ވިޔަފާރި / ކޮރަޕްޝަން

ޕެޓީ ކޭޝް: ވައްކަމަށް މަގުފަހިވާ އާ ނަމެއް؟

މީހަކަށް 500ރ. ގެ ނޫޓެއް ދެނީ. ޕެޓީ ކޭޝް ދިނުމުގައި ކުންފުނިތަކަށް މާލިއްޔަތު ގާނޫނާ އެއްގޮތަށް އަމަލު ކުރަން މަޖުބޫރެއް ނޫން -- ފޮޓޯ/މިހާރު

ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހު އާރްޑީސީގެ ތިން މުވައްޒަފެއްގެ އެކައުންޓުތަކަށް ހަތަރު ލައްކަ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ކޮންމެ މަހަކު ވެސް ފޮނުވަ އެވެ. މި އަދަދުތައް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފޮނުވުމުން ސުވާލު އުފެއްދޭނެ އެތައް ފުރުސަތެއް ފަހިވެ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ސަމާލުކަމަށް އައިސް ފުލުހުން މި މައްސަލަ އަންނަނީ ބަލަމުންނެވެ. މި މައްސަލައިގައި ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ވަރު އެ މުވައްޒަފުންގެ އެކައުންޓަކަށް ފޮނުވާފައި އެބަ ހުއްްޓެވެ.

އެންމެ އާދައިގެ ކުޑަ ކުންފުންޏަކުން ވެސް ނުގެންގުޅޭ ސަގާފަތެއް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ގެންގުޅުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އަދި މާލިއްޔަތު ގާނޫނަށް އަމަލު ކުރަން ނުޖެހުން އެއީ، ބޭނުންވާ ކޮންމެ އުސޫލަކުން ދައުލަތުގެ ފައިސާ ބޭނުން ކުރަން އޮތް ސަބަބެއް ހެއްޔެވެ؟ ޕެޓީ ކޭޝް އަކީ ކުދި ހަރަދުތައް ކުރަން ހުންނަ އެއްޗަކަށްވާ އިރު، އެ އުސޫލުން ބޭރު މުވައްޒަފުންނަށް މުސާރަ ދޭން ވެސް އެކައުންޓަކަށް ފައިސާ ފޮނުވަން ޖެހޭ ހެއްޔެވެ؟

އާރްޑީސީން ވަކި މުވައްޒަފުންތަކެއްގެ އެކައުންޓްތަކަށް ޕެޓީ ކޭޝް ފައިސާ ފޮނުވަމުން ދިޔައީ އެ ކުންފުނި އުފެދުނު ހިސާބު ބޯޑުން އެކުލަވައިލި އުސޫލެއްގެ ތެރެއިން ކަމަށް އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު އަހުމަދު ވިދާޅުވި އެވެ. މިފަދަ އުސޫލެއް އެ ކުންފުނިން އެކުލަވާލީ، ބޭންކުގެ ޕޮލިސީ އަށް ބަދަލު އައިސް ނަގުދު ފައިސާގެ ލިމިޓުތަކެއް ކަނޑައެޅުމުން، ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހައިން ފައިސާ ލިބޭނެ ގޮތްތައް ނެތުމުން ކަމަށް ބުނެ އެވެ. ޕެޓީ ކޭޝްގެ ގޮތުގައި ފޮނުވާ ފައިސާ އިން ރެގިއުލަރައިޒް ނުވާ ބިދޭސީންގެ މުސާރަ ވެސް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފޮނުވާފައި ހުންނާނެ ކަމަށް ޔާސިރު އެއްބަސްވި އެވެ.

1،000 ނޫޓު ބޮނޑިއެއް. ޕެޓީ ކޭޝްގެ ގޮތުގައި ފައިސާ ދޫކުރާނެ އުސޫލު ހެދުމުގެ ބާރު އެސްއޯއީ ބޯޑުތަކަށް އޮވޭ--ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ އާރްޑީސީއާ ހިސާބުން ނިންމާލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. ކުންފުނިތަކުން އެކި ބޭނުންތަކަށް ދޭ ޕެޓީ ކޭޝް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ، އެތައް ކުންފުންޏެއްގެ އިތުރުން، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ވެސް ކޮށް އުޅޭ އާންމު ކަމެކެވެ. މިކަން ބޮޑު މައްސަލައެއްގެ ގޮތުގައި ފެންމަތިވަނީ މަދު ފަހަރަކު އެވެ.

ސަރުކާރުގެ އިދާރާއެއްގެ މާލީ ކަންކަމާ ގުޅޭ މެނޭޖަރަކު ވިދާޅުވީ، އެ އޮފީހުގެ ތެރެއިން ވެސް އެތައް ފަހަރު ޕެޓީ ކޭޝްއަށް ފޭކު ބިލް ހަދާ މައްސަލަތައް ފެންމަތިވެ، މުވައްޒަފުންނަށް ފިޔަވަޅު އަޅާފައި ހުންނާނެ ކަމަށެވެ.

"މަދު ފަހަރެއްގަ މިކަން ހެކި ފެންނަ ވަރަށް ފަޅާ އަރަނީ. ވަރަށް ގިނައިން ޝައްކު ކުރެވޭ ކަންކަން އެބަ ހިނގާ. ބިލް ހުށަހެޅީމަ ދެން ނޯވޭ އެކަން ބެލޭނެ މާ ބޮޑު ގޮތެއް. މިސާލަކަށް ރަށްރަށުގެ ސައިޓުތަކުގައި ތިބޭ މެނޭޖަރުންނަށް ދޭ ފައިސާ އަށް ފޭކު ބިލެއް ހެދުން އެއީ ވަރަށް ފަސޭހައިން ކުރެވޭ ކަންކަން. ބައެއް މެނޭޖަރުން އެބަ ގެންގުޅޭ ބިލް ހަދާ ފޮތްތައް. އެހާ ފުޅާކޮށް އެކަން ކުރާ މީހުން ވެސް އެބަ އުޅޭ،" އޭނާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ އިސްވެރިން--ފޮޓޯ: މިހާރު

ރާއްޖޭގެ މަޝްހޫރު އޮޑިޓަރެއް ވިދާޅުވީ، މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކޮންމެ މަހަކު އެހާ ބޮޑެތި އަދަދުތައް ޕެޓީ ކޭޝްގެ ގޮތުގައި ފޮނުވަން ޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. ސަބަބަކީ، އެ ކަމުން ބޮޑެތި ކުށްތަކަށް މަގުފަހިވާނެތީ އެވެ. އެއީ ކުންފުނީގެ މަސައްކަތްތައް ފަސޭހަ ކުރަން، ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ އާދައިގެ ކުދި ކުދި ކުންފުނިތަކުން ވެސް ނުކުރާނެ މިގޮތަށް ކަންކަމެއް. މިއީ ސީދާ ބެސްޓް ޕްރެކްޓިސްތަކާ ހިލާފަށް ހިންގާ ކަމެއް. އެފަދަ ގޮތަކަށް އެކަން ކުރަން ފުރުސަތު ދެވިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އާރްޑީސީން މުވައްޒަފުންގެ އެކައުންޓުތަކަށް ފައިސާ ވައްދަނީ ބޯޑުން ފާސްކުރި ހާއްސަ އުސޫލެއްގެ ދަށުންނެވެ. އަދި އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވުމުން، މާލިއްޔަތު ގަވައިދާ މިންގަނޑުތަކަށް އަމަލު ކުރާކަށް ނުޖެހެ އެވެ. މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އަމަލު ކުރަން ނުޖެހުނު ނަމަވެސް، ކުންފުނިތަކުގެ ހިންގުމާ ގުޅޭ ގޮތުން އެކުލަވާލާ އުސޫލުތައް ވާން ޖެހޭނީ، އެކައުންޓިން ބެސްޓް ޕްރެކްޓިސްއަށް ފެތޭ އުސޫލުތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ މިކަން ސިފަކުރީ ހިޔާނާތާއި ފްރޯޑު ހިންގުމަށް ބޯޑުން ކޮށައިދިން މަގެއްގެ ގޮތުގަ އެވެ.

"މިއޮއް ފަދަ ޒަމާނުގައި ކީއްކުރަން ކޭޝް އިން ޑީލް ކުރަންވީ. ބޯޑަށް އެނގިގެން ނަމަވެސް ނޭންގި ނަމަވެސް ފްރޯޑަށް އޯޕަން ކުރި ލޫޕް ހޯލެއް މީ،" އޭނާ ވިދާޅުވި އެވެ.

"އެންމެ އާދައިގެ ކުދި ކުދި ކުންފުނިތަކުން ވެސް ނުކުރާނެ މިގޮތަށް ކަންކަމެއް. މިއީ ސީދާ ބެސްޓް ޕްރެކްޓިސްތަކާ ހިލާފަށް ހިންގާ ކަމެއް. އެފަދަ ގޮތަކަށް އެކަން ކުރަން ފުރުސަތު ދެވިގެން ނުވާނެ،"

މި މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ، މިކަމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ، މުވައްޒަފުންގެ އެކައުންޓަށް ފައިސާ ލާ ހިސާބުން، އެ ޓްރާންސެކްޝަނެއް ޓްރޭސް ކުރަން ދެން އުނދަގޫވާނެތީ ކަމަށެވެ. މިސާލަކަށް އެ ފައިސާ ކޭޝް އައުޓްވާ ހިސާބުން ނުވަތަ އޭޓީއެމް އިން ނެގުމުން ދެން އެއަށް ވާނެ ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ، މިފަދަ މައްސަލަތައް ފެންމަތިވާ ހިސާބުން އޭސީސީ އާއި އޮޑިޓަ ޖެެނެރަލް އޮފީހުން ވެސް އެކަން ހިނގާދިޔަ ގޮތް ބަލަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނުގެ ތެރެއަށް ވަންނަން ނުޖެހުނަސް ކުންފުނިތަކުން ވެސް ކަންކަން ކުރަން ވާނީ މާލިއްޔަތުގެ ގާނޫނުގެ ހަމަތަކުގެ ތެރެއިން ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމެއްގައި ކުންފުނިތަކާއި ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މިހާރު

"ޕެޓީ ކޭޝް މި ދެނީ ކުދި ކުދި ހަރަދުތައް ކުރަން. މުވައްޒަފުންގެ މުސާރަ ދޭން ބޭނުން ކުރެވިގެން ނުވާނެ. އަނެއްކޮޅުން ސައިޓުތަކުގެ މެނޭޖަރުން ދޯ އެ ސައިޓެއްގެ ކަންކަން ބަލާނީ. އެ މީހުންނަށް އެ ޕެޓީ ކޭޝް ނުގޮސް ކީއްވެ ވަކި ތިން މުވައްޒަފުންގެ އެކައުންޓަށް ފައިސާ ދާންވީ،" އޭނާ ވިދާޅުވި އެވެ.

މިއީ ގިނަ ކުންފުނިތަކުން އަމަލު ކުރާ އުސޫލެއް ނޫން

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ފައިނޭންސް ޑިޕާޓްމެންޓްގެ ހެޑް ވިދާޅުވީ، އެ ކުންފުނިން އޮޕަރޭޝަނަލް ގިނަ ހަރަކާތްތަކެއް ހިންގި ނަމަވެސް، ޕެޓީ ކޭޝްގެ ގޮތުގައި 10،000ރ. އަށް ވުރެ އިތުރަށް ދޫކުރަނީ އެކަމަށް ބިލް ފޮނުވައިގެން ކަމަށެވެ. އޭނާ ވިދާޅުވީ، ޕެޓީ ކޭޝްގެ ގޮތުގައި ވަކި ވަކި މުވައްޒަފުންގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމަކީ ވަރަށް ދޯދިޔާ އުސޫލެއް ކަމަށެވެ.

"އަސްލު ސީއެފްއޯއަކު ރަނގަޅަށް މެނޭޖު ކުރަން ޖެހޭނެ ކަމެއް. އޭގަ ބޭޑް އިންޓެންޝަންގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ވެސް ކަންކަން މިއީ. ކޮރަޕްޝަން ހިނގާފައެއް އޮތްތޯ ދެން ޖެހޭނީ ބަލަން،"

"އާންމުކޮށް މިފަދަ އުސޫލުތައް އަޅުގަނޑުމެން ޕީސީބީ އަށް ފޮނުވަން. އަނެއްކޮޅުން މާލިއްޔަތު ގަވައިދަށް އަމަލު ކުރަން ނުޖެހުން އެއީ، އެ އުސޫލުގެ ތެރޭގައި ހުރި ރަނގަޅު ގޮތްތައް ދޫކޮށްލަން ޖެހޭ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕެޓީ ކޭޝްގެ ގޮތުގައި އާންމުގޮތެއްގައި ދައުރުވާނީ ވަރަށް ކުދި ކުދި އަދަދުތައް ކަމަށެވެ. އަދި ޕެޓީ ކޭޝް ފޮނުވާނީ، އެ ބޭނުންވާ ޑިޕާޓްމެންޓެއްގެ މުވައްޒަފުންނަށެވެ.

"މިހާރު އާރްޑީސީ ފަދަ ކުންފުނިތަކުގައި ކުރިއާލައި ޕްރޮޖެކްޓްގެ ކަންކަން އެނގޭނެ. އެހެންވެ، އެހާ ބޮޑެތި އަދަދުތައް ވަކި ބައެއްގެ އެކައުންޓުތަކުގައި ރޯލް ކުރެވިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އާރްޑީސީއާ ގުޅޭ މި މައްސަލަ ފެންމަތިވުމުން، ކަން ހިނގާދިޔަ ގޮތް ޕީސީބީން އަންނަނީ ބަލަމުންނެވެ. ޕީސީބީގެ ރައީސް އަހުމަދު އާސިމު ވިދާޅުވީ، ކުންފުނިތަކުން މާލީ ކަންކަން ރަނގަޅު ކުރުމަށް ޕްރޮކިއުމެންޓް ގައިޑްލައިނެއް އެކުލަވައިލާފައިވާ ކަމަށެވެ. އަދި އިތުރު ކަންކަން ވެސް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"ފައިނޭންޝަލް ޕޮލިސީތަކަކީ ކޮބައިތޯ އެއްކޮށް ދެނެގަނެ، ޖުމްލަ ފައިނޭންޝަލް ހާމޮނައިޒްޑް މެނުއަލެއް ހެދުމުގެ މަސައްކަތް މިހާރު އެބަ ކުރަން،" އޭނާ ވިދާޅުވި އެވެ.

އެސްއޯއީތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި. އެސްއޯއީ ތަކުން މާލީ ކަންކަމުގައި ބެސްޓް ޕްރެކްޓިސްއަށް ތަބާވެވޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ ކަމަށް ދާއިރާގެ އިސް ބޭފުޅުން ވިދާޅުވޭ--ފޮޓޯ:މިހާރު

އާސިމް ވިދާޅުވީ، އާންމު އުސޫލަކުން ވަކި ބަޔެއްގެ އެކައުންޓްތަކަށް ފައިސާ ޖަމާވާ ނަމަ ޝައްކު އުފެއްދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އަސްލު ސީއެފްއޯއަކު ރަނގަޅަށް މެނޭޖު ކުރަން ޖެހޭނެ ކަމެއް. އޭގަ ބޭޑް އިންޓެންޝަންގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ވެސް ކަންކަން މިއީ. ކޮރަޕްޝަން ހިނގާފައި އޮތްތޯ ދެން ޖެހޭނީ ބަލަން،" އޭނާ ވިދާޅުވި އެވެ.

ހަމައެއް ނެތް އުސޫލުތައް ހަދަނީ ބޯޑުތަކުން، ޒިންމާ ކޮބާ؟

ކުންފުންޏެއް ޖަވާބުދާރީކޮށް ހަމަ މަގަށް އެޅުމަށް އެންމެ މުހިއްމު މަސައްކަތެއް ކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ބޯޑަށެވެ. އެކަމަކު ސަރުކާރު ހިންގާ ގިނަ ކުންފުނިތަކުގެ ބޯޑުތަކަށް އެ އުސޫލުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށް އެކައުންޓިން ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލީ ކަންކަމުގައި ކުންފުނިތައް ޖަވާބުދާރީ ނުކުރެވޭ އެންމެ ބޮޑު އެއް މައްސަލައަކީ ކުންފުނިތަކުގައި "ކެޕްޗާޑް ބޯޑު"ތައް ހުރުން ކަމަށެވެ. އެފަދަ ބޯޑުތަކުން މަސައްކަތް ކުރާނީ މެނޭޖުމެންޓު ޖަވާބުދާރީކޮށް، މުހިއްމު ނިންމުންތައް ނިންމުމުގެ ބަދަލުގައި މެނޭޖްމެންޓުން، ބުނާ ކަމެއް ކޮށްގެން އުޅެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަަމަ ކަމަކަށް ބޯޑުތަކުގައި އެބަ ޖެހޭ ފައިނޭންސިން ދާއިރާގެ މީހުން ވެސް ތިބެން. ބޯޑުތައް މި އޮންނަނީ ވަރަށް ބޮޑަށް ސިޔާސީ ވެފައި. މައްސަލަތައް ދެނެގަނެ، ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ހަމައެކަނި ކުރާ ކަމަކީ، މެނޭޖްމެންޓުން ބުނާހާ ކަމެއް ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޯޑުތައް މިނިވަންކަމާ އެކު މަސައްކަތް ކޮށްގެން ނޫނީ، މިފަދަ ކަންކަން ހައްލު ނުވާނެ ކަމަށެވެ.

"ބޯޑުތަކުގެ ނާގާބިލުކަން މިފެންނަނީ. އެނގިގެން ނަމަވެސް ނޭންނި ނަމަވެސް ފްރޯޑް ހިންގަން މަގުފަހިކޮށްދީފައި މި ހުންނަނީ. ދައުލަތުގެ ބޯޑުތަކުގެ އިންޑިވިޖުއަލް ޑައިރެކްޓަރުން ރެސްޕޮންސިބަލް ކުރެވޭނެ ގޮތެއް ވެސް ނޯވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޯޑުތައް ވެސް ޖަވާބު ދާރީ ކުރުވަން މާލިއްުޔަތު ގާނޫނުގެ ތެރެއަށް ވެއްދުން މުހިއްމު ކަމަށެވެ. ސަބަބަކީ، ރާއްޖޭގެ ގިނަ ކުންފުނިތަކުގެ ބޯޑުތަކުގައި އޮތީ ކުންފުނިތައް ޒިންމާދާރު ކުރުމުގެ ޒަގާފަތަކަށް ވުރެ ބޮޑަށް މެނޭޖުމެންޓު "ހިތްރުއްސުވުމުގެ" ވިސްނުން ކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުން ފައިސާ ބޭނުން ކުރުމުގައި ބެސްޓް ޕްރެކްޓިސްތަކާ ހިލާފު އުސޫލުތަކުގެ ތެރެއިން އަމަލު ކުރެވޭނެ ގޮތްތައް ބަންދުކޮށް، އެފަދަ އުސޫލުތައް ހަދާ ފަރާތްތަކުން ޖަވާބުދާރީ ނުކުރެވޭ ނަމަ، މިއީ ކުރިއަށް އޮތްތަނުގައި ހައްލު ކުރަން އުނދަގޫ މައްސަލައެކެވެ. މިވަގުތު ޕްރައިވަޓައިޒް ބޯޑުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ، ފައިސާއާ ގުޅޭ ކަންކަމުގައި ހުރިހާ ކުންފުންޏަކުން އެއް ހަމައަކުން އަމަލުކޮށް، ދެފުން ފެންނަ ނިޒާމެއް ގާއިމް ކުރުމެވެ.

49 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮސްބެގެ ކާފަ

13 July 2023

ރެގިއުލަރައޒޭޝަން ޕޮލިސީގެ ދަށުން މާލޭގެ އަވަށެއްގެ މަދު ގެތަކަކަށް ވަދެވުނުތަނާ ދުނިޔެ ރަންވެއްޖެ. ކިނބި ހިންޏަށްވެސްވީ އެހެން. ކިނބިހިންޏަށް ވީގޮތަކީ ދުނިޔެ ރަންވީ. ގޭގެއަށް ވަން ބޭފުޅުންނަށް ހީވީ އެއްބުރުން ދުނިޔެ ފަތަހަ ވެއްޖެހެން.ރެގިއުލަރައޒޭޝަން ޕޮލިސީގެ ދަށުން ލައްކަ ގިނަ ވެރިންވެސް ފެނިއްޖެ. ތެތްކަމުގެ ކަންފުޅެއްވެސް ނެތް.

The name is already taken The name is available. Register?

އަސްރަފާ

13 July 2023

އިނގޭ ހާވެސް ކަމަކީ ޔާމިނަށް ވުރެ މިސަރުކާރު ވައްކަން ގިނަ ވެއްޖެކަން

The name is already taken The name is available. Register?

އަނދުން

13 July 2023

ތިޔަކީ އާނަމެއް ނޫން، ތިގޮތައް ތިކަން ހިނގާތާ 20 އަހަރު ވެއްޖެ ހަމަގައިމުވެސް، އަހަރަކަށްފަހު އަހަރެއް އަދަދު ބޮޑުވާތީ މިހާރު އެހެން ހީވެގެން ތިއުޅެނީ

The name is already taken The name is available. Register?

ނާގާބިލު

13 July 2023

ހުރިހާވެސް މައްސަލައަކީ ނާގާބިލުވެރިން.ތަންދޮރުނޭނގޭ މަގުމަތީ އެކްޓިވިސްޓުންނަށް ވަޒީފާދިނުން. މިއީ ދެވަނަ ދައުރު ހޯދުމަށް ކޮށަން އޮންނަ މުހިންމު އެއްމަގު.ވޯޓުދެންޏާ ޓެގް އަޅުވާފަނަމަވެސް ކުށްވެރިން ދޫކޮށްލަންވީ.މިހެންގޮސް ކިޔާނެ ކަމެއްނެތް މުޅިގައުމު އޮޑިހަރުގެއަކަށް ބަދަލުވެ ނިމިއްޖެ. އޭރުން އެއޮތީ އަމާންރާއްޖެ އަތުޖެހިފަ.

The name is already taken The name is available. Register?

ލަކީ

13 July 2023

ހެހެ ސ،ހިތަދޫ އާރުޑީސީން އެންތާގެ ގިނަ ދުވަސް ވީ މުއައްޒަފެއް ނަމަކީ ނަޝީދު އެބޭފުޅާ ކާރީގަ ގޯތި ތެރެޔަށްވެލިކޮޅެއް އަޅާދޭށޭ ބުނީމަ ބޮޑެތި ލޮރީން ގޮސް އެމީހަކު ބުނިވަރަކަށް ފަސް އަޅާފަ އެބޭފުޅާގެ އެކައުންޓް ނަމްބަރު ފޮނުވާނީ މީމިކަން ހިންގާގޮއި ގުޅިގެން ކުރާކަމެއް މީ

The name is already taken The name is available. Register?

ކޮރަޕް

13 July 2023

ރާއްޖޭގައި ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިވެސް ކޮރަޕްޝަން އޮތީ އިންތިހާގައި. އެއީ ސިއްރުން ކުރާ ކަމެއް ނޫން. ބައެއްފަހަރަށް ގަވާއިދާ ޚިލާފަށް. އަނެއްބައި ފަހަރަށް ރީތި ނަމެއްގައި. އިސްތިހާރު ކުރުން، ސީއެސްއާރ މިކަހަލަ ނަން ނަމުގައި. އަނެއް ބައި ފަހަރަށް މުބާރާތެއް ނޫނީ ކްލަބެއް ސްޕޮންސަރ ކުރުމުގެ ނަމުގައި. މިހުރިހާ ކަމެއްގެ ތެރޭގައިވެސް އިންތިހާއަށް ކަރަޕްޝަން އޮވޭ.

The name is already taken The name is available. Register?

ބަޑިތަކުރު

13 July 2023

ދައުލަތުގެ ކުންފުންޏެއްކަމަށްވަންޏާ މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރަން ނުޖެހޭނަމަ ހުރިހާ ކުންފުނިތަކުން އަމަލުކުރަންޖެހޭ މައިގަނޑު އުސޫލުތަކެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. އެހެންނޫނީ ތިހުންނަނީ އެނގިތިބެގެން ވައްކަން ކުރުމަށްޓަކައި ބައްޓަންކޮށްފައި ހުންނަ ނިޒާމްތަކެވެ. ޕެޓީކޭޝްއިން ގިނަ ޚަރަދުތަކެއްކުރާ ތަނެއްގެ އެންމެ އާދައިގެ މުވައްޒަފަކު ދުވަސްކޮޅެއްވީއިރު ވަރަށް މުއްސަނދިވެ ގެވެސް ބުރިބުރިއަށް އަރައިގެން ދިޔަ ވާހަކައެއް މާކުރިންވެސް އެހ

The name is already taken The name is available. Register?

މަރުހަބާސިޔާސީގައުމަށް

13 July 2023

ސިޔާސީ ޕާޓީތައް ގެނެސްގެން ގައުމަށް އައި އެންމެ ބޮޑު ކުރިއެރުން ތި ފެންނަނީ. މައުމޫން ޒަމާނުގެ ހިސާބުކިތާބު ބެލެހެއްޓުން އެއްވަނަވާނެ. އޭރު ހިނގިނަމަ ހިނގި ކަމެއް އެހިނގި ކަމަށް ކިޔަނީ 80% ދޮގު އެކަމުގެ ތެރެއަށް ލައިގެން. އެޒަމާނުގަ ނުކެރޭނެ ތިހެން ޕެޓީ ކޭހުން ބޮޑެތި ވައްކަންކުރާކަށް. މިހާރު ވެރިންނަށްވެސް ލާފަ އެ ތިބެނީ ސިޔާސީ ވަފާތެރި ޚިޔާނާތްތެރިން. ދެން އެއްކަމެއްވެސް ރަގަޅުވާނެ ގޮތެއް ނޯންނާނެ. ދީނެއް ނެތުމުން އަމާނާތްތެރިކަމެއް ނޯންނާނެ

The name is already taken The name is available. Register?

ވަތުކިބަ

03 August 2023

މައުމޫން ޒަމާނުގަ ފުއްގުދަނުގަ އިންމީހާވެސް އެހެންމީހެއްގެ ނަމުގަ އެކައުންޓްއެއް ހުޅުވާފަ ލާރިކޮޅު ޖަމާކުރީ ކަން ނިމުނުއިރު ހުރިކަމަށްވަނީ 18މިލިއަނަށް އުރެންގިނަ ރުފިޔާ މިހާރު ތަޅުދަނޑި ހަދާތަނެއް ހަދާފަ މާލެން ބިންގަނެފަ ސައިކަލް ސްޕެއަރ ވިއްކަނީ!

The name is already taken The name is available. Register?

ޖޫސް ޕެޓީ

13 July 2023

ޕެޓީ ޖޫސް

The name is already taken The name is available. Register?

އަންދަލޫސިޔާ

13 July 2023

ދައުލަތުގެ ކުންފުނިތަކުގައި ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގެންގުޅެނީ ކޮން ހަމަޔަކުންތޯ؟

The name is already taken The name is available. Register?

ކޮސްބެގެ ބޭބެ

13 July 2023

ނޯމަލައިޒޭޝަން ޕޮލިސީގެ ދަށުން. ނޭނގިގެން ސުވާލު ކުރީތީ ބުނެލީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454