ވިޔަފާރި / ދިރާގު

ދިރާގު ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށް އައިއެފްސީ އާއި އޭޑީބީން އިތުރު 30 މިލިއަން ޑޮލަރު

ދެ ވަނަ ފެސިލިޓީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިއެފްސީ އާއި އޭޑީބީ އަދި ދިރާގުގެ އިސްވެރިން. -- ފޮޓޯ: ދިރާގު

ދިރާގުގެ "ސީ.މީ.ވީ 6" ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އިތުރު 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ގެ ލޯން ފެސިލިޓީ އެގްރީމެންޓްގައި ސޮއިކޮށްފި އެވެ.

އައިއެފްސީ އާއި އޭޑީބީން ކުރިން ވެސް ލޯން އެހީ ދީފައި ވާއިރު މިއީ އެތަނުން ދޭ ދެ ވަނަ ލޯން ފެސިލިޓީ އެވެ. މިއާ އެކު މިހާތަނަށް ލިބުނު އެހީގެ ޖުމްލަ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ދިރާގުން މި ފައިނޭނެސިންގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކުރީ މި ދިޔަ އަހަރު އެވެ. އެ ފެސިލިޓީން 25 މިލިއަން ޑޮލަރުގެ އެހީ ވަނީ ލިބިފަ އެވެ. މި އެހީގެ ސަބަބުން ދިރާގުގެ ވާކިން ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ހަރަދުކޮށް ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދުމަށް މަގުފަހިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގުން ބުނީ އެ އެހީގެ ދަށުން 5ޖީ ހިދުމަތް ފުޅާކުރުމާއި އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް ފޯރުކޮށްދިނުމާއި އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި އައިއެފްސީ އާއި އޭޑީބީއާ އެކު ދެ ވަނަ ފެސިލިޓީގައި ސޮއިކުރުމަކީ ރާއްޖޭގެ "ސީ-މީ-ވީ 6" ސަބްމެރިން ކޭބަލް ސިސްޓަމްއާ ގުޅުވައިދޭނެ މުހިންމު އިންވެސްޓްމެންޓެކެވެ. "ސީ-މީ-ވީ 6" ކޮންސޯޓިއަމްގެ މެމްބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާއި ދެމެދުވާ ގިނަ އިންޓަނެޓް ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުގެ ސަބަބުން ބައިނަލްއަގުވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ، ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ، ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަގުފަހިވާނެ. މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ ތިމާވެއްޓާއި ސޯޝަލް އެންޑް ގަވާނަންސް ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލްކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް،" އޭނާ ވިދާޅުވި އެވެ.

އައިއެފްސީއިން ސްރީ ލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަލެހާންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުން ދިރާގަށް ކުރާ އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި އަދި އިތުބާރު ހިފޭ ކަނެކްޓިވިޓީ ގާއިމްވެ ހުރިހާ ފަރާތްތަކެއް ވެސް ޝާމިލްވާ ފަދަ ވިޔަފާރީގެ ކުރިއެރުން ބިނާވެ އެންމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ދާނެ އެވެ.

އޭޑީބީ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް ސުޒޭން ގަބޯރީ ވިދާޅުވީ އެ އެހީ އަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާއަށް އެ ބޭންކުން ދިން މިފަދަ ފުރަތަމަ އެހީ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ ކަނެކްޓިވިޓީ އިތުރަށް ފުޅާވެ ކުޑަ އަގެއްގައި ހަލުވި ކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނި ގޮތުގައި "ސީ-މީ-ވީ 6" ސަބްރެމިން ކޭބަލް ޕްރޮޖެކްޓުގެ ސަބަބުން ގްލޯބަލް އިންޓަނެޓް ހުޕާހައިވޭއާ ރާއްޖެ ގުޅާލައި، ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށްވުމަށް މަގުފަހިވެގެން ދާނެ އެވެ. އަދި އިންޓަނެޓްގެ ލެޓެންސީ ކުޑަކޮށް މިހާރަށް ވުރެ ފެންވަރު ރަނގަޅު އިންޓަނެޓުގެ ހިދުމަތެއް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރު ކޮށްދެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454