ސައިފް އަލީ ހާން: ސައިފްގެ އެކްޝަން ފިލްމެއް ނެޓްފިލްކްސްއަށް ގެނައުމުގެ މަސައްކަތް ވަނީ ފަށައިފައި.
14 ޖުލައި 2023 - 06:10
ބޮލީވުޑްގެ ތަރި ސައިފް އަލީ ހާން ލީޑު ރޯލު ކުޅޭ އެކްޝަން ފިލްމެއް ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.
ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި އެ ފިލްމަކީ ސައިފް އާއި ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ސިދާތު އާނަންދުގެ ޕްރޮޑަކްޝަން ހައުސް، މާފްލިކްސް އިން އުފައްދާ ފިލްމެކެވެ. ރޮބީ ގްރީވަލް ޑައިރެކްޓުކުރާ މި ފިލްމަށް ކިޔާ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.
ސައިފް އާއި ސިދާތު ވަނީ ކުރިން ވެސް، "ނަމަސްތޭ" އާއި "ތަރަ ރަމް ޕަމް" ކަހަލަ މަޝްހޫރު ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އެކަމަކު، މި ފިލްމަކީ 16 އަހަރު ފަހުން އެ ދެމީހުން އެކުގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެކެވެ.
މި ފިލްމު ސިނަމާތަކުގައި ނާޅުވާނެ ކަމަށާއި ފިލްމު ރިލީޒްކުރާނީ ޑިޖިޓަލްކޮށް ކަމަށް ނޫސްތަކުގައި ބުންޏެވެ.
މި އަހަރު މަސައްކަތް ފަށައި އަންނަ އަހަރު ފިލްމު ރިލީޒްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސައިފްގެ އެކްޝަން ތުރިލާ ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް "ސެކްރެޑް ގޭމްސް"އަކީ ވެސް ބޮޑު ތަރުހީބެއް ލިބުނު ސީރީޒެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy