ސިވިލް ސާވެންޓަކު އޮފީހެއްގައި މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 އެޕްރީލް 2023 - 13:17
ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމުން ބަދަލުގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން އެކި ފަރާތްތަކަށް 2.7 މިލިއަން ރުފިޔާ ދޭން ޖެހެނު ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ސިވިލް ސާވިސް ކޮމިޝަންގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ނުވަ މުއައްސަސާއެއްގައި، ސިވިލް ސާވަންޓުންގެ ގޮތުގައި ހިދުމަތް ކުރަމުން ދިޔަ 17 މީހަކު، ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ނުކޮށް ވަޒީފާއިން ވަކި ކުރި ކަމަށެވެ.
މި ފައިސާ ދައްކަން ޖެހުނީ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުންނާއި ކޯޓުތަކުން ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިންމުމާ ގުޅިގެންނެވެ.
މިފަދަ ބައެއް މައްސަލަތަކުގައި މައްސަލަ އިސްތިއުނާފު ލަސްވުމުން ވެސް އިތުރު ދެ ލައްކަ ރުފިޔާ ސިވިލް ސާވިސް ކޮމިޝަނުން އިތުރަށް ދައްކަން ޖެހުނު ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ މުވައްޒަފަކު އަމިއްލަ އަށް ނޭދޭ ހާލަތްތަކުގައި ވަޒީފާއިން ވަކި ކުރާ އިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން އެދޭ ކަމަށެވެ. އަދި ވަޒީފާގެ އެއްބަސްވުންތަކުގައި ސީއެސްސީއިން ވަޒީފާއިން ވަކިކުރި ކުރުން ރަނގަޅު ނޫން ކަމަށް ކޯޓުތަކުން ނިންމާ ހާލަތްތަކުގައި، ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅައި، މިހާރު ވަޒީފާގައި ތިބި ފަރާތްތަކުގެ އެއްބަސްވުން އާ ކުރަން ވަނީ އެދިފަ އެވެ.
އޮޑިޓް އޮފީހުން ބުނީ ވަޒީފާ ގެއްލުނު ފަރާތާ ގުޅޭ ގޮތުން ނިންމާ މައްސަލަތަކުގައި ދައުލަތުން ދޭން ޖެހުނު ބަދަލުގެ ކުޑަ ބޮޑުމިނަށް ބަލައި ޒިންމާ އަދާ ކުރުމަށް އިހުމާލުވި މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލެއް ކޮމިޝަނުން އެކުލަވާލުމަށް ވަނީ އެދިފަ އެވެ.
އޭގެ އިތުރުން މަތީ ކޯޓުތަކުން ނިންމާ ނިންމުންތައް ތަންޒީފު ނުކޮށް، އެ ހިނގާ މުއްދަތުގައި އިތުރު ޖޫރިމަނާތައް ދައްކަން ޖެހިއްޖެ ނަމަ، އެކަން ކުރަން އިހުމާލުވި ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުންގެ އަތުން ދައުލަތަށް އިތުރަށް ކުރަން ޖެހުނު ހަރަދު ހޯދަން ވެސް އޮޑިޓް އޮފީހުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙައްބޭ
21 April 2023
މީހެއްގެ ކުށެއްނެތި ވަޒީފާއިން ވަކިކުރިކަން ސާބިތުވުމުން ސިވިލްސާވިސް ބޭނުންވާ އަދަދަކަށް މުއައްޒަފު އެއްބަސްވާންޖެހޭހެން ވަޒީފާގެ އެއްބަސްވުން ނުހެދޭނެ. ކޮން ވައްތަރެއްގެ އޮޑިޓަރުންބާ މިއީ މުވައްޒަފުގެ ހުށަހެޅުން ރެކޮމެންޑް މިކުރަނީ.
ލަލްޒް
20 April 2023
ފިޔަވަޅުއަޅަން އުސޫލެއް ހަދަން އެންގީމަ ވަރަށް ހެވިދިއްލިފަ ހުންނާނެ އާމިރާ. އެކަމަކު ހަގީގަތަކީ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ ކޮމިޝަނުގެ ޖަލްސާގައި މެންބަރުން ވޯޓުދީގެން ފާސްކުރާ ނިންމުންތަކުން. އެހެންކަމުން ކޮންބަޔަކަށް ފިޔަވަޅުއަޅަން ހަދާ އުސޫލެއްބާ؟ ކޮމިޝަން މެންބަރުން ޖަވާބުދާރީ ކުރުވަން އޮންނަ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކީ ރޮޒޭ. ދެން އޭނަ ހީވޭތަ އޭނަގެ ބޮޑުދައިތަ އާމިރާ ޖަވާބުދާރީ ކުރުވާނެހެން. ލޮލް.
ބްލާބްލާ
20 April 2023
ކަމިސަނުގެ ނައިބުރައީސް ރަސީދު ހިންގާ ޖަރީމާތަކުގެ ޒިންމާ ދައުލަތުން ނަގަންޖެހި، މިލިއަނުން ބަދަލުދޭން ޖެހިފަ މިއޮތީ. މީނާގެ ކަމަކީ ސިޔާސީ މީހުން ބުނާހާގޮތަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުން. މުޅި ސިވިލް ސަރވިސްއަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް.
ބާކުންބޭ
20 April 2023
މިފައިސާ ދައްކަން ޖެހޭނީ ސިވިލް ސާރވިސް މެމްބަރުންގ ޖީބުން، ޤާނޫނާ ޚިލާފަށް ދައުލަތުގެ މަޤާމްތަކުގަ ތިބޭ މީހުން ހިންގާ ޖަރީމާތަކަށް ޓެކްސްޕޭޔަރ ޒިންމާވާކަށް ނުޖެހޭ.
ފިކުރީ
20 April 2023
ތީގެ ތެރޭގައި ގިނަވާނީ އެޑިޔުކޭޝަން މިނިސްޓަރު ބުނެގެން ޕީ.އެސް އަހްމަދު އަލީ ވަކިކުރި މީހުން. މިހާތަނަށް 35 ޕްރިންސިޕަލުންވަނީ ވަކިކޮށްފައިކަމަށް މައުލޫމާތު ލިބޭ. ސީ.އެސް.ސީ ތެރޭގައި މިކަމުގެ މޭސްތިރިއަކީ އާމިރާ
ލުތުފީ
20 April 2023
މި ދެން ވަރަށް ހެއްވާކަމެއް. ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުންނާއި ރައީސް ގެ ޒިންމާއަކީ ކޮބައިތޯ! ސަރުކާރުން ޕްރެޝަރ ކޮށްލާއިރަށް މުވައްޒަފުން ކަނޑާފަ ފޮނުވާލަންވީ. ދެން އެތައްދުވަހެއް ފަހުން އަނެއްކާ ވަޒީފާދީފަ، ބަދަލުވެސް ދޭންވީ. ސިވިލްސާވިސް އިން ވަޒީފާއިން ވަކިކުރި ލިޔުމުގަ ސޮއިކުރިމީހާ އަށް އަދަބެއް ނުދޭހާދުބަހަކު ކަންހިގާނީ މިގޮތަށް.