މާލެއާ މެދު ނާޒިމްގެ ސަރުކާރެއްގައި ގެންގުޅޭ ސިޔާސަތު ހާމަކުރަން މިރޭ ބޭއްވި ޖަލްސާގައި އޭނާ އާއި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އުޝާމް (ވ) އާއި އަބްދުﷲ ރިޔާޒް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
19 އޯގަސްޓް 2023 - 23:43
މި ސަރުކާރުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން މާލޭގެ މީހުންނަށް ދޫކޮށްފައިވާ ގޯތިތައް އަތުލާނެ ބޭފުޅަކަށް ނުވާނެ ކަމަށާއި އެ ތަންތަން އާބާދު ކޮށްދެއްވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާގެ ސަރުކާރެއްގައި މާލެ އަށް ގެންގުޅުއްވާ ތަސައްވަރު ހާމަކުރަން ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ، މާލޭ މީހުންނަށް މި ސަރުކާރުން މިހާރު ގޯތި ދޫކުރަމުން ގެންދަނީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، އެކަމުގައި ޒިންމާދާރުކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އާންމު ރައްޔިތަކަށް ލިބިފައިވާ ގޯއްޗެއް އަތުލާ ބޭފުޅަކަށް އޭނާ ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ވާނީ ތިޔަބޭފުުން ލިބިވަޑައިގެންނެވި ގޯތި ނުވަތަ ފަޅު އާބާދުކޮށްދޭނެ މީހަކަށޭ. އާބާދުކޮށްދޭނެ މީހަކަށޭ. އެ ތަންތަނުގައި ގޯތިގެދޮރު ބިނާކޮށްދޭނެ މީހަކަށް އަޅުގަނޑު ވާނަމޭ،" އިމާރާތްކުރުމުގެ ވިޔަފާރި ހިންގުމުގެ ތަޖުރިބާ ވެސް ހުންނެވި ނާޒިމް ވިދާޅުވި އެވެ.
އަޅުގަނޑުގެ ތަރައްގީގެ ޕްލޭން ވަރަށް ތަފާތު. އަޅުގަނޑުގެ ޕްލޭންއަކީ މާލެ ފިޔަވައި އިތުރު އާބަން ސެންޓަރުތައް ގާއިމްކުރުން، އެއީ އުތުރުގައި ދެ ސެންޓަރު، ދެކުނުގައި ދެ ސެންޓަރު،"--- ނާޒިމް
އޭނާ ވިދާޅުވި ގޮތުގައި، އިސްލާމިކް ފައިނޭންސްގެ ދަށުން އެ ގޯތިތަކުގައި ގެދޮރު އެޅޭނެ ގޮތް އެމްއެންޕީގެ ސަރުކާރެއްގައި ހަމަޖައްސަވާނެ އެވެ.
"އަޅުގަނޑު މި އަންނަނީ އާބާދުކުރާށޭ. އަޅުގަނޑު މި އަންނަނީ ތިޔަބޭފުޅުން ތި ގޯތީގެ އުއްމީދު ހާސިލް ކޮށްދޭނެ މީހަކަށް ވާށޭ. އެ ކަން އަޅުގަނޑު ހާސިލް ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މާލޭގައި އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށާއި އެކަން ހައްލުނުކޮށް ތިބެވެން ނެތް ކަމަށެވެ. އެކަން ހައްލުކުރުމަށް ގައުމީ ޕްލޭނެއް ގެންގުޅެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ ވާހަކަ ދައްކަންޖެހޭ. ގެދޮރުވެރިކަމުން މަހުރޫމްވެގެން ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.
މާލެއާ މެދު ނާޒިމްގެ ސަރުކާރެއްގައި ގެންގުޅޭ ސިޔާސަތު ހާމަކުރަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ސަޕޯޓަރަކު ނާޒިމްގެ ކެންޑިޑޭޓް ނަމްބަރު 8 ދައްކައިދޭ ކަރުދާސްގަނޑެއް ހިފައިގެން.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހަމަ އެއާ އެކު މާލޭ ރައްޔިތުން ބިންވެރިކުރުމުގެ ސިޔާސަތަކީ އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް އަޅުދާސްކުރެވޭ ފަދަ ސިޔާސަތަކަށް ވެސް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އެއީ މާލޭ މީހުންނާއި އަތޮޅުތެރޭގެ މީހުން ތަފާތު ބޮޑުކުރާ ސިޔާސަތަކަށް ވެސް ވެގެން ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެއާ ހިލާފަށް ބޯހިޔާވަހިކަމުގެ ސިޔާސަތު ވާން ޖެހޭނީ މުޅި ރާއްޖޭގެ ރައްޔިތުން ގެދޮރުވެރިކުރުވައި، ދިރިއުޅުމުގެ ފެންވަރު މަތިކުރާ ސިޔާސަތަކަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މާލެއާ މެދު ނާޒިމްގެ ސަރުކާރެއްގައި ގެންގުޅޭ ސިޔާސަތު ހާމަކުރަން މިރޭ ބޭއްވި ޖަލްސާގައި އޭނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އޭނާ ވިދާޅުވީ އެމްއެންޕީގެ ސިޔާސަތަކީ ވަށައިޖެހޭ ސިޔާސަތެއް ކަމަށާއި އެއީ މުޅި ރާއްޖެ ތަރައްގީ ކުރާނެ ސިޔާސަތެއް ކަމަށެވެ. މުޅި ރާއްޖޭގެ ރައްޔިތުން މާލެ އަށް ތޮއްޖެއްސުމުގެ ސިޔާސަތެއް ނޫނެވެ. ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި ފައިސާ އޮއްސަމުންދާނެ ސިޔާސަތެއް ވެސް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ތަރައްގީގެ ޕްލޭން ވަރަށް ތަފާތު. އަޅުގަނޑުގެ ޕްލޭންއަކީ މާލެ ފިޔަވައި އިތުރު އާބަން ސެންޓަރުތައް ގާއިމްކުރުން، އެއީ އުތުރުގައި ދެ ސެންޓަރު، ދެކުނުގައި ދެ ސެންޓަރު،" ނާޒިމް ވިދާޅުވި އެވެ.
"އެ ތަންތަނުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ގެދޮރު ލިބޭނެ. އެއީ ކުޑަ ރަށުގައި ހުރި އަމިއްލަ ގޭގެ ވެސް ފައިދާ ލިބޭ ގޮތަށް ބަހައްޓައިގެން."
އެ ސެންޓަރުތަކުގައި ތައުލީމާއި ސިއްހީ ރޮނގުން ކުރިއަރުވައި ވަޒީފާގެ ފުރުސަތުތައް ހޯދައިދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިބިން
20 August 2023
މަނިކުފާނުވެސް ނަސްލީތަފާތުކުރުމަށް ދީލާތޯ. އެތިކްސްއާ މޯރަލް ހުރިކަމަށް ޤަބޫލުކުރެވުނު ކެންޑިޑޭޓުގެވެސް ހާލަކީ މިއީ!
ކަނުބީރު
20 August 2023
ކޮންމެ މީހަކުވެސް ޔަގީންކަން ދެނީ ވޯޓަށް ބަހާލި ބިންތައް އަތުނުލާނެ ކަމަށް! އެހެންތާ ވާނީ.. އިންސާފަކަށް، އިޖްތިމާޢީ ފަރަގު ކުޑަކޮށްދޭކަށް، މުސްތަގުބަލުގެ ސްސްޓެއިނަބަލް ޕްލޭނަކަށް މި ރައްޔިތުން ވޯޓެއް ނުދޭނެ! ނާޖާއިޒު އިމްތިޔާޒުތަކަށް އެންމެންވެސް އެދެނީ. ދުނިޔޭގައި ތަރައްގީވާ ގައުމުތަކުގެ މޮޑެލް ކަމުނުދާކަމަށް ރައްޔިތުންނަށް ވިސްނައިދީ އެމީހުންގެ ސިކުނޑިތައް ދޮންނަނީ!
ކިރު ސައި
20 August 2023
އެއްވެސް މީހަކު އުންމީދު ނުކުރޭ އިންސާފު ލިބޭނެ ކަމަކަށް މިއަދަކު. ނަމަވެސް މާދަން ، އެއީ މުޅިން އާ ދުވަހެއް އެހެން ނޫންތޯ.
ހިމް
20 August 2023
މާލޭ މީހުންގެ ވޯޓު ހޯދަންދޭ ނާޒިމުވެސް، ރާއްޖެތެރޭ މީހުން ބާކީކޮށްފައި.
ސޭނީ
20 August 2023
މާލެއަށް ނިސްބަތްވާ ވެރިންނަކަށް ރާއްޖެތެރޭ ރައްޔިތުންނެއް މިހާރަކު އުތުބާރެއްނުކުރޭ. އެބޭފުޅުން ރާއްޖެތެރޭ ރަށްރަށުގެ އިގުތިސާދާއި ވަޒީފާއާއި އާމްދަނީ އިތުރުވެ ތަނަވަސްވާކަށް ނޭދޭ އިންތިހާބުގައިވާ ވައުދުތައްވެސް ވަނީ ބިލާހަކަށް. ޢެބޭފުޅުންގެ ފޯކަސް ހުނަނަނީ ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ހުރި ގުދުރަތީ ފަޅާ ފަޅުރައްތަކާ ރައްޔިތުންގެ ޓެކުސްފައިސާ އަތުލައިގައިގެން އެފައިސާ މާލެ ސަރަހައްދައް ހަރަދުކޮށް އެފައިސާ މާލެ ސަރަހައްދުގައި ދައުރުކުރުވުމަށް
އެދުރުބޭބެ
19 August 2023
ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ކަނޑު އަޑިން ރޭލު އަޅައިދޭން، ސަބްމެރިން ދުއްވައިދޭން، ހެލިކޮޕްޓަރުގައި އެއް އަވަށުން އަނެއް އަވަށަށް ގެންގޮސްދޭން އަދި ކާބޯތަކެތި ޑެލިވަރކުރުން ފަދަ ޒަމާނީ ޕްރޮޕޯސަލާއެކު ކެންޑިޑޭޓުން ނުކުންނައިރު އަހަރުމެން މިއުޅެނީ ހަމަޖެހިލައިގެން ނޭވާއެއް ނުލެވިގެން. އިންޓަރނެޓުން ޔޫޓިއުބުން ކޮންމެ ވެސް ގައުމެއްގެ ތަނެއް ބަލާލާފަ އާނ މިގޮތަށް ކަލޭމެނަށް ޝޮޕިން ސެންޓަރ އަޅައިދޭނަމޭ ބުނެ ހައްލާލަނީ! އަދި 10 އަހަރު ފަހުން އާދޭ!