މި އަހަރުގެ ޗެމްޕިއަން އޮފް ޗެމްޕިއަންސް ގައި ފެންމުތުގެ ޝަރަފް ހޯދި އިމްއާން (ކ) އާއި މެރާލް (ވ).-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން
29 ޖެނުއަރީ 2023 - 11:23
ޗެމްޕިއަން އޮފް ޗެމްޕިއަންސް 2023 ފެތުމުގެ މުބާރާތުން ފެންމުތުގެ ޝަރަފް އަލީ އިމްއާން އާއި މެރާލް އައިން ލަތީފް ހޯދައިފި އެވެ.
މިދިޔަ ހަފްތާ ބުދަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސް ސްވިމިންޕޫލުގައި ކުރިއަށް ގެންދިޔަ މުބާރާތުގައި ޖުމްލަ 62 ފެތުންތެރިން ވަނީ ވާދަކޮށްފަ އެވެ. އެއީ ފިރިހެން 28 ފެތުންތެރިންނާއި އަންހެން 34 ފެތުންތެރިންނެވެ.
އިމްއާން ވަނީ ހަތް އިވެންޓަކުން އެއް ވަނަ ހޯދައި، ދެ އިވެންޓެއްގެ ދެ ވަނަ ހޯދައިފަ އެވެ. އެއް ވަނަ ހޯދީ، 50 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ފްރީސްޓައިލް، 200 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިންނެވެ. ދެ ވަނަ ލިބުނީ 50 މީޓަރު ފްރީސްޓައިލް އަދި 50 މީޓަރު ބަޓަފްލައިސްޓްރޯކް އިވެންޓުންނެވެ.
އުމުރުން 12 އަހަރުގެ މެރާލް، ފެންމުތުގެ ޝަރަފް ހޯދީ ހަ އިވެންޓަކުން އެއް ވަނަ ހޯދައި، ދެ އިވެންޓެއްގެ ދެ ވަނަ އަދި އެއް އިވެންޓެއްގެ ތިން ވަނަ ހޯދައިގެންނެވެ. މެރާލް އެއް ވަނަ ހޯދީ، 400 މީޓަރު ފްރީސްޓައިލް، 50 މީޓަރު ބަޓަފްލައިސްޓްރޯކް، 100 މީޓަރު ބަޓަފްލައިސްޓްރޯކް، 200 މީޓަރު ބަޓަފްލައިސްޓްރޯކް، 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އެވެ.
މެރާލް އަށް ދެ ވަނަ ލިބުނީ 50 މީޓަރާއި 100 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ. އަދި ތިން ވަނަ ހޯދީ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ.
މިއީ ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުން އިންތިޒާމް ކުރި މި ސީރީޒްގެ ތިން ވަނަ މުބާރާތެވެ. އެންމެ ފުރަތަމަ 2021 ވަނަ އަހަރު ފެށި މި މުބާރާތުން އެއް ވަނަ ހޯދީ މުހައްމަދު އާން ހުސައިން އާއި ހަމްނާ އަހްމަދެވެ. އަދި މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މުހައްމަދު ރިހާން ޝިހާމް އާއި އައިޝަތު ސައުސަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތައްކާނުބެ
29 January 2023
މަރުހަބާ ދެކުދިންނަށްވެސް. ތިގޮތުގައި މަސައްކަތް ކުރަމުން ދާތި! ކުރިމަގުގައި އިތުރު ކާމިޔާބީއަށް އެދެން.