18 ސެޕްޓެމްބަރ 2023 - 14:24
ޕައިލެޓުކަން ކިޔަވަން ބޭނުންވާ ދިވެހިންނަށް ތުރުކީގެ "އީރާ" އޭވިއޭޝަން އެކަޑަމީއިން ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހިންނާ ހަމައަށް މި އެކަޑަމީގެ ފުރުސަތު ގެނެސްދީފައި ވަނީ ކޮރަލް ލައިފް ކުންފުނިންނެވެ. ކޮރަލް ލައިފް ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން މެދުވެރިއެއްގެ ދައުރު އަދާކޮށް، ދިވެހިންނަށް "އީރާ" އޭވިއޭޝަން އެކަޑަމީއިން ފުރުސަތު ހޯދައިދޭން އެ އެކަޑަމީއާ ގުޅުނީ އެ އެކަޑަމީ އަކީ ތުރުކީގެ އެންމެ މޮޅު އޭވިއޭޝަން އެކަޑަމީއަށް ވާތީ އެވެ. އަދި މި އެކަޑަމީ އަކީ ތުރުކީ އެއާލައިނުގެ ޕައިލެޓުން ވެސް ތަމްރީނުކޮށް ދުނިޔޭގެ އެކި ހިސާބުތަކުގެ ދަރިވަރުން ކިޔަވަމުންދާ އެކަޑަމީއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި އެކަޑަމީއާ ގުޅެން ބޭނުންވާ ދަރިވަރުންނަށް އެ ކުންފުނީގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން ފުރުސަތު ހޯދޭނެ އެވެ. އެކަޑަމީއަށް ވަނުމަށް ފުރުސަތު ލިބޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި އެކަޑަމީން ފުރުސަތު ދޭނީ ރަނގަޅަށް އިނގެރޭސިން ވާހަކަދެއްކޭ، ހަޔާ އެކަޑަމީ ގްރެޖުއޭޝަން ސެޓްފިކެޓެއް އޮތް، ތުރުކީގެ ސީއޭއޭ އެޕްރޫވްޑް ހޮސްޕިޓަލަކުން ކްލާސް އެކެއްގެ މެޑިކަލް ސެޓްފިކެޓެއް އޮތް މީހުންނަށެވެ.
ތުރުކީ އަކީ ދިވެހިންނަށް ވިސާއާ ނުލާ ދެވޭ ގައުމަކަށް ވާއިރު ޕައިލެޓުކަން ކިޔަވަން ދާ ޔޫރަޕުގެ ގައުމުތަކަށް ވުރެ މި ގައުމަށް ގޮސްއުޅުމުގެ ކަންތައްތައް ފަސޭހައިން ހަމަޖެހޭނެކަން ކޮރަލް ލައިފުން ފާހަގަކުރެ އެވެ. އަދި ބެލެނިވެރިންނަށް ވެސް ދަރިވަރުންގެ ގާތަށް ޒިޔާރަތް ކުރަން ފަސޭހަވުމައި، އާއްމުކޮށް ދިވެހިން ޕައިލެޓުކަން ކިޔަވަންދާ ޔޫރަޕުގެ ގައުމުތަކާއި އެމެރިކާއަށް ވުރެ މި ތަނުގެ ހިދުމަތްތަކާއި ހުރުމާއި ކެއުމާއި ބުއިމުގެ ހަރަދުތައް ކުޑަވާނެކަން ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.
"އީރާ" އޭވިއޭޝަން އެކަޑަމީ އަކީ އައިސީއޭއޯގެ މެމްބަރު ގައުމެއްގައި އޮޕަރޭޓު ކުރާ ތަނަކަށްވުމުން މިއީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޮރިޓީން ވެސް ބަލައިގަންނަ ތަނެކެވެ.
"އީރާ" އޭވިއޭޝަން އެކަޑަމީއަށް މިހާރު ވަނުމަށް ހުށަހަޅާ ދަރިވަރުންނަށް އަންނަ އަހަރުގެ ކުރީކޮޅުގެ އިންޓޭކުން ޖާގަ ލިބޭނެ އެވެ. މި ތަނުގެ ޕައިލެޓު ކޯހަކީ 14 މަހާއި 18 މަހާ ދެމެދުގެ ކޯހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޫލަމް ބްރައިޓް
18 September 2023
މި އެކަޑެމީގެ މަޢުލޫމާތު އިތުރަށް ހޯދަން ބޭނުންވާ ދަރިވަރުން erah.aero އަށް ވަނުމުން ލިބޭނެއެވެ.
ޖަލީލީ
18 September 2023
އަގުވެސް ބުނެލިނަމަ ދޯ