ޒޯއީ ސަލްޑާނާ: އެވަޓާ 2 އާއެކު ޒޯއީ އަށް ބޮކްސް އޮފީސްގެ ތާރީހީ ރެކޯޑެއް
24 ޖެނުއަރީ 2023 - 07:04
މި ހަފްތާގައި ފިލްމުގެ ޖުމްލަ އާމްދަނީ ދެ ބިލިއަން ޑޮލަރު ހުރަސްކުރި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ އެއް ލީޑް، "ނޭޓިރީ" ގެ ރޯލުން ފެންނަ ޒޯއީ ސަލްޑާނާ އަށް، ތާރީހުގައި މިހާތަނަށް އެއްވެސް އެކްޓަރަކަށް ހާސިލްނުވެ އޮތް ބޮކްސް އޮފީސް ރެކޯޑެއް ލިބިއްޖެ އެވެ.
އެއީ މިހާތަނަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެންމެ ގިނަ ފިލްމުތަކުގައި އުޅުނު ހަމައެކަނި އެކްޓަރުގެ ލަގަބެވެ. މިއީ ހޮލީވުޑްގެ އިތުރުން މުޅި ދުނިޔޭގެ ފިލްމީ ތާރީހުގައި ވެސް ނުލިބޭ ޝަރަފެކެވެ.
އެވަޓާ ސީކުއެލްގައި ޒޯއީގެ ކެރެކްޓާ "ނޭޓިރީ"
"އެވަޓާ 2" އަކީ މިހާތަނަށް ސިނަމާގެ ތާރީހުގައި ދެ ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ބޮކްސް އޮފިސް އާމްދަނީ އެއް ލިބުނު ހަ ވަނަ ފިލްމެވެ. އެ ފިލްމުގެ އިތުރުން، މިހާތަނަށް އެންމެ ބޮޑު ބޮކްސް އޮފިސް އާމްދަނީ އެއް (2.9 ބިލިއަން ޑޮލަރު) ހޯދި، އެވަޓާގެ ފުރަތަމަ ބައިގެ މެއިން އެއް ކެރެކްޓަ ނޭޓިރީގެ ރޯލް ވެސް ކުޅުނީ ޒޯއީ އެވެ.
އެވަޓާ ދެ ފިލްމުގެ އިތުރުން ޒޯއީ ކުޅުނު ދެ ބިލިއަން ޑޮލަރުގެ ފިލްމުތަކަކީ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ "އެވެންޖާސް: އިންފިނިޓީވާ" (2.05 ބިލިއަން ޑޮލަރު) އަދި "އެވެންޖާސް: އެންޑްގޭމް" (2.7 ބިލިއަން ޑޮލަރު) އެވެ.
އެމްސީޔޫގައި ޒޯއީ ކުޅުނު "ގަމޯރާ" ކެރެކްޓާ
"އެވެންޖާސް"ގެ އެންމެ ފަހު އެ ދެ ފިލްމުގެ ލީޑު ރޯލަކުން ނުފެނުނަސް، ޒޯއީގެ ކެރެކްޓަ "ގަމޯރާ" ވަނީ މުހިންމު ރޯލެއް ދެ ފިލްމުގައި ވެސް އަދާކޮށްފަ އެވެ.
އެވަޓާ ސީކުއެލްގެ ތިން ވަނަ ފިލްމު ކުރިއަށް އޮތީ އެވެ. އެ ފިލްމުން ވެސް ޒޯއީ ފެންނާނެ ކަމަށް ގިނަ ބަޔަކު އަންނަނީ އުންމީދުކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާމިސް
24 January 2023
ފިލްމެއް ކާމިޔާބު ކުރަން ބޭނުންނަމަ ޒޯއީ ގައިގަ ކުލަޖައްސަންވީ
ޗަކޮއި
24 January 2023
100 ގެ ވާހަކައެއް