މުހައްމަދު މަނިކު (ހުދު ގަމީހުގައި) 2005 ގައި ނަޝީދު (ކ) އަރިހުގައި.
11 ފެބުރުއަރީ 2023 - 03:01
އިބްރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގައި، ދިވެހިރާއްޖޭން 1965 ވަނަ އަހަރު އިސްރާއީލްގެ ދައުލަތް ބަލައިގަތުމުން، އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލެއްވި އެއް ލިޔުންތެރިޔާ، ހ. މަދަރުސާދޮށުގޭ ކުޑަ އަހުމަދު މަނިކުގެ މުހައްމަދު އަހުމަދު މަނިކު އުމުރުން 86 އަހަރުގައި އިއްޔެ ނިޔާވެއްޖެ އެވެ.
މުހައްމަދު މަނިކު ނިޔާވީ، ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އޭނާގެ ޖަނާޒާ ރޭ އާސަހަރާގައި ވަނީ ބާއްވައިފަ އެވެ.
މުހައްމަދު މަނިކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައިފުށު ބޮޑުބޭބެ އެވެ.
ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު އަދި ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު ޖަމީލް ދީދީ ހިންގެވި، ކުއްޅަވައްގޭ ކިލާހުން ދީނީ ތައުލީމާއި އަރަބި ބަސް ކިޔަވާ ވިދާޅުވެގެން، މުހައްމަދު މަނިކު ވަނީ އޭނާގެ އަމިއްލަ ގޭގައި، ނުރަސްމީކޮށް ގިނަ ބަޔަކަށް ކިޔަވައިދެއްވައިފަ އެވެ.
މުހައްމަދު މަނިކު އެންމެ ބޮޑަށް ފާހަގަކުރެވުނީ، އިނގިރޭސިންގެ އަތުން ރާއްޖެ އަށް މިނިވަންކަން ލިބުމާ އެކު، ދައުލަތެއްގެ ގޮތުގައި އިސްރާއީލް ބަލައިގަތުމުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އޭރުގެ ޒުވާނެއްގެ ގޮތުގަ އެވެ. އިސްރާއީލާ ގުޅުން ބަދަހިކުރި އިސްލާމީ ފުރަތަމަ ގައުމަށް ރާއްޖެވެ، އިސްރާއީލްގެ ސަފީރެއް ވެސް ރާއްޖެ ގެނައުމާ އެކު، އެކަމާ ދެކޮޅަށް ގަލަމީ ހަނގުރާމައެއް އިއުލާންކުރެވުނެވެ.
އެކަމާ އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވި ޖަމީލް ދީދީ ވަނީ ޔަހޫދީންނާ އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ޝަރުއިއްޔާ އިން ނެރޭ ޝުއުލާ މަޖައްލާގައި ލިޔުއްވައިފަ އެވެ. އަދި އެކަމުން ހިތްވަރު ލިބިގަނެ، ކުއްޅަވައްގޭ ކިލާހުން ނެރޭ އަލް ޖިހާދުގައި މަޖައްލާގައި މުހައްމަދު މަނިކު ވަރުގަދަ މަޒުމޫނެއް ލިޔުއްވި އެވެ.
އޭގެ ދެ އަހަރު ފަހުން، 1967 ގައި މަޝްހޫރު ހަ ދުވަހުގެ ހަނގުރާމައިގައިން އަރަބިން އަތުން އިސްރާއީލް ކާމިޔާބު ހޯދައި، އިރުމަތީ ގުދުސް ހިފައި، ގާޒާ ހިމެނޭ ހުޅަނގު އައްސޭރީގެ ސަރަހައްދާއި ގޯލާންގެ އުސްބިންތަކާއި މިސްރުގެ ސީނާ ފޭރިގަތުމުން ރާއްޖޭގެ މަސްރަހު އަނެއްކާ ވެސް ގޯސްވި އެވެ.
އެގޮތުން މުހައްމަދު މަނިކު ކުރިން ލިޔުއްވި މަޒުމޫނުގެ ކޮޕީތަކެއް މާލޭގެ މަގުތަކަށް އެޅި އެވެ. އަދި ޖަމީލް ދީދީ ވެސް ވަރުގަދަ ހުތުބާއެއް ދެއްވި އެވެ. އެ ދެ ކަންތައް ވެސް ނާސިރު ނެންގެވީ ސިޔާސީ ކަމެއްގެ ގޮތުގަ އެވެ. އެގޮތުން، ޖަމީލް ދީދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުއްވި އެވެ. އެއާ އެކު އެމަނިކުފާނު އިސްތިއުފާ ދެއްވި އެވެ.
މުހައްމަދު މަނިކަކީ، ނާސިރުގެ ދައުރުގައި ހިނގި އައްޑޫ ބަޣާވާތުގެ ތެރޭގައި، ސަރުކާރުން އެ އަތޮޅަށް ފޮނުއްވި މަންދޫބެއް ވެސް މެ އެވެ. އެގޮތުން އެ އަތޮޅާއި ފުވައްމުލަކުގައި ދުވަސްތަކެއްގައި ހުންނެވި އެވެ.
މީގެ އިތުރުން 1960ގެ އަހަރުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދެ އަތޮޅުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ. އަދި ސަރުކާރުގެ ވަޒީފާ ވަރަށް ދިގު މުއްދަތެއްގައި އަދާކުރެއްވި އެވެ. އެގޮތުން ޕްރޮޕަޓީ އެންޑް އޯނާޝިޕް ޑިވިޝަނުން ފެށި ސަރުކާރުގެ ވަޒީފާގެ ދައުރު، ނިންމަވާލެއްވީ ޕަބްލިކް ހެލްތުގައި ވެސް ގިނަ އަހަރުތަކެއްގައި މަސައްކަތްކުރެއްވުމަށް ފަހު އެވެ.
އެކަމަކު މުހައްމަދު މަނިކުގެ އެންމެ ހާއްސަ މަސައްކަތަކީ ލިޔުންތެރިކަމެވެ. ރާއްޖޭގައި ނެރުނު ވަރަށް ގިނަ ނޫސް މަޖައްލާތަކަށް އޭނާ ދީނީ، ތާރީހީ ލިޔުންތައް ލިޔުއްވި އެވެ. އަދި ތާރީހު ދެ ފޮތެއް ވެސް ލިޔުއްވައި ޝާއިއުކުރެއްވި އެވެ. އޭގެ ތެރެއިން އެއް ފޮތަކީ އައްޑޫ ބަޣާވާތުގެ ހަނދާންތައް ހިމަނުއްވައިގެން ލިޔުއްވި ފޮތެކެވެ.
މުހައްމަދު މަނިކަކީ، ސިޔާސީ އިސްލާހީ ވިސްނުންތައް ގެންގުޅުއްވާ އަދި އެފަދަ ވާހަކަތައް ގާތް އެކުވެރިންނާ ދައްކަވާ ބޭފުޅެކެވެ. އެހެންވިޔަސް ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ފާޅުގައި އެހާ ބޮޑަށް ނުޅުއްވަ އެވެ.
އެކަމަކު، މުހައްމަދު މަނިކަށް ބޮޑުބޭބެ ވިދާޅުވީ ނަޝީދު، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އިނގިރޭސި ވިލާތުގެ ހިމާޔަތުގެ ދަށުގައި ހުންނެވުމަށް ފަހު 2005 ގައި ރާއްޖެ ވަޑައިގަތުމުން، މަރުހަބާ ދަންނަވަން މާލޭ ފާލަންދޮށަށް ވަޑައިގެންނެވި އެވެ. ނަޝީދު މާލޭ އެއްގަމަށް އަރާވަޑައިގަތީ މުހައްމަދު މަނިކުގެ އަތުގައި ހިފަހައްޓަވައިގެން ހުންނަވަ އެވެ. އަދި ނަޝީދު މާލެ ވަޑައިގެން، ސަޕޯޓަރުންނާ އެކު ރަށުތެރޭގައި ހިންގެވިއިރު، މުހައްމަދު މަނިކު ކުރީ ސަފުގައި ހުންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންދީ
11 February 2023
މައްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވައި އާޢިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި އާމީން!
ށަވިޔަނި
11 February 2023
اللهم اغفرله وارحمه واسكنه في الجنة آمين
ހަބަވިއަނި
11 February 2023
سش صثهين شصمذو شسم آمين