20 ޑިސެމްބަރ 2022 - 16:18
މިދިޔަ އަހަރުގެ ޕީކް ސީޒަނާ އަޅާ ބަލާއިރު މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުން މަދު ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް 1.6 މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ތޮއްޔިބު ވިދާޅުވީ، މިދިޔަ އަހަރުގެ ޕީކް ސީޒަނަށް ވުރެ، މިއަހަރުގެ ޕީކް ސީޒަނުގައި އަންނަ ޓޫރިސްޓުން އަދަދު މަދު ކަމަށް ފެންނަ ކަމަށެވެ. އެ ބަދަލުތައް ފެންނަނީ މިދިޔަ އަހަރަށް ވުރެ، މިއަހަރު ދުނިޔެ ހުޅުވާލެވިފައި އޮތް ވަރު އިތުރުވެ، ދަތުރު ކުރާ މީހުންނަށް ގިނަ ޗޮއިސްތައް އޮތުމުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯލްޑް ކަޕާ ގުޅިގެން ވެސް ބައެއް ރިސޯޓުތަކަށް ޓޫރިސްޓުން އައުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެއީ މާބޮޑު ހާސްކަމެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
1.6 މިލިއަން ވަނަ ޓޫރިސްޓާ އެކު ނައިބު ރައީސް ފައިސަލް ނަސީމާއި ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމާޢި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ތޮއްޔިބު ފޮޓޯއަކަށް ހުއްޓިގެން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް ކަމަށެވެ. އަދި އަންނަ އަހަރު ވެސް އެ އަމާޒަށް ދިއުމަކީ އެންމެ ބޮޑު އުންމީދު ކަމަށާއި އަންނަ އަހަރަށް ރާއްޖޭގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށެވެ.
"އަޅުގަނޑުމެން އުންމީދާ އެކު މަސައްކަތްތައް ފަށާނީ ވަރަށް ރޭވުންތެރިކަމާ އެކު. އިރާދަކުރެއްވިޔާ އެ ހާސިލުވާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަހަރަކީ ވެސް ދުނިޔޭގެ އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި އަހަރެއް ނަމަވެސް، އެ އުނދަގޫތަކާ އެކު ވެސް ސަރުކާރުގެ އަމާޒު ހާސިލުވީ، އެންމެންގެ ބުރަ މަސައްކަތުން ކަމަށެވެ.
އެމްއެމްޕީއާރުސީއިން ރާއްޖެ ޕްރޮމޯޓު ކުރުމަށްޓަކައި ދުނިޔޭގެ އެކި ޓްރެވަލް ފެއާތަކުގައި ބައިވެރިވެ އެވެ. މި އަހަރު ވެސް ރާއްޖެ ޕްރޮމޯޓު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމްއެމްޕީއާރުސީއިން ވަނީ 88 މާކެޓިން ކެމްޕެއިންގައި ބައިވެރިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަދީމް އަހްމަދު
21 December 2022
ޕީކް ސީޒަނަކީ ކޮބައިތޯ؟ ސެޕްޓެމްބަރުން ފެށިގެން މާރޗް ނިމެންތޯ؟ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަސްތޯ. ހައިސީޒަން ފެށެނީ އޮކްޓޯބަރު މަހުން ފެށިގެން. އޮކްޓޯބަރު، ނޮވެމްބަރު ނިމި ޑިސެމްބަރު މަސް މިހިގަނީ. މި ދެ އަހަރު އަޅާކިޔާލާއިރު 2022 ސެޕްޓެ. - (ދަށް)، 2022 އޮކްޓޯ: - (އިތުރު)، 2022 ނޮވެމް - (އިތުރު) ހައި ސީޒަން ނުނިމެނީސް ދަށްކަމަށް ނިންމިދާނޭތޯ؟ ކޮންމެ ދުވަހަކުމެ އެއަރޕޯރޓް ވަނީ ފުރިފައި.