ޖަވާންގެ ލަވަ ޗަލެޔާގެ މަންޒަރެއްގައި ޝާހު އާއި ނަޔަންތުރާ.
15 އޯގަސްޓް 2023 - 06:27
ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން"ގެ ލަވަތަކަށް ގިނަ ބައެއްގެ ލޯބި ލިބެން ފަށައިފި އެވެ.
އެ ފިލްމުގެ ފުރަތަމަ ލަވަ "ޒިންދާ ބަންދާ" ނުކުތީ މީގެ ދެ ހަފުތާ ކުރިންނެވެ. އަނިރުދު ރަވިޗަންދުރަގެ އަޑުން ކިޔާފައިވާ އެ ލަވައިގެ ވީޑިއޯއަށް ޔޫޓިއުބުގައި 56 މިލިއަނަށް ވުރެ ގިނަ ވިއުސް މިހާރު ވަނީ ލިބިފަ އެވެ.
އެ ފިލްމުގެ ދެވަނަ ލަވަ "ޗަލެޔާ" ވަނީ އިއްޔެ ނެރެފަ އެވެ. އެ ލަވަ ކިޔާފައި ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަރުޖިތު ސިންގް އާއި ޝިލްޕާ ރާއޯ އެވެ. އިއްޔެ ނެރުނު ލަވައަށް މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
"ޗަލެޔާ"ގެ ވީޑިއޯގައި ޝާހުއާ އެކު، އެ ފިލްމުގެ އަންހެން ލީޑު ތަރި، ނަޔަންތުރާ ވެސް ފެނެ އެވެ.
ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރު ޑައިރެކްޓުކުރާ މި ފިލްމުގައި ޝާހުއާ އެކު ލީޑު ރޯލުތަކުން ފެންނާނީ ނަޔަންތާރާ އާއި ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. އަދި ހާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް މި ފިލްމުގައި ފެންނާނެ އެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ މަހު ހަތަކުން ފެށިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy