ސީއެންއެން އިން ހޯސްޓްކުރި "އިންޑިއަން އޮފް ދަ އިޔާ" އެވޯޑުގައި ވިދާލި ރަންވީރު (ވ) ކަންގަނާ އަދި ސައުތު އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އެސްއެސް ރާޖްމޯލީ
11 ޖޫން 2016 - 11:00
ސީއެންއެން އިން އިންޑިއާގައި ހޯސްޓްކުރާ "އިންޑިއަން އޮފް ދަ އިޔާ 2015" އެވޯޑު ގައި މުނިފޫހިފިލުވުމުގެ ދާއިރާއިން މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދި ފަރާތްތަކަށް އެވޯޑު ދީފި އެވެ.
މި އިވެންޓުގައި އެންމެ ފަޚުރުވެރި އެވޯޑުތައް ލިބިފައިވަނީ ހިންދީ ފިލްމު އެކްޓަރު ރަންވީރު ސިންގް އަށާއި ބަތަލާ ކަންގަނާ ރަނާވަތަށެވެ. އަދި "ބާހޫބަލީ"ގެ ޑައިރެކްޓަރު އެސް.އެސް ރާޖްމޯލީއަށް ވެސް މި ހަފުލާގައި އެވޯޑު ލިބުނެވެ.
މިއަހަރުގެ ކުރީކޮޅު ބޭއްވި ގައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވެސް އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔަ ކަންގަނާ ރަނާވަތާއި "ބާޖީރާއޯ މަސްތާނީ"ގައި މޮޅު އެކްޓިން އެއް ދައްކުވައިދީގެން ރަންވީރު ސިންގް އަށް ސްޕެޝަލް އެޗީވްމަންޓް އެވޯޑް މި ހަފުލާގައި ދީފައިވެ އެވެ.
މީގެ އިތުރުން އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމު "ބާހޫބަލީ"ގެ ޑައިރެކްޓަރު އެސްއެސް ރާޖްމޯލީ އަށް "އިންޑިއަން އޮފް ދަ އިޔާ 2015" ގެ ޝަރަފުވެރި އެވޯޑު ވެސް ވަނީ ދީފަ އެވެ.
މި އިވެންޓުގައި ވާހަކަ ދައްކަމުން ކަންގަނާ ވަނީ އިންޑިއާގެ ސެންސަރު ބޯޑާއި "އުޅްތާ ޕަންޖާބު" އާ ދެމެދު ހިނގަމުންދާ އަރާރުމުގައި އެ ފިލްމަށް ތާއީދުކުރާކަން ވަރަށް ސާފު ބަހުން އިއުލާން ކޮށްފަ އެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާގެ ފިލްމު "ކުއީން" އަށް ވެސް ސެންސަރު ބޯޑުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވި އެވެ.
ރަންވީރު މިވަގުތު ހުރީ "ބޭފިކްރޭ"ގެ ޝޫޓިންގައި ޕެރިހުގައި ކަމުން އޭނާގެ އެވޯޑާ ހަވާލުވެފައިވަނީ އޭނާގެ ބައްޕަ އެވެ. ނަމަވެސް އެވޯޑު ލިބުނީތީ ޝުކުރު އަދާކޮށް ރަންވީރު ދީފައިވާ ވީޑިއޯ މެސެޖެއް މި ހަފުލާގައި ދެއްކި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy