އަބްދުއްރަހީމް، ޔާމީންއާ އެކު: ރިޔާސީ އިންތިހާބު ފަސްކުރުމަށް ވަނީ ގޮވާލައްވާފައި - ފޮޓޯ: ނިޝާން އަލީ | މިހާރު
18 ޖުލައި 2023 - 01:03
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ނިމެންދެން މި އަހަރުގެ ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ގޮވާލައިފި އެވެ.
އެ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި،ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ. އެހެންވެ، ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރަން އަބްދުއްރަހީމް ގޮވާލެއްވި އެވެ.
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް އަބްދުއްރަހީމް ގޮވާލެއްވިއިރު، ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ. ޖިނާއީ ކުށެއް ސާބިތުވެފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތެއް ގެއްލޭ ކަމެކެވެ.
އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ފަށާފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންފައިވާތީ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ. އެހެންވެ، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ ހަތް ވަނަ ދުވަހު ހަމަވުމުގެ ކުރިން އިސްތިއުނާފް ނިމޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެއްޖެ ނަމަ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހު އެވެ.
މީގެ ކުރިން ހައި ކޯޓުން ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އިދިކޮޅަށް އޮތެވެ. ނަމަވެސް، ރިޔާސީ އިންތިހާބު ފަސްކުރުމަށް ފުރަތަމަ ފަހަރަށް ޕީޕީއެމުން މި ގޮވާލީ، ހައި ކޯޓަށް ކޮންމެ ދުވަހަކު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެން ވެސް މައްސަލަ އަވަސް ކުރެވޭނެ ކަމުގެ އުއްމީދެއް ނުލިބުމުން ކަމަށް ބެލެވެ އެވެ.
ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމާއި ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަން އޮންނާނެކަން ޔަގީން ކަމަށެވެ. ނަމަވެސް، ކޯޓު ހުކުމް އޮތުމުން ކެންޑިޑޭޓަކު ކަށަވަރު ނުވާތީ ޕާޓީ ތެރޭގައި ނުތަނަވަސްކަން އެބަ އޮތެވެ.
އިދިކޮޅުން އެންމެފަހުން ބޭއްވި ރެލީގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ސަޕޯޓަރުން މާޔޫސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޔާމީން އެ ޕާޓީ މަގުމަތިކޮށްނުލާނެ ކަމަށެވެ. ނަމަވެސް، އިންތިހާބުގައި އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ވަރަށް ގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް މިއަދު ވިދާޅުވި ގޮތުގައި އެ މަނިކުފާނަށް މި އިންތިހާބުގައި ޗެލެންޖެއްގެ ގޮތަށް އޮތީ ޕީޕީއެމެވެ. ނަމަވެސް، ކެންޑިޑޭޓެއް ނުދައްކަވާ މައްސަލާގައި ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މަނިކުފާނު ވަނީ ކެންޑިޑޭޓެއް ނެރެ، ވާދަވެރި ކެމްޕެއިނެއް ކުރެއްވުމަށް އިދިކޮޅަށް ގޮވާލައްވައިފަ އެވެ.
އެކަމަކު، އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ޔާމީން ޖަލުގައި ބަހައްޓަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނހާ
18 July 2023
ޝަރީއަތްތައް ނިމެންދެން އިންތިހާބު ފަސްކުރަންވެއްޖެނަމަ އަދި އިތުރު 5 އަހަރު އެކަމަށް ނަގާނެ. އިންތިހާބަކާ ނުލާ އިތުރު 5 އަހަރު އިބޫއަށް ފަސޭހައިން ލިބުނީ.
ކޮދަކޯ 20
18 July 2023
އަދުރޭމެން ތޮތިބެނީ ހަމަހޭގަތަ ޖަލުގަހުރި ކުށްވެރިއަކަށްޓަކައި ޝަރީއަތް ފަސްކޮށް ގާނޫނު ބަދަލުކޮށް ކަންކަން ކުރެވޭތަ؟ އެއީ ޕޕޕ ވެރިކަމުގައިވެސް ކަންކަން ކުރިގޮތްް ހަމަބޭނުންކަމެއް ކުރުމަށް ގާނޫނަށް ބޭނުން ބަދަލެއް ގެނައީ
ސިކުނޑި
18 July 2023
އެންމެ މީހަކަށްވުރެ ގައުމު ބޮޑުވާނެ! ގާނޫނު އަސާސީ މުހިންމު ވާނެ! ޔާމީނަށް މިދުނިޔޭގައި އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ބޭފުޅުންނަށް ދަންނަވަންއޮތީ ހާސްނުވާށޭ! މީ ވަގުތީ ތަނެކޭ ޔާމީނަށް ހެޔޮއެދޭ މީހެއްނަމަ އުފާ ކުރާށޭ! ހައްގަށް ނަސްރުދެއްވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނޭ!
ހޯހޯ
18 July 2023
ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޝަރުތު މިހާރު ހަމައެއްނުވޭ. އިންތިޚާބު ބޭއްވުމާއި ނުބޭއްވުމަކީ ޕީ.ޕީ އާއި ބެހޭ ކަމެއްނޫން.
އިސް
18 July 2023
ރަގަޅު ހެޔޮ ވިސްނޭ މީހަކު ދެން ޔާމީން އަށް ވޯޓް ނުދޭނެ، ސަބަބަކީ އޭނަ ގެ ވައްކަން ނޭގޭ އެކަކުވެސް މި ރާއްޖޭގަ ނުހުންނާނެތީ. ކޯޓަކުން ސާބިތު ވުން އަދި ނުވުން އެއީ އެހެން މައްސަލައެއް.
ކަޓްރީނާ އުފަންދުވަސް.
18 July 2023
ހުުކުމް ހަމަވަންދެން މިހިނގާ ދައުރު ދަންމާލަންވީ
ދަ ޑިމޮކްރެޓްސް
18 July 2023
ތި 2ބެއިން އެކުލެވޭ ކޯލިޝަނުން ތިޔަގޮވަނީ މޮޔަ. ސަބަބަކީ މިއަހަރަށް ނިމެންދެން އިންތިޚާބު ފަސްކުރިއަސް ވޯޓުގެ ކުރިން ޔާމީނު ދުލެއްނުކުރާނެ. އަދި އިބޫ ހޮވުނަސް ޔާމީނު ދޫކޮށްނުލާނެ. ސަބަބަކީ ޔާމީނު ދޫކޮށްލައިގެން އިބޫއަށް ވެރިކަން ނުކުރެވޭނޭކަން އެބަ އެނގޭ. އެހެންވެ އެންމެ ބުއްދިވެރިގޮތަކީ ތި 2 ކުދިންވެސް އެހެންބަޔަކާ ކޯލިޝަން ހެދުން. އެ ވަރިހަމަ އިބޫއާ އެކު ކޯލިޝަން ހެދިއަސް.
ރަމީޒާ
18 July 2023
ޥިމާ ޔާމިން ޖަލުން މިނިވަން ދެން 11 އަހަރުގެ ހުކުމް ތަންފީޒް ކޮށް އަދި 3 އަހަރު މުޅި އެކު 15 އަހަރަށް ފަސް ކޮށްލަން ފެނޭ ނޫނީ އިންސާފުވެރި ނުވާނެ ދޯ އަދުރޭ މަށަށް ފެންނަގޮތް މިވެސް ގޮތެއް !!!!!
ޒުލްމު
18 July 2023
ހޫނނ. އަދުރޭ ސޯ ވިދާޅުވެއްޖެއްޔާ ޔާމީން ސަލާމަތް ނުވަނީސް އަޅުގަނޑުމެން ތިބޭނީ ފެންނުވަރަ، ނުނިދާ، ނުކައި ނުބޮއެ، ފުނާ ނާޅާ، ނުދުފާ، އަނބިންނާއެކު އެއްދާންވެސް ނުކޮށް! އެހެންނާފަހެ އަދުރޭ ސޯ ވިއްޔާ!
ފިނރުޓޭ
18 July 2023
ކޮންމެހެނަކުން ވަގަކު މިނިވަންވެގެން އިންތިހާބުގަ ވާދަ ކުރެވެންދެން ރިޔާސީ އިންތިހާބު ފަސް ކުރާކަށް ނުޖެހޭ!