މިރޭ ބޭއްވި ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް. -ފޮޓޯ: ރައީސް އޮފީސް
20 ޖޫން 2023 - 01:00
ސްޓެލްކޯ އިން ދެމުންދާ ހިދުމަތްތަކާ އެއް ފެންވަރަށް ހިދުމަތް ދޭ ކުންފުންޏެއް އަދި ވުޖޫދުވެފައި ނުވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި އެ ކުންފުނީގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯ އާ އެއް ފެންވަރުގެ ހިދުމަތެއް ދެވޭ ކުންފުންޏެއް މިހާތަނަށް އުފެދިފައި ނުވާ ކަމަށެވެ.
"ސްޓެލްކޯއަކީ އެ ކުންފުންޏާ ގުޅޭގޮތުން ވާހަކަ ނުދެއްކި ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންވާނެ އަޅުގަނޑުމެން ދޭ ހިދުމަތުގައި ދެވަނަ އެއް ނެތް. ސްޓެލްކޯއިން ދޭ ހިދުމަތާއި އެއްވަރު ކުރެވޭނެ ހިދުމަތެއް ދޭނެ ކުންފުންޏެއް އަދި ވުޖޫދަކަށް ނާދޭ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ތަސައްވުރަކީ އަބަދުވެސް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެއް ކަމަށެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާވެ ކަރަންޓުގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުނި، މިހާރު އިތުރަށް ފުޅާވެ، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްވެސް ދޭން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފެނާއި ނަރުދަމާގެ ހިދުމަތަކީ އަޅުގަނޑުމެންނަށް އާ ދެ ހިދުމަތެއް. އެހެން ނަމަވެސް މިހާރު ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރުގެ ހުނަރުވެރި ގާބިލް މުވައްޒަފުންތަކެއް އަޅުގަނޑުމެންނަށް ސްޓެލްކޯގައި އުފެއްދިފައި އެބަތިބި. މިއީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް. -ފޮޓޯ: ރައީސް އޮފީސް
އެކަމަށް ޓަކައި ޝަރީފް ވަނީ ސްޓެލްކޯގެ މިދިޔަ 26 އަހަރު މަސައްކަތް ކުރި އަދި ކުރަމުންދާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޝަރީފް ވިދާޅުވީ މިހާރު އެ ކުންފުނިން ކުރަމުންދާ މަސައްކަތަކީ ކޮންމެ މަހަކު ކަރަންޓު ބިލު ހަވާލު ކުރުމުން އެ ކުންފުންޏަށް އަމާޒު ކުރާ ތުހުމަތުތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކަމަށެވެ.
"ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ހިދުމަތް ހޯއްދަވައި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ޔަގީން ކުރައްވާ. ސްޓެލްކޯއިން އަޅުގަނޑުމެން ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތް. ކުރިމަގުގައިވެސް ނުކުރާނަން،" އެކަމަށް ހައްލެއް ހޯދުމަށް މި އަހަރުތެރޭ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި އެވެ.
އެ ޖަލްސާގައި ވަނީ އެކުންފުނީގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ހަވާލުކޮށްފަ އެވެ.
އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަތީފަށް ހާއްސަ އެވޯޑެއް ހަވާލުކޮށްދެއްވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާބަ
21 June 2023
ރައީސް އޮފީހުން ދޭ ޚިދުމަތް، މިރާއް ޖޭގެ އެހެން އެއްވެސް އޮފީހަކުން ދުވޭ
ޢަލީނާ
20 June 2023
މާލެެއާ ހުޅުމާލެ ބިންތައް އެހާމެ ބޮޑު.ނަގަމުން ނަގަމުންގޮސް ކުޑަކުދިންގެ ޕާރކާއި ދަރުބާރުގެއާ ދޭތެރޭގަ އިން ގޯޅިންވެސް ތަންކޮޅެއް ކާލައިފި
ޢަލީބަލީ1
20 June 2023
ތިދެއްވަނީ ހިދުމަތްތޯ؟ އަހަރުމެން ދަރާވިކިގެން ބިލް ދެއްކީމަ އެފައިސާ ކޮޅުން ކްރޮސްރޯޑް ގަ ޕާޓީ ކުރުމުގަ
ޙާދިމް
20 June 2023
މުޅިތަން ސިޔާސީ މީހުންވައްދާ ފުރައިފި. ކުރާނެ މަސައްކަތެއްނޯވޭ. ޢެއްވެސް ޓެކްނިކަލް ވޯޜކު ކުރާމީހަކު ނުވައްދާ.މިހާރު ސްޓެލްކޯ އަކީ ހިއްނަވަރު މީހުންގެ ސިޔާސީ އައްޑާއެއް
ހީދިމް1
20 June 2023
ޝަރީފްއާއި އެކު ސްޓެލްކޯ = ފެނަކަ!
ކަކުނިބޯ މުއައްޒަފުން
20 June 2023
ސްޓެލްކޯގެ އެމްޑީއާއި ޗެއަރމަން ޚިދުމަތް އިންގިލާބް ކުރުމަށް އެދޭނަމަ ފުރަތަމަ އަޅަންވީ ފިޔަވަޅަކީ ތިޔަކުންފުނީގެ އެތެރެއިން ގެންނަން ޖެހޭ ބަދަލުތަށް ގެނައުމެވެ. ތިޔަތާ އައިޓީކަމަށް ހެދިގަން އުޅޭ މީހުން ރަނގަޅަށް އިވެލުއޭޓްކުރުމަށް ފަހު ބޭރުކުރަން ޖެހޭ މީހުން ބޭރުކޮށް ކަމާއި ގުޅޭ ބަޔަކު ގެނަސް ތަން ޚަރުދަނާކުރުމެވެ. މިކަން ކުރަން ނުކެރި ހުސްވާހަކަ ދައްކާނަމަ ވާނީ އިތުރަށް ގޯހެވެ. މިހާރުވެސް ޝަރީފުގެ އަގުވައްޓަން ބޭކާރު ވާހަކަދައްކާ ގުރޫޕެއް މިއީ!
ބިލުގެ ހިދުމަތް
20 June 2023
ނުދޭ ހިދުމަތްތަކައްވެސް ބިލްކުރާ ކުންފުންޏެއް ވީމަ ހުރިހާ ހިދުމަތެއްވެސް ބިލުގަ ހިމެނިދާނެ. ކުނި އުކުމުގެ ފައިސާ (ކުނި އުފައްދާނޔޭކިޔާފަ)، ފަރުވާކުރުމުގެ ބިލު (ބަލިވެސް ވާނޭ ކިޔާފަ)، ދުވަސްކޮޅަކުން ލާނެ. ޢެހެންވީމަ ވަރަށް ހިދުމަތް ދެވިފަތާ ހުންނާނީ.
....ފރފ.
20 June 2023
އަސާސީ ހިދުމަތް ދޭބައެއް މީ ކޮންކަމެއް؟ އެންމެ ބޮޑު ހައިލައިޓް އަކީ އިރުއިރު ކޮޅާ ކަރަންޓު ކެނޑޭ ފީޗާ. ކީއްވެ ފެނާއި ނަރުދަމާއައް އަތް ބާނަންވީ ކަރަންޓް ދޭންޖެހޭ ބައެއް؟
ނަންނާ
20 June 2023
ޚިދުމަތްގެ ފެންވަރާއި އޭގެ މޮޅުކަމަކީ ޚިދުމަތްދޭ ފަރާތަށް ވުރެން ޚިދުމަތް ލިބޭ ފަރާތުގެ އިހްސާސްގެ މައްޗަށް ބިނާވާކަމެކެވެ. ނަމަވެސް ސްޓެލްކޯއިން މިކުރާކަމެއް ނޭގެއެވެ.
ކަލޯބެއް
20 June 2023
ސްޓެލްކޯ ވެސް ސިޔާސީ ކޮއްނިންމައިފި
ކަންވާރު އިބުރާހީމް
20 June 2023
ހުސްވާހަކަ ދައްކަނީ؟ ކުރެވޭ ކަމެއް ނެތެވެ. ތަރައްޤީ ކުރެވުނީ މިވެނި ޚިދުމަތެކޭ ކިޔޭނެ އެއްޗެއް އޮތްނަމަ ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިއްސާކޮށްލެވިދާނެތޯއެވެ؟ ފަހުން ޖަލްސާއެއް ބޭއްވިދާނެ ނޫންތޯއެވެ. ހީވާ ގޮތުން އެމްޑީއަށްވެސް އޮޅޭ ދަރަޖައަށް ސްޓެލްކޯގެ ކަންތަށް ވަނީ ގޮސްފައެވެ.