ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރައަށް ފުރަން އެއާޕޯޓުގައި.-- ފޮޓޯ: އެމްއޭސީއެލް
24 އޯގަސްޓް 2023 - 11:10
މާދަމާ ފެށުމަށް ހަމަޖެހިފައިވާ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓު މަޑަގަސްކަރަ އަށް ފުރައިފި އެވެ.
މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ރާއްޖޭން އެންމެ ގިނަ ކުޅިވަރުތަކުގައި ވާދަކުރާ ގޭމެސް އެވެ. މަޑަގަސްކަރާގައި ރާއްޖޭން 11 ކުޅިވަރެއްގައި ވާދަކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ: ޓެނިސް، ވޮލީބޯޅަ، ސްވިމިން، ބެޑްމިންޓަން، ޓީޓީ، ބާސްކެޓްބޯޅަ (ފައިވް އޮން ފައިވް)، ބާސްކެޓްބޯޅަ (ތުރީ އޮން ތުރީ)، ހޭންޑްބޯޅަ، ޓައެކްވޮންޑޯ، އެތުލެޓިކްސް އަދި ޕެރަ އެތުލެޓިކްސް އެވެ.
މިއީ، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އާއި ހޭންޑްބޯޅައިގެ އިތުރުން ޓައެކްވޮންޑޯ ގައި ރާއްޖޭން ވާދަކުރާ ފުރަތަމަ ފަހަރެވެ. ފައިވް އޮން ފައިވް ބާސްކެޓްބޯޅައިގައި ރާއްޖޭން ވާދަކުރަނީ ހަމައެކަނި އަންހެން ޓީމެވެ. ނަމަވެސް އެހެން ޓީމް ކުޅިވަރުތައް ކަމަށްވާ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އާއި ހޭންޑްބޯޅަ އަދި ވޮލީބޯޅައިގެ އަންހެން އަދި ފިރިހެން ޓީމު ވާދަކުރެ އެވެ.
މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ވާދަކުރާ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން، ޓީމުތައް ތަމްރީނުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައި ވެ އެވެ. ހަމައެއާ އެކު ބޭންކް އޮފް މޯލްޑިވްސް ސްކޮލާޝިޕާއި ޔޫތު މިނިސްޓްރީގެ ފަރާތުން ދޭ އަރުތަ ސްކޮލާޝިޕް އަދި ބައިނަލްއަގުވާމީ އޮލިމްޕިކް ކައުންސިލްގެ ފަރާތުން އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ތައްޔާރުވާން ދޭ ސޮލިޑާރިޓީ ސްކޮލާޝިޕްގެ ދަށުން ވެސް ބައެއް އެތުލީޓުންނެއް ތަމްރީނު ހޯދާފައި ވެ އެވެ.
ރާއްޖޭގައި މިއަހަރުގެ ގޭމްސް ބާއްވަން މަސައްކަތް ކުރި ނަމަވެސް މަޑަގަސްކަރާގައި ބާއްވާގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން 2021 ވަނަ އަހަރު ރާއްޖޭން ފުރުސަތު ދޫކޮށްލުމުންނެވެ. އެގާރަ ކުޅިވަރެއްގައި ރާއްޖޭގެ 170 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، ރާއްޖޭގެ ކޮންޓިންޖެންޓަށް ލިބޭނެ އެންމެ ބޮޑު އުނިކަމަކަށް ވާނީ ގޭމްސްގައި ބީޗް ވޮލީބޯޅަ އާއި ސާފިން ނުބާއްވާ ގޮތަށް ނިންމި ނިންމުމެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު އޮތް ގޭމްސްގައި ރާއްޖޭން ވަނީ ބީޗް ވޮލީ އިން ދެ މެޑަލް ހޯދައިފަ އެވެ. މުޅިން އަލަށް ސާފިން ބާއްވާ ގޮތަށް ކުރިން ހަމަޖެހުނުއިރު، ސާފިން އެސޯސިއޭޝަނުން ވެސް ގެންދިޔައީ މެޑަލްތަކަކަށް އަމާޒު ކޮށްގެން ތައްޔާރުވަމުންނެވެ. ހަމަ އެއާއެކު ފުޓްބޯޅަ އިވެންޓުގައި ވެސް މިއަހަރު ރާއްޖޭން ބައިވެރިއެއް ނުވެ އެވެ.
ގޭމްސްގައި ވާދަކުރަން ރާއްޖޭގެ ކޮންޓިންޖެންޓް އިއްޔެ މަޑަގަސްކަރަ އަށް ފުރާފައި ވާއިރު، ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ އެވެ. ކޮންމެ ގައުމަކުން ވެސް މިއަހަރުގެ ގޭމްސްގައި ދެ އެތުލީޓުން ދިދަ އުފުލާލަން ވަނީ ހަމަޖެހިފަ އެވެ. ރާއްޖޭގެ ދިދަ އުފުލާލާނީ ޓީޓީގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ޓެނިހުގެ ގައުމީ ޗެމްޕިއަން މުހައްމަދު ފާއިހް ފަޒީލް (ފާއީ) އެވެ. ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ރާއްޖޭން ވާދަކުރާ ގޭމްސްތައް ފަށާނީ ހޮނިހިރު ދުވަހު އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަހަރަށް މެޑަލް ޓާގެޓެއް ކަނޑައަޅާފައި ނުވި ނަމަވެސް، 2019 ވަނަ އަހަރަށްވުރެ ގިނަ މެޑަލް ހޯދަން އުންމީދު ކުރެ އެވެ. މޮރީޝަސްގައި މީގެ ހަތަރު އަހަރު ކުރިން ބޭއްވި ގޭމްސްގައި ރާއްޖޭން ވަނީ 15 މެޑަލް ހޯދައިފަ އެވެ. އެއީ އައިއޯއައިޖީ ގައި މިހާތަނަށް ރާއްޖޭގެ އެންމެ ކާމިޔާބު އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިއްސާރަ
24 August 2023
އަސްލު ހޮވެންޖެހޭ ކުދިންތިބީ މިތާ. ނުފޫޒުން ދިޔަކުދިން ތިދިޔައީ
ކޮރަޕްޓް
24 August 2023
ފުރައިގެން ދެވިދާނެ. ކުޅިވަރު ނުކުޅެވޭނީ. ކޮރަޕްޝަން އެއީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ކޮންމެދުވަހަކު ކުރާ ޕްރެކްޓިސްއަކީ.
ކޮރަޕްޓް މީހާ
24 August 2023
ތިއިން ކޮންމެ ޓީމްއެއްގައި ކުޅުންތެރިންނަށް ވުރެ އެސޯސިއޭޝަންތަކުގެ ވެރިންނާއި އޮފިޝަލުން ތީ ޓީމްތަކުގައި ގިނަ.
ބޭކާރު
24 August 2023
ބީ އެމް އެލް ޔޫރަފައް ދިން ސްކޮލަރޝިޕް ބެއެއް އެތްލީޓުން ޓްރެއިނިން ހެދީ މާލޭގައި.
ސައްކެޔޮ
24 August 2023
ބައެއްކުޅިވަރު ތަކުން ޕްލެޔަރުން ސިލެކްޓްކޮށްފައި ތިހިރީ އެއްވެސް ސިލެކްޝަނެއް ނުކުޅެ. ޢެހެންވީމަ ނުބުނެވޭނެ ގައުމީ ޓީމޭ . ބުނަންޖެހޭނީ އެސޯސިއޭޝަންގެ ވެރިންނަށް ފެންނަ ޓީމޭ. ޢެއްމެފަހުގެ ގައުމީ ޗެމްޕިއަން ނުހިމަނައި ހަމ އެ މުބާރާތުގައި ސެމީއަށް ނުދާ ކުޅުންތެރިން ޓީމްގައި ހިމެނުން ވަރަށް ހަޑި
ނޮޓް ހަލާލް
24 August 2023
ތީ ހާދަ ބޭކާރު ޚަރަދެކޭ. ތި އެންމެންގެ ތިބުމާ ކެއުމާ ޓިކެޓާ. ވަނަ އެއް ލިބޭނީ އަކީ ނޫން. އެންމެން އެތަނަށް ގޮސް ހޮޓަލުން ކައިގެން ޝޮޕިން ކޮށްގެން "ރާއްޖޭގަ ނުކުރެވޭ ކަންކަން" ކޮށްފަ އަންނާނީ. ހަމަ އަހަރެމެންގެ ޓެކްސް ފައިސާގަ.
ބާބީ
24 August 2023
މަޑަގަހަށް؟ މަހީކުރީ އެއީ ކާޓޫނުތެރޭގާ އޮންނަ ރަށެއްކަމަށް.