ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޗެލްސީގައި ފެލިކްސްގެ ފުރަތަމަ މެޗުން ރަތް ކާޑް، ތިން މެޗަށް ސަސްޕެންޑް

ފީލިކްސް، ރަތް ކާޑަށް ފަހު ދަނޑުން ފައިބަން ދަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 13) - އެތުލެޓިކޯ މެޑްރިޑުން ލޯން އުސޫލުން ޗެލްސީ އަށް ބަދަލުވި ޔާއޯ ފެލިކްސް އެ ކްލަބްގައި ކުޅުނު ފުރަތަމަ މެޗުން ސީދާ ރަތްކާޑެއް ހޯދުމުން ތިން މެޗަށް އޭނާ ސަސްޕެންޑްކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާ ވާދަކޮށް 2-1 އިން ބަލިވި މެޗުގެ އެއް ދުސްސް ކުރިން ޗެލްސީ އަށް ބަދަލުވި ފޯވާޑަށް އެ ޓީމުގެ ކޯޗު ގަރަހަމް ޕޮޓާ ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.

އޭނާ އަށް ސީދާ ރަތް ކާޑު ދެއްކީ، 1-1 އިން ނަތީޖާ އެއްވަރު ވެފައި ވަނިކޮށް މެޗުގެ 58 ވަނަ މިނިޓުގައި ފުލަމްގެ ޑިފެންޑަރު ކެނީ ޓެޓް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މި ސީޒަންގެ ނިމެދެމް ޗެލްސީގައި މަޑުކުރަން ބަދަލޔވި ފެލިކްސް އަށް އާދިއްތަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފްތާގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ފެބްރުއަރީ ފުރަތަމަ ހަފްތާ އަމިއްލަ ދަނޑުގައި ފުލަމް އާ ދެކޮޅަށް ލީގުގައި ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ އެވެ.

ފެލިކްސް ފުލަމްގެ ޑިފެންޑަރަށް ފައުލް ކުރަނީ، އޭނާ އަށް ރަތް ކާޑު ދެއްކީ މި ޓެކުލް އަށް.-- ފޮޓޯ: އޭއެފްޕީ

ފެލިކްސް ވެފައި ވަނީ ޗެލްސީ އަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ހޯދި 22 ވަނަ ކުޅުންތެރިޔާއަށެވެ.

ރަތް ކާޑުގެ ކުރިން ޗެލްސީގެ ޑެނިސް ޒަކަރިއާ އަށް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. އަދި 73 ވަނަ މިނިޓުގައި ފުލަމް މޮޅު ކޮށްދިނީ ސްޓްރައިކަރު ކާލޯސް ވިނީޝިއަސް ބޮލުން ކާމިޔާބުކުރި ގޯލުންނެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެސް ފުލަމް އެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނިޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކުރިން ޗެލްސީ އަށް ކުޅުނު ވިންގާ، ވިލިއަން ބޯޖެސް އެވެ. އޭގެ އިރުކޮޅެއް ކުރިން ފުލްމަގެ ބޮބީ ޑިކޯޑޮވާ ރީޑް ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑިއަށް އަމާޒު ވިއެވެ.

ކާލޯސް ވިނީޝިއަސް ފުލަމް މޮޅު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ނަތީޖާ އެއްވަރު ކުރީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި، ޑިފެންޑަރު ކަލިދޫ ކުލިބާލީ ޖެހި ގޯލުންނެވެ. މިއީ މޭސަން މައުންޓް ފޮނުވާލި ހިލޭޖެހުމެއް ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު ލިބުނު ފުރުސަތެއްގައި ކާމިޔާބުކުރި ގޯލެކެވެ.

ޗެލްސީ ވަނީ އެންމެ ފަހުން އެޓީމު ކުޅުނު ތިން މެޗުން ވެސް ބަލި ވެފަ އެވެ. މި މެޗްގެ ކުރިން ލީގް ކަޕް ގައި މެންޗެސްޓާ ސިޓީ އަތުން ބަލިވިއިރު އޭގެ ކުރިން ލީގުގައި ވެސް ސިޓީ އަތުން ވަނީ ބަލި ވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ އެންމެ ދެ މެޗުންނެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ޕޮޓާ ބުނީ ޓީމުން ރަނގަޅު އެޓޭކްތަކެއް ކުރެވުނު ނަމަވެސް، ޑިފެންސް ކުރާއިރު ބޭސިކްސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ވަރަށް އިހުތިރާމާއެކު ބުނެލަން ބޭނުމީ، އަހަރެެން ބޮޑަށް މަސައްކަތް ކުރަން ވީ ޑިފެންސުގެ ބޭސިކު ތަކަށޭ،" މާޔޫސްކަމާ އެކު ޕޮޓާ ބުނެލި އެވެ.

"ދެވަނަ ހާފުގައި އަހަރެމެން ޖަވާބު ދިނިން ގޯލެއް ޖަހައިގެން އެކަމަކު ރަތް ކާޑުގެ ސަބަބުން އަހަރެމެންނަށް އުނދަގޫވި."

މެޗުން ބަލިވި ޗެލްސީ އޮތީ 18 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ތާވަލްގެ ދިހަ ވަނައިގަ އެވެ. ފުލަމް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް އެޓީމު ވަނީ 19 މެޗުން 31 ޕޮއިންޓް ހަމަކޮށްގެން ތާވަލްގެ ހަވަނަ އަށް ޖެހިލައިފަ އެވެ.

ފުލަމްގެ ކޯޗު މާކޯ ސިލްވާ ބުނީ ޗެލްސީއަކީ ބޮޑު ކުލަބެއް ކަމަށާއި ދެ ޓީމުގެ ބަޖެޓާ ވެސް އަޅާ ނުކިޔޭނެ ކަމަށެވެ. އަދި މެޗުން މޮޅުވުމަކީ ސަޕޯޓަރުންނަށް ވެސް ލިބުނު ބޮޑު އުފަލެއް ކަމަށާއި އެއީ އޭނާގެ ކުޅުންތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މީގެ އިތުރުން ސީޒަންގެ ބާކީ ބޮޑު ބައެއް އޮތުމާ އެކު އަދިވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

ފުލަމް މި މެޗު ކުޅުނީ އެޓީމުގެ އެންމެ މުހިއްމު ސްޓްރައިކައު އަލެކްޒެންޑާ މިޓްރޮވިޗް ނުލައެވެ. މި މެޗްގެ ކުރިން އެޓީމު ލީގުގައި ލެސްޓާ ސިޓީ ބަލިކުރި މެޗުގައި އޭނާ އަށް ދެއްކި ރީނދޫ ކާޑާ އެކު، ކާޑު ހަމަވެގެން އޭނާ ހުރީ ޗެލްސީ މެޗަށް ސަސްޕެންޑް ވެފަ އެވެ.

މީގެ ކުރިން ފުލަމް އެންމެ ފަހުން ޗެލްސީ ބަލިކުރީ 2006 ވަނަ އަހަރު މާޗު މަހު ކުޅުނު ޕްރިމިއާ ލީގު މެޗުގައި 1-0 އިންނެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454