކުމެ ކްލަބްތަކާ ހަވާލުވެ، ބޮޑު ހަރަދުތައްކޮށް އަހަރުން އަހަރަށް އެ ކްލަބް އެންމެ މަތީ ފަޑިއަށް އަރުވައިދެ އެވެ. އެކަމަކު ތިން އަހަރެއްހާ ދުވަސްތެރޭ ހިތްވަރު އެލި ނުވަތަ ކޮންމެވެސް އެހެން ސަބަބަކާ ހުރެ އެ ފަރާތްތައް ދުރުވެ ކްލަބް ވަރަށް ބޮޑަށް އަޑި އަޅާލަ އެވެ. މާޒީގެ މި ހަނދާންތައް އަނެއްކާ ވެސް އާވީ ނިއު ރޭޑިއަންޓާއި ވިކްޓަރީ ވަރުގަދަކުރުމުގެ މަސައްކަތް ފެށުމާ އެކު އެވެ. އެކަމަކު ނިއު އާއި ވިކްޓަރީން ވެސް ބުނަނީ ކްލަބް ހިންގާނީ ދެމެހެއްޓެނެވި އުސޫލުން ކަމަށެވެ. ކްލަބަށް އާމްދަނީ ލިބޭނެ މަގުތައް ކޮށާނެ ކަމަށާއި މި ފަހަރު މާޒީ ތަކުރާރުނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

.............

އައްޑޫ ވިޔަފާރިވެރިންތަކެއް 2001 ވަނަ އަހަރު ނިއު ލެގޫންސް ގަނެ އައިއެފްސީގެ ނަމަށް ބަދަލުކޮށްގެން ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ވަރަށް ވަރުގަދަ ޓީމެއް ބިނާކުރި އެވެ. ފައިސާގެ ގޮތުން އައިއެފްސީއާ ވާދަކުރެވޭނެ އެހެން ކްލަބެއް ނެތެވެ. އެކަމަކު އެ ފައިސާތައް ހަރަދުކުރާނެ ރަނގަޅު އޮނިގަނޑެއް ނެތި އެންމެ ފަހުން ފަހަރަކު މީހަކު ދުރުވަމުން ގޮސް އައިއެފްސީގެ ޒަމާން ދިޔައީ އެވެ. އޭގެ ފަހުން 2007 ވަނަ އަހަރު މަޝްހޫރު ވިޔަފާރި ކުންފުނި ވީބީން އެ ކްލަބާ ހަވާލުވެ ވީބީ ސްޕޯޓްސް ކްލަބުގެ ނަމުގައި ނުކުތީ މާ ވަރުގަދަކޮށެވެ. މާ ބޮޑެތި ހަރަދުތަކެއް ކުރި އެވެ. ކުރިން ރާއްޖެ ގެނެސްފައިނުވާ ފެންވަރުގެ ކުޅުންތެރިންނާއި ކޯޗުން ގެނަ އެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އެ ކްލަބް ވެސް ދެމި އޮންނަ ގޮތެއް ނުވި އެވެ. އެންމެ ފަހުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވެސް 2007 ވަނަ އަހަރު ކްލަބް ވެލެންސިއާއާ ހަވާލުވެވަޑައިގެން ފުރަތަމަ ދެ އަހަރެއްހާ ދުވަސް ތެރޭގައި ވަރަށް ބޮޑަށް ހަރަދުކުރެއްވި އެވެ. އަދި ކްލަބް ހިންގާނެ ގޮތުގެ ވަރުގަދަ ޕްލޭންތައް އިއުލާންކުރެއްވި އެވެ. އެކަމަކު 2009 ވަނަ އިސްތިއުފާ ދެއްވީ އެވެ. އޭގެ ފަހުން އެ ކްލަބަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އެކަމުން އަރައިގަނެވުނީ ވަރަށް ފަހުންނެވެ.

ވިކްޓަރީ އަށް ބަލާއިރު 2009 ވަނަ އަހަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް އެ ކްލަބުގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެން އޭރު ރާއްޖޭގެ ރެކޯޑް އަގުތަކެއްގައި ކުޅުންތެރިންގެ ސޮއި ހޯދައި ވަރުގަދަކުރި އެވެ. އެކަމަކު މާގިނަ ދުވަހު އެކަން ދެމި އޮންނަ ގޮތެއް ނުވި އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު، މަޖިލިސް މެމްބަރު އީވާ އަބްދުﷲ ވިކްޓަރީއާ ހަވާލުވެވަޑައިގެން ދުވަހުން ދުވަހަށް ވެސް އުއްމީދީ ބަދަލުތަކެއް ގެންނެވި އެވެ. ކްލަބުގެ ބޯޑުން ވެސް ފެނުނީ އުފާވެރި ކުލަވަރުތަކެވެ. އެކަމަކު ދެ އަހަރެއްހާ ދުވަސް ތެރޭ ހުރިހާ ކަމެއް ނިމި ވިކްޓަރީ ވަރަށް ބޮޑަށް ހާލުގައި ޖެހުނެވެ.

2014 ވަނަ އަހަރުގެ ދިވެހި ލީގުގެ އައްޑަނަ ނިއު ރޭޑިއަންޓުގެ އޭރުގެ ކެޕްޓަން އިމްރާން މުހައްމަދު އުފުލާލަނީ. --ފޮޓޯ: ނިއު ރޭޑިއަންޓް

ބީޖީ ސްޕޯޓްސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ އަހަރު ކަމަށްވާ 2013 ގައި ވަރަށް ބޮޑެތި ހަރަދުތަކެއް ކުރި އެވެ. ރާއްޖޭގެ މޮޅު ވަރަށް ގިނަ ކުޅުންތެރިންތަކެއް ގެނަ އެވެ. ކޯޗުގެ އަގުވެސް އެހާ ބޮޑެވެ. އެކަމަކު ފަހުން ފެނުނީ ވަރަށް އާދައިގެ ކޮށެވެ. އެންމެ ފަހުން މިދިޔަ އަހަރު އެ ކްލަބް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެވެ. އެއް ފަހަރާ އެވަރުގެ ހަރަދެއްނުކޮށް ކްލަބް ގިނަ ދުވަސްތަކެއްގައި ހިންގޭނެ ގޮތަކަށް ވިސްނުން ނުބެހެއްޓީ ކީއްވެތޯ ސުވާލު އުފެދުނެވެ.

ނިއު ރޭޑިއަންޓާ 2012 ވަނަ އަހަރު އަލީ ވަހީދު (ބަލަކް) ހަވާލުވެ އެ ކްލަބަށް މިހާތަނަށް ހޯދާފައިނުވާ ވަރުގެ ކާމިޔާބީތަކެއް ހޯދައިދެއްވި އެވެ. މަޝްހޫރު ކުޅުންތެރިން ގެނެސް 2013 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެވެ. އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. ކްލަބުގެ ދަރަނިތައް ސާފުކޮށް ކްލަބާއި ދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނަ އެވެ. ނިއު ހިންގާ މޮޑެލް ބަދަލުކޮށް ދުވަހުން ދުވަހަށް ކްލަބް ހިންގަން ބޭނުންވާ އާމްދަނީ ލިބޭނެ މަގުތައް އެކަޑަމީ މެދުވެރިކޮށް ހޯއްދެވި އެވެ. އެކަމަކު އަލީ ވަހީދު ކްލަބާ ދުރުވުމާ އެކު އެ ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ކްލަބް އިނދަ ޖެހުނީ އެވެ.

.............

ކޮންމެ ފަހަރަކު ވެސް ހަނީމޫން ނިމުމާ އެކު އެއްކަލަ ޖޯޝުގައި ތިބި ޗެއާމަނުން ކްލަބާ ދުރުވަނީ އެވެ. ފުޓްބޯޅަ އަށް އުފާވެރި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި މާޒީގެ އެ ވާހަކަތައް ދައްކަން ޖެހުނީ ވަގުތީ އުފަލަކަށް ވުރެ ދާއިމީ ބަދަލުތަކެއް ދިވެހި ފުޓްބޯޅައަށް ބޭނުންވެފައިވާތީ އެވެ. ތިން އަހަރެއްހާ ދުވަހު ކްލަބް ވަރުގަދަކޮށް އޮވެފައި، ޖެހިގެން އަންނަ ތިން އަހަރު ކްލަބް ބިކަވެފައި އޮންނަ ނަމަ ސަޕޯޓަރުންގެ އިތުބާރު ގެއްލޭނެ އެވެ. އަލުން ކުޅިބަލާ މީހުން ދަނޑަށް ވައްދަން އުނދަގޫވާނެ އެވެ.

"މިހާރު ކްލަބްތަކުން ދުވަނީ މުއްސަނދި މީހާ ފަހާ. އެ ހިސާބުން މުއްސަނދި މީހާ އޭގެ ބެނެފިޓް ނަގަނީ. އޭނާގެ އެ އޮންނަ އެދުން ފުދުނީމާ ކްލަބް ދޫކޮށްލާފައި ދަނީ،" ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ހިޔާލު ފާޅުކުރި އެވެ. "މީގެ ޒިންމާ ބޮޑެތި ކްލަބްތަކުން ނަގަން ޖެހޭ. ނިއު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާ އަށް ވިޔަފާރިވެރިންތަކެއް އައިސްފި. އެކަމަކު މި ހުރިހާ ދުވަހު ނެތް އިންވެސްޓްކޮށްފައި. އޭގެ ބަދަލުގައި ނުއަގުގައި ކުޅުންތެރިންނަށް ހަރަދުކުރަނީ. ތަށި ހޯދުމަށްޓަކައި ކުޅުންތެރިންގެ ފެންވަރަށް ނުބަލާ ހަމައެކަނި ނަމަށް ބަލާފައި ބުނި އަގެއް ދީފައި ގެންނަނީ. އެއްވެސް ކްލަބެއްގެ ވިސްނުމެއް ނުހުރޭ ލޯންގް ޓާމް އިންވެސްޓްމަންޓަކަށް. ވަގުތީ ކާމިޔާބަށް ވިސްނަނީ."

ކްލަބްތަކުން ރަނގަޅު އިންވެސްޓެއް ނުކުރާތަނުގައި ކުޅުންތެރިން ގެންނަނީ ވެސް އެންމެ ސީޒަނަކަށް ވިސްނުމަށް ފަހު އެވެ. ދިގު މުއްދަތަކަށް ކޮންޓްރެކްޓް ހަދައިގެން ނުވަތަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމެއް ނެތެވެ. އޭގެ އެންމެ ރަނގަޅު މިސާލެއް ފެންނަން އޮތީ ވެލެންސިއާ އިންނެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާ އިން ބޮޑު ހަރަދުތަކެއްކޮށް ޓީމު ވަރުގަދަކުރުމަށް ފަހު އެފްއޭ ކަޕް ކާމިޔާބުކުރި އެވެ. އެ ކާމިޔާބީއާ އެކު މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބުނުއިރު ވެލެންސިއާ ކޮބާ ހެއްޔެވެ؟ މިދިޔަ އަހަރު ރަނގަޅު ގޮތުގައި އެ ކްލަބުން ހޭދަކުރި ނަމަ ޔަގީނުން ވެސް އޭއެފްސީ ކަޕުގައި ރަނގަޅު ފައިޓެއް ދެވޭ ވަރުގެ ޓީމެއް އޮންނާނެ އެވެ.

ކްލަބް ވެލެންސިއާގެ ކުޅުންތެރިން މިދިޔަ އަހަރުގެ އެފްއޭ ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒީން ހިތްދަތި މަންޒަރެއް ދެއްކި ނަމަވެސް، ނިއު އާއި ވިކްޓަރީގެ އިސްވެރިން ވަނީ ކުރިމަގުގައި ފެންނަން އޮތީ އުފާވެރި މަންޒަރެއްކަމުގެ މެސެޖް މިހާރު ވެސް ދީފަ އެވެ. ދެ ކްލަބުން ވެސް ވަނީ މުސްތަގުބަލަށް ރަނގަޅު ބަދަލުތަކެއް ގެންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު ވެސް ވަނީ އެންމެ ބޮޑަށް ސަމާލުކަމެއް ދޭނީ ކްލަބް އަމިއްލަ ފައި މައްޗަށް ތެދުކުރަން ކަމަށް ވިދާޅުވެފަ އެވެ.

"ކްލަބުގެ ހިންގުން ވަރަށް ބޮޑަށް ރަނގަޅުކުރާނަން. އަދި ކްލަބަށް ފައިސާ ވެއްދޭނެ ގޮތްތައް ހޯދާނަން. ބޯޑުގައި ތިއްބެވީ ވެސް ނަމެއްގައި ތިބި ބަޔެއް ނޫން. އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ވޯކިން ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނީ. ބޯޑުގައި އެބަތިއްބެވި ފުޓްބޯޅައިގެ އާއި އިދާރީ އާއި ލީގަލް އަދި މާކެޓިން ދާއިރާގެ ތަޖުރިބާކާރުން." ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވަނީ ކްލަބަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކުރުމަށްޓަކައި ފުރަތަމަ ކަމަކަށް މާލޭގައި ކްލަބުގެ ކެފޭއެއް ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ ސަބަބުން ކްލަބަށް ފައިސާ ލިބުމުގެ އިތުރުން ސަޕޯޓަރުން ދެމެހެއްޓޭނެ އެވެ. ސަޕޯޓަރުން ދެމެހެއްޓުމަކީ ވެސް ކްލަބަށް އާމްދަނީ އިތުރުކުރެވޭނެ މަގެކެވެ. ދިވެހި ސިފައިންގެ ކްލަބުގެ ރައީސްގެ ގޮތުގައި ޒިޔާދު ވަނީ މީގެ ކުރިން މިސާލުތަކެއް ދައްކަވައިފަ އެވެ. އެ ކްލަބަކީ ވެސް ދެމެހެއްޓެނެވި ގޮތަކަށް، ކާމިޔާބު މޮޑެލަކަށް ހިންގި ކްލަބަކަށްވާތީ ޒިޔާދާ މެދު އުއްމީދުތަކެއް ކުރެވެ އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އާ ޗެއާމަން މުހައްމަދު ޒިޔާދު. --ފޮޓޯ: ނިޝާން އަލީ

ވިކްޓަރީގެ ޗެއާޕާސަން އިބްރާހިމް ނަޒީމް ވެސް ވިދާޅުވީ މިހާރުގެ ބޯޑް ކްލަބާ ވަކިވި ނަމަވެސް ކްލަބް ހިންގޭނެ ގޮތްތައް ތަނަވަސްކުރައްވާނެ ކަމަށެވެ.

"ކްލަބުގެ ހިންގުމަށް ބަދަލު ގެނެސް ކްލަބަށް އާމްދަނީ ލިބޭނެ ގޮތްތޮތާއި އިތުރު ސްޕޮންސަރުން ލިބޭނެ ގޮތް ހޯދަން ޖެހޭ. ބޯޑް ދިޔަޔަސް ކްލަބް ދެމެހެއްޓެނެވި ގޮތެއްގައި ހިންގޭނެ ގޮތްތައް ހޯދަން ޖެހޭ. ކްލަބަށް ފައިސާ ލިބޭނެ މަގު ތަނަވަސްކުރަން ޖެހޭ. ކްލަބާ ގުޅޭނެ ސްޕޮންސަރުން ހޯދަން ޖެހޭ. ކްލަބުގެ ސްޓްރެޖިކް ޕްލޭނަކާއި ބިޒްނަސް ޕްލޭނެއް އަޅުގަނޑުމެން ހަދާނަން،" ނަޒީމް ވިދާޅުވި އެވެ.

ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވެސް ވިދާޅުވީ ވިކްޓަރީން ވެސް ކުރީގެ ސިސްޓަމް ދޫކޮށްލުމަށް ފަހު ވިސްނަނީ ސަސްޓެެއިނެބަލްކޮށް ކްލަބް ހިންގުމަށް ކަމަށެވެ. އެކަމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލާނެ ކަމަށާއި ބޭނުންވަނީ ކްލަބަށް ހަރަދުކުރާނެ ފައިސާ ކްލަބުގެ މަސައްކަތުން ހޯދުން ކަމަށެވެ.

އެކަމަކު ފަޔާ ވިދާޅުވީ ކްލަބް ދަށްކޮށް އޮވެފައި އަލުން އަރައިގަންނަ އިރު ހަރަދުތަކެއް ވެސް ކުރަން ޖެހޭނެ ކަމަށާއި އަދި ކްލަބް ރަނގަޅު ގޮތުގައި ހިންގަން ސަޕޯޓަރުން ކްލަބަށް އަލުން ގެންނަން ޖެހޭއިރު އެކަން ކުރެވެން ވެސް އޮތީ ފައިސާ ހަރަދުކޮށްގެން ކަމަށް ވިދާޅުވި އެވެ.

"ހައި ޕްރޮފައިލް ކުޅުންތެރިން ނުލާ ނަތީޖާއަކާ ހަމަޔަށް ނުދާނެ. އަނެއްކާ ކްލަބަށް އެބަޖެހޭ ސަޕޯޓަރުން އަލުން ގެންނަން. އެކަމަށް އެބަޖެހޭ ފުރަތަމަ ކާމިޔާބު ހޯދަން. ޕްލޭންތައް ހަދައި އެއަށް އަމަލުލުރެވޭނީ ކްލަބް ރަނގަޅު ހިސާބެއްގައި އޮވެގެން. ދަށުގައި އޮވެފައި އެފަދަ ކަންތައް ކުރަން އުޅެގެން ނެގެޓިވް ފީޑްބެކް އަންނާނީ. އެހެންކަމުން އެބަޖެހޭ ފުރަތަމަ ގުރުބާނީތަކެއްވާން. ކްލަބް ރަނގަޅު ހިސާބަކަށް ގެންދިއުމަށް ފަހު ކްލަބް ދެމެހެއްޓެނެވި ގޮތައް ހިންގުމުގެ އަސްލު މަސައްކަތް ފެށޭނީ،" ފަޔާ ވިދާޅުވި އެވެ.

ވިކްޓަރީގެ އާ ޗެއާޕާސަން ނަޒީމް (ކ) އާއި ބޯޑް މެމްބަރު އަދި ކުރީގެ ކުޅުންތެރިޔާ ޝިނާ (ކ) އާއި ބޯޑް މެމްބަރު ތަރި އަނީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަނޑު ފަޅުކޮށް އޮތް ނަމަވެސް އަދިވެސް ކްލަބްތަކަށް ރަނގަޅު އަދަދުތަކުން ސްޕޮންސާ ލިބެ އެވެ. އޭއެފްސީ ކަޕުން ވެސް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އެފްއޭއެމުން ވެސް 2015 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ފައިސާ ދެ އެވެ. އަދި އިނާމް ފައިސާ ވަނީ ބޮޑުކޮށްފަ އެވެ. އެކަޑަމީ މެދުވެރިކޮށް ވެސް ފައިސާ ލިބޭނެ މަގު އެބައޮތެވެ. ސަރުކާރުގެ އެހީއާ އެކު ހުޅުވޭނެ އިތުރު ދޮރުތައް ވެސް އެބަހުއްޓެވެ. އެހެންކަމުން ރަނގަޅަށް ހިންގިއްޖެ ނަމަ ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަކީ ވަކި މީހަކަށް ބަރޯސާނުވެ، ކްލަބަށް ލިބޭ އާމްދަނީން ހިންގޭ ކްލަބްތަކަށް ހެދޭނެ އެވެ. ނިއު އާއި ވިކްޓަރީން އެ މިސާލު މި ފަހަރު ދައްކާނެ ކަމަށް ފުޓްބޯޅަ އާއިލާ އުއްމީދުކުރާނެ އެވެ!

9 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

14 January 2017

ވަރުގަދަ މެޗުކުޅޭ ދުވަސް ދުވަހު ކޮންމެވެސް މަސްހޫރު ސަލުމާނު ހާނުމެއްކަހަލަ ފިލުމުސްޓާރެއް ދަނޑަށް ވަންދަށްވި. އޭރުން ދަނޑް ފުރޭނެ. ރަގަޅު އާމްދަނީއެއްވެސް އެފްއޭއެމަށް ލިބޭނެ.

The name is already taken The name is available. Register?

ފިއުޗަރ

14 January 2017

ރާއްޖޭގައި މިއޮތީ ބިނާކުރަނަވި ވައްޓަފާޅިއެއްނޫން، އެގޭހާވެސް ކަމަކީ ފަނާކުރުން... ބިނާކުރަން އުޅެންޗާ ސަރުކާރުން އިސްނަގައިގެން ކީއްވާނީ ރަގަޅު ފެންވަރުގެ އެކަޑަމީއެއް އުފައްދައި އެތަނުން ތަމްރީނުދީ ހެދިއްޔާ. އެވަރުގެ ޚަރަދެއްކޮށް ރިސްކް ނަގަން ޖެހިލުންވަންޏާ ކީއްވާނީ އަހަރަކު 05 ސްކޮލާޝިޕް މިދާއިރާއިން ހުޅުވިއްޔާ. އޭރުން ބޭރު ފެންވަރު ރަގަޅު އެކަޑަމީއަކުން ތަމްރީން ހޯދައިގެން ބޭރު ކުލަބުތަކަށް ދިވެހިން ކުޅެތަންފެނި އެކަމަށް ދިވެހިންވެސް ފަޚުރުވެރިވާނެ.

The name is already taken The name is available. Register?

ފިއުޗަރ

14 January 2017

ދިވެހިންގެ ތެރޭގައި ކުޅިވަރުގެ ދާއިރާއެއް، ފިލްމީ ދާއިރާއެއް ނޯވޭ، ނަމަވެސް ވަރަށް ހުނަރުވެރި ދެޖިންސުގެ ޒުވާނުން އުޅޭ، ބޭނުން ވަނީ ރަގަޅަށް މިސްރާބު ދައްކާލެވޭނެ މާލިމީއެއް. ކެރިއަރެކޭ ކިޔޭނީ އޭގެންވެސް ދެކޮޅުޖެހޭ އާމްދަނީއެެއް ލިބިގެން އެހެންނޫންނަމަ ހަމަ އަރާއިރު އޮއްސޭނީ ފަޅިސިކުންތަކުން...

The name is already taken The name is available. Register?

ފިއުޗަރ

14 January 2017

ދިވެހިން ފުޓުބޯޅަކުޅެތަ؟ މަދެނަހުރި ކަމެއްނޫން ތިޔަކީ! އާން ފައިގެ ތަޅާކުޅޭ...

The name is already taken The name is available. Register?

ޑަބިޔާ

14 January 2017

މާލޭގެ ދެތިން ގްރޫޕެއްގެ ވާހަކަ މުޅިންވެސް އޮންނާނީ، މާލޭގަނޫނީ ފުޓުބޯޅަ ކުލަބު ނުހުންނަނީތަ، 80 ގެ ވިސްނުން މިއުޅެނީ.

The name is already taken The name is available. Register?

ސިލްވާން

14 January 2017

މާޒިޔާވަރުގެ ހިންގުންތެރި މެނޭޖް މަންޓްއެން އޮތް ކުލަބެއްނެތް! ހަޖަމު ނުވިޔަސް ތެދެއްވާނީ ހަމަ ތެދަކަން! ހިވެހި ފުޓްބޯޅައަން ފާގަތިކަން އައުން އެދެއް!

The name is already taken The name is available. Register?

ލުކްވެލް

14 January 2017

ރާއްޖޭގައި ފުޓް ބޯޅަ ވެސް އަދި އެހެން ކުޅިވަރު ތައް ވެސް ކުރި ނާރާނެ ރާއްޖޭގެ ފުޓް ބޯޅައިގެ ފަސްޓް ޑިވިޜަން ގައި ކުޅޭ ކްލަބްސް ތަކަށް މީހުން ކައިރިއަށް އާދޭސް ނުކޮށް ފަންޑް ލިބޭނެ ގޮތެއް ނަހަދާ. ސަބަބަކީ ސްޕޮންސަރ ޝިޕް އިން އެލިބޭ ފައިސާ ކޮޅަކުން އެކަން ނުވާނެތީއެވެ. ކަން މިހެން ހުުރުމުން މިކަމާއި މެދު ޔޫތު މިނިސްޓްރީން ވިސްނަންވީ އެވެ. މިގޮތުން ހުޅުމާލޭން ކޮންމެ ކްލަބަކަށް މަދުވެގެން ކުއްޔަށް ދޭންވީ މަހަކު އަކަފޫޓަކަށް ސަރުކާރަށް 1 ރުފިޔާ ދައްކާ ގޮތަށް 100 އަހަރުން ކުލި ހަމަވާނެ އުސޫލުން ކޮންމެ ކްލަބަކަށް 5 ހާސް އަކަފޫޓް ގެ ބިމެއް ހުޅުމާލޭން ދޭންވީއެވެ. ނުވަތަ ގުޅި ފަޅުން ދޭންވީ އެެވެ. ނުވަތަ ތިލަފުށިން ދޭންވީއެވެ. ނުވަތަ މާލެ ވިލިގިލީގައި މިހާރު އޮތް ފުޓް ބޯޅަ ދަނޑު ދޭންވީ ފަސްޓް ޑިވިޜަން ގައި އުޅޭ ހުރިހާ ކްލަބްސް ތަކަށް ބީއެމްއެލް އިން ލޯން ނަގައިގެން އެތަން 25 ބުރިއަށް އިމާރާތް ކޮށް ކުއްޔަށް ދޭން ޖެހޭނެ ކަން އެގްރިމެންޓް ކޮށް. އިމާރާތުގެ އެންމެ މަތީގައި ފުޓް ބޯޅަ ދަނޑެއް ހެދޭނެ އެވެ. ދެން 25 ވަނަ ފްލޯރގައި އިންޑޯ ކުޅިވަރު ކުޅޭ ކޯޓް ތައް ހެދޭނެއެވެ. ދެން ހުރި ހުރިހާ ފްލޯރސް ތައް އެޕާރޓްމަންޓް ތައް ހަދާ ކުއްޔަށް ދީ ލިބޭ ފައިސާ ފަސްޓް ޑިވިޜަންގެ ހުރިހާ ކްލަބްސް ތަކުގެ މެދުގައި ކޮންމެ މަހަކު ހަމަ ހަމަ އުސޫލުން ބަހާލީމާ ނިމުނީ އެވެ. މިބިލްޑިންގް ނިމެންވާ އިރަށް އަނެއްކާ ވިލިގިލީ ފަޅު ހިއްކައިގެން އެތަނުގައި އިންޑަސްޓްރިއަލް ޕާރކެއް ހަދާ އެޕާރކް ގައި ބިލްޑިންގްސް ތައް އަޅާ ކުއްޔަށް ދެވޭނެ ނޫންތޯ މިދެންނެވުނު އުސޫލުން. އެއިރަށް ފަސްޓް ޑިވިޜަން ކްލަބްސް ތައް ފުޓް ބޯޅައިގައި ކުރި ހޯދާނެއެވެ. ފައިސާ ނެތި ނުވާނެ އެއްވެސް ކަމެއް. ޚައިރާތު ފަންޑް އިން ފައިސާ ހޯދައިގެން ފުޓް ބޯޅަ އެއް ކުރި ނާރާނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

ލާމު

14 January 2017

ވިލިނގިލީގައި ހިއްކާނެ ފަޅެއް ނެތް.

The name is already taken The name is available. Register?

ދިސް

15 January 2017

ތިއީ އެއްވެސް ގައުމެއްގަ އަމަލުކުރާ އުސޫލެއް ނޫން. ތެދެއް ކުލަބުތަކަށް ނިސްބަތްވާ ސޮޕިން ކޮމްޕްލެކްސްތަކާ އެކަޑަމީތަކާ ހޮޓާތައް ހުރޭ. އެކަމަކު އެތަންތަން އެގައުމުގެ ސަރުކާރުތަކުން ހިލޭ ބަހަނީކީ ނޫން. މިފަދަ ތަންތަނާ ސްޓޭޑިޔަމްތައް ހަދަނީ ލޯނު ނަގައިގެން ބިން ގަނެގެން. ކުލަބަށޭ ކިޔާފަ ހުންނަ ބިމެއް ނުހުރޭ. އާމްދަނީ ހޯދޭނެ ބައިވަރު ގޮތަތައް އެބަ ހުރި. މިސާލަކަށް އެކަޑަމީ ހުޅުވާފަ ކޮންމެ ކުއްޖެއް އަތުން މަހަކު 500 ރުފިޔާގެ ފީއެއް ނެގީމަ ފައިސާ ލިބޭނެ. ހަމަ އެގޮތަށް ކުލަބަށް ނިސްބަތްވާ ފިހާރައެއް ނުވަތަ ކެފޭއެއް ކަހަލަ ތަނެއް ހުޅުވީމަ ކުލަބުގެ ސަޕޯޓަރުން އެތަނަށް ދާނެ. ފައިސާ ހޯދޭނެ ގޮތްތައް އެބަހުރި. ކަންކުރަންވެސް އެނގޭ. އެކަމަކު ރިސްކް ނަގަން ބޭނުން ނުވަނީ. ވިސްނުން ހުންނަނީ ހަމައެކަނި ކައިރި މުސްތަގްބަލަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454