ޔަމަނުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އަދަނުގެ މަގެއް. --ފޮޓޯ:އޭއެފްޕީ
20 އެޕްރީލް 2023 - 12:27
ޔަމަންގެ ވެރިރަށް ސަންއާގައި އިއްޔެ ރޯދައިގެ އެހީ ބެހި ތަނަކަށް އެއްވެ، އެހީ ހޯދުމަށް މަސައްކަތް ކުރި ބަޔަކު ފިތި ބާރުވެގެން މަދުވެގެން 78 މީހަކު މަރުވެ އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބި އަދި އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
މި ހާދިސާ ހިނގީ ސަންއާގެ އަވަށެއް ކަމަށްވާ ބާބުލް ޔަމަންގައި ހުރި ސްކޫލެއްގެ ތެރޭގަ އެވެ. އަމިއްލަ ބަޔަކު އެ ސްކޫލްގެ ތެރޭގައި ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ މީހަކަށް ފައިސާ (ގާތްގަނޑަކަށް 9 ޑޮލަރު) ބަހާކަން އެނގުމާއެކު، އެ ފައިސާ ހޯދުމުގެ ބޭނުމުގައި އެތައް ސަތޭކަ ބަޔަކު އެ ސްކޫލް ދޮށަށް ޖަމާވި އެވެ.
ފައިސާ ބަހަން ފެށުމާއެކު، އެ ފައިސާކޮޅު ހޯދުމަށް އެންމެން އަރައިގަތެވެ. އެއާ އެކު ގިނަ ބަޔަކު ބިންމައްޗަށް ވެއްޓުމުން، ދެން ތިބި މީހުންނަށް އެމީހުންގެ ގައި މައްޗަށް އެރިގެންނާއި ފިތި ބާރުވެގެން ގިނަ ބަޔަކު މަރުވީ އެވެ.
ޔަމަންގައި ކުރި ދާޚިލީ ހަނގުރާމައިގެ ތެރޭގައި، އެ ގައުމުގައި އޭރު ވެރިކަން ކުރަމުން އައި ސަރުކާރުގެ މައްޗަށް، ހޫތީ ހަނގުރާމަވެރިން 2015 ވަނަ އަހަރު ކުރި ހޯދުމަށް ފަހު، ވެރިރަށް ސަންއާ އޮންނަނީ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. ހޫތީންގެ ސަރުކާރުން ބުނި ގޮތުގައި ސަރުކާރާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި އާންމުންނަށް އެހީގެ ފައިސާ ބެހި މީހުން ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހޫތީ ސަރުކާރުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިއްޔެގެ ހާދިސާގައި ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ވަރަށް ބޮޑަށް ހާލު ދެރަ 13 މީހަކު ވެސް ހިމެނެ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.
ނަމަވެސް މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވާ ގޮތުގައި ތޮއްޖެހުމުގެ ހާދިސާ ހިނގީ، އެހީގެ ސާމާނު ހޯދަން ސްކޫލް ދޮށަށް އެއްވި މީހުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި، ހޫތީ ހަނގުރާމަވެރިން ވައިގެ ތެރެއަށް ބަޑިޖެހުމާ ގުޅިގެންނެވެ. ވައިގެ ތެރެއަށް ބަޑި ޖެހުމާއެކު، އެ ސަރަހައްދުގެ މަތިން ދަމާފައި އޮތް ކަރަންޓު ކޭބަލަކަށް ވަޒަނެއް އެރުމުން، ބާރު އަޑަކާ އެކު އެ ކޭބަލް ގޮވީ އެވެ.
އެހީ ހޯދަން ޖަމާވި މީހުންތައް ފިތިގެން މަރުވީ، އެ ކޭބަލް ގޮވި އަޑާއެކު ލިބުނު ކުއްލި ސިހުމުގެ ސަބަބުން، ވާނުވާ ނޭނގިގެން މީހުންތައް އެއްފަހަރާ ކޮޅުކޮޅު މައްޗަށް ދުއްވައިގަތުމުން ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީނު
20 April 2023
ފަހު ދިހަޔަކަށް ބެލުމެއްނެތި މި މީސް މީހުން އުޅޭ ގޮތް ދޯ
ނަންނ
20 April 2023
މިހާރު ކާއެއްޗެހި ލިބި އަރާމުގަ އުޅެވޭތީ ތިހެން ކޮމެންޓު ކޮށްލެވިދާނެ. މަސް ދެމަސްވާއިރު ދަރިންނަށް ދޭނެ ކާނެއެއްޗެއް ނުލިބޭ މީހުން ފުރާނަ އަތަށްލައިގެން ފަހުވަގުތާ ހަމައަށްވެސް މަސައްކަތް ކުރާނެ..