ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް (ވ) އާއި ރެއާލް ބެޓިސްގެ ސާޖިއޯ ކަނަލެސް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
02 ފެބުރުއަރީ 2023 - 11:18
ރެއާލް ބެޓިސް އަތުން 2-1 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ. ރެއާލް މެޑްރިޑް އޮތީ އެއް މެޗު މަދުން ކުޅެ 42 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މިރޭ އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން މޮޅުވެގެން ރެއާލަށް، ބާސެލޯނާއާ ފަސް ޕޮއިންޓަށް އަނެއްކާ ވެސް ގާތްކުރެވޭނެ އެވެ.
ރަށުން ބޭރުގައި ރޭ ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމަށް ލަނޑެއް ޖެހޭ ގޮތްވީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލް 65 ވަނަ މިނެޓުގައި ޖެހީ ރަފީނިއާ އެވެ. އަދި ދެ ވަނަ ގޯލް 80 ވަނަ މިނެޓުގައި ޖެހީ ރޮބަޓް ލެވޮންޑޮސްކީ އެވެ.
ބާސެލޯނާގެ ޖޫލްސް ކޫންޑޭ އަތުން 85 ވަނަ މިނެޓުގައި ބައިކޮޅަށް ލަނޑެއް ވަދެ ބެޓިސް އަށް ތަފާތުކުޑަކުރެވުނެވެ. ފަހު ވަގުތު އެއްވަރުކުރަން ބެޓިސް އިން ކުރި މަސައްކަތަށް ހުރަސް އެޅުނީ 90 ވަނަ މިނެޓުގައި ވިލިއަމް ކަވާލިއޯ އަށް ރަތްކާޑު ދެއްކުމުންނެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު މެޗެއް ފެނިގެން ދިޔަ ކަމަށާއި ކުޅުން ވަރަށް މޮޅު ކަމަށެވެ.
"އުނދަގޫ މާހައުލެއްގައި މޮޅު މެޗެއް މި ކުޅެވުނީ. އަހަރެން މިހިރީ އުފާވެފައި. ހަމައެކަނި ތިން ޕޮއިންޓް ލިބުނީމައެއް ނޫން. މޮޅަށް ކުޅުނީތީ ވެސް ވަރަށް އުފާވޭ،" ޒަވީ ބުންޏެވެ.
މިދިޔަ ދެ ތިން އަހަރު ފޯމު ދަށްވެފައި އޮތް ބާސެލޯނާ އަންނަނީ ޒަވީގެ ކޯޗުކަމުގައި ހަމަޔަކަށް އެޅެމުންނެވެ. އެ ޓީމުގެ ޓާގެޓާކީ 2019 ގެ ފަހުން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ލީގު ހޯދުމެވެ. ބާސެލޯނާ އިން ވަނީ ދާދި ފަހުން ވާދަވެރި ރެއާލް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy