19 އެޕްރީލް 2023 - 10:51
ފަލަސްތީނާއި އިޒްރޭލާ ދެމެދުގައި ހިނގަމުންދާ ލޭ އޮހޮރުވުންތަކާއި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްދޭން ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި ސަތޭކަ ވަރަކަށް އަހަރަށް ދެމިގެން ގޮސްފައިވާ މި ހަމަނުޖެހުމަށް ސުލްހަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން، ފަލަސްތީނާއި އިޒްރޭލާ ދެމެދު ބިނާކުރަނިވި ވާހަކަތަކެއް ނުދެކެވޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އެހެންކަމުން، ދެ ފަރާތުގެ މެދުގައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން އަލުން ވާހަކަތައް ފެށުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދޭން ތައްޔާރަށް އޮތް ކަމަށް، ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގާންގް، މިހާރު ވަނީ އިޒްރޭލާއި ފަލަސްތީނުގެ ޚާރިޖީ ވަޒީރުންނަށް ދަންނަވައިފަ އެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގާންގް މިދިޔަ ހޯމަ ދުވަހު ފަލަސްތީނާއި އިޒްރޭލުގެ ޚާރިޖީ ވަޒީރަށް ވަކިވަކިން ފޯނުން ގުޅުއްވައި، ޗައިނާގެ ހުށަހެޅުން ވިދާޅުވެދެއްވި އެވެ. ޗައިނާގެ ޚާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެ ގައުމުގެ ޚާރިޖީ ވަޒީރުންނާ އެކު ކުރެއްވި މަޝްވަރާގައި، ޚާރިޖީ ވަޒީރު ޝިން ގާންގް ވަނީ، އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ، އެކަމާ ޗައިނާ ކަންބޮޑުވާކަން ދަންނަވައިފަ އެވެ.
އެހެންކަމުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ވީ އެންމެ އަވަހަކަށް ސުލްހައިގެ ވާހަކަތައް ފެށުމަށް ޗައިނާ އެދޭ ކަމުގައި، ޚާރިޖީ ވަޒީރު ޝިން ގާންގް، އެ ދެ ގައުމުގެ ޚާރިޖީ ވަޒީރުންނަށް ދެންނެވި އެވެ. ނަމަވެސް ޗައިނާގެ އެ ހުޅަހެޅުމާ މެދު ފަލަސްތީނާއި އިޒްރޭލުން ދިން ޖަވާބެއް، ޗައިނާގެ ޚާރިޖިއްޔާއިން ހާމައެއް ނުކުރެ އެވެ.
ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު 2016 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން މެދުކަނޑާލާފައި ވަނިކޮށް، ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށް އެ ދެ ގައުމު ސުލްހަ ކުރުވުމަށް ފަހު، މިދިޔަ މަހުގެ ތެރޭގައި ސައޫދީ އާއި އީރާނުން ވަނީ ސިޔާސީ ގުޅުން އަލުން އިއާދަކޮށްފަ އެވެ. ޗައިނާގެ އިސްނެގުމުގެ މަތިން އެ ދެ ގައުމު ސުލްހަވުމާ އެކު، މެދުއިރުމަތީގެ ޑިޕްލޮމެސީގައި ޗައިނާގެ ބަސް ވިކޭ މިންވަރު ވަނީ ހާމަވެފަ އެވެ.
އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮއެންއާ އެކުގައި ފޯނުން ކުރެއްވި މަޝްވަރާތަކުގައި ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގާންގް ވަނީ، ވާހަކަ ދައްކައިގެން ދެބަސްވުންތައް ހައްލުކުރުމުގެ ރީތި މިސާލެއް ސައޫދީ އާއި އީރާނުން ދައްކާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށްޓަކައި، ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް އަލުން ފެށުމުގެ ސިޔާސީ ހިތްވަރު ހުރިކަން ދައްކައިދިނުމަށް، ޗައިނާގެ ޚާރިޖީ ވަޒީރު، ފަލަސްތީނާއި އިޒްރޭލުގެ ޚާރިޖީ ވަޒީރުންނަށް ދެންނެވި އެވެ. އަދި އެކަމަށް ފަލަސްތީނާއި އިޒްރޭލު ތައްޔާރަށް އޮތް ނަމަ، އެކަމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
ޗައިނާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި، ދެ ފަރާތުގެ މެދުގައި ހޫނުވެފައިވާ މަސްރަހު ފިނިކުރުމަށް ބޭނުންވާ ކަމަށް، އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮއެން ވިދާޅުވި އެވެ. ނަމަވެސް، މިހާރު ހާލަތު ހުރި ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި އެ މައްސަލަ މުޅިން ހައްލުކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެ އިޒްރޭލުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަސްތީން ސައޫދީ!
24 April 2023
ހިޖުރަ! ޔަހޫދީ އަދި މުޝްރިކުން ގެ އުނދަގޫ ބޮޑުވީމަ ނަބިއްޔާވެސް ހިޖުރަ ކުރެއްވީ! ހަދަންވީ ގޮތަކީ ފަލަސްތީނު އެންމެން ހިޖުރަ ކުރަންވީ މަދީނާ އައް! ކަލޭމެންވެސް ފަހުން ތިކަމާ އެޅޭނީ! އެހެން ހުރިހާ ކަމެއްގަ ސުއްނަތައް ބަލާފަ މިކަމުގަ ނުބަލަންވީ ކަމެއް ނެތް! ސައޫދީވެސް އެއްބަސް ވާންޖެހޭނެތާ!!!
ސަލީމު އިދުރީސް
24 April 2023
ވަރަށް ރަނގަޅު ވާހަކައެއް ސުންނަތަކީ ރަސޫލީ އުޅުއްވި ގޮތް ވީމަ އިޒުރޭ ހަނގުތާމަ ކުރުމުގެ ހަކަތަ މުސްލިމުން ކިބާގަ ނެތްއިރު ހިޖުރަކުރުން ރަނގަޅު
ބިންބި
23 April 2023
ތި ހައްލުވީ ތިކަންވެސް. ހަފްތާ އެއް ތެރޭ ތިކަން ނިމޭނެ. ބަލަން ތިބޭ
ޖުހާ.
21 April 2023
މުސްލިމުން ސުލްހަކުރަން މިނިކުތީ ފޮތެއް ގޮތެއް ދީނެއް މިއްލަތެއް މަޒުހަބެއް ގަބޫލުނުކުރާ ކޮމިއުނިސްޓު ޗައިނާ. ފަލަސްތީނު ރައްޔިތުންގެ ހައްގުގަވެސް މިނިކުތީ އެމީހުން. މިކަމުންވެސް އެނގެނީ ފޮތުގެ އަހުލުވެރިން ތިބީ ފޮތަށް ފުރަގަސްދީގެންކަން.
އަމީނު
23 April 2023
ގޮތެއް ނެތޭ ތި ބުނަނީ ކީއްވެ. ހީވަނި އަހަރެމެން ފިޔަވައި އެހެންއެއްވެސް ބައެއްގެ ގޮތެއް ނެތީ ހެން
ފޮނިފޮނިޓައްޕު ކުމާރު
19 April 2023
ޗައިނާއަށް ތިކަން ވެދާނެކަމަށް ބެލެވޭ. އެއޮށް އަދާވާތްތެރި އިރާނާ ސައުދީވެސް މިހާރު އެހުރީ އެއްގަލަކަށްއަރުވާފާ.
ސަލީމު އިދުރީސް
19 April 2023
ފުރަތަމަ ގައުމުގަ ތިބި މުސްލިމުން ގައިން ލޭއޮރުވުން ހުއްޓާފަ އެހެންބަޔަކާ އުޅޭ އެކަން ކުރަން މާފަސޭހަވާނެ
އަމީނު
20 April 2023
ސަލީމޫ, ދިވެހިން ކައިރީ ޗައިނާ ގޯސް ކޮށް ވާހަކަ ނުދައްކައްޗޭ. ގޯސް ވާނީއެމެރިކާ އެކަނި. މުސްލިމުން އެންމެ ގިނަ ޓެރަރިޒަމް ގެ އަމަލު ހިންގަނީ ދީނުގެ ނަމުގަ