03 ޖޫން 2023 - 10:13
ވާސާ، ޕޮލެންޑް (ޖޫން 3) - ޕޮލެންޑްގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީ އަކުން ބޭއްވި ވިޔަފާރީގެ ބައްދަލުވުމެއްގައި ބައިވެރިވި، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފްރީ ޝިމޯން މާޗިނިއާކް ހޫނުފެނަށް ވެއްޓިއްޖެ އެވެ.
މި މަހު 10 ވަނަ ދުވަހު، ތުރުކީގެ އިސްތަންބޫލްގައި، އިންޓަ މިލާނާއި މެންޗެސްޓާ ސިޓީ ކުޅޭ ފައިނަލު މެޗުގެ ރެފްރީ އަކަށް މާޗިނިއާކް ހަމަޖެއްސި ފަހުން، ޕޮލެންޑްގެ ފާ ރައިޓް ހަރުކަށި ސިޔާސީ ޕާޓީ އަކުން ބޭއްވި ވިޔަފާރީގެ ބައްދަލުވުމެއްގައި ބައިވެރި އޭނާ ވަނީ ވާހަކަ ވެސް ދައްކައިފަ އެވެ.
އެ މައްސަލަ ޔޫއެފާގެ ސަމާލުކަމަށް ގެނައީ ޕޮލެންޑްގެ ވެރިރަށް ވާސޯގައި ހަރަކާތްތެރިވާ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް އަޑު އުފުލާ ގުރޫޕަކުންނެވެ. އެ ގުރޫޕުން ޔޫއެފާ އަށް ޕްރެޝަރު ކުރުމުން އޭގެ ފަހުން މާޗިނިއާކް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމުން މާފަށް އެދިފަ އެވެ.
"އަހަންނަށް ނޭނގުނު [މި ބައްދަލުވުމަކީ] ޕޮލެންޑް ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ޖަމައާތަކާ ގުޅިފައިވާ ހަރަކާތެއް ކަމެއް. މި ހަގީގަތް އަހަންނަށް އެނގުނު ނަމަ އެ ދައުވަތަށް ދެކޮޅު ހަދާނަން،" މާފަށް އެދެމުން އޭނާ ބުނެފައި ވެއެވެ.
"އަހަރެން މި ވައުދު ވަނީ މި ތަޖުރިބާއިން ފިލާވަޅު ދަސްކޮށް، ކުރިއަށް އޮތްތަނުގައި މިފަދަ އުނިކަންތައްތައް ނުހިނގާނެ ގޮތް ހެދުމަށް."
މިދިޔަ އަހަރުގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލު މެޗުގައި ވެސް ރެފްރީކަން ކުރި މާޗިނިއާކް އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ރެފްރީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ޔުއެފާއިން ބުނީ މާޗިނިއާކް މާފަށް އެދި އެ ހަރަކާތުގައި ބައިވެރިވުމުން ހިތާމަ ކުރާކަން ފާޅުކޮށްފައި ވުމުން އޭނާގެ މަފު ގަބޫލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މީގެ ފަހުން ނަސްލީ ތަފާތުކުރުންތަކަށް ބާރު އަޅާ ގުރޫޕްތަކުގެ އެއްވެސް ހަރަކާތެއްގައި އޭނާ ބައިވެރި ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ޔޫއެފާއިން ބުންޏެވެ.
އެހެންވެ ޔޫއެފާއިން ވަނީ ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް އޭނާ އާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުރިއަށް ގެންދަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy