ރިޕޯޓް

އާއިލީ މައްސަލަތަކުގެ ހާއްޔެއްގައި ކުޑަ ދެ ކުދިން!

އާތިފާގެ ދެ ކުދިން: އެ ދެ ކުދިންގެ ކުރިމަގު ވަނީ ބަނަވެފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަބޫލުކުރަންވީ ކާކު ދައްކާ ވާހަކައެއް ކަމެއް ނޭނގެ އެވެ! މި މައްސަލައިގެ ތުހުމަތު އޮތް އަހުމަދު ސައީދު އާ ވާހަކަ ދެކެވިއްޖެ އެވެ. އެހެންވެ، ދާދިފަހުން ގެއިން ނެރެލި ކަމަށް ބުނާ އަންހެން މީހާ އާއި އޭނާގެ ދެ ދަރިން ދިރިއުޅޭ ކޮޓަރި އަށް މިހާރުގެ ނޫސްވެރިން އިއްޔެ ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ދިޔައީމެވެ.

އެއްވެސް އެއްޗެއް އެއްވެސް މީހަކު ނުބުންޏަސް، "މިހާރު"ގެ ނޫސްވެރިންނަށް ހަގީގީ މަންޒަރު މިއޮތީ ކުރިމަތިން ފެންނާށެވެ!

"'އަހުމަދު [ސައީދު] މަށޭ ކިޔައިގެން މީޑިއާގައި ހަމަ ތިހާ ދޮގު ހެދި،" މަރިޔަމް އާތިފާ އޭނާގެ ވާހަކަ ފެށި އެވެ.

އޭނާ އެނބުލި އެވެ؛ އަދި އޭރު އެނދުމަތީގައި ފޯނެއް ހިފައިގެން ތިބި އޭނާގެ ކުޑަ ދަރިންގެ ތެރެއިން ދޮއްޓަށް ހުރި ފަސް އަހަރުގެ ސަނާގެ ގައިގައި ކޮއްޓާލި އެވެ.

"ސަނާ ބުނެބަލަ، މަންމަ ނިދަނީ ބައްޕަ ކައިރިއަކު ނޫންތަ؟"

"ސަނާ އޭތް، މަންމަގެ ގައިގައި ވަޅި އެޅީ ކާކު؟"

"ސަނާ... ސަނާ އަށް އެނގޭނެ. ބައްޕަ ހަރަދު ކުރޭތަ؟"

ޖަވާބުގައި ސަނާ، "މަންމަ ނިދަނީ ބައްޕަ ކައިރީގަ"އޭ ބުންޏެވެ. "މަންމަގެ ގައިގައި ވަޅި އެޅީ ބައްޕައޭ" ބުންޏެވެ. އަދި "ބައްޕަ ރަނގަޅެއް ނޫނޭ" ވެސް ބުންޏެވެ.

ދަރިންގެ ކުރިމަތީގައި އާތިފާގެ ބަހުރުވަ ފެނިފައި، އިންޓަވިއުގައި ތިބި ނޫސްވެރިންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

އާތިފާގެ ދެ ދަރިއަކަށް އޭނާ އިހުމާލުވެގެން މިހާރު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް އެބަ ތިއްބެވެ. އެ ވާހަކައެއް އާތިފާ ނުދައްކަ އެވެ. އާތިފާގެ ނުރުހުމުގައި އެ ދެ ކުދިން ދައުލަތަށް ނެގީ ކޯޓު މެދުވެރިކޮށެވެ. އޭނާ ދަރިން އަނބުރާ ހޯދަން ދައުވާކޮށްގެން ވެސް، އޮތީ އިހުމާލުތަކުގެ މައްސަލާގައި ކާމިޔާބު ނުވެފަ އެވެ.

"ބޮޑު ދޮގުވެރިއެއް އެއީ."

"ވައްކަން ކުރާ ބޮޑު ވަގެއް އެއީ."

"މަށާ އިނދެގެން އަންހެނުން ފަހަތުން 24 ގަޑިއިރު ދުވުން ނޫން ކަމެއް އޭނާގެ ނެތް."

"މަގޭ ގައިގައި ވަޅި އެޅި. އެހާ ވަރަށް އަނިޔާ ކުރި. އޮރިޔާމުން ގެއިން ބޭރުކޮށްލި. އެއްފަހަރަކު ނޫން. އެތައް ފަހަރަކު. މިތިބަ ކުޑަ ދެ ކުދިން ގާތު އަހައިބަލަ."

އާތިފާ "މިހާރު" އަށް އިންޓަވިއު ދޭ އިރު، އޭނާ އާއި ސައީދުގެ ދަރިފުޅު ކައިރީގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިހުމާލާއި އަނިޔާގެ އެތައް މައްސަލައެއް

މީގެ ތިން ދުވަސް ކުރިން، ކުރީގެ ފިރިމީހާ ސައީދުގެ ގޭގައި ހުރި އޭނާގެ އެއްޗެހި ނެރެލުމުގެ މަހެއްހާ ދުވަސް ކުރިން ފެށިގެން އާތިފާ ދިރިއުޅެމުން އައީ ކުލީ ކޮޓަރިތަކުގަ އެވެ. އިއްޔެ ރެއާ ހަމައަށް އޭނާ ހުރީ ދުވާލަކަށް 400ރ. އަށް ދޭ ކުޑަ ކޮޓަރިއެއްގަ އެވެ. ކައްކައި ކެވޭ ގޮތަކަށް ހުރި ތަނެއް ނޫނެވެ. މުޅި ކޮޓަރިތެރެ އޮތީ އެކި އެއްޗެހިން ފުރާލައިފަ އެވެ. އެހާ ނުބައި ވަސް ވެސް ހުއްޓެވެ.

ސައީދުގެ ގެއިން ނުކުތީ އޭނާ ބުނާ ގޮތުގައި ސައީދު "ގަސްދުގައި" ކަރަންޓް ކަނޑާލީމަ އެވެ. އާތިފާ ތުހުމަތު ކުރާ ގޮތުގައި ސައީދު އެހެން ހެދީ އެ ގެއިން ނެރެ އެއްލާލުމުގެ ބޭނުމުގަ އެވެ. އޭގެ ފަހުން އޭނާ ކުޑަ ދެ ކުދިންނާ އެކު މި ބަދަލުވީ ތިން ވަނަ ތަނަށެވެ. ކޮވިޑްގެ ދުވަސްވަރު ވެސް ގެއިން ނެރެލުމުން 15 ދުވަސް ވަންދެން އުޅެން ޖެހުނީ ދަނާލުގެ ކޮޓަރިއެއްގަ އެވެެ. އެއީ އާތިފާ ބުނާ ގޮތުން ސަރުކާރުން އޭރު އޭނާ ބެހެއްޓި ތަނެވެ.

ސައީދާއި، މެދުރާއްޖެތެރޭގެ ރަށަކަށް އުފަން އާތިފާ ކައިވެނި ކުރީ 2018 އިގަ އެވެ. އޭރު އާތިފާ ބުނާ ގޮތުން، އެހެން މީހަކަށް ލިބުނު ސަނާގެ އުމުރުން ގާތްގަނޑަކަށް އަހަރެކެވެ.

"ވަރަށް ހާލުގައި ދަރިފުޅާ އެކު ކޮޓަރިއެއްގައި އުޅެނިކޮށް ސައީދުއާ ދިމާވީ. ކޮޓަރިއެއް ނެތް ހެއްޔޭ ބުނީމަ އޭނަ ގެންގޮސް ލީ މަގޭ ދަރިފުޅާ އެކު އޭނާ އުޅޭ ގެއަށް، އޭނާ އުޅޭ ކޮޓަރި އަށް. ދެން އެތާނގައި އުޅުނީ އޭނައާ އެއްކޮށް،" އާތިފާ ކިޔައިދިނެވެ.

"އެހެން ހުއްޓާ ސައީދު ވަރަށް ބޮޑަށް ބަލިވެގެން އިންޑިއާ އަށް ދިޔައީ. މަ އޭނަ އަށް ހުރިހާ ކަމެއް ކޮށްދިނީ."

އެކަމަކު އޭރު ސައީދު އިނދެގެން އުޅޭ އެހެން މީހަކު އެހެން ރަށެއްގައި ހުރެ އެވެ. އާތިފާ އަށް އެކަން އޮތީ ސިއްރު ވެފަ އެވެ. ކައިވެނި ކުރުމާ ހަމައަށް ވެސް އެކަން އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

އެ ދުވަހު އެ އެއްޗެހި ތިރިއަށް ބޭލީމަ މޮހައިދިނީ ވެސް ފުލުހުން. ފޮޓޯތަކުން ވެސް އެހެރަ ފެންނަނީ. ވާހަކަ މި ފެތުރުނީ އަޅުގަނޑު އޭނާ ގެއިން ބޭރުކޮށްލީއޭ ކިޔައިފައި: ސައީދު

ކައިވެންޏަށް އަހަރެއްވީ ތަނާ މައްސަލަތައް އުފެދިއްޖެ އެވެ. އާތިފާ ބުނި ގޮތުން އޭރު ހަގު ދަރިފުޅަށް އިނީ ބަލިވެ އެވެ.

"ކޮޅުފައިން ވެސް ތަޅަން ފެށީ،" އޭނާ ބުންޏެވެ.

ނަމަވެސް އާތިފާ އަށް އަނިޔާ ކުރާ ކަމަށް ސައީދު އިންކާރު ކުރެ އެވެ. އޭނާ ބުނާ ގޮތުން، އޭނާގެ އެއްވެސް ކުށުގެ ރެކޯޑެއް ނުވަތަ 14 ކައިވެނި ކުރިއިރު [ބައެއް މީހުން ތިން ފަށްވި އިރު ވެސް]، އޭގެ ތެރެއިން އާތިފާ ނޫން އެއްވެސް މީހަކު އެއްވެސް މައްސަލައެއް އެއްވެސް އިދާރާއަކަށް ހުށަހަޅައިފައެއް ނެތެވެ. ސައީދު ބުނާ ގޮތުން، މައްސަލަ ބޮޑުވީ އޭނާ މީހަކާ އިންނަން މީގެ މަހެއްހާ ދުވަސްކުރިން އުޅުނު ހިސާބުންނެވެ.

އެކަމަކު، ސައީދު މީހަކާ އިނުމަކީ މައްސަލައެއް ނޫން ކަމަށް އާތިފާ ބުންޏެވެ. މައްސަލަ އަކީ، "މަށަށް އަނިޔާކުރުމާއި ނަފުސާނީގޮތުން ބިރުދެއްކުން" ކަމަށް އާތިފާ ބުންޏެވެ.

އާތިފާގެ އެޕާޓްމަންޓުން އެއްޗެހި ނެރުނު އިރު ކުޑަ ދަރިފުޅު އިށީނދެލައިގެން (ކުދިންނާ އެކު އެފްސީޕީޑީގެ މުވައްޒަފެއް)

"ހަ އަހަރު މި ހޭދަކުރީ އަނިޔާގެ ތެރޭގައި. މިހާރު ވެސް މި ބުނަނީ އޭނަ އިންނާނެ މީހަކާ އިނދެގެން އުޅެންވީ. އެކަމަކު އަހަންނަށް އަނިޔާކުރުން އެއީ [އަހަރެން] އިންކާރު ކުރާ ކަމެއް،" އާތިފާ، 47، ބުންޏެވެ.

"މިއީ ފުރަތަމަ ފަހަރެއް ނޫން ގެއިން ނެރެ އޭނާ އެއްލާލި. ކޮވިޑްގެ ފުރަ ބަންދުގައި ވެސް މަށާ މަގޭ މި ދެ ދަރިން ގެއިން ބޭރަށް އެއްލާލީމަ ފުލުހުން އައިސް ދަނާލަށް ލީ. ކޮން ކަމެއް [އޭނަ] ނުކުރަނީ. އޭނާ އަކީ އަހަރެން އަމިއްލަ މަސައްކަތުން ހަރަދުކޮށްގެން ގެންގުޅުނު ފިރިހެނެއް. އެކަމަކު އެހާ އިހާނެތިކޮށް މަށަށް ހިތި މީހެއް. އެހާ އަނިޔާވެރިވި މީހެއް. އަހަރެންގެ ދަރިން ވެސް އެހާ އިހާނެތިކޮށް ނެރެ ބޭރުކޮށްލީ. ކިތައް ދުވަހު ރޮށި ދަމަން ހުއްޓާ އައިސް އެ އެއްޗެހި ފެން އެއްޗަށް އަޅާލީ. އަހަރެންގެ ގައިގައި ކޮޅުފައިން ތެޅީ. އަހަރެންގެ ގައިގައި ވަޅި ވެސް އެޅި. [ވައަތް ދައްކާލަމުން] މިހިރީ އެތަން."

"ފެންވަރަން ބަރަހަނާކޮށް ހުއްޓާ ފާހާނާ އިން ނެރެ ބޭރުކޮށްލި. ބުރުގާ ނާޅާ ހުއްޓާ ގެއިން ބޭރުކޮށްލި."

"އަނިޔާކުރާ ވަރުން ކެތްކުނުކުރެވިގެން އެއް ދުވަހު ބޭރުގައި ހުއްޓާ ޕޮލިހުން އައިސް ގަދަކަމުން ތަޅުދަނޑި އަތުލައިގެން ތިން ވަނަ ފްލޯ އަށް އަހަރެން ބަދަލުކުރީ ވެސް."

މައްސަލަތައް ބޮޑުވެ، ދެ މީހުން ވަރިވިތާ މިހާރު އަހަރަކަށް ވުރެ ގިނަވީ އެވެ. އެކަމަކު އާތިފާ ދިރިއުޅެމުން އައީ ސައީދު އަށް ލިބިފައި އޮންނަ 100 އެއްހާ އަކަފޫޓުގެ ތަންކޮޅެއް ހަ ބުރިއަށް ނަގައިގެން، އެ އިމާރާތުގެ ތިން ވަނަ ބުރީގަ އެވެ. ހަ ވަނަ ބުރީގައި އުޅެނީ ސައީދެވެ. އެކަމަކު އާތިފާ ބުނާ ގޮތުން ވަކި ފްލޯއެއްގައި އުޅުނަސް، އެ ގެއިން ނުކުތުމާ ހަމައަށް އޭނާ ނިދަނީ ސައީދުގެ ކޮޓަރީގަ އެވެ. އެ އިމާރާތުގެ ފްލޯތައް ކުޑަކަމުން ކުއްޔަށް ދޭން ފަސޭހަ ނުވާތީ އެހެން ބައެއް ފްލޯތައް ވެސް ހުރީ ހުހަށެވެ.

އާތިފާ މިހާރު ދިރިއުޅޭ ތަން ހުރި ގޮތް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރޯދަމަހު ސައީދު ވަނީ އާ ކައިވެންޏެއް ކޮށްފަ އެވެ. އެހެންވެ، ސައީދު ބުނާ ގޮތުން، މިއީ އޭނާ ބޭޒާރު ކުރުމަށް އާތިފާ ކުރާ ކަންތައްތަކެކެވެ. އާތިފާ ގެއިން ނެރެލީ ނޫން ކަމަށާއި، އޭނާ އެ ގެއިން ނުކުތްތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ސައީދު ބުންޏެވެ. އާންމުވެގެން އުޅޭ ފޮޓޯތަކަކީ، ފުލުހުންގެ ވެސް ހާޒިރުގައި، އަދި ފުލުހުން ތިބެގެން އޭނާގެ އެއްޗެހި ގެއިން ބޭރުކުރި ދުވަހުގެ ފޮޓޯތަކެއް ކަމަށް އޭނާ ބުންޏެވެ.

"އެ ދުވަހު އެ އެއްޗެހި ތިރިއަށް ބޭލީމަ މޮހައިދިނީ ވެސް ފުލުހުން. ފޮޓޯތަކުން ވެސް އެހެރަ ފެންނަނީ. ވާހަކަ މި ފެތުރުނީ އަޅުގަނޑު އޭނާ ގެއިން ބޭރުކޮށްލީއޭ ކިޔައިފައި،" ސައީދު ބުންޏެވެ.

އެކަމަކު އޭގެ ކުރިން ވަރަށް ގިނަ ކަންތައްތަކެއް މި ދެ މީހުންގެ ދޭތެރޭގައި ހިނގައިފި އެވެ. އޭގެ ސަބަބުން ކުޑަކުޑަ ދެ ކުދިން އެތައް ގަނައެއް ތެޅެފި އެވެ. އެ ދެ މީހުންގެ ހަމަލާތަކުގެ ސަބަބުން ހަގީގަތުގައި ޒަހަމްވެފައި ވަނީ އެ ދެ ކުދިންނެވެ. އެ ދެ މީހުންގެ ޒުވާބުގެ ތެރޭގައި އެ ތުއްތު ދެ ކުދިންގެ ބަހުރުވަ ހީވެސް ނުކުރާ ވަރަށް ގޯސްވެއްޖެ އެވެ.

އުޅޭތަނުން ފެނާއި ކަރަންޓް ކަނޑާލި، ދެން ގޮތެއް ނެތް

މި ހުރިހާ މައްސަލަ އަކީ ޖެންޑާ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އާތިފާ ބުންޏެވެ. މީގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ކޯޓުގައި ވެސް ހިނގަ އެވެ. ގެއިން އެއްޗެހިތައް ނެރުމުގެ ކުރިން، ގައިގައި ވަޅި އެޅި ފޮޓޯތައް ޖެންޑާ އަށާއި އެ މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އަދި ކޯޓުން ވަނީ ރައްކާތެރިކަމުގެ އަމުރެއް ވެސް ނެރެފަ އެވެ. އެއީ އާތިފާ އާއި ދަރިފުޅަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އަންގާފައި އޮތް އަމުރެކެވެ.

"އެކަމަކު ފުލުހުންނަކަށް ވެސް އަދި ޖެންޑާއަކަށް ވެސް އެއް ކަމެއް ވެސް ނުކުރެވޭ،" އާތިފާ ބުންޏެވެ.

އެންމެ ފަހުން ގެއިން ނުކުތީ، ތިން ވަނަ ފްލޯ އިން ކަރަންޓާއި ފެން ކަނޑާލައިގެން ކަމަށް އާތިފާ ބުންޏެވެ. މީގެ މަހެއްހާ ދުވަސް ކުރިން، ގޭގައި އުޅެނިކޮށް ކަރަންޓް ކަނޑާލުމުން، އެއީ ސައީދު ކުރި ކަމެއް ކަން ކަށަވަރު ވެގެން އޭނާ ސައީދަށް ގުޅި އެވެ. އަދި ފެނާއި ކަރަންޓު ކަނޑާލީ ކީއްވެތޯ އެހި އެވެ. ޖަވާބުގައި ބުނި ކަމަށް އާތިފާ ބުނަނީ އެއީ ސޯޓެއް ވެގެން ކަމަށެވެ. އެކަމަކު، އާތިފާ ސްޓެލްކޯ އަށް ގުޅައި ވީގޮތް ބެލިއިރު ކަރަންޓްގެ ނަރުތައް ހުރީ ބުރިކޮށްލައިފައި ކަމަށް އާތިފާ ބުންޏެވެ.

"ކުދިކުދި ކުދިންތަކެއް ތިއްބާ އެހެނެއް ނުހެދޭނެ،" އާތިފާ ބުންޏެވެ.

ސައީދު ބުނާ ގޮތުން، އާތިފާ އަކީ ޖެއްސުން ކުރުމުގަ އާއި ގޮތްދޫނުކުރުމުގައި ލާމަސީލު ނަމޫނާ އެކެވެ. އަދި، ގެއިން ކަރަންޓް ކަނޑާލީ، އޭނާގެ ދަރިފުޅުގެ ސަލާމަތަކަށް ކަމަށް އޭނާ ބުންޏެވެ.

އާތިފާ މިހާރު ދިރިއުޅޭ ތަން ހުރި ގޮތް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވާ ގޮތަކީ އާތިފާ އަކީ މަގުމަތިން ކުނިކޮޅެއް ފެނުނަސް އެ ގެނެސް ކޮޓަރި އަށް އަޅާ މީހެއް. އެތައް ފަހަރަކު ބުނެވިއްޖެ އެހެން ނުހަދާށޭ. އެކަމަކު އެކަމެއް ހުއްޓައެއް ނުލި. އެހެން ގޮސް، މި އޮންނަނީ ތިން ގޮދަޑި ގެނެސްފައި ކޮޓަރިއަށް ލައިފައި. އެ މި އޮންނަނީ މަގުމައްޗާ ވީ ފަޅިއަށް ކުޑަދޮރެއް ކައިރީގައި ބާއްވާފައި މަތިމައްޗަށް. އޭގެ މައްޗަށް ދަރިފުޅު އެރީމަ އަށް އިންޗިވަރު އެބަ ކުޑަދޮރުން މައްޗަށް އަރާ. އެހެންވެ އެތަނުން ދަރިފުޅު ވެއްޓިދާނެތީ އެހެން ނުހަދަން އެތައް ފަހަރަކު ބުނެބުނެ ވެސް އެކަމެއް ރަނގަޅެއް ނުކުރި،" ސައީދު ބުންޏެވެ.

"ދެން އަހަރެން ބުނީ ފަސްޓް ފްލޯ އަށް ބަދަލުވާންވީ ނޫންހެއްޔޭ. ބުނެބުނެ ވެސް އެކަމެއް ނުވި."

އެކަމަކު އާތިފާ ބުނަނީ އެއީ ހުސް ދޮގު ކަމަށާއި އެއީ ހިނގި ކަމެއް ވެސް ނޫން ކަމަށެވެ. ހަގީގަތަކީ، އާތިފާ ބުނި ގޮތުގައި އެ ތަނަށް ސައީދު އިންނަން އުޅޭ މީހާ ގެނެސް ވެއްދުމުގެ ނިޔަތް ކަމަށެވެ.

"ކަރަންޓް ކަނޑާލީމަ ވެސް ފެން ކަނޑާލީމަ ވެސް އެއްޗެކޭ ނުބުނަން އޭނައާ ދިމާއަކަށް. ތަން ތަޅުލައިފައި މަ ދިޔައީ ޕޮލިހަށް،" އާތިފާ ބުންޏެވެ.

"ކަލޭމެންނަށް އިނގޭތަ ޕޮލިހުން ދިން ޖަވާބު. ބުނަނީ އެއީ އޭނަގެ ގެއެކޭ ކަރަންޓް ކަނޑާލެވިދާނެއޭ. ބުނީމަ މަ ބުނިން ބަލަ އެއީ އޭނަގެ ގެއަކަސް މަށަށް އަނިޔާއެއް ދެންޏާ އެކަން ކަލޭމެންނަށް ހުއްޓުވެން ވާނެ ނޫން ހެއްޔޭ، މި އޮތީ ނޫންހޭ ކޯޓު އަމުރު."

"އެ ދުވަހު ޕޮލިހަށް ބަޔާން ދޭން އިންދާ ސައީދު މި ގުޅަނީ، އެއްޗެހި ނެރެން އަންނާށޭ ކިޔައިފައި. އެތާކު ނުބެހެއްޓޭނެއޭ ކަލޭގެ އެއްޗިއްސެއް. ކަލޭގެ އަމިއްލަ ގެ ހެއްޔޭ މިއީ. އޭރު ޕޮލިހުންނަށް ވެސް އަޑު އިވޭނެ އޭނަ ފޯނުން ދެއްކި ވާހަކަ. މަ ބުނިން ޕޮލިހުގައި އިވިއްޖެ ނޫން ހެއްޔޭ. ހެޔޮ ނުވާނެއޭ ބަޔަކު ދޭބަލާށޭ އެތަނަށް، އެހެން ނޫނީ އަހަރެން ދާން ވާއިރަށް އެއްޗެހިތައް އުކާލާނެއޭ. އެކަމަކު އެތަނުން [ފުލުހުން] ހަމަ އެކަކު ވެސް ގުޑާ ވެސް ނުލި."

ބަޔާން ދިނުމަށް ފަހު، ފުލުހުންނާއި އާތިފާ އާއި ކުޑަ ދެ ކުދިން ގެއަށް ދިޔައިރު، އޭނާ އުޅެމުން ދިޔަ ތަނުގެ ތަޅުގެ ދޫ ވެސް އޮތީ ދަމައިގެންފައި ކަމަށް އާތިފާ ބުންޏެވެ.

"އަހަރެން ގެންގުޅޭ ހުރިހާ އެއްޗެއް ކޮޓަރިން ބޭރަށް ސިޑިމައްޗަށް އުކާލައިފައި އޮތީ،" އޭނާ ބުންޏެވެ.

"މަ ބުނިން ފުލުހުންނާ ދިމާއަށް ކޯޓު އަމުރުތަކާ އެއްޗެހި ދީފައި އޮތް އިރު އަދި އެ ވަރަށް އަނިޔާ ކުރާއިރު ވެސް އެ މީހާ އަށް އެއްވެސް ކަމެއް ނުކުރެވުނު ނޫންހޭ ކަލޭމެންނަކަށް. މިހާރު ކިތައް ފަހަރު ހެއްޔޭ ގެއިން މި ބޭރުކޮށްލީ. ދެން ވެސް [ޕޮލިހުން] ބުނި އޭނަގެ ގެޔަކުން ފެނާއި ކަރަންޓް ކަނޑާލެވިދާނެއޭ. މަ ބުނިން އެއީ ކީއްވެހެއްޔޭ، އަސާސީ ހިދުމަތެއް ކަނޑައެއް ނުލެވޭނެއޭ. ދެން ޖެހުނީ ފުލުހުންނާ ޒުވާބު ކުރަން. ޕޮލިހުން ބުނީ ކީކޭ ކަން އެނގޭތަ؟ ތިމަންނާމެންނަކަށް ނުވެއްދޭނެ ނޫން ހެއްޔޭ އޭނާގެ ނުރުހުމަކުން ގެއަކަށް."

އާތިފާ ދެން ދިޔައީ ޖެންޑާ އަށެވެ؛

"ރޮމުން ރޮމުން ދެން ދިޔައީ ޖެންޑާ އަށް. ދިޔައީމަ ބުނީ ތިޔައީ އާއިލީ މައްސަލައެކޭ. ކޯޓަށް ދާށޭ. ބުނީމަ އަހަރެން ދެން ހަދާނެ ގޮތެއް ނެތް. ވަގުތީ އަމުރަކަށް އެދެން އުޅުނީ. އެކަމަކު އެއީ ބުރާސްފަތި ދުވަސް އެއީ, ކުރިއަށް އޮތީ ބަންދު ދެ ދުވަސް. މަށަށް އިނގޭ ވަގުތީ އަމުރު ނެރެން ވާއިރަށް މަގޭ އެތިކޮޅު ފުނޑާލާނެކަން."

ވަންނާނެ ތަނެއް ނެތިފައި ހުއްޓާ އޭނާ އަށް އެހީތެރިވެ ދިނީ ސައީދުގެ ރަހުމަތްތެރިއެކެވެ. ދެ ކުދިންނާ އެކު އާތިފާ އޭނާގެ ކޮޓަރި އަށް ގެންދިޔަ އެވެ.

"އޭގެ ފަހުން ދެން ހަމަ ފުލުހުން ވެސް ޕްރެޝާ ކުރަނީ އެ އެއްޗެހި އެ ގެއިން ނެރެން. އެއް ދުވަހަކު ބުނެފި ސުލްހަ ވާން އަންނާށޭ. މަ ބޭނުމެއް ނޫން ސުލްހަ ވާކަށް. ދެން ބުނަނީ އެހެން ވިއްޔާ އެއްޗެހި ނެރެން އަންނާށޭ،" އާތިފާ ބުންޏެވެ.

"ޖެންޑާ އިން ވެސް ގުޅި. އަހަރެން މި ބުނަނީ އަހަރެން އެ ނެރެފައި އެ ވައްދަނީ ކޮންތާކަށް ހެއްޔޭ؟ ކަލޭމެން ދައްކާށޭ މަށަށް ތަނެއް."

"ޖެންޑާ އިން މި ބުނަނީ އާތިފާ އަށް އަނިޔާ ކުރަނީއެއް ނޫންހެއްޔޭ. އެ ތަނަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫނޭ. ކޮންމެވެސް އެހެން ތަނަކަށް ދާށޭ. މަ ކޮންތާކަށް ދާނީ؟"

އެކަމަކު، ޖެންޑާ އިން އާތިފާ އުޅޭނެ ތަނެއް ދެއްކި އެވެ؛ އެތަނަށް އާތިފާ ބަދަލު ނުވީ ނޫން ހޭ އެހުމުން އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.

"އާން ހަމަ ނުދިޔައީ. ރަނގަޅޭ ހަމަ ނުދިޔައީއޭ. ނުދިޔަ ސަބަބު ވެސް ބުނާނަމޭ... ފުރަ ބަންދުގައި ދައުލަތުން މަގޭ ދެ ދަރިންނާ އެކު އެތަނަށް ގެންގޮސްފައި 15 ރޭ 15 ދުވާ ވަންދެން އަހަރެމެންގެ ހާލެއް ބެލީއެއް ނޫން. ކެއިތޯއެއް ނުބަލާ. އަޅައެއް ނުލި. އެހެން ބަޔަކު ކާން ދީގެން ގެންގުޅުނީ. އެހެންވެ އެތަނުން ފިލައިގެން ދާން ޖެހުނީ،" އާތިފާ ބުންޏެވެ.

ހުރިހާ ވޭނެއް ކުޑަކުޑަ ދަރިންނަށް

ދެމަފިރިންގެ މި މައްސަލަގަނޑުގެ ތެރޭގައި ކުޑަކުޑަ ދެ ކުދިން ތާށިވެފައި އެބަތިއްބެވެ. އެއީ ވަރަށް ބޮޑު އިހުމާލެކެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ބައްޕަ އެއްގޮތަކަށް ވެސް އެ ކުއްޖާ އަކަށް އަޅައެއް ނުލަ އެވެ. އަނެއް ކުއްޖާގެ ބައްޕަ، ސައީދު އެ ކުއްޖާގެ ހަރަދު ކޯޓަށް ދެ އެވެ. އެކަމަކު ލޯތްބެއް ނުދެ އެވެ. އަޅައެއް ނުލައެވެ. އެ ކުއްޖާ މިއަދު އިނީ، އަމިއްލަ ގެދޮރު ހުރެމެ ކުލީ ކޮޓަރިއެއްގައި، ބަނަ މުސްތަގުބަލެއްގަ އެވެ.

އާތިފާ އުޅެމުން އައި ސައީދުގެ ގޭގައި ވެސް، އޭނާ އުޅެމުން އައީ، ސައީދު ބުނާ ގޮތުން އެހާ ގޮނޑުކޮށެވެ. ދަރިން ފެނެއް ނުވަރުވަ އެވެ. ސައީދު ވެސް އެއްބަސްވާ ގޮތުގައި އާތިފާ ދަރިންނަކަށް އަނިޔާއެއް ނުކުރެ އެވެ. އެކަމަކު، ދަރިން ތިއްބާ ޒުވާބު ކުރުމާއި އަޑުގަދަ ކުރުމާއި އައުގުރާނަ ގޮވުމަކީ އާތިފާގެ އާދަ ކަމަށް ސައީދު ބުނެ އެވެ.

"ދަރިން ގޮވައިގެން ދަންވަރު 1-2 ޖަހާއިރު ވެސް ހިނގައިދާނެ ބޭރަށް،" ސައީދު ބުންޏެވެ.

އެކަމަކު އާތިފާ ބުނާ ގޮތުން، އޭނާ އަކީ ރޮށި ފިހެގެން އާމްދަނީ ހޯދާ މީހެކެވެ. އޭނާ އަށް އެ ޑެލިވަރީ ކުރަން ދާން މަޖުބޫރެވެ.

"އާން ދަން. ރޭގަނޑު ދަންވަރު އެކެއް ކީއްކުރަން ތިނެއް ހަތަރެއް ޖަހާއިރު ވެސް ދަން. ދާން ވެސް ދާނަން. އެކަމަކު މަ ދަނީ ފިރިހެނުން ގާތަކަށް ނޫން. މަގޭ އެއް އަތުގައި އޮންނާނީ ރޮށިބޮނޑި. އަނެއް އަތުގެ ދެ އިނގިލީގައި ހިފާލައިގެން ތިބޭނީ މަގޭ ދެ ދަރިން. އެ ކުދިން އެކަނި ބައިތިއްބައިފައެއް މަށަކަށް ނުދެވޭނެ،" އޭނާ ބުންޏެވެ.

އެ ދެ ކުދިން މިހާރު ތިބި ކޮޓަރި ވެސް ހީވަނީ ގޮނޑެއް ހެންނެވެ. އަދި، ދަރިން ތިއްބާ އާތިފާ އަކީ ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކައިފާނެ މީހެއް ކަން، އެއް ގަޑިއިރުގެ މި އިންޓަވިއުއިން އެނގެ އެވެ.

އާތިފާ "މިހާރު" އާ ވާހަކަ ދައްކަނީ އަދި އޭނާ އުޅޭ ކޮޓަރި އޮތް ގޮތް ފޮޓޯ: ނިޝާން އަލީ/ މިހާރު

އަނެއްކޮޅުން ހަ ދަރިންގެ ބައްޕަ ސައީދަކީ ވެސް، މި ތުއްތު ކުއްޖާ އަށް އެއްވެސް ގޮތަކުން އަޅާލާ މީހެއް ނޫނެވެ. އެ ދެ ކުދިންނަށް ވެސް ސައީދު އެކި ގޮތްގޮތުން "އަނިޔާ" ކުރާ ކަަމަށް އާތިފާ ބުނެ އެވެ.

"މިއަދު ކޯޓުގައި ވެސް ބުނަން ނުޖެހޭ އެއްޗެއް އޭނަ އެ ބުނީ. މި ކުއްޖާ އަކީ ތިމަންނަގެ ދަރިއެއް ނޫނޭ. ކޯޓުގެ ގާޒީއެއް ކުރިމަތީގައި އަމިއްލަ ދަރިއަކު އެއީ ތިމަންނަ ދަރިއެއް ނޫނޭ ބުނާނީ އެއީ ވަރަށް ނުބައި ނުލަފާ އިންސާނަކު،" އާތިފާ ބުންޏެވެ.

"ރުޅި އައިސްގެން ކިތައް ދުވަހު މި ކުދިން ގެންގުޅޭ ކުޅޭ އެއްޗެހިތައް މި ކުދިންގެ ކުރިމަތީގައި އުކާލީ."

މަށަށް އަނިޔާ ނުކުރާށޭ ސައީދު ގާތު އަދިވެސް މި ބުނަނީ. މަށާ އިންނާނަމޭ ކިޔައިފައި މި ރޯދަ މަހު އޭނަ ގޮސް އެހެން މީހަކާ އެ އިނީ: އާތިފާ

އާތިފާ ބުނި ގޮތުގައި، އޭނާގެ އެ ދެ ދަރިން އޭނާ ކިތަންމެ ހާލެއްގައި ވިޔަސް ބަލާނެ އެވެ. އެކަމަކު އޭނާ ބުނާ ގޮތުން މިދިޔަ ކަންތައްތަކަކީ އޭނާގެ ހިތުން ދުވަހަކު ވެސް ފިލައިގެން ދާނެ ކަންތައްތަކެއް ނޫނެވެ. އަނެއްކޮޅުން، މުއައްސަސާތައް ހުރެމެ، އޭނާ އާއި އޭނާގެ ދެ ދަރިންގެ ހައްގުތައް އޮތީ ފޭރިގެންފައި ކަމަށް އޭނާ ބުންޏެވެ.

"ގެއިން ނެރެލީމަ އަހަރެންގެ ކުދިން މި އުޅެނީ އެންމެ ހެދުމެއް ލައިގެން. މި ކުއްޖާ [ސަނާ] އެކްޓިވިޓީ ޔުނިފޯމްގައި ނިދަނީ. ސްކޫލު ބުރުގާ އަޅައިގެން ގޭގައި އުޅެނީ. އެ ކުއްޖާ ލަނީ އެންމެ ހަރުވާޅުގަނޑެއް. މިއީ ދޮންނަ މެޝިނެއް ހުންނަ ތަނެއް ނޫން، ދޮވެފައި މިއަދު [ހިއްކަން] އަޅައިފިއްޔާ މާދަމާ ސްކޫލަކަށް ނުދެވޭ. މި ހާލުގައި އުޅޭތާ މިއަދަކަށް މަހެއް ވެގެން މި ދިޔައީ،" އޭނާ ބުންޏެވެ.

އާތިފާ އަށް ދިމާވި ހާލަތު ސޯޝަލް މީޑިއާގައި ފަތުރާލުމާ އެކު، އޭނާ އަށް އެކި ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކަމަކު، އާތިފާ ބުނަނީ އޭނާ ބޭނުން ވަނީ ފައިސާގެ އެހީތެރިކަން ނޫން ކަމަށެވެ.

"މަށަށް އަނިޔާ ނުކުރާށޭ ސައީދު ގާތު އަދިވެސް މި ބުނަނީ. މަށާ އިންނާނަމޭ ކިޔައިފައި މި ރޯދަ މަހު އޭނަ ގޮސް އެހެން މީހަކާ އެ އިނީ،" އާތިފާ ބުންޏެވެ.

އާތިފާގެ ހާލަތަށް ބަލައި، މަމްސް ޖަމިއްޔާ އިން ވަނީ އޭނާގެ ކޮޓަރީގެ އެއް އަހަރުގެ ކުއްޔާ ހިފުމަށް އެއްބަސްވެފައި ކަމަށް އާތިފާ ބުންޏެވެ.

"މަށަށް ޖަމާކޮށްފައި އެބަހުރި 10،000ރ. ވަރު. އެއްވެސް މީހަކު އެއްކޮށް ލާރިއެއް ނުދޭނެ. މަމްސް ޖަމިއްޔާ ވަރަށް ރަނގަޅު. ކޮންމެ ދުވަހަކު ގުޅާފައި ހާލު ވެސް ބަލާ. ވަރަށް ރަނގަޅު އެ މީހުން،" އާތިފާ ބުންޏެވެ.

ނޯޓް: ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން މި ލިޔުމުގައި ބޭނުންކޮށްފައި ހުރި ނަންތަކަކީ އެ މީހުންގެ އަސްލު ނަންތަކެއް ނޫނެވެ.

96 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 56%
icon angry icon angry 32%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހޭ?

16 April 2023

ތީގަ ތިދެމީހުން ވެސް ހަދަނީ ހުސް ދޮގު. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ. ކުދިން ހަމަ ޖެންޑާ އައް ނަގަންވީ. އެ އަންހެން މީހާ ވަރިކުރީ ކުޑަ ދަރިއައް ދެ މަހުގަ. ވަޅީގެ ހަނގުރާމަ ވެސް ކުރީ ދެމީހުން މިދިޔަ ރޯދަ މަހު . ކިތަންމެ ރީތިތަނެއް ދިނަސް އޭނަ އައް ސާފުކޮށެއް ނޫޅެވޭނެ. ދަރިންނައްކާންދެނީ އޭނަ ހިތައް އެރިއްޔާ. ތިއަންހެނ މީހާ ވެސް ފިރިހެން މީހާ ވެސް ގޯސް.

The name is already taken The name is available. Register?

ލިނބޯ

16 April 2023

ރަގަޅަށް ކިޔަވައިގެން ނޫނީ ވަޒީފާއެއްގައި ހަރުލައިގެން ގިނަދުވަހު އުޅެ، އަމިއްލަ ފައިމައްޗަށް ތެދުވެ ކަންކަން ކުރަން ދަސްވެފައި ހުރެމެ ނޫނީ މީހަކާ ނީންނާށެވެ. އިންނަމީހާ މާދަމާވެސް ހިނގައިދާނެއެވެ. ނަމަވެސް ހަރުދަނާކަމެއް ލިބިފައި ހުރިއްޔާ ދެންހަދަންވީ ގޮތަކާއި ކުދިންނަށް ދޭންޖެހޭ ތަރުބިއްޔަތު ހުންނާނީ ދަސްވެފައެވެ. މީހަކު ނޫޅޭވަރަކުން އެމީހަކާ ހެދިނޫޅޭށެވެ. އައީވެސް އެކަންޏެވެ. ދާނީވެސް އެކަންޏެވެ. ހެޔޮދުޢާކޮށްދޭނެ ދަރިންތަކެއް ތިބީމާނިމުނީއެވެ.

The name is already taken The name is available. Register?

ދެރަ

14 April 2023

"14 ކައިވެނި ކުރިއިރު [ބައެއް މީހުން ތިން ފަށްވި އިރު ވެސް]، އޭގެ ތެރެއިން އާތިފާނޫން އެއްވެސް މީހަކު އެއްވެސްމައްސަލައެއް އެއްވެސް އިދާރާއަކަށް ހުށަހަޅައިފައެއް ނެތެވެ. ސައީދު ބުނާ ގޮތުން، މައްސަލަ ބޮޑުވީ އޭނާ މީހަކާ އިންނަން މީގެ މަހެއްހާ ދުވަސްކުރިން އުޅުނު ހިސާބުންނެވެ." މިކަން އިސްލާޙްވެގެން ނޫނި ކިހިނެތް މުޖްތަމަޢު އިސްލާހުވާނީ، އިންނާނެ އަންހެނުންވެސް ވާތީ މިހެން މިވަނީ. ތިމާފަދަ އަންހެންކަށް އަނިޔާ މިލިބެނީ ހަމަ ތިމާގެ ހިއްސާއާއެކު. ވދެރަ

The name is already taken The name is available. Register?

LaamuonlineDOTcom

13 April 2023

އާތިފާބުންޏެވެ "ފުލުހުން ޖެންޑާ މީ އެއްވެސް ކަމެއްވާތަންތަންނޫން" ރައްކާތެރިކަން ދެވެނީ ފުލުހުން ޖެންޑާ އަދި ކޯޓުން ގޮތްނިމިގެން، ފުލުހުން ބަލާނީ ޖެންޑާއިން ބުނާއެއްޗަކަށް، އާއިލީ ބޮޑެތިމައްސަލަތައް ޝޯޓުއައުޓުކުރެވޭހާ ގާބިލުކަމެއް ޖެންޑާގަނެތް، މިކަންކަން ހައްލުވާނީ ގަވައިދުތައް ބަދަލުކޮށްގެން! ސައީދުގެ މައްސަލައަކީ 6 ބުރީގެ އިމާރާތެއް މިިލްކުގައިހުރުންކަމަށް ފެންނަނީ ސައިޒުއޮޅޭގޮތްވަނީ! އެވަރަށްކައިވެނިކުރަމުން ދެވޭތަ ރަނގަޅުމީހުން

The name is already taken The name is available. Register?

ޙައްވައި

13 April 2023

ކުއްޖާ ބަލާ ނަމަ ކުއްޖާ ބަލާ މީހާ އާއި ކުއްޖާ ދިރިއުޅޭނެ ތަނެއް އަދި ކުއްޖާ އަށް ބޭނުންވާ ހަރަދު ދިނުން ކުއްޖާގެ ބާއްޕައަށް ކޯޓުން ލާޒިމް ކުރެވުންޖެހޭނެ. އެކަނިވެރި މައިންނަށް ލިބޭ އެލަވެސް މީނާއަށް ނުދެވޭނެތަ؟

The name is already taken The name is available. Register?

ސައިއްޓެ

14 April 2023

ސައީދު އެޚަރަދު ކޯޓު މެދުވެރިކޮށް ދޭވާހަކަ އެއޮތީ ލިޔެފަ.

The name is already taken The name is available. Register?

ކުޑަސޭޓް

13 April 2023

ރާއްޖޭގައި މިފަދަ މައްސަލަތަކީ އެއްގޮތަކަށްވެސް، އާކަމެއް ނޫން. ދައުލަތުން (5 އަހަރުގެ ސަރުކާރުތަކުން) މިފަދަ ކަންކަމަކީ މިހާރު ޒަމާނަށް ނުގުޅޭ ކަންކަން ކަމުގައި އަގުކުރެވޭނަމަ، ކަންކަން ރަނގަޅުކުރެވޭނެ ވެއްޓެއް އުފައްދާ ދަމަހައްޓަންވީ. މިއީ އެއްވެސް ސަރުކާރަކަށް ކުއްލިއަަކަށް ހައްލުކުރެވޭނެ ކަންކަަމެއްނޫން، ތަައުލީމާ، އިޤްތިޞާދާ، ސިއްހަތާ، ވަޒީފާގެ ފުރުޞަތާއި، މާލީ ފުުދުންތެރިކަމާ އެހެނިހެން ކަންކަމާ ލާމެހި ގުޅުން ހުރިކަންކަން.

The name is already taken The name is available. Register?

އެކަނިވެރި މައިން

13 April 2023

ޖެންޑަރ އިން ހުރިހާ ކުދިން ދައުލަތަށް ނުނެގީ ކީއްވެ؟

The name is already taken The name is available. Register?

އިރޫރާ

13 April 2023

ތިއާ ދެމޯހުން ރިހެބިލިޓޭސަނަށް ލާބަޔަ. ދަރިން ހޯދަނީ ކޯއްޗެއް ހަނދާން ވެގެން ތޭ ދަރިންނަށް އިހުމާލުވާން؟؟؟

The name is already taken The name is available. Register?

ކައިވެނިން

13 April 2023

މިހާތަނަށް 14 ކައިވެނިކޮށްފައިވާ މީހަކާ އާތިފާ އަނެއްކާ އިންނަން އުޅެނީ ކީއްވެތަ؟ އަންހެނުން އެބަޖެހޭ ފިރިހެނުންނާ ނުލާ، ލިބިފަ ތިބޭ ދަރިންނަށްޓަކައި ދިރިއުޅެން ދަސްކުރަން. ތިމާމެންގެ އެދުންތައް މައިތިރިކޮށްގެން ކޮންމެވެސް ކަހަލަ ގުރުބާނީތަކެއްވެގެން އެ ތުއްތު ކުދިންނަށް އިސްކަންދީގެން ދިރިއުޅެން އުޅުނިއްޔާ މާ ރަގަޅުވާނެ. އެހީވާނެ އެތައް ބަޔަކު މިހާރު ތިބިއިރު ސައީދު ކަހަލަ މީހެއްގެ ފަހަތުން އުޅެންޖެހޭތަ؟ ރާއްޖޭން ފިރިހެނުން ހުސްވީތަ؟

The name is already taken The name is available. Register?

LaamuonlineDOTcom

13 April 2023

އެހީވާނެ އެތައްބަޔަކު ތިބީކޮންތާކު؟ ދަރިންގެ ޝަރުޢީ ބަލަދުވެރިއަކީ ބައްޕަ، ޚަރަދުކުރަންވެސް ޖެހެނީބައްޕަ، މަންމަ ކުރަންޖެހޭކަމެއްނޫންއެއީ، ބައްޕަގެ ޒިންމާނުނެގީމާ އަންހެނުންވީ ދަރިންނަށްޓަކާ ފިރިހެނުންނާނުލާއުޅެންދަސްކުރަން؟ ޒިންމާނުނަގާމީހުން އުޅޭނެގޮތަކަށްއުޅެންދޫކޮށްލަންވީ؟ ހަމަޖެހޭވާހަކައެއްނޫނެއްނުންތޯތިޔައީ!! ބަދަލުވާންވީ ނުވަތަ އިސްލާހުކުރަންވީ އާއިލީކަންކަމުގައި މިރާއްޖޭގަ ގެންގުޅޭ ދެކޮޅުނުޖެހޭ ގަވައިދުތަކާ އުސޫލުތައް!

The name is already taken The name is available. Register?

ަކައިވެނިން

13 April 2023

ފިރިހެން މީހާގެ ފަހަތުން އަންހެން މީހާ އެވަރަށް އުޅެން ހަދައިގެން އެކުދިންނަށް ދަސްވާ ނުބައި ކަންކަން އެއީ މާ ދެރަ ކަންކަން. އެކުދިން ޖެހޭނެ އެފަދަ ހުރިހާ ހުތުރު އަމަލުތަކުން ރައްކާތެރިކުރެވެން. ފިރިހެނަކާ ހެދި އުޅެން ހަދައިގެން ކުދިން ހަނާވެ މުޅިން އަޚުލާގު ނުބައިވެ އެކުދިންވެސް އެފަދަ ޒުވާބުކުރާ ގޮތެއްފޮތެއްނެތް ދިރިއުޅުމެއްތަ ދަސްކޮށްގެން ތިބެ ބޮޑުވާންވީ؟ ޒިންމާ ނުނަގާ މީހާއަށް ވަކި މާ މޮޅު ގޮތެއްނުވާނެ.

The name is already taken The name is available. Register?

LaamuonlineDOTcom

18 April 2023

@ ަކައިވެނިން، ގާނޫނުތައް ތަންފީޒު ނުކުރެވޭތީނޫންތޯ އާތިފާ އަށް އެގޮތައްއުޅެންޖެނީ؟ ދަރިންގެ ހަރަދުނުދީ ބަނޑަށްޖެއްސީމަ، މިކަންކަމާ އިދާރާތަކުން އަޅާނުލީމަ އެ ޚަރަދު ދޭންޖެހޭ މީހަގެ ފަހަތަކުން ނޫންބާ އާތިފާ ދުވަންޖެހޭނީ؟ އެހެންވީމާ މިބުނަނީ ބަދަލުވާންވީ އާއިލީކަންކަމުގައި މިރާއްޖޭގައި ޕުރެކުޓިސްކުރާ ދެއުޅިއެއްނުވާ އުސޫލުތަކާ ގާނޫނުތަކޭ!!

The name is already taken The name is available. Register?

ނަފީހާ

13 April 2023

"އެކަމަކު ފުލުހުންނަކަށް ވެސް އަދި ޖެންޑާއަކަށް ވެސް އެއް ކަމެއް ވެސް ނުކުރެވޭ،" އާތިފާ ބުންޏެވެ.” ބައްޔެއްތަ މިދޯ. ރައްޔިތުންގެ ރުފިޔާ ތަޅަން ހުންނަ ތަންތަން. އުވާލާ!!!!

The name is already taken The name is available. Register?

ބައްޔެއްނޫން

13 April 2023

ޖެންޑާއިން އޭނަ ވަންނާނެ ތަނެއް ހޯދަދިނީމަވެސް ކުރިންވެސް ފިލީ، އަދި ފަހުން ދާން ދެކޮޅުހެދީ! މި އަންހެންމީހާ ބޭނުންވަނީ ކުރީގެ ފިރިމީހާ ގާތު ނިދަން! އެކަން ކިހިނެއް ޖެންޑާ އާއި ފުލުހުންނަށް ހަމަޖައްސާ ދެވޭނީ!؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454