ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ކާއްޓޭ: އޭނާ ބުނީ ކުރިއަށް އޮތް ފޯ ނޭޝަން މުބާރަތަކީ ރާއްޖޭގެ ވޮލީ ބަދަލުކޮށްލަން ލިބޭ ފުރުސަތެއް ކަމަށް
20 ފެބުރުއަރީ 2023 - 11:10
ބުރާސްފަތި ދުވަހު ރާއްޖޭގައި ފަށާ ފޯ ނޭޝަންސް އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތަކީ ރާއްޖޭގެ ވޮލީގެ ތާރީހު ބަދަލުކޮށްލަން ލިބޭނެ ފުރުސަތެއް ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްމާއީލް ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ހިމެނޭ، މި މުބާރަތަށް ރާއްޖެ އަންނާނީ މެލޭޝިއާ އާއި ސިންގަޕޫރުގެ އިތުރުން އަފްގާނިސްތާނެވެ. މެލޭޝިއާ އާއި ސިންގަޕޫރުން އަންހެން އަދި ފިރިހެން ޓީމު ވެސް އަންނާނެ އެވެ. އެކަމަކު އަފްގާނިސްތާނުން ވާދަކުރާނީ ފިރިހެން ޓީމު އެކަންޏެވެ.
ޓީމު އިވެންޓަކުން އިންޓަނޭޝަނަލް މުބާރާތެއްގައި އަމިއްލަ ފަސް ގަނޑުގައި ކުޅެގެން މިހާތަނަށް ރާއްޖޭގެ ކުޅީވަރުގެ އެއްވެސް ޓީމަކަށް ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ. މިހާތަށް އެ ޓާގެޓާ އެންމެ ކައިރިޔަށް ދިޔައީ ގައުމީ ފުޓްބޯޅަ ޓީމެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 50 ފުރުން ފާހަގަ ކުރުމަށް ބޭއްވި ގޯލްޑަން ޖުބްލީ މުބާރާތުގެ ރާއްޖެއިން ވަނީ ލަންކާ އާ ދެކޮޅަށް ފައިނަލުގައި ކުޅެފަ އެވެ.
ތައިލެންޑްގައި މިހާރު ކުރިއަށްދާ ގައުމީ ވޮލީ ޓީމުގެ ޓްރޭނިން ކޭމްޕްގެ ތެރެއިން ގައުމީ ފިރިހެން ޓީމުގެ ޓްރޭނިނސް ސެޝަންގެ ތެރެއިން ކޯޗު ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ: ވީއޭއެމް
ކުރިއަށް އޮތް ފޯ ނޭޝަން މުބާރާތް ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފިނަ އެ ޝަރަފް ހާސިލު ކުރާ ފުރަތަމަ ކުޅިވަރަކަށް ވާނީ ވޮލީ އެވެ. ކުރިން ސީނިއާ ޓީމުގެ ހެޑް ކޯޗުކަން ވެސް ކުރި ކާއްޓޭ ބުނީ، ރާއްޖޭގެ ވޮލީގައި މިހާރު މަދުވަނީ އިންޑޯ ވޮލީން ރަން މެޑައްޔެއް ކަމަށެވެ. މި މުބާރާތަކީ އެކަން ފޫބައްދަން ރަނގަޅު ފުރުސަތެއް ކަމަށް ކާއްޓޭ ބުންޏެވެ.
"މި މުބާރާތް ކާމިޔާބުކުރެވިއްޖެނަމަ އެ ވާނެ ރާއްޖޭގެ ވޮލީގައި މޭކް ކުރެވޭ ވަރަށް ބޮޑު ހިސްޓްރީއަކަށް،" ކާއްޓޭ ބުންޏެވެ.
މުބާރާތުގެ ހަގީގީ ބޭނުމަކީ މި އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އަމާޒުކޮށްގެން ރާއްޖޭގެ ޓީމު ތައްޔާރު ކުރުން ކަމަށް ވީއޭއެމުން ބުނެ އެވެ. މުބާރާތް ކާމިޔާބުކުރަން އުންމީދު ކުރިޔަސް އެއީ ޗެލެންޖިން ކަމެއް ކަމަށް ކާއްޓޭ ދެކެ އެވެ.
އޭނާ ބުނީ މީގެ ކުރިން ގައުމީ ޓީމުން މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕެއްގައި އެ ގައުމާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅުނު ކަމަށެވެ.
"އެއީ ޓްރޭނިން މެޗުތަކެއް. އެ ޓީމުތަކުގެ ހަގީގީ ވާދަވެރިކަން ފެންނާނީ މިކަހަލަ މުބާރާތަކުން. ސިންގަޕޫރާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވާނެ. އަނެއްކާ އަޅުގަނޑުމެން މިފަހުން ބަލާލިރު މި ދެ ޓީމުގެ ތެރެއިން ކޮންމެ ވެސް އެއް ޓީމެއްގައި ޓެކްނިކަލް މަސައްކަތްތަކެއް އެބަ ކުރޭ ރާއްޖޭގެ ކުރީގެ ކޯޗު ސުންޓޮން ފޮސީޓާ،" ކާއްޓޭ ކިޔައި ދިނެވެ.
ސެންޓްރަލް ޒޯން 2015 ގެ މުބާރާތުގެ ފައިނަލަށް ރާއްޖެ ގެންގޮސް ދިން ކޯޗު، ފޮސިޓާ އާ ބެހޭގޮތުން ކާއްޓޭ ބުނީ އޭނާ އަކީ އިދިކޮޅު ޓީމުގެ ފެންވަރަށް ބަލައިގެން މެޗުތަކަށް ޓީމު ތައްޔާރުކުރާ މޮޅު ކޯޗެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކޯޗު [ސުންޓޮން ފޮސީޓާ] އަކީ ކިހާ ފެންވަރެއްގެ ކޯޗެއްކަން. ރާއްޖޭގެ ވޮލީ ވަރަށް ރަނގަޅަށް އެނގޭނެ ކޯޗެއް. އެއީ ވެސް މި ޓީމުތަކާ ދެކޮޅަށް ކުޅެން ރާއްޖެ އަށް އުނދަގޫ ވާނެ ސަބަބެއް،" ކާއްޓޭ ބުންޏެވެ.
ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗަކީ ބްރެޒިލްގެ ސާޖިއޯ ވެލޯސޯ އެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ކުރިން ވިދާޅުވީ ވެލޯސާ އާއެކު މިދިޔަ އެއް އަހަރު ވަންދެން ފިރިހެން ޓީމުން ކުރި މަސައްކަތުގެ ފައިދާ ކުރީ ކިހާވަރަަކަށް ތޯ، ކުރިއަށް އޮތް އިންޓަނޭޝަނަލް މުބާރާތުން ދެނެގަނެވޭނެ ކަމަށެވެ.
މި މުބާރަތަކީ އޭނާގެ ކޯޗު ކަމުގެ ދަށުން ގައުމީ ޓީމުން ކުރިމަތިލާ ފުރަތަމަ މުބާރާތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
20 February 2023
އެންމެ ސެޓެއް ވެސް ހޯދޭނެ ބާ؟؟ ހެހެހެހެހެހެހެ.
އެހެން
23 February 2023
ތިޔަފަރާތުން ސަޕޯރޓްކުރާ ކުޅިވަރަށް ވޮލީބޯޅަ ނުވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޤައުމު ތަމްސީލު ކުރާ ޓީމަކަށް ތިފަދައިން ހަޖޫ ޖެހުމަކީ ބަލިމަޑު ކަމެކެވެ. 17 ލަނޑުން ރާއްޖެ ބަލިވި ދުވަހުވެސް ދިވެހީން ތިބީ ޓީމާއެކުގައެވެ. ވަކި ކުޅިވަރެއް ވެގެނެއް ނޫނެވެ. ދިވެހިރާއްޖެ ތަމްސީލްކުރާ ދިވެހި ޤައުމީޓީމް ކަމުގައި ވާތީއެވެ. އެ ކުލުނު އެ ޝަރަފު އެ އިޙްތިރާމް ކޮންމެ ކުޅިވަރެއް ނަމަވެސް ޤައުމު ތަމްސީލްކުރާ ޓީމަށް އޮންނަންވާނެ ކަމުގައި ދެކެމެވެ.