ފީފާގެ ރައީސް އިންފަންޓީނޯ، މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި: ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ފަހު އޭނާ ވަނީ ފުރާވަޑައިގެންފަ
28 ޑިސެމްބަރ 2022 - 22:16
ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިރޭ ފުރާވަޑައިގެންފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕްރައިވެޓް ޖެޓެއްގައި ރާއްޖެ ވަޑައިގެންނެވި އިންފަންޓީނޯ ޗުއްޓީ ހޭދަ ކުރެއްވީ އިތާފުށި ރިސޯޓްގައި ކަން އެނގިފައިވެ އެވެ. ލުބުނާންގެ ބޭކަނބަލާކާ ކައިވެނި ބައްލަވައިގެން އުޅުއްވާ އިންފަންޓީނޯ އާއެކު އޭނާގެ އާއިލާގެ ބައެއް މެންބަރުން ވެސް ވަޑައިގެންނެވި އެވެ. އެ އާއިލާ ފަސް ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވި އެވެ.
ޗުއްޓީ ހޭދަ ކުރެއްވި މުއްދަތުގައި އިންސްޓަގްރާމްގައި ފުޓްބޯޅައިގެ ވާހަކަތައް ހިއްސާ ކުރެއްވި ނަމަވެސް ޗުއްޓީ ދަތުރުގެ އެއްވެސް މަންޒަރެއް ސޯޝަލް މީޑީއާގައި ހިއްސާ ކުރައްވައިފައެއް ނުވެ އެވެ.
ރާއްޖެ ވަޑައިގެންނެވި ފަހުން އިންފަންޓީނޯ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއް: އެކަމަކު ޗުއްޓީ ހޭދަ ކުރެއްވި ގޮތުގެ އެއްވެސް މަންޒަރެއް އޭނާ ހިއްސާ ކުރައްވާފައެއް ނުވޭ
ގަތަރުގައި ނިމިގެންދިޔަ ވޯލްޑް ކަޕުގައި އިންފަންޓީނޯ އަށް ހުޅަނގުގެ މީޑީއާގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އެއީ ގަތަރުގައި ބައެއް ހައްގުތައް ހަނިކޮށް ވޯލްޑް ކަޕު ކުރިއަށް ގެންދިޔަ އިރު ވެސް އިންފަންޓީނީ އެކަމަށް ސަމާލުކަން ދެއްވާފައި ނުވުމުންނެވެ.
އިންފަންޓީނޯ، މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
އޭގެ ބަދަލުގައި އޭނާ ވަނީ ގަތަރުން ވޯލްޑް ކަޕަށް ވީ ތައްޔާރަކަށް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މުބާރާތަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ. އަދި ސްޓޭޑިއަމްތަކުގައި ބަނގުރަލާއި ބިޔަރު އާންމުކޮށް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުން އެކަން ދިފާއުކޮށް އޭނާ ވާހަކަ ދެއްކެވި އެވެ. ހުޅަނގުގެ ނުރުހުން އަމާޒުވި ނަމަވެސް ސަބަބުން އަރަބި އިސްލާމީ ގައުމުތަކުން އޭނާ އަށް ތައުރީފް ކުރި އެވެ.
އިންފަންޓީނޯ، މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
އަންނަ މާޗް މަހު ބާއްވާ ފީފާގެ އިންތިހާބުގައި ތިންވަނަ ދައުރަކަށް އިންފަންޓީނޯ ވަނީ ކުރިމަތި ލައްވައިފަ އެވެ. މާޗް މަހު ރުވާންޑާގައި ބާއްވާ ކޮންގްރެސްގައި އޭޝިއާ އާއި އެފްރިކާގެ ގިނަ ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުން އޭނާ އަށް ވޯޓް ދޭނެ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނަސް
29 December 2022
ބައްސާމު ބައްދަލުކުރަންފޮނުވި އީމެއިލަށްވެސް ރިޕްލައިނުކޮށްތަ ފުރައިގެން ދިޔައީ.. ޕުއާރ ބަސްއާމު
ފަގުޑި
29 December 2022
އިންފަންޓީނޯގެ ބައެއް ކޮރަޕްޝަންގެ މައްސަލަތައް ފީފާގެ ކޮމިޓީއަކުން ވަރައް އަވަހައް ބަލަންފަށާނެ.
ދިވެހި ސަޕޯޓަރުން
28 December 2022
އަޅެ ހެޔޮނުވާނެ ޓީނޯ. މިތާ އުޅޭ ބައްސާމަކާ ހެދި އަހަރެމެން ދިވެހި ފުޓުބޯޅަދެކެ ފޫހިވެއްޖެ. ގޮތެއް ހަދާ ދީބަލަ.
ގުދުގުދާބެއްޔާ
28 December 2022
ބައްސާމު ކޮންމެގޮތަކައް އުޅުނަސް އަހަރުމެންގެ ޒީރޯ ޓޮލެރެންސް ރަޢީސް އިބޫ އަށް ކަމެއްވެސް ކޮއްލަން ނުކެރޭ! ލަދުގަންނަން ޖެހޭނެ ޒީރޯ ޓޮލެރެންސޭ ކިޔަން!
ހިޔާލީ އަލީ
29 December 2022
އެފްއޭއެމް އަކަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރެވޭނެ އެއީ ފީފާއިން މަނާ ކަމެއް މިވަރު ގަމާރުން ކޮމެންޓު މި ކުރަނީ އިބޫ އޭ ފަޅޮލޭ ކިޔާފަ
ޒައިލް
28 December 2022
ފީފާއަށް ލިބުނު އެންމެ ބަރާބަރު ރައީސް.. ހުޅަނގުން އެއްޗެތިކިޔަނީ އެވެރިންގެ ޕަޕެޓަކަށް އޭނާ ނުވީމަ.. އެމީހުން ވޯޓު ނުުދިނަކަސް ހޮވޭނެ އިންޝާﷲ