29 އޮކްޓޯބަރ 2023 - 06:35
ގުގުރިޖަހައިލި ގޮތުން ހީވަނީ ވިލާގަނޑެއް ބޯމަތިވަނީހެންނެވެ. އަހަރެން ހުރީ ފައިވާޅުވެފައެވެ. ރަސްރަނިޕާކުގައި އޮތް ކައިވެނިޕާޓީ ވެސް ނިމުމަކާ ގާތްވެއްޖެއެވެ. ޕާޓީއަށް އައި މީހުންނާއެކު ފޮޓޯނަގަންހުރި އެކުވެރި ދާނިޝްއަށް ނޭވާލެވުނު ދަނޑިވަޅެއް ބަލާފައި، ގާތަށް ޖެހިލައިފައި، ދަނީއޭ ބުނެފައި އަހަރެން ނުކުންނަން ހިނގައިގަތީމެވެ. އަހަރެން އަރައިގެންހުރީ ފުންނާބު އުސް ފައިވާނަކަށެވެ. އެއީ އެ ތަނުގައި ހިނގަން އެއްގޮތަކަށް ވެސް ކަމުދާ ފައިވާނެއް ނޫނެވެ. އަނެއްކޮޅުން، ހެދުމުގެ ތިރި ހަނިކަމުން އަހަރެން ބޭނުންވާ ބާރަކަށް ނުއެއް ހިނގެއެވެ. ވީމާ، ހެދުން ކޮށިކޮށްލައިގެން ދޮރުކައިރިއަށް ދިޔަ އިރު އެ ތާކު މަންމައެއް ނެތެވެ. ހިތަށްއެރިއެވެ. މިހާރު މަންމަ އިންނާނީ މަންމަގެ ރައްޓެހިންނާ އެކުގައި މޮޅު ވާހަކައެއްގައެވެ. އަހަރެން ވަކި ދެރަހެއްޔެވެ؟ އުމުރުން އަށާރަ ފުރުނު އިރު ވެސް އެކަނި ގެއަށްދާކަށް ނުކެރެއެވެ. ގެ ހުރީ ފަސް މިނެޓުން ހިނގާފައި ދެވޭހައި ކައިރީގައެވެ.
ފޯނުން މަންމައަށް ގުޅަމުން އަހަރެން އަނެއްކާ ވެސް ރަސްރަނިޕާކު ތެރެއަށް ވަނީމެވެ. މަންމަ ފޯނެއް ނުނަގައެވެ. ދެން ހިތަށްއެރިއެވެ. ބައްޕައާއި މަންމަ ދިމާވީހެއްޔެވެ؟ ވަރިކުރި ފަހުން ބައްޕަ ގެއަކަށް ނުވަދެއެވެ. އެކަމަކު އެ ޕާޓީން ބައްޕައާއި ދޮންމަންޔާ ވެސް ދިމާވިއެވެ. ވަރިކުރިތާ ތިން އަހަރުވީ އިރު ވެސް ބައްޕަ މަތިން މަންމަ ހަނދާނެއް ނުނެތެއެވެ. މަންމަ އަބަދު ވެސް ބުނެއެވެ. ބައްޕަޔާ ދިމާވި ދުވަހަކުން، ހަތަރުކަޅި ހަމަކޮށްފައި އެއް ސުވާލު ކުރާނަމެވެ. މަންމަގެ ކުށަކީ ކޮބައިހެއްޔެވެ؟
"ޔަގީން ފޯނުގެ ރިންގް ކަނޑާލާފަކަން،" އަހަންނަށް ބުނެވުނެވެ. "ދެން ކިހިނެއްބާ މަންމަ ހޯދާނީ؟"
މުޅި ޕާކުގައި އަތްފުނާއަޅަމުން ދަނިކޮށް، އަނދިރީގައިހުރި ބެންޗުގައި އިށީނދެގެން، ހިޔާލަކަށް ގެއްލިފައިއިން އަންހެނަކު ފެނުނެވެ. ރަނގަޅަށް ވިސްނައިލި އިރު އެއީ މަންމައެވެ. ފުރަތަމައިނުން ވެސް ހިތަށްއެރީ މިހެންނެވެ. ބައްޕަ ކީކޭ ކިއީބާއެވެ؟
"މަންމާ!" ވަރުބަލިވެފައިވާ ރާގެއްގައި އަހަރެން ބުނީމެވެ. "ތި ފޯނުގެ ރިންގް ޖައްސަބަލަ!"
މަންމައެއް ނުބެލިއެވެ. އިވުނުކަމަށް ވެސް ނެހެދިއެވެ. އަހަރެން ގޮސް މަންމަ ކައިރީގައި އިށީނީމެވެ. ފައިވާޅު ފިލުވައިލުމަށް ޓަކައެވެ. އޭރު ވަރަށް ތުނިތުނިކޮށް ވާރޭކަނިޖަހާހެން ހީވެއެވެ. އެ ވަގުތު އަހަންނަށް ފޯނެއްއައެވެ. ގުޅީ އަހަރެންގެ ބިޓެވެ. މުޅި ދުވަހު ގުޅަންއުޅެގެން ވެސް އޭނަޔާ ނުގުޅުމުން އަހަރެން އޮންނާނީ އަލިފާން މެސެޖެއް ފޮނުވައިލައިފައެވެ. އޭނަޔާ ނިކަން އަރައިރުންވެފައި، ވާހަކައިން އޭނަ ބަލިކޮށްފައި ދެން ބަލައިލި އިރު މަންމައެއް ނެތެވެ. މަންމަ ހުރީ ގަސްތަކު ތެރޭގައެވެ. އަހަންނަށް ފުރަގަސްދީގެންނެވެ. ހިތަށްއެރިއެވެ. ދެން މަންމަޔާ އަރައިރުންވާހައި ހިތްވަރެއް ނެތެވެ.
"މަންމާ ހިނގާބަލަ ގެއަށްދާން." އަހަރެން ބުނީމެވެ.
ހިނގައިގަތް ގޮތަށް އަހަރެން ފަހަތެއް ނުބަލެމެވެ. ދިމާވި ރައްޓެއްސަކާ އަނގަތަޅައިލައިފައި ދޮރު ކައިރިއަށް ދިޔަ އިރު މަންމަ އެ ތަނުގައި ހުއްޓެވެ. އެއީ ހަމަ ނަސީބެކެވެ. އެހެން ނޫން ނަމަ، އެކަނި ވިޔަސް އަހަރެން ހިނގައިގަތީމުހެވެ. ގެއަށް ދިޔަ މަގުމަތީގައި މަންމަ ވަރަށް ވާހަކަދެއްކިއެވެ. ބައްޕަޔާ ދިމާވި ވާހަކައެއް ނުބުނެއެވެ. ބޮޑާހާކަން ބެންޗުގައި އެކަނި އިން ވާހަކައެއް ވެސް ނުދައްކައެވެ. އަހަރެން ވެސް ކޮންމެހެން އެ ވާހަކައެއް ނުދައްކަމެވެ. ބައްޕަގެ މައްސަލައިގައި ދެމައިންނަށް އެއްގަލަކަށް ނޭރޭތީއެވެ.
އަހަންނަށް އެކަނި ކޮޓަރިއެއް ހުއްޓަސް، ބައެއް ރޭރޭ އަހަރެން ނިދަނީ މަންމަ ކައިރީގައެވެ. އަހަންނަށް ވުރެ ދެ އަހަރު ހަގު، އަންހެން ކޮއްކޮއެއް ހުރެއެވެ. ބައެއް ރޭރޭ އަހަރުމެން ދެބެން ވެސް މަންމަގެ އެނދުގައި އޮންނަމެވެ. މަންމަ އެކަނިވިޔަ ނުދިނުމަށް ޓަކައެވެ. އެ ރޭ ކޮއްކޮ ރޯގާޖެހިގެން އުޅޭތީ އޭނަ ނިދީ އޭނަގެ ކޮޓަރީގައެވެ.
ދަންވަރު ވަރަށް ބޯކޮށް ވާރޭވެހެން ފެށިއެވެ. އަހަންނަށް ހޭލެވުނީ ގުގުރައިލި އަޑަށެވެ. އޭރު އެނދުގައި މަންމައެއް ނެތެވެ. ހިތަށްއެރިއެވެ. މަންމަ ވާނީ ފާހާނައިގައެވެ. ދަންވަރު މަންމަ ދާނީ އެހެން ކޮން ތާކަށްހެއްޔެވެ؟
"އިރަމް!" ބޭރުން މީހަކު ގޮވައިލި އަޑުއިވުނެވެ.
އިރަމްއަކީ އަހަންނެވެ. އެ ގަޑީގައި އަހަންނަށް ގޮވަނީ ކާކުހެއްޔެވެ؟ ގޭގައި ދެން އުޅޭނީ މަންމައާއި ކޮއްކޮއެވެ. އެ ދެމީހުންގެ އަޑު ވަރަށް ވައްތަރުވާނެއެވެ.
"އިރަމް ދަރިފުޅާ!" އަނެއްކާ ވެސް އިވުނެވެ.
އެއީ މަންމަގެ އަޑުކަން ޔަގީންވިއެވެ.
"މަންމާ؟" އަހަރެން ޖަވާބުދިނީމެވެ.
"އޯއި ދަރިފުޅާ!" ވަރަށް ކައިރިން، މަޑުމަޑުން މަންމަ ބުނި އަޑުއިވުނެވެ.
އަހަރެން ބަލައިލި އިރު، އެނދުގެ ބޯލާކޮޅު ފާރުކައިރީގައި މަންމަ ހުއްޓެވެ. ކޮޓަރީގެ އަލި ހުންނަ ގޮތުން އެ ދިމާ އޮންނާނީ، އެހެން ދިމާތަކަށްވުރެ އަނދިރިކޮށެވެ. އަހަރެން ހިތަށްއެރިއެވެ. މަންމަ ކޮޓަރީގައި ހުރިއްޔާ ބޭރުން އެ ގޮވަނީ ކާކުހެއްޔެވެ؟
"ކާކު ބޭރުން އެ ގޮވަނީ؟" އަހަރެން އެހީމެވެ.
"މަންމަ ވެސް ތިހެންނޭ މި ހިތަށްއަރަނީ،" މަޑުމަޑުން މަންމަ ބުންޏެވެ. "ދަރިފުޅަށް މީހަކު ގޮވާ އަޑަށް މަންމައަށް ހޭލެވުނީ. ދޮރު ހުޅުވަން ދެ ފަހަރު ގޮއްސިން. ނުކެރުނު."
"އިރަމް ދަރިފުޅާ!" އަނެއްކާ ވެސް ބޭރުން ގޮވައިލި އަޑުއިވުނެވެ. "މަންމަގެ އަޑުއިވޭތަ؟ ދޮރު ހުޅުވަބަލަ!"
އަހަރެން ފުންމައިގެން ތެދުވީމެވެ.
"ނުދާތި!" މަންމަ ވަގުތުން ބުންޏެވެ. "ދޮރު ނުހުޅުވާތި! އެ ނުވާނެއްނު މަންމައަކަށް."
އަހަރެން ހިތަށްއެރިއެވެ. މި ޖެހުނީ ކިހައި ބޮޑު ކަމެއްހެއްޔެވެ؟ ކޮއްކޮއަށް ގުޅައިލީމެވެ. އޭނަ ނިދާނީ ފޯނުގެ އަޑު ކަނޑައިލައިގެންކަން އެނގިހުރެއެވެ. އޭނަ ފޯނެއް ނުނެގިއެވެ. ބައްޕައަށް ގުޅަން ވެސް ހިތަށްއެރިއެވެ. އެހެނަސް ނުގުޅަމެވެ.
"ދެން ކާކަށްތަ އެ ވާނީ މަންމާ!" އެނދުގައި އިށީންނަމުން އަހަރެން ބުނީމެވެ. "ވެދާނެ ވޯލްގަ ހަރުލާފަ ހުރި ސައުންޑްކަމަށް. މަންމަ އާދެބަލަ މި ތާ އިށީންނަން."
މަންމަ ހުރީ ބިރުގެންފައެވެ. ހުރި ފިޔަވަޅުމަތިން ގުޑައި ވެސް ނުލިއެވެ. ވާރޭ ހުއްޓައިލިއެވެ. ގޭގައި މެއިޑްރޫމެއް ހުރެއެވެ. އަހަރެންގެ ކުރަހާ ސާމާނު ހުންނާނީ އެ ތަނުގައެވެ. ބައެއް ރޭރޭ، ވަރަށް ދަންވަންދެން އަހަރެން އެ ތަނުގައި ކުރަހަން އިންނަމެވެ. އެ ތަނުގައިހުންނަ ހެއްލޭ ގޮނޑީގައި، ވަރަށް ގިނަ އިރު ވަންދެން މަންމަ ވެސް އިނދެއެވެ. ބައެއް ރޭރޭ ދޮރު ތަންޑުއެޅިފައި ވެސް ހުރެއެވެ. ނޭނގި އަހަންނަށް ތަޅުލެވެނީއެވެ. އެ ތަނުގައި ހުންނާނީ ފާހާނައިގައި ހުންނަ ކަހަލަ ތަޅެކެވެ. އެހެންވެ، ވަދެފައި ފިއްތައިލެވެނީއެވެ. ކިތަންމެ ފަހަރަކު، އެ ކޮޓަރީގެ ދޮރުމަތީގައި ހުރެގެން މަންމަ ގޮވީމައި އަހަރެން ދޮރު ހުޅުވަމެވެ. އެ އަޑުތައް ވެސް ހަރުލާފައި ހުރެދާނެއެވެ. ފާރުތަކުގައި އަޑު ޖެހޭ ގޮތަކުން، ބައެއް ފަހަރު އަޑު ރައްކާކުރެއެވެ.
"ދަރިފުޅާ އިރަމް!" އަނެއްކާ ވެސް ގޮވައިލިއެވެ.
"އަހަރުމެން ނޫން ބަޔަކު ވެސް ދުނިޔޭގަ އުޅޭނެ،" ކޮޓަރީގައިހުރި މަންމަ މަޑުމަޑުން ބުންޏެވެ. "އަންނާށޭ ބުނެފިއްޔާ ގެއަށް ވެސް އަންނާނެ. ތިބޭނު ދަރި މަރުވެފަ ތިބި މަންމައިން ވެސް. އޭގެ މަންމައަކާ ދިމާއަށް މަންމާއޭ ކިޔާފަ ގޮވާލެވިއްޖެއްޔާ ޖަވާބުނުދީއެއް ނުހުންނާނެ. ދަރިފުޅު އެ ކަހަލަ ކަމެއް ކުރިންތަ؟"
އެ ކަހަލަ ކަމެއް އަހަރެން ނުކުރަމެވެ. އަހަންނަށް ގޮވަމުން "މަންމަ" އަންނަ އަޑު ކައިރިވަމުން އައެވެ. އެނދުކައިރީހުރި މަންމަ އަހަރެން ގޮވައިގެން ފާހާނަޔަށް ވަނެވެ. ފާހާނައިގެ ބޮތްކެއް ނުދިއްލަމެވެ. ދޮރު ބެހެއްޓީ ހުޅުވައިފައެވެ. ކޮޓަރީގެ ދޮރު ހުޅުވާލައިފައި މަންމަ ވަނެވެ. އެއީ ހަމަ މަންމައެވެ. ލައިގެންހުރީ ވެސް މަންމަ އާންމުކޮށް ލާ ނިދާހެދުމެވެ. އަހަންނަށް ރީތިކޮށް މަންމަ ފެނެއެވެ. އެކަމަކު އަހަންނަކަށް މަންމައެއް ނުބަލައެވެ.
"އިރަމް!" އަނެއްކާ ވެސް މަންމަ ގޮވައިލިއެވެ.
އަހަރެން ހިތަށްއެރިއެވެ. ފެންނަން އެހުރީ މަންމައެވެ. ކޮން ބިރެއްގަންނާކަށްހެއްޔެވެ؟
"އެ ވާނީ ޖިންނިއަކަށް. ދަރިފުޅު ފެންނަ އިރަށް އޭނަގެ ސިފަ ބަދަލުވާނެ،" ފާހާނައިގައިހުރި މަންމަ ވައިއަޑުން ބުންޏެވެ. "ދަރިފުޅު ވިސްނާލަބަލަ! އޭނަ ކިހިނެއް މި ގެއަށް ވަނީ؟ ތަޅުލާފަހުއްޓާ ކިހިނެއް ކޮޓަރިއަށް ވަނީ؟ ދޮރުމަތީގަ ނުހުރެ މިކޮޅަށް ޖެހޭ!"
ދެ ހިޔާލެއްގައި އަހަރެން ހުއްޓައި މަންމަ ފޯނު ނެގިއެވެ. އެ ހިސާބުން އަހަރެން ހައިރާންވިއެވެ. ހިތަށްއެރިއެވެ. ހާދަހާ މޮޅު ޖިންނިއެކެވެ. ފޯނެއް ވެސް ގެންގުޅެއެވެ. އިރުކޮޅަކުން، އެނދުމަތީގައި އޮތް އަހަރެންގެ ފޯނު ރަނގަބީލުވާން ފެށިއެވެ.
"ފޯނު ވެސް ބާއްވާފަ!" ޗޮކެއްކަނޑައިފައި މަންމަ ބުންޏެވެ. "މަންމަ ފެންނަންޏާ، މަންމަގެ އަޑުއިވެންޏާ، ބިސްމި ކިޔާލަބަލަ ދަރިފުޅާ!"
ހިތާހިތުން އަހަންނަށް ބިސްމި ކިޔުނެވެ. އެއީ ކޮންމެހެން ބިސްމި ކިޔަންވެގެން ކިއީކީ ނޫނެވެ. ހަނދާންވީމައި ކިޔުނީއެވެ. އެ ވަގުތު، ފާހާނަޔާ ދިމާއަށް މަންމަ ބަލައިލިއެވެ. ކުއްލިއަކަށް އަހަރެން ފެނުނު ކަހަލައެވެ. އައި ގޮތަށް އައިސް އަހަރެންގެ އަތުގައިހިފައި ބޭރަށް ނެރުނެވެ. އެނދުގައި އަހަރެން ބޭންދިއެވެ. އޭނަގެ އަތް ވެސް ހީވަނީ މަންމަގެ އަތްހެންނެވެ.
"ދަރިފުޅާ!" އަހަރެން ގައިގަ ވަރަށް ބާރަށް ބައްދައިލަމުން މަންމަ ބުންޏެވެ. "ކޮން ތާކަށް ދަރިފުޅު ދިޔައީ؟ މެއިޑްރޫމް ތަޅުލާފަ ހުރީމަ އެ ތާ ހުރެގެން ވެސް އެތައް ފަހަރަކު މަންމަ ގޮވައިފިން."
އަހަރެން ހުރީ، ކޮންމެ ވަގުތަކު ވެސް އެ މަންމަގެ ސިފަ ބަދަލުވެދާނެކަމަށް ވިސްނައިގެންނެވެ. އެހެނެއް ނުވިއެވެ.
"ވާހަކަދައްކަބަލަ ދަރިފުޅާ!" އެ މަންމަ ބުންޏެވެ. "މަންމައޭ މީ! ކޮއްކޮ ގޮވާ އަޑަށް މަންމައަށް ހޭލެވުނީ. ގޮސް ބެލި އިރު ކޮއްކޮ އޮތީ ނިދާފަ. ދެން އައި އިރު ދަރިފުޅެއް ނެތް. ފާހާނަ ވެސް ކިތަންމެ ފަހަރަކު ބެލިން. މަންމަ ކުޑައިރު ވެސް ހަމަ މިހެންވީ. ދެން މާމަ ބުނީ މާމަގެ އަޑުއިވެންޏާ ބިސްމި ކިޔާބަލާށޭ!"
އަހަރެން ހިތަށްއެރިއެވެ. އެއީ އަސްލު މަންމަ ކަމުގައިވަންޏާ ފާހާނައިގައި ހުރީ ކާކުހެއްޔެވެ؟ އަހަރެން މަޑުމަޑުން ތެދުވީމެވެ. ފާހާނަ ކައިރިއަށް ގޮސް، ބޮކިދިއްލައިފައި އެތެރެ ބަލައިލީމެވެ. އެ ތާކު އެކަކު ވެސް ނެތެވެ. އެހެނަސް އާދަޔާ ހިލާފަށް ފާހާނަ ފިންޏެވެ. އެ ވީ ކިހިނެއްކަމެއް، އެ އައީ ކާކުކަމެއް، މަންމަޔާ އޭނަ ވައްތަރުވީ ކީއްވެގެންކަމެއް، މިއަދާ ހަމައަށް ވެސް އަހަންނަކަށް ނޭނގެއެވެ. ޔަގީނުން ވެސް އަހަރެން ޖިންނިއަކަށް ނުގޮވަމެވެ. ގެއަކަށް ދައުވަތެއް ވެސް ނުދެމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންތި
29 October 2023
ވާހަކަ ޝައުގުވެރި ނަސީބެއް ސިހުރަށް ކިޔަވަން ނުފަށާ ނިންމިކަން
މަބަލްދީބް
29 October 2023
ސުވާލަކީ ކުރުސި ކިޔަން އެނގޭހޭ....ކުރުސި؟
2023
29 October 2023
ޢެބަ ރަގަޅުވޭ..... ބޮއިހަލަކި
ޖިންނި ޖިނާ
29 October 2023
މީހަކު ގޮވާ އަޑު އިވިއްޖާ ދޮރުހުޅުވަން އާދަކުރޭ.
ސަސި.
29 October 2023
މިއީ ބިންމާ ލިޔާ ކަހަލަ ވާހަކައެއް. ޝުކުރިއްޔާ ބިންމާ.