ޗެފް ޑި މިޝަނުންނަށް އައްޔަނު ކޮށްފައިވާ އައްޑޯ، ނާފިއު، ޖައު އަދި އައިންތު.-- ފޮޓޯ: އޮލިމްޕިކް ކޮމިޓީ
14 ޖޫން 2023 - 11:31
ރާއްޖޭން މިއަހަރު ވާދަކުރާ ބައިނަލްއަގުވާމީ ވަކިވަކި ގޭމްސްތަކުގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނުން އައްޔަނު ކޮށްފި އެވެ.
އޮލިމްޕިކް ކޮމިޓީ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ، މިއަހަރުގެ ފަސް ގޭމްސް އެއްގައި ރާއްޖޭން ވާދަކުރާނެ ކަން އިއުލާން ކޮށްފަ އެވެ. އެއީ ކޮމަންވެލްތު ޔޫތު ގޭމްސް، އޭއެންއޯސީ ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.
އޮލިމްޕިކް ކޮމިޓީ އިން ވަނީ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ފިޔަވައި ހަތަރު ގޭމްސް އަށް ޗެފް ޑި މިޝަނުން ހަމަޖައްސާފަ އެވެ.
އޮގަސްޓް މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގެ ޗެފް ޑި މިޝަނަކަށް ހަމަޖެއްސީ އާމިނަތު އަލީ (އައިންތު) އެވެ. އޮގަސްޓް 5-12 އަށް އިންޑޮނޭޝިއާގެ ބާލީގައި ބާއްވާ ވޯލްޑް ބޯޗް ގޭމްސްގެ ޗެފް ޑި މިޝަނަކީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.
ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޮތީ އޮގަސްޓް 25 އިން ސެޕްޓެމްބަރު 3 އަށް މަޑަގަސްކަރައިގަ އެވެ. އައިއޯއައިޖީގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައި ވަނީ އަބްދުލް ނާފިއު ތައުފީގެވެ.
ޗައިނާގެ ހަންގްޒޫގައި އޮންނަ އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައި ވަނީ އަބްދުލް ގަފޫރު އަބްދުލް ހަމީދު (އައްޑޯ) އެވެ. އޭޝިއަން ގޭމްސް ކުރިއަށް ދާނީ ސެޕްތެމްބަރު 23 އިން އޮކްޓޫބަރު 8 އާ ހަމައަށެވެ.
ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެފް ޝެފް
14 June 2023
ޙަބަރު ކިޔަންފެށިއިރު އަހަރެން ހީކުރީ މީ ތި ގޭމްސްތަކަށް ދާ ހުރިހާ އެންމެނަށް ކައްކާފަ ކާންދޭން ފޮނުވާ ބައެއްކަމަށް.
ބުޗާ
15 June 2023
ހެހެހެ.. ކިހާ ބޮޑު ކަމެއް..