ޕީސީބީގެ އެކްޝަން ޕްލޭން ތައާރަފްކޮށްދެއްވަނީ. އެ ޕްލޭނުގައި ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ހާސިލުކުރަން ބޭނުންވާ ކަންކަން ހިމަނާފައި-- ފޮޓޯ: ނިޝާން އަލީ / މިހާރު
24 އޯގަސްޓް 2023 - 12:06
ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީކޮށް، ދެފުށް ފެންނަ އުސޫލުތަކެއް އެކުލަވައިލުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭން ތައާރަފްކޮށްފި އެވެ.
މިއަދު ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ޕީސީބީގެ އެކްޝަން ޕްލޭން ލޯންޗުކޮށްދެއްވީ އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ އެވެ.
ޕީސީބީގެ އެކްޝަން ޕްލޭން އެކުލަވާލީ 2024 އިން 2028 އަށް ހާސިލުކުރަން ބޭނުންވާ ކަންކަން ހިމަނައިގެންނެވެ. އެ ޕްލޭންގައި އެ ކުންފުނީގެ މިޝަން، ވިޝަން އަދި ކޯ ވެލިއުގައި ހިމެނޭ ކަންކަން ހާސިލުކުރަން ވަނީ ނިންމައިފަ އެވެ.
- އެސްއޯއީތަކާ ގުޅޭ ގަވައިދުތައް ހަރުދަނާކުރުން
- ޕީސީބީގެ ކެޕޭސިޓީ އިތުރުކުރުން
- އެސްއޯއީތައް މިނިޓާކުރާނެ ރަނގަޅު ނިިޒާމެއް އެކުލަވައިލުން
- އެސްއޯއީތަކުގެ ނަޒާހަތްތެރިކަމާއި ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެކުލަވައިލުން
- ޕީބީސީގެ މުޅި ޕްރޭމްވޯކް އެކުލަވައިލުން
ޕީސީބީގެ އެކްޝަން ޕްލޭން ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ނިޔާޒީ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ، އާ އެކްޝަން ޕްލޭންގެ ތެރެއިން ކުންފުނިތަކުގެ ހިންގުން ހަރުދަނާވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެކްސްޓާނަލް އޮޑިޓް ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެކަމާ ގުޅޭ އާ އުސޫލެއް މިހާރު ވެސް އެކުލަވައިލާ، ކުންފުނިތަކުގެ އިންޓާނަލް ކޮންޓްރޯލް ހަރުދަނާކުރަން އޮޑިޓަރުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން ހިންގުމުގެ ކަންކަން ރޭވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
"ގުޑް ގަވަނަންސް، ފައިނޭންޝަލް އާއި އޮޑިޓަކީ ލާމެހިފައިވާ ކަންކަން. އެހެން ކަމުން އޮޑިޓަރުންނާއި އެކައުންޓެންޓުން ގުޅިގެން ކުންފުނީގެ އިންޓާނަލް ކޮންޓްރޯލާއި ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރަން މަސައްކަތް ކުރެވިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަން ކުންފުނީގެ ފަންނީ އެހެން ދާއިރާތަކުގެ މީހުން، ގުޅިގެން މަސައްކަތް ކޮށްފި ނަމަ ރަނގަޅު މިސްރާބަކަށް ކުންފުނިތައް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޕީސީބީގެ ރައީސް އާސިމް މިއަދުގެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
ޕީސީބީގެ ރައީސް އާސިމް މުހައްމަދު ވިދާޅުވީ، ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ބޭނުމަކީ ޕީސީބީއަށް ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާ ކަންކަން ހާސިލުކުރާނެ ރަނގަޅު ނިޒާމެއް އެކުލަވައިލުން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕީބީސީގެ ވެބްސައިޓާއި އެސްއޯއީ ގޭޓްވޭ ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އެސްއޯއީ ގޭޓްވޭ މެދުވެރިކޮށް، ކުންފުނިތަކުގެ މުވައްޒަފުންނަށް، އެކުންފުނީގެ މާލީ މައުލޫމާތުތައް ގޭޓްވޭއަށް ހިއްސާކުރެވޭނެ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މާލީ ރިޕޯޓުތައް ތައްޔާރުކުރެވި، އެ މައުލޫމާތު އާންމު ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް ބޭނުން
24 August 2023
ސްޓްރެޖިކް އެކްޝަން ޕްލޭން ގެ ޑްރާފްޓް ޑޮކިއުމެންޓް އެއް ޕީސީބީ ވެބްސައިޓް https://www.pcb.gov.mv/about/strategic-action-plan އަށް ލާފަ ވަނީ . ފައިނަލް ޑޮކިއުމެންޓް ފެންނާނެ ގޮތެެއް ހައްދަވާ ދެއްވުން އެދެން. އަދި ކުންފުނި ތަކުގެ ބޯޑް އަދި މެނޭޖިންގް ޑިރެކްޓަރުންގެ މަގާމަށް އައްޔަން ކުރާ ފަރާތްތަކުގަ ހުންނަން ޖެހޭ ޝަރުތުތަކާއި، އައްޔަން ކުރެވުން އިރު އެފަރާތްތަކުގެ ފިޓް އެންޑް ޕްރޮޕަރ ޓެސްޓް ރިޕޯޓް އާންމު ކޮށް ދެއްވުމަށް ވެސް އެދެން.
ކަމަކުނުދޭތިގޮތް
24 August 2023
ދައުރު ނިމެން 3 މަހަށް ވީމާ އެކްޝަން ޕްލޭން ހަދާވާހަކަ ދައްކަން ލަދެއް ނުގަނޭތޯ؟