އެވަޓާ 2: ޑިޖިޓަލް ރިލީޒްގައި އިތުރު ތިން ގަޑިއިރު
08 މާޗް 2023 - 12:13
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ޑިޖިޓަލްކޮށް ރިލީޒްކުރާ އިރު، އިތުރު ތިން ގަޑިއިރުގެ "ބޯނަސް" މަންޒަރުތައް ހިމަނަން ނިންމައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ސިނަމާތަކުގައި އެޅުވި "އެވެޓާ 2"ގެ ދިގުމިނަކީ ތިން ގަޑިއިރާ 12 މިނެޓެވެ.
"އެވެޓާ 2"ގެ ޑިޖިޓަލް ރިލީޒްގައި އިތުރު ކުރާ މަންޒަރުތަކުގައި ފިލްމު ކްރޫ އާއި ފިލްމު އުފެއްދި މީހުންގެ އޯޑިއޯ ކޮމެންޓްރީތަކާއި ކެމެރާ ފުރަގަހުގެ ވަރަށް ގިނަ މަންޒަރުތައް ވެސް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިލްމު މި މަހު 28 އިން ފެށިގެން "ޕްރައިމް ވީޑިއޯ"، "އެޕަލް ޓީވީ"، "ވޫޑޫ"، އަދި "މޫވީސް އެނީވެއާ" ފަދަ ޕްލެޓްފޯމުތަކުން ބެލޭނެ އެވެ. ޑިޖިޓަލްކޮށް ނެރޭ މި ފިލްމު "ޑޮލްބީ އެޓްމޮސް އޯޑިއޯ"އާއެކު "4ކޭ އަލްޓްރާ އެޗްޑީ" ގައި ބަލައިލެވޭނެ އެވެ.
"ޑިޒްނީ ޕްލަސް" އަދި "ބްލޫ-ރޭ" އަށް ވެސް "އެވެޓާ 2" އަންނައިރު، އެ ޕްލެޓްފޯމުތަކަށް ފިލްމު އަންނަ ތާރީހެއް އަދި ނޭނގެ އެވެ.
Avatar: The Way of Water will release on digital on March 28.
— Scott Gustin (@ScottGustin) March 7, 2023
The digital release will include 3 hours of bonus footage. No date has been announced for Blu-ray or Disney+. pic.twitter.com/C2kfodAylx
"އެވެޓާ: ދަ ވޭ އޮފް ވޯޓާ" ސިނަމާގައި އެޅުވިތާ، ތިން މަސް ދުވަހުގެ ތެރޭގައި ވަނީ ބޮކްސް އޮފީހުގައި ތިންވަނަ އަށް އެންމެ ގިނަ އާމްދަނީ ހޯދި ފިލްމުގެ ރެކޯޑު ހޯދައިފަ އެވެ. މިހާތަނަށް ޖުމްލަ 2.27 ބިލިއަން ޑޮލަރު ލިބިފައިވާ މި ފިލްމަށް، މި މަހު ބާއްވާ އޮސްކާ އެވޯޑުގެ ހަތަރު ނޮމިނޭޝަން ވެސް ލިބިފައިވެ އެވެ. އޭގެ ތެރޭގައި، އެންމެ މޮޅު ފިލްމަށް ދޭ "ބެސްޓް ޕިކްޗާ"ގެ އެވޯޑު ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy