ކުޅިވަރު / ވޮލީބޯލް އެސޯސިއޭޝަން

ފުރަތަަމަ މެޗުގައި ރާއްޖެ އާއި ނޭޕާލްގެ ކުރިމަތިލުމެއް

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް އެމްވީ

މި މަހުގެ 27 ވަނަ ދުވަހު މާލޭގައި ފަށާ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލް ވާދަކުރަން ޖެހިއްޖެ އެވެ.

ތިން ޓީމުގެ މެދުގައި އޮންނަ މި ކޮލިފިކޭޝަން ގްރޫޕުން އެއް ވަނަ އަށްދާ ޓީމެއް ވާދަކުރަން ޖެހޭނީ އޭޝިއާގެ ފައިނަލް ބުރުގަ އެވެ. ރާއްޖެ އާއި ނޭޕާލްގެ އިތުރުން ސެންޓްރަލް ޒޯނުގެ މި ގްރޫޕުގައި ދެން ވާދަކުރަނީ އީރާން އެވެ. މެޗުތައް އޮންނާނީ ހަވީރު 5 ޖަހާއިރު އެވެ.

މުބާރާތުގެ މެޗުތައް:

- ރާއްޖެ - ނޭޕާލް (27 ޖެނުއަރީ 2016)

- ނޭޕާލް - އިރާން (28 ޖެނުއަރީ 2016)

- ރާއްޖެ - އިރާން (29 ޖެނުއަރީ 2016)

މި މުބާރާތުގެ އިންތިޒާމް ހަމަޖެއްސުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެކުލަވާލި ހިންގާ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ވޮލީބޯޅަ ކޯޗު މުހައްމަދު ޝަރަފް އެވެ. ވައިސް ޗެއާމަނަކީ އާދަމް ހަލީމެވެ.

މި މުބާރާތާ ގުޅޭގޮތުން މިއަދު ޒުވާނުންގެ މަރުކަޒު ސެމީނާ ރޫމުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ރާއްޖޭގެ ވޮލީބޯޅަ ތާރީހުގައި ލިޔެވިގެންދާނެ މުބާރާތެއް ކަމަށެވެ.

"ރައީސް ޔާމީން ފާއިތުވެ ދިޔަ ތިން އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވައިފި. މިއީ އޭގެ ސަބަބުން ފަހިވެގެންދާ ފުރުސަތެއް. ދިވެހި ރާއްޖޭގައި ފުރަތަމަ ބޭއްވޭ މި ފަދަ ބައިނަލްއަގްވާމީ މުބާރާތުގެ މަސައްކަތަށް ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރަން،" ލަތީފް ވިދާޅުވި އެވެ.

އަންހެން ވޮލީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

"ހާއްސަގޮތެއްގައި އަޅުގަނޑު އެންމެ އުފާވަނީ މިއީ އަންހެން މުބާރާތަކަށްވާތީ. ދިވެހި ރާއްޖޭގެ އަންހެން ވޮލީ ކުރިއަރާފައިވާވަރު ވަޒަންކޮށްލަން ލިބޭ ފުރުސަތެއް މިއީ. އަންހެން ވޮލީ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި. ކުޅުންތެރިންގެ ވިސްނުމާއި ކުޅުން ވެސް ވަރަށް ކުރިއަރައިފި،" ލަތީފް ވިދާޅުވި އެވެ.

އޭވީސީ ސެންޓްރަލް ޒޯންގެ ކޮލިފައިންއާ ގުޅޭގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--

މުބާރާތުގެ އިންތިޒާމްތަކާ ގުޅޭގޮތުން އިންތިޒާމް ކޮމިޓީގެ ފަރާތުން ޝަރަފް ބުނީ މި މުބާރާތުގެ ސަބަބުން ވޮލީ އާއިލާ އަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

"ހަގީގަތުގައި މިއީ ވޮލީބޯޅަ އާއިލާ އަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. ވަރަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ. ރާއްޖޭގެ ވޮލީބޯޅަ ރެފްރީންނާއި ޓެކްނިކަލް މީހުންނަށް މި މުބާރާތުގެ ތެރެއިން ގިނަ ފުރުސަތު ލިބޭނެ. މިއީ އަޅުގަނޑުމެން މުސްތަގުބަލަށް ބަލާއިރު ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމެއް،" ޝަރަފް ބުންޏެވެ.

މި މުބާރާތަށް ތައްޔާރުވުމަށް ލިބުނު ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ލިބުނު އެއްބާރުލުމާ އެކު ރަނގަޅު ފެންވަރުގައި މުބާރާތް ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝަރަފް ބުންޏެވެ.

"އެންމެންގެ އަމާޒަކަށް ވެފައި އޮތީ އަންނަ މާޗް މަހު އޮންނަ ފިރިހެން މުބާރާތަށް ތައްޔާރުވާން. އެހެން އެކަން އޮއްވާ ކުއްލިއަކަށް މި މުބާރާތް އައީ. އެކަމަކު އަޅުގަނޑު ދަންނަވާނީ އެ ލިބުނު ކުރު މުއްދަތުގެ ތެރޭގައި ވެސް ސަރުކާރުގެ އެއްބާރުލުމާ އެކު ރަނގަޅަށް މި މުބާރާތް ކުރިޔަށް ގެންދެވޭނެޔޭ،" ޝަރަފް ބުންޏެވެ. "މިއީ ދެން ހުރި މުބާރާތްތައް ބާއްވަން ލިބޭ ހިތްވަރަކާއި ލިބޭ ފިލާވަޅެއްގެ ގޮތުގައި ދެކުން މުހިއްމު."

އޭނާ ބުނީ މި މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބުނީ އެފްއައިވީބީ އާއި އޭވީސީން މުބާރާތްތައް ހޯސްޓްކުރަން ފުރުސަތުދޭ ގައުމުތަކުގެ މެޗު ކުޅޭ ކޯޓު ހުންނަން ޖެހޭ މިންގަނޑުތަކަށް ބަދަލު ގެނައުމުން ކަމަށެވެ. އަދި ކުރިން އެ ބަދަލު ގެނައި ނަމަ ރާއްޖޭގައި މީގެ ކުރިން ވެސް ބައިނަލްއަގްވާމީ މުބާރާތް ބޭއްވުނީސް ކަމަށް ޝަރަފް ބުންޏެވެ.

މުބާރާތުގައި ވާދަކުރާ ނޭޕާލާއި އިރާން ޓީމު މާލެ އަންނާނީ މި މަހު 25 ވަނަ ދުވަހު އެވެ.

ޔޫތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިޝަރު ހުސެއިން އަމީން ބުނީ ވީއޭއެމް އިން މި މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ހޯދައިދިނީތީ ޝަރުކާރުން އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ރާއްޖެ އަށް ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމުގެ ފުރުސަތު ވީއޭއެމް އިން ހޯދައިދިނުމުން އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ޔޫތު މިނިސްޓަރުގެ ހާއްސަ ބެއްލެވުމުގެ ދަށުން މި މުބާރާތުގެ ކަންތައްތައް ވީއޭއެމްއާ ގުޅިގެން އަޅުގަނޑުމެން ކުރަމުން މިދަނީ،" އަމީން ބުންޏެވެ.

މީގެ ކުރިން ރާއްޖޭގެ ވޮލީ މެޗުތައް ބެލުމަށް ސޯޝަލް ސެންޓަރު އެތެރެ ކޯޓަށް ވަންނަނީ ޓިކެޓެއް ނުގަނެ އެވެ. ނަމަވެސް މި މުބާރާތުގެ މެޗުތަކަށް ވަންނަން ޓިކެޓް ގަންނަން ޖެހެ އެވެ. މި މަހު 25 ދުވަހު ޓިކެޓް ވިއްކާ ގޮތަށް ވީއޭއެމް އިން ހަމަޖައްސާފައިވާއިރު، ޓިކެޓެއްގެ އަގަކީ 50 ރުފިޔާ އެވެ. ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުންނެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާުައަހުމަދު އަހުލާމު

22 January 2017

ޓކެޓް ނަގައީގެން އަވަނަކަށް މެޗް ބަލާކައް ނުވަންނާނަން

The name is already taken The name is available. Register?

އިސްމާއިލް

18 January 2017

ކުރިން ޓިކެޓު ނުނަގާވަންނަ ވާހަކަ ރަނގަޅެއްނޫން. ނިއު ވެލެންސިއާ ފަދަ ޓީމުތައް ކުޅުނު ދުވަސްވަރު ޓިކެޓު ނަގައިގެން މާގިނަ ސަޕޯޓަރުންވެސް ދޭ. މާފޯރިވެސް ގަދަ އޭރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454