ބޮލީވުޑްގެ ތަރި ޝަބާނާ އަޒްމީ.
24 އޯގަސްޓް 2023 - 06:10
ބޮލީވުޑްގެ ތަރި ޝަބާނާ އަޒްމީގެ ނަމުގައި ސްކޭމް މެސެޖުތަކެއް އޭނާގެ ގާތް މީހުންނަށް ފޮނުވާ މައްސަލައެއް ބޮޑުވެއްޖެ އެވެ.
ޝަބާނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، އެ މައްސަލަ ފުލުހަށް ރިޕޯޓްކުރަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
ޝަބާނާގެ އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މެސެޖުތައް ޝަބާނާ އެކު މަސައްކަތްކުރާ ބައެއް މީހުންނަށް ވެސް ފޮނުވާފައިވެ އެވެ. އަދި އެ މެސެޖުތަކުގައި ބުނެފައި ވަނީ އެޕް ސްޓޯރުން އެޕެއް ޑައުންލޯޑްކުރަން ކަމަށް އެ ބަޔާނުގައި އެވެ.
އެ އެޕަކީ "އޮންލައިން ފިޝިން" ނުވަތަ ފޯނުގައި ހުންނަ މީހުންގެ ޒާތީ މައުލޫމާތު ފޭރިގަންނަން ބޭނުންކުރާ އެޕެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ މެސެޖުތައް ފޮނުވާ ބައެއް ނަންބަރުތައް ވެސް އެ ބަޔާނުގައި ހިމަނާފައިވެ އެވެ.
ޝަބާނާ އެންމެފަހުން ފެނުނީ މިދިޔަ މަހު ނުކުތް ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy