05 ފެބުރުއަރީ 2023 - 11:51
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެއް ގައުމުން ހައްޔަރުކޮށްފައިވާ އަނެއް ގައުމުގެ އަސީރުން ބަދަލުކުރުމަށް ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކަށް ފަހު، އިއްޔެ ދެ ގައުމުން އަސީރުން ބަދަލުކޮށްފި އެވެ.
ޔޫކްރޭންގެ ރިއާސީ ގަނޑުވަރުން ބުނި ގޮތުގައި ރަޝިޔާ އިން ހައްޔަރުކޮށްފައިވާ ޔޫކްރޭން ސިފައިންގެ ތެރެއިން 116 މީހަކު އިއްޔެ ރަޝިޔާ އިން ވަނީ މިނިވަންކޮށްފަ އެވެ. މިނިވަންކުރި 116 އަސީރުންގެ ތެރޭގައި، ރަޝިޔާ ސިފައިން ހިސޯރުކުރި މަރިއުޕޯލް އިން އަތުލައިގަތް ސިފައިންނާއި، ޚެރްސޯން ސަރަހައްދުން ހައްޔަރުކުރި ސިފައިންނާއި އިރުމަތީ ސަހަރެއް ކަމަށްވާ ބަޚްމުތު އިން ހައްޔަރުކުރި ސްނައިޕަރުންތަކެއް ހިމެނެ އެވެ.
މީގެ އިތުރުން، އިރުމަތީ ޔޫކްރޭންގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން އުޅެނިކޮށް ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި މަރުވި އިނގިރޭސި ވިލާތުގެ ދެ މީހެއްގެ ހަށިގަނޑު ވެސް، އިއްޔެ ވަނީ ޔޫކްރޭނާ ހަވާލުކޮށްފަ އެވެ.
⚡️116 Ukrainian POWs, bodies of foreign volunteers, returned to Ukraine in prisoner swap with Russia.
— The Kyiv Independent (@KyivIndependent) February 4, 2023
The released POWs include defenders of Mariupol, arrested partisans from Kherson Oblast, according to Andriy Yermak, head of the Ukrainian presidential office. pic.twitter.com/oo06R1ixhL
ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި ހަނގުރާމައިގެ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، ޔޫކްރޭނުން ހައްޔަރުކޮށްފައި ތިބި ރަޝިޔާ ސިފައިންގެ 63 މީހަކު އިއްޔެ ވަނީ އަނބުރާ ރަޝިޔާ އަށް އައިސްފަ އެވެ. އޭގެ ތެރޭގައި "ޚާއްސަ ކެޓަގަރީގެ" ބަޔަކު ވެސް ހިމެނޭ ކަމަށް ރަޝިޔާ އިން ބުންޏެވެ.
ޔޫކްރޭނާއި ރަޝިޔާ އިން ހަނގުރާމައިގެ އަސީރުން މި ބަދަލުކުރީ، އެމިރޭޓްސް ސަރުކާރު މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކަށް ފަހު އެވެ. އެމިރޭޓްސްއަކީ ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ، އަދި ރަޝިޔާ އަށް ދަތިކުރުމަށް އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދު ނުކުރާ ގައުމެކެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ރަޝިޔާ އިން މިނިވަން ކުރި، ހަނގުރާމައިގެ އަސީރުންގެ ތެރޭގައި ބަލި އަދި ޒަޚަމަވެގެން ފަރުވާ ދޭން ޖެހޭ ހާލަތުގައި ތިބި 23 މީހަކު ހިމެނެ އެވެ. އެހެންކަމުން އެމީހުން މިހާރު ތިބީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައި ކަމަށް ޔޫކްރޭނުން ބުނެ އެވެ.
މީގެ ކުރިން ވެސް ރަޝިޔާ އާއި ޔޫކްރޭނުން ވަނީ ތިން ފަހަރެއްގެ މަތިން، ހަނގުރާމައިގެ އަސީރުން ބަދަލުކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަޔާއި ޑިސެމްބަރު އަދި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މީގެ ތެރެއިން ސެޕްޓެމްބަރު މަހުގެ ތެރޭގައި 300 އަށް ވުރެ ގިނަ އަސީރުން ބަދަލުކުރި އެވެ.
ދެ ގައުމުން ހަނގުރާމައިގެ އަސީރުން ބަދަލުކުރި އިރު، ރަޝިޔާ ސިފައިން މިހާރު ވެސް ގެންދަނީ، ޔޫކްރޭންގެ އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ސަރަހައްދުގައި އޮންނަ ބަޚްމުތު ހިފުމަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި މިހާރު އެ ސަހަރު އޮތީ ހިސޯރު ކުރެވިފައި ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓީޓު
05 February 2023
އަސީރުން މިނިވަންކުރަައިރު އަބަދުވެސް ގިނައީ ޔުކްރޭނު މީހުން. ރަޝިއާގެ ކޮންމެ ބޮލަކަށް ޔުކްރޭނު 2 މީހުން ނުވަތަ އެއަށްވުރެ ގިނައިން އެބަ މިނިވަންކުރޭ!