އަޕްގްރޭޑު ކުރި ވެބްސައިޓުގެ އިންޓަފޭސް. -- ފޮޓޯ: އެމްއައިބީ
01 ޖޫން 2023 - 11:15
އެމްއައިބީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ޑިޖިޓައިޒްކުރުމުގެ ގޮތުން އެ ބޭންކުގެ ވެބްސައިޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ އިންޓަފޭސްއަކާ އެކު ލޯންޗް ކޮށްފި އެވެ.
އެމްއައިބީން ބުނި ގޮތުގައި އަލަށް ގެނައި ބަދަލުތަކާ އެކު އެމްއައިބީގެ އެކި ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ފަސޭހަވާނެ ޔޫސާ ފްރެންޑްލީ ވެބްސައިޓަކަށް ވާނެ އެވެ. މި ވެބްސައިޓުގައި ކަސްޓަމަރުން އާއްމުކޮށްކުރާ ސުވާލުތަކުގެ ތަފްސީލީ ޖަވާބުތަކަށް ހާއްސަ ބައެއް ވަނީ ހިމަނައިފަ އެވެ. މިއީ ކަސްޓަމަރުން ބޭންކަށް ގުޅައިގެން ހޭދަކުރަން ޖެހޭ ވަގުތު ކުޑަކުރުމުގެ ގޮތުން ހިމެނި ބައެއް ކަމަށް އެމްއައިބީން ބުންޏެވެ.
މި ވެބްސައިޓު ލޯންޗުކުރީ އޭއައި ޗެޓް ބޮޓެއް ވެސް ހިމަނައިގެންނެވެ. މި ފީޗާ އަކީ ވެސް ކަސްޓަމާކެއާގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް 24 ގަޑިއިރު ޖަވާބުލިބޭނެ ގޮތް ހެދުމުގެ ގޮތުން ހިމަނާފައިވަ ފީޗާއެކެވެ. އޭގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ބެންކުގެ ކަސްޓަމާ ކެއާ މުވައްޒަފުންނާ ވެސް 24 ގަޑިއިރު މުއާމަލާތް ކުރެވޭނެ އެވެ.
އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އެންޑް މާކެޓިން ހުސެއިން އާލިމް، ވިދާޅުވި ގޮތުގައި މި ލޯންޗުކުރި ވެބްސައިޓުގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަވެގެންދާނެ އެވެ.
"ވެބްސައިޓް މި ލޯންޗުކުރީ ގިނަ ހިދުމަތްތަކަކާ އެކު. ކަސްޓަމަރުގެ ޑިޖިޓަލް ޖާނީއަށް ބޮޑު ލުޔެއް ލިބޭނެ ގޮތަކަށް މި ވެބްސައިޓު ފަރުމާކޮށްފަ ވާނީ ވެސް. މިހާރު ވެސް ވެބްސައިޓުގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް އަޕްގްރޭޑުކުރުމުގެ މަސައްކަތް އެބަކުރަން. އެ އަޕްގްރޭޑުން އެޕްލައި ނައު ޕޯޓަލްގެ ހިދުމަތްތައް ފަސޭހައިން ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
އާލިމް ވިދާޅުވީ ވެބްސައިޓު މެދުވެރިކޮށް ފައިސާނެޓް އަދި އެޕްލައިނައު ޕޯޓަލަށް މިހާރު ވެސް ވަދެވޭނެ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް ހިދުމަތްތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ފޯމާއި ޑޮކިއުމަންޓުތައް ހުށަހެޅޭނެ އެވެ.
އެމްއައިބީގެ ވެބްސައިޓުން މިހާރު ވިޔަފާރި އާއި އެކި ފައިނޭންސިން ފެސިލިޓީތަކުގެ މައުލޫމާތުތައް ފަސޭހައިން ހޯދޭނެ އެވެ. އަދި އެ ފެސިލިޓީތަކުގެ އިތުރު މައުލޫމާތު ހޯދުމަށް ހާއްސަ ކޮންސަލްޓޭޝަން ސެޝަނަކަށް ރިކުއެސްޓު ކުރެވޭނެ އެވެ. އަދި ވަކި ހިދުމަތެއް ނުވަތަ މައުލޫމާތެއް ބޭނުންވާ ނަމަ އެ ކަމަކަށް ހާއްސަކޮށް ޓިކެޓެއް އުފެއްދޭނެ އެވެ. އެ ޓިކެޓަށް ބެންކުން ޖަވާބު ދޭނެ އެވެ.
އެމްއައިބީއިން ބުނީ އެ ބެންކުން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ޓެކްނޮލަޖީގެ އެހީގައި ފަސޭހައިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ބެންކުގެ "އުޖާލާ ދިރިއުޅުން" ފަދަ ފައިނޭންސިން ސްކީމްތަކުގެ މައުލޫމާތުތަކަކީ ފަސޭހައިން ހޯދޭނެ މައުލޫމާތުތަކަކަށް ހަދާ، އެ ފަދަ ހިދުމަތްތަކަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމުތައް ފުރިހަމަ ކޮށްދިނުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy