ކުޅިވަރު / ދިވެހި ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން އުތީމު، ނާވައިދޫ އަދި ފޯކައިދޫ އަށް

އަލަށް މުބާރާތުގައި ވާދަކޮށް، ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އުތީމުން ޗެމްޕިއަން ތަށި އުފުލާލަނީ.-- ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ރޭ ކުޅުނު ފައިނަލް މެޗްތައް ކާމިޔާބުކޮށް، ހއ. އުތީމާއި ހދ. ނާވައިދޫ އަދި ށ. ފޯކައިދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި އުތީމުން ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފިއްލަދޫއާ ވާދަކޮށް ފަހަތުން އަރައި 2-1 އިން ކާމިޔާބު ކޮށްގެންނެވެ.

ނާވައިދޫ އިން ހދ. އަތޮޅު ޗެމްޕިއަންކަން ދިފާއު ކުރީ ފައިނަލުގައި ނޭކުރެންދޫ 1-0 އިން ބަލި ކޮށްފަ އެވެ. ފޯކައިދޫ އިން ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމާ ވާދަކޮށް 2-2 އިން އެއްވަރު ވެގެން ޖެހި ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ.

ހއ. އަތޮޅު ފައިނަލްގެ ފުރަތަމަ ހާފު ނިމެނިކޮށް ފިއްލަދޫ އިން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު ޖަހައިދިނީ އަބްދުﷲ އިހުވާން އެވެ. ދެ ވަނަ ހާފު ފެށިތަނާ އުތީމަށް އެއްވަރު ކޮށްދިނީ ރިޝްވާން އިބްރާހިމް ރަޝީދެވެ. އުތީމު މޮޅުވި ލަނޑު ޖަހައިދިނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު އައިހަމް އެވެ. މި އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ފިއްލަދޫގެ މުހައްމަދު ހުސާމް އަށެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވަށަފަރުގެ ސާޖިދު ރަޝީދެވެ.

މިއީ އުތީމުން ގޯލްޑަން ފުޓްސަލް މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީގައި އެންމެ ފާހަގަ ކޮށްލެވޭ އެކަކީ އެޓީމުގެ ކޯޗެވެ. އުތީމުގެ ކޯޗަކީ ފުޓްސަލް އާއި ފުޓްބޯޅައިގައި ވެސް ކާމިޔާބު ކުޅުންތެރިއެއް ކަމަށްވާ އަލީ ހައިސަމް (ޗުމްޕު) އެވެ.

ނާވައިދޫން ވަނީ ފަސްވަނަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައިފައި.

ފޯރިގަދަ ހދ. އަތޮޅުގެ ފައިނަލުގައި ނޭކުރެންދޫ ކޮޅަށް ނާވައިދޫން ޖެހި ހަމައެކަނި ލަނޑު، ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓެ) ގެ އެހީތެރިކަމާ އެކު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އަތޮޅު ގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ޝާއްޕެ އެވެ.

މިއީ ނާވައިދޫން އަތޮޅު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން ތަށި ހޯދީ 2016، 2018، 2019 އަދި 2022 ވަނަ އަހަރު އެވެ.

ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ފޯކައިދޫ.

ށ. އަތޮޅު ފައިނަލް ގައި އެންމެ ފުރަތަމަ ގޯލު ޖެހީ ކަނޑިތީމުންނެވެ. ކަނޑިތީމުގެ ކެޕްޓަން އިބްރާހިމް ނަދާދު (ކުޑައްޓޭ) ލީޑު ނަގައިދީފައި ވަނިކޮށް ފޯކައިދޫ އަށް އެއްވަރު ކޮށްދިނީ ހުސެއިން ފަޒީލް އެވެ. އެއަށް ފަހު ކުޑައްޓޭ ދެ ވަނަ ފަހަރަށް ކަނޑިތީމަށް ލީޑު ނަގައިދިނެވެ. ފޯކައިދޫ އަށް މިފަހަރު އެއްވަރު ކޮށްދިނީ މުސީރެވެ.

ޕެނަލްޓީގައި ފޯކައިދޫން ފޮނުވާލި އެއް ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒު ވިއިރު، ފޯކައިދޫ ކީޕަރު އަބްދުﷲ ތޯރިގު ވަނީ ކަނޑިތީމުން ފޮނުވާލި ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. ތޯރިގު މަތަކުރި ދެ ޕެނަލްޓީގެ ތެރޭގައި، ށ. އަތޮޅުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ކުޑައްޓޭގެ ޕެނަލްޓީ ވެސް ހިމެނެ އެވެ.

އަތޮޅު ޗެމްޕިއަން ޓީމުތަކަށް މުބާރާތުގެ ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ. ރާއްޖޭގެ ޗެމްޕިއަންކަން ލިބޭނީ އެ ބުރުން ކުރި ހޯދާ ޓީމަކަށެވެ.

އަތޮޅު ބުރުގައި ފައިނަލްގެ ދެ ޖާގަ ވެސް ޔަގީން ކޮށްފައިވާ އިތުރު އަތޮޅުތަކަށް ބަލައިލާއިރު، ރ. އަތޮޅުން އިނގުރައިދޫ އާއި ދުވާފަރުން ވަނީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ އެވެ. އދ. އަތޮޅުގެ ފައިނަލަށް މަހިބަދޫ އާއި މާމިގިލި ހޮވިފައި ވާއިރު، ލ. އަތޮޅު ފައިނަލް ގައި ބައްދަލުކުރާނީ އިސްދުއާއި ގަމެވެ. ގއ. އަތޮޅުގެ ފައިނަލް ގައި ބައްދަލު ކުރާނީ ނިލަންދޫ އާއި މާމެންދޫ އެވެ.

ގދ. އަތޮޅުގެ ފައިނަލަށް ވާދޫ ދަތުރު ކޮށްފައި ވާއިރު، ފައިނަލަށް ދާ ދެވަނަ ޓީމެއް މިރޭގެ މެޗްތަކަށް ފަހު ޔަގީން ވާނެ އެވެ. ހަމަ އެއާ އެކު ތ. އަތޮޅުގެ ސެމީ ފައިނަލް ދެ މެޗު ވެސް މިރޭ ކުޅޭނެ އެވެ. ފުރަތަމަ ފައިނަލް ގައި އޮމަދޫ އާއި ކިނބިދޫ ބައްދަލު ކުރާއިރު ދެވަނަ ސެމީ ގައި ބައްދަލު ކުރާނީ ތިމަރަފުށްޓާއި ވޭމަންޑޫ އެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި މުޅި އެކު 102 ރަށަކުން ބައިވެރި ވެފައި ވާއިރު، 242 މެޗު ކުޅޭނެ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާޓް ފެށީ ޗެރިޓީ ޝީލްޑް މެޗަކުންނެވެ. އެންމެ ފަހުގެ ދެ ޗެމްޕިއަނުންގެ މެދުގައި ޝީލްޑް މެޗް ކުޅެން ހަމަޖެހުނު ނަމަވެސް އެންމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ތ. ތިމަރަފުށްޓެވެ. އެހެންވެ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ޝީލްޑް މެޗުގެ ދެވަނަ ޖާގަ ދިނީ މިދިޔަ އަހަރުގެ ރަނަރަޕް ކ. ގާފަރަށެވެ.

އެންމެ ފުރަތަމަ ޝީލްޑް މެޗް 3-0 ގެ ފުރިހަމަ ނަތީޖާއަކުން ކާމިޔާބު ކުރީ ގާފަރުންނެވެ. ޝީލްޑް މެޗަށް ފަހު ޗެރިޓީގެ ގޮތުގައި 25،000 ރުފިޔާ ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް އަށް ހަދިޔާ ކުރި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454