އާމިރު ޚާން "ދަންގަލް"ގައި
15 ޖެނުއަރީ 2017 - 08:21
ހިންދީ ފިލްމުތަކަށް މިހާރު ދޭ ގިނަ އެވޯޑުތަކަކީ ފިލްމީ ތަރިން އެހާ ގަބޫލުކުރާ އެއްޗަކަށް ނުވެ އެވެ. ފިލްމު ފެއާ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކުރުމާ އެކު ވެސް ގިނަ ބަޔަކު ވަނީ އެވޯޑްގެ ފަނޑިޔާރުންނާއި އިންތިޒާމުކުރާ ފަރާތަށް ފާޑު ކިޔައިފަ އެވެ.
ފާޑުކިޔާ މީހުން ބުނަނީ މި އަހަރު އެވޯޑު ހައްގު ބަޔަކު މަޝްހޫރު އެވޯޑްތަކަށް އެންމެ ކުޑަމިނުން ނޮމިނޭޓް ވެސް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ތިން ފިލްމެއް ކާމިޔާބުކުރި އެކްޓަރެއް ހިމެނެ އެވެ. އަނެއް އެކްޓަރަކީ މިފަހަރު ނެޝަނަލް އެވޯޑު ހޯދާނެކަމަށް ބެލެވިފައިވާ ކުޅަދާނަ އެކްޓަރެކެވެ.
މި ނޫނަސް އެވޯޑު ލިބުން ހައްގު ވަރަށް ގިނަ ނަންތަކެއް ނޮމިނޭޓް ނުވުމަކީ އެވޯޑުތަކުގެ ސައްހަކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.
އަކްޝޭ (ވ) "އެއާލިފްޓް"ގެ ޑައިރެކްޓަރާއެކު
އަކްޝޭ ކުޅެފައިވާ ރޯލަކީ އެވޯޑު ހައްގު ރޯލަށް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް އޭނާއަށް މި ފިލްމުން އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން ނޮމިނޭޝަނެއް ހައްގެވެ. ސަބަބަކީ "އެއާލިފްޓް"ގައި އަކްޝޭ ދެއްކި ޕާފޯމަންސަކީ މިދިޔަ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޕާފޯމަންސަށް ވާތީ އެވެ. ޚާއްސަކޮށް އިރާގު ސިފައިން އޭނާގެ ޑްރައިވަރު މަރާލާ މަންޒަރުގައި އަކްޝޭގެ ޕާފޯމަންސް އާދަޔާޚިލާފަށް މޮޅެވެ،
ބައެއް އެވޯޑުތަކަށް ބައެއް ފަހަރަށް އާމިރު ޚާން ނޮމިނޭޓް ކުރިޔަސް އެންމެ ފަހަރަކުވެސް އޭނާއަށް އެވޯޑު ދޭނެ ކަމަކަށް އެއްވެސް މީހަކު އުންމީދު ކުރާނެ ވެސް ކަމެއް ނެތެވެ. އެވޯޑު ހަފުލާތައް އާމިރު ކަހަލަ އެކްޓަރުން ބޯއިކޮޓްކުރަނީ މިފަދަ ނާއިންސާފުން ހިނގާ ކަންތައްތައް ގިނަކަމުންނެވެ. އެންމެ ފަހުން ނުކުތް އާމިރުގެ "ދަންގަލް"ގައި އޭނާ ދައްކާފައިވާ ޕާފޯމަންސަކީ މީން ދުވަހަކު ވެސް އޭނާ ދެއްކި އެންމެ މޮޅު އެކްޓިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް އާމިރު އެވޯޑު ގަބޫލު ނުކުރާނެތީ އެވޯޑުތައް އޮގަނައިޒްކުރާ ފަރާތްތަކުން ވެސް އޭނާއަށް އެވޯޑު ދޭން ވިސްނާނެ ކަމަކަށް ނުބެލެވެ އެވެ.
"ދަންގަލް"ގައި އެންމެ މޮޅު ބައެއް އަދާކުރީ ގީތާ ޕޯގަޓްގެ ރޯލު ކުޅުނު ފާތިމާ އެވެ. ބައެއް ފަހަރަށް އާމިރު ޚާންގެ ޕާފޯމަންސަށް ވެސް ހިޔަނި އެޅޭ ވަރަށް ފާތިމާގެ އެކްޓިން މޮޅެވެ. ޚާއްސަކޮށް އެންމެ ފަހުގެ ބައިގަ އެވެ. ނަމަވެސް އެއްވެސް ކެޓަގަރީއަކުން އެއްވެސް އެވޯޑަކަށް ފާތިމާ ނޮމިނޭޓްވާނެކަމަށް ހީކުރުމަކީ ވެސް ގޯހެކެވެ. އެއަށްވުރެ އެވޯޑުތައް އިންތިޒާމްކުރާ ފަރާތްތަކުން އިސްކަން ދޭނީ ފިލްމީ ތަރިންގެ ރުހުން ހޯދުމަށެވެ. ނަމަވެސް ބެސްޓް ޑެބިއު އެވޯޑް ފަހަރެއްގައި އޭނާއަށް ލިބިދާނެ އެވެ.
މަނޯޖް ބަޖްޕާއީ "އަލީގަޅް"ގައި
ގިނަ ބަޔަކު ބުނަނީ އަހަރުގެ އެންމެ މޮޅު ޕާފޯމަންސެއް ދެއްކީ "އަލީގަޅް" އިން މަނޯޖް ބަޖްޕާއީ ކަމަށެވެ. އަދި އޭނާއަށް ނެޝަނަލް އެވޯޑުވެސް ހައްގުކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް އެވޯޑު ޝޯއެއްގައި އޭނާއަށް އެވޯޑު ލިބިފައެއް ނުވެ އެވެ. އަދި ނޮމިނޭޓް ވެސް ނުވެ އެވެ.
ތާޕްސީ ޕަންނޫ "ޕިންކް"ގެ މަންޒަރެއްގައި
އަމީތާބު ބައްޗަން "ޕިންކް" އިން ނޮމިނޭޓްވެފައިވާ ތަން ފެނުނެވެ. ހަމަ މި ފިލްމުން ކްރީތީ ކުލްހާރީ ބެސްޓް ސަޕޯޓީން އެކްޓަރުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވެ އެވެ. ނަމަވެސް އެއްވެސް އެވޯޑަކަށް ތާޕްސީ ޕަންނޫ ނޮމިނޭޓް ވެސް ނުވި އެވެ. އަލަށް ފިލްމު ކުޅޭ ތަރިން މޮޅު ނަމަ އެމީހުން އެވޯޑުތަކަށް ނޮމިނޭޓް ނުވާންވީ ސަބަބެއް ނެތެވެ. ނަމަވެސް ކަން ވަނީ އެހެނެއް ނޫނެވެ.
އަހަރުގެ އެންމެ މޮޅު ފިލްމުތަކަގެ ތެރޭގައި "ޕިންކް" ނޮމިނޭޓް ވެފައި ވިޔަސް އެއްވެސް އެވޯޑަކަށް އެ ފިލްމުގެ ޑައިރެކްޓަރު އަނިރުދަ ރޯއި ޗައުދަރީ ނޮމިނޭޓެއް ނުވެ އެވެ. އެއަށް ވުރެ މާ ފީކަޅާ ފިލްމުތައް އުފެއްދި ޑައިރެކްޓަރުން ނޮމިނޭޓްވެފައިވާއިރު އޭނާ ނޮމިނޭޓް ނުވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
މި ނޫނަސް ނޮމިނޭޝަން ހައްގު ވަރަށް ގިނަ ބަޔަކު ވަނީ ބާކީ ކުރެވިފަ އެވެ. އޭގެ ތެރޭގައި "ސަރަބްޖީތު" ގެ އެކްޓަރު ރަންދީޕް ހޫޑާ އާއި "ޕާޗްޑް"ގެ އެއް ބަތަލާ ތަނިޝްތާ ޗެޓަޖީ އަދި "އެއާލިފްޓް"ގެ ޑައިރެކްޓަރު ރާޖާ ކްރިޝްނާ މެނަން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރާ
15 January 2017
ދެން ފުޓުބޯޅަ އެވޯޑެއް ވިއްޔާ މެސީއާ ރޮނާލްޑޯ އަށް ދޭނީ... އެވެސް ކިހާ ހެއްވާ ކަމެއް؟؟؟
ލިއަލީ
15 January 2017
މީގެ އަހަރުތަކެއްކުރިން މަޝްހޫރު ސަތަރޭގެ ކައިރީގައި މީހަކު އެހި އެވޯޑް ޝޯތަކަކީ ފެއަރ ޝޯތަކެއްތޯ ނުވަތަ ފިކްސްޑް ޝޯތަކެއްތޯ. އޭގެ ޖަވާބުގައި ސަތަރޭ ބުނީ އޭނާ ޤަބޫލްކުރާގޮތުގައި އެއީ ފެއަރލީ ފިކްސްޑް ޝޯތަކެކޭ.
ލަކީ
15 January 2017
އެކަމަކު އާމިރު ޚާނަކަށްނު މިފަހަރު އެލިބުނީ. ޝާހުއަށް ދޭ އެއްޗެއްނަމަ މިފަހަރުވެސް ދިނީހެއްނު. ޝާހުއަށްވެސް ލިބެނީ އޭނައަށް ހައްގުވީމަ.
ތަމް
15 January 2017
ޝާހުރުކުްޙާނާއި ކަރަންޖޯހަރު އަމީތާބަށް އެވޯޑެއް ދެވުނީމަ އެހިސާބުން ނިމުނީ. ދެންތިބި މީހުންގެ އެކްޓިންގ ކިތަންމެ މޮޅަސް ޑިރެކްޓަރުން ކިތަންމެ މޮޅަސް އެވޯޑެއް ދިނުމަކީ ދެރަ ނިކަމެތި ކަމެއް ކަމަށް މިވަނީ.
ައަޒާން
15 January 2017
އަޖޭގެ ޝިވާައީ އެއީ އަހަރުގެ އެންމެ މޮޅު ފިލްމް..
ހަޤީޤަތަކީ
15 January 2017
ހަޤީޤަތަކީ ކޮންމެހެން އެވޯޑްދެނީ ޙައްޤުވާ މީހުންނަށް ނޫންކަމެވެ. އަމީތާބަށާއި، ޝާހް އަށް އެވޯޑް ދެވުނީމައި އެހިސާބުން އެނިމުނީއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އެމީހުންނަށް އެވޯޑެއް ދޭނެކަން ޔަޤީނެވެ. އެއީ އާނަމެއް ކިޔާ އެވޯޑެއް ހަދައިގެން ނަމަވެސް ހެވެ.
މަރުހަބާ
15 January 2017
ޚާއްޞަކޮށް ޝާހްރުޚް ޚާނަށް އޭނާގެ ފިލްމެއް ނުނުކުތަސް އެބަހުރި އޭނާއަށް އެވޯޑް ދީފައި.
މަގޭބުނީ
15 January 2017
މިކަން ބަލަން ހަވާލު ކުރަންވީ ރާއްޖޭގެ އޭސީސީ އަށް..... އޭރުން ކަމުގެ ހަޤީގަތް ފަޅާއަރާނެ.....
މެންޓަލިސްޓް
15 January 2017
އިންޑީޔާގެ ހުރިހާކަމެށްވެސް އޮންނާނީ ބޮލީވުޑްގެ ފިލްމް " އަންދާގާނޫން " ގައި އޮންނަގޮތަށް ،،، ދެން ރާއްޖެއާޢި އިންޑިޔާއާޢި ކަންކަމުގެ ވައްޓަފާޅިވަރަށް ގާތްވާނެ ،،،، އެއީ ދެބައިމީހުންގެ ޑީއެންއޭގައި ހުރި ގާތްކަމަކުން ދިމާވާކަމެށް ،، ނެޝަަނަލް ޖިއޮގްރޮފީގެ ޖީނޯމް ޕްރޮޖެކްޓްއިން ކުރިދިރާއަކުން އެނގުނީ ރާއްޖޭގެ އުޅޭމީހުންގެ %99 ޕަރސެންޓަކީ އިންޑީޔާ ދަރިފަސްކޮޅުގެ މީހުންކަމަށް ،،، ވަރަށްވެދުން
ޝުޖާ
15 January 2017
މެންޓަލިސްޓް. ތިޔަ ދިރާސާ ކިޔާލެވޭނެ ލިންކެއް ބުނެލަދީބަލަ. މިހެން މިބުނީ ކުރިން ހެދިފައި ހުރި ދިރާސާތަކުން، އެއް ވެސް ބައަކަށް މެޖޯރިޓީ ލިބިފައި ވާކަމަށް ނުދައްކާތީ.