ތައިލަންޑުގެ ފޭއު ތައި ޕާޓީ އަދި ބުމްކައިތައި ޕާޓީގެ ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އަތު ގުޅާލައިގެން: ތައިލަންޑުގެ ސަރުކާރު އެކުލަވާލާނީ އިންތިޚާބުގައި ދެވަނައަސް އެންމެ ގޮނޑި ލިބުނު ފޭއު ތައި ޕާޓީ އިސްވެ އުފައްދައި ފުޅާ ކޯލިޝަނެއްގެ ތެރެއިން. --ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2023 - 13:32
ތައިލެންޑްގައި މިދިޔަ މެއި މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ޕީތާ ލިމްޖަރޮއެންރާތު، ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހުއްޓުވި މައްސަލަ އެ ގައުމުގެ ދުސްތޫރީ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ޕީތާ ވަނީ ތައިލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެޖޯރިޓީ ލިބޭ ގޮތަށް ކޯލިޝަނެއް އެކުލަވާލައިފަ އެވެ. އެކަމަކު ބޮޑުވަޒީރު ކަމަށް އޭނާގެ ނަން ހުށަހެޅުއްވުމުން، ހައުސް އާއި ސެނެޓުން ޖޮއިންޓް ވޯޓެއްގައި އެކަމަށް ދެ ފަހަރަށް ދެކޮޅު ހެދުމުން އެކަމަކީ ގާނޫނުއަސާސީ އާ ހިލާފު ކަމެއް ކަމަށް ބުނެ ކޯޓަށް މައްސަލައެއް ވެއްދި އެވެ.
އެކަމަކު އެ މައްސަލަ ބަލައިނުގަންނަން ނިންމައި ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފި އެވެ.
ޕީތާގެ މޫވް ފޯވަޑް ޕާޓީ (އެމްއެފްޕީ) އިން މެއި މަހުގެ އިންތިހާބު ކާމިޔާބުކުރީ ޒުވާނުންގެ ބޮޑު ތާއީދާއަކާ އެކު އެވެ.
ބޮޑުވަޒީރު ކަމަށް ޕީތާ ވަޑައިގެންނެވުމުގެ ދޮރު ބަންދުވުމުން، ފުޅާ ކޯލިޝަނެއްގެ ތެރެއިން ދެން ވެރިކަމާ ހަވާލުވާނީ، އިންތިހާބުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނު ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ޕާޓީ ފޭއު ތައިންނެވެ.
އެ ކޯލިޝަނުގައި އެމްއެފްޕީގެ ބައިވެރިވުމެއް ނޯންނާނެ އެވެ.
ފޭއު ތައިން ބޮޑުވަޒީރު ކަމަށް ހުށަހަޅަނީ އެ ގައުމުގެ ވަރުގަދަ ވިޔަފާރިވެރިއެއް ކަމަށްވާ ސްރެއްތާ ތަވިސިން އެވެ. އޭނާ ބޮޑުވަޒީރު ކަމަށް އައްޔަނުކުރެވޭ އަދަދަށް ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ބޮޑުވަޒީރު ކަމަށް އައްޔަނުކުރަން، ރައްޔިތުން އިންތިހާބުކޮށްފައިވާ 500 މެމްބަރުން ތިބޭ ހައުސް އާއި އަސްކަރިއްޔާއިން އައްޔަނުކުރާ 250 މެމްބަރުން ތިބޭ ސެނެޓުގެ މެޖޯރިޓީ ތާއީދު ލިބެންޖެހެ އެވެ.
ފޭއު ތައިއަށް ބާރު ލިބުމަކީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާ އެނބުރި ވެރިކަމަށް ވަޑައިގެންނެވުމަށް ހުޅުވޭ ދޮރެއްގެ ގޮތުގައި ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.
ދެހާސްހަ ވަނަ އަހަރު އަސްކަރިއްޔާއިން ނުކުމެ ޝިނަވާޓްރާގެ ވެރިކަން ވައްޓައިލި ފަހުން، އެމަނިކުފާނު ގައުމުން ބޭރުގައި ދިރިއުޅުއްވާތާ 15 އަހަރު ވެއްޖެ އެވެ.
ޝިނަވާޓްރާގެ މައްޗަށް ޖިނާއީ ގިނަ މައްސަލަތަކެއް ހުރި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ އިއުލާނުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy