ސްޓޫޑެންޓް ލޯނުތައް އިއުލާނުކުރުމަށް ބޭއްވި ހަފްލާއެއް ކުރިއަށްދަނީ: ލޯނު ސްކީމުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައި. --ފޮޓޯ:މިހާރު
23 ޖެނުއަރީ 2023 - 12:49
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ސްޓޫޑަންޓް ލޯނު ސްކީމުތަކުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި މިހާތަނަށް ލޯނުތަކުން 187 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން އާންމު ކުރި، 2021 ވަނަ އަހަރުގެ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ލޯނުތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތަށް މަސައްކަތް ވެސް ކޮށްފައެއް ނެތެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެއްޖެ ނަމަ، އިތުރު ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ. އަދި އެ މުއްދަތުގައި ވެސް ފައިސާ ހޯދަން މަސައްކަތްކޮށް ނުލިބިއްޖެ ނަމަ، ލިޔުމުން އެކަން އަންގައި، އިތުރު ހަތް ދުވަސް ދޭން ޖެހެ އެވެ. އެ މަރުހަލާތަކަށް ފަހު ވެސް ފައިސާ ނުދައްކައިފި ނަމަ، މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހެ އެވެ. އަދި ޝަރީއަތަށް ގޮސް އެ ފައިސާ ދެއްކުމަށް އެންގުމުން ވެސް ފައިސާ ނުދައްކައިފި ނަމަ، ފިނޭންސް މިނިސްޓްރީއަށް އެކަން ހުށަހަަޅައިގެން ފައިސާއާ މެދު އަމަލު ކުރާނެ ގޮތެެއް ހޯދަން ޖެހެ އެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުން ލޯނުތަކުގެ ތެރެއިން ހަޔާ އެޑިއުކޭޝަނުން މެނޭޖުކުރާ ލޯނުތަކުގެ ތެރެއިން 105 މިލިއަން ރުފިޔާ ނުލިބި އެބަ ހުރި ކަމަށެވެ. މިނިސްޓްރީން މެނޭޖުކުރާ ލޯނުތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް އިންޓާނަލް ކޮންޓްރޯލުތައް ނެގުމުން ނުލިބިވާ އަދަދުގެ ސައްހަކަން ވެސް ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. ސްޓޫޑަންޓް ލޯނުތަކުގެ ތެރެއިން ދެން ނުލިބި ހުރީ، ބީއެމްއެލް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް ދޫކޮށްފައިވާ 2.9 މިލިއަން ރުފިޔާ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ އެކި ލޯނު ސްކީމުތަކަށް ބޭނުންވާ ފައިސާގެ ތެރެއިން 44 މިލިއަން ރުފިޔާ، ޕަބްލިކް ބޭންކް އެކައުންޓްތައް ނޫން އެހެން އެކައުންޓްތަކުގައި އެބަހުއްޓެވެ. އޭގެ ތެރެއިން 34 މިލިއަން ރުފިޔާ އަކީ އާންމުކޮށް ލޯނު ދޫކުރުން ހުއްޓާލާފައި ހުރި ހަތަރު އެކައުންޓުގައި ހުރި ފައިސާ އެވެ. އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ލަފާދީފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ ދައުލަތުން ހިލޭ އެހީގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ އިރު އެގޮތަށް ކިޔަވަމުން އަންނަ ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައެއް ނުވެ އެވެ. އަދި ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލުތައް ބަލަހައްޓާފައި ނެތް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެހެންވެ، މިހާތަނަށް ވަކިވަކި ފަރާތްތަކަށް ދޫކުރި އަދަދުތަކާއި ދޫކުރަން ޖެހޭ އަދަދުތައް ވެސް ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން "ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފަންޑު ދިނުން ހުއްޓާލަން ޖެހިފައިވާ ކުދިންނަކީ ކޮބައިކަމާއި އެފަދަ ދަރިވަރުންނާ މެދު ފިޔަވަޅު އަޅައި، ދިން ފައިސާ އަނބުރާ ހޯދަންޖެހޭ ކަން ނުވަތަ ނޫންތޯ ވެސް އެކަމާ ގުޅޭ މައުލޫމާތު ނުލިބުމުގެ ސަބަބުން ބެލިފައި ނެތް ކަމަށް އޮޑިޓްގައިވެ އެވެ.
އޮޑިޓް އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުން ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންނަށް މިހާތަނަށް ދައުލަތުން 141 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯނު
24 January 2023
ނުގަނޭ ލަދެއް. މި ގައުމުގަ ކަންތައް ވާގޮތް ކިޔަން ލަދު ގަންނަން ޖެހޭބާ? އަހަރެން ނެގި ލޯނެއް ވިއްޔާ މިދަނީ ދައްކަމުން.
ޝަކްޝޫކާ
24 January 2023
ލޯނު ދެއްކި ކުދިން، ދައްކަމުންދާ ކުދިން، އަދި ނުދައްކާ އުޅޭ ކުދިންގެ މަޢުލޫމާތު ޢާއްމުކުރަން ފެނޭ.
ޖ8ނޖ8ޖ8
24 January 2023
މިލިއަން ރުފިޔާ ނުލިބި އެބަހުރި/// 1. އެބައި ޖީއެސްޓީއިން ހޯދުން. 2. ލޯނު ނުދައްކާ ކުދިންނަށް މާފުދިނުން ނުލިބޭނެ ހާލަތު 3.ލޯނު ނުދައްކާ މީހުން ސިޔާސީ މީހެއް ފަހަތަަށް އެރުން
ޖަރީމާއެއް
24 January 2023
ލޯނު ނަގައިގެން ގޮސް ކިޔަވައިގެން އައިސް ދަރަނި ނުދެއްކުމަކީ ލޯނު ދެއްކި ކުދިންނަށާއި، ލޯނުއެހީ ނޫން ގޮތްގޮތުން ކިޔެވި ކުދިންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް. ލޯނު ނަގައިގެން އަރާމުގަ އުޅެވިއްޖެ؛ ބޭނުން ޔުނިވާސިޓީ އަކަށް ދެވިއްޖެ؛ ޗުއްޓީއަށް ބާލީއަށް ދެވިއްޖެ؛ ދެން އަިއސް ވެއްޖެއެއްނު ޒިންމާދާރުވެ އަނބުރާ ލާރި ދައްކައި މުސާރަ ހަލާލުކުރަން؟
ޝުމްރާޒް
24 January 2023
ހިލޭ ޑިގްރީގެ ދަފްތަރު ނުބެލެހެއްޓުން = އަޅެ މީ ކަރަޕްޝަނެއް ނޫންތަ؟ ނަން ވާނީ ޔާމީން!
ލޯނު
24 January 2023
187 މިލިޔަން ރުފިޔާ މާފުކޮށްލަދޭންވީނުން. އެޔަށްވުރެ ބޮޑެތި އަދަދުތައް ވެސް މާފުކޮށްދެނީ ހަމަ. ދެކޮޅު ނުޖެހޭ އެހެން ކަންތަައްތައްވެސް ކެމްޕޭނާ ގުޅުވައިގެން ކުރަނީ. 187 މިލިޔަން އެއީ ކޯޗެއްތަ
ގެރިން
24 January 2023
ލަދެއް ނުގަނޭތަ. ކިޔެވިކިޔެވީނުން ވެސް އެތިކްސް ދަހެއްނުވި ދޯ!
ހތހޔރ
24 January 2023
އިއްޔެ ދޫކުރި ހިލޭ ޑިގްރީ ލޯނުތަކުގެ ކަންކަން ނުބެލެހެއްޓި ހުރީމަ ސަރުކާރުން ކަންކަން ކުރަމުންދާ، ވިޔާނުދާ، ކަންފަސޭހަ ކަން ހާމަވޭ.. ތިޔަ މިނިސްޓަރު މިހާރުން މިހާރަށް ވަކި ކުރަން ގޮވާލަން.. މާ ފުއްޕާފަ ކޮންމެ މީހަކުވެސް މޮޅު ވާހަކަ ދައްކަނީ ވާކަމެއް ހަރާމް...
ލުތުފީބެ
23 January 2023
ދައުލަތުގެ އެންމެބޮޑު ޚިޔާނާތަކީ ދައުލަތަށް ލިބެންވާ ރައްޔިތުންގެ ފައިސާ ރައިސްމީހާ މާފު ކޮށްދިނުމަށް ލިބިދީފައިވާ ބާރވެރިކަން. ތަފާތުކުރުމާ ހިތުހުރި ގޮތަކަށް ހިތުހުރި ބަޔަކަށް ލުއި ކޮށްދިނުމުގެ ބާރު. އެކަކަށްވެސް މާފުކޮށްދޭނަމަ އެއަހަރު ދައުލަތަށް ފައިސާ ނުދެއްކިފައިތިބި އެންމެންގެ ފައިސާ މާފުކޮށްދެންވާނެ. އެހެންނޫނީ މިބާރު އަތުލަންޖެހޭ. ރީކޯމެން އެތިބެނީ މިހަކަލަ ނަފާ ނަގަން ކެމްޕޭނުކޮށްދޭން އައިސް.
އަބްޑޫޅް
24 January 2023
ދައުލަތަށް ލިބެންވާ، ރައްޔިތުންގެ ފައިސާއެއް ނުހުންނާނެ. ދައުލަތަށް ލިބެންވާ ފައިސާ އަކީ ދައުލަތުގެ ފައިސާ. ދައުލަތަކީ މަސްވެރިންގެ ކޮމެޓީއެއްނޫން، އަންހެނުންގެ ކޮމެޓީ އެއްވެސް ނޫން. އޮފީހު ނުވަގަޑީސައިގެ ޗަންދާ ފަންޑެއް ނޫން. ކުލަބެއް ޖަމުއިއްޔާއެއްވެސް ނުމެ ނޫން. ދައުލަތަކީ ފުރަބަންޑާރަ.
ލިތުފީބެ
24 January 2023
އަބުޅޯބެ އަދި އޮޅުން ފިލުވާދެވޭތޯ ބަލާނަށް. ދައުލަތަކީ ވަކިވައެއް. ޜައްޔިތުންނަކީ ވަކިބައެއް. ރައްޔިތުންގެ މުދަލާ ފައިސާ ހުންނާނީ ދައުލަތުގެ ބެލުމުގެ ދަށުގައި. ދައުލަތުގެ މުދަލެއް ރައްޔިތުމީހާގެ އަތުގައި ހުރެގެން ނުވާނެ. އެބަލަހައްޓީނީ ޢެއިރެއްގައި އޮންނަ ސަރުކާރަކުން. ސަރުކާރަކީ ދައުލަތް ހިންގުމާ ހަވާލުވެގެން ތިބޭވެރިން.
ބަލާވެރިކަން
23 January 2023
އަޖާއިބެއްނު. ކޮބައިތަ މިލިޔަނުން ޓެކްސް ނުދީ ތިބިމީހުން. ކޮބައިތަ އެމްއެމްޕީސީޢާރު ފައިސާނެގި މީހުން. އެމީހުން އަތުން ފައިސާ އަތުލަން ނުބުނެ ކީއްވެގެން ޢެހެން މީހުން އަތުން ފައިސާ އަތުލަން އަންގަނީ. ދޭނެކަމެއް ނެތް. ސަރުކާރުން ނަގޫ ބަނދެފައިތިބި ބުޅާތައް ކާނެވަރަކަށް ކާން ދީފައި ނުކައިތިބި ހިކަނދި ތައް ފެލައިލުން މިސަރުކާރަށް އޮތީ. ނުދޭނަށް ވޯޓެއް. ބޫންބޫން ގޮއްވަމުން އާދެވިދާނެ. ނުދޭނަށް. އެމްޑީޕީ އަކަށް ވޯޓެއް. ޙުވާ.
ލޮލަ
23 January 2023
ޑޮކްޓަރުންގެ ސްޓޫޑެންޓް ލޯން މާފު ކުރަން ޖެހޭ
ހަރާން ލާރި
24 January 2023
ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތޭ. ޑޮކްޓަރުންވެސް ކިޔެވީ އެހެން މީހުންވެސް ކިޔެވީ. ޑޮކްޓަރުން ވަކި ޚާއްސައެއް ނޫން! ކަލޭމެން ކިޔަވައިގެން އައިސް ރަނގަޅު ހިދުމަތެއް ދޭނަމަ އޯކޭ. އެކަމަކު ގަޑިއަކަށް އާދެވެނީކީ އެއް ނޫން، ހައެއްކަ ކުލިނިކުގަ އުޅެން ޖެހޭ.، އެހާ ބަސަމަގު ހުތުރު، ވާކު އެތިކްސް އެއް ނެތް. ދިވެހިން މާ ބޮޑު ކޮށްގެން އުލޭވަރު ބައެއް ނޫން ކަލޭމެންނަކީ. ލޯނު ދައްކާ!