ރިޕޯޓް

4،000 ފްލެޓް ދިން ގޮތުން ބޮޑެތި ތުހުމަތާއި ޝަކުވާ!

"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުން އިއުލާނުކުރުމާ ބެހޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: ރައީސް އޮފީސް

05 ނޮވެމްބަރ 2023 - 10:34

76 comments

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުން މާލެ ސަރަހައްދުގައި އަޅަން ހަވާލުކޮށް، އަމަލީ މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓެއްގެ އެވެ. އެކަމަކު އެ ފްލެޓުތައް ހޯދުމަށް އެދި ފޯމް ހުށަހެޅި 20,000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 13،000 މީހުން ޝަރުތު ހަމަވާ ކަމަށް ސަރުކާރުން ކަނޑައެޅި އެވެ. އަދި ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭނެ ކަމަށް އިއުލާން ކުރި އެވެ.

ކަން މިހެން އޮއްވާ ސަރުކާރުން ރޭ ވަނީ "ދާއިމީ ލިސްޓެއް" އިއުލާން ކުރުމަށް ފަހު ވުޖޫދުގައި އޮތް ހަމައެކަނި 4000 ފްލެޓު ލިބޭނެ މީހުންނަކީ ކޮބައިކަން ނިންމައި އާންމު ކޮށްފަ އެވެ. ބާކީ ތިބި 9000 އަށް ވުރެ ގިނަ މީހުންނަށް ދޭން ނިންމީ ލިޔުމެކެވެ.

މި ސަރުކާރުން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއްގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއާއެކު އެތައް ބައެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާކޮށް ކަންބޮޑުވުން ފާޅު ކުރަން ވަނީ ފަށައިފަ އެވެ. އަދި ލިބުނީ ކިތައް ޕޮއިންޓް ކަން އެނގުމާ އެކު، ދެކޮޅު ނުޖެހޭ އެތައް ކަމަކާއި ތަފާތުކުރުން ގެންގުޅެފައިވާ އެތައް މައްސަލައެއް ފާހަގަވެ ފެންމަތި ކުރަން ފަށައިފި އެވެ.

އޭގެ ތެރޭގައި، ފްލެޓުތައް ލިބޭނެ ކަމަށް ނިންމި މީހުންނަށް ޕޮއިންޓް ލިބުނު ގޮތްތަކާއި ވެރިފައި ކުރަން ސަރުކާރުން ކުރި މާ ބޮޑު މަސައްކަތެއް ނެތް ކަމުގެ ވާހަކަ އެވެ. ހައްގު މިންވަރަށް ވުރެ މަދުން ޕޮއިންޓު ލިބުނު ކަމާއި ޝަރުތު ހަމަވެގެން ނުވާނެ ބަޔަކަށް ފްލެޓު ލިބުނު ކަމުގެ ޝަކުވާ އެވެ. ކިތަންމެ ގިނަ މައްސަލައެއް ހުއްޓަސް ޝަކުވާ ހުށަހެޅޭނެ ފުރުސަތެއް ނެތި ފްލެޓު ލިބެން އޮތް ހުރިހާ ދޮރެއް ބަންދުވުމުގެ ކަންބޮޑުވުންތައް އެތައް ބަޔަކު ސޯޝަލް މީޑިއާ އަށް ބަންޑުން ކޮށްލައިފި އެވެ.

ހާލަތު ބެލީ މަދު ބައެއްގެ، އެންމެންނަށް ޕޮއިންޓު ދެނީ ކިހިނެއް؟

މީގެ ކުރިން ކޮންމެ ސަރުކާރަކުން ވެސް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމުގެ ކުރިން ދިރިއުޅުމުގެ ހާލަތު ބަލަން ގެތަކަށް ގޮސް، ސާވޭއެއް ހެދުމުގެ ބޮޑު މަސައްކަތެއް ކުރެ އެވެ. ނަމަވެސް މި ސަރުކާރުން ފުރަތަމަ ނިންމީ މުޅިން އެހެން ގޮތަކަށް އެކަން ކުރުމަށެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރި އިރު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މިނިސްޓްރީން އެއްވެސް ބައެއްގެ ދިރިއުޅުމުގެ ހާލަތު ބަލަން ގެތަކަށް ނުދާނެ ކަމަށެވެ. އެއީ، އަސްލަމް ވިދާޅުވި ގޮތުގައި ސާވޭ ކުރަން ދާއިރު މީހުން އޮޅުވާލުމަށްޓަކައި ދިރިއުޅޭ ގެ ނޫން އެހެން ގެތައް ދައްކަމުންދާތީ އެވެ.

"ގޭގެއަށް ވިޒިޓް ކުރީމަ، ކުރީ ފަހަރުގެ ތަޖުރިބާއަކީ ގޭގެއަށް ދާއިރު، މީހުން ގޭގެއަށް ދާކަން އެނގުނީމަ އެ މީހާ ދައްކަން ބޭނުންވާ ތަނެއްގައި އެ މީހާ އުޅެނީ. އެއީކީ ކޮންމެހެން އިންސާފުވެރިކޮށް ކުރެވޭ ކަމެއްގެ ގޮތުގައި ނުވެއްދެކެން،" އަސްލަމް ވިދާޅުވެފައި ވެ އެވެ.

މީހުން ހަގީގަތް އޮޅުވާލަން މަސައްކަތް ކޮށްފާނެ ކަމަށް ތުހުމަތުކޮށް ދިރިއުޅުމުގެ ހާލަތު ނުބަލައި އެތައް ބަޔަކަށް ގޯތި ދިން ނަމަވެސް ފްލެޓު ލިސްޓު އެކުލަވާލުމުގެ ކުރިން ސަރުކާރުން ނިންމީ ދިރިއުޅުމުގެ ހާލަތު ކޮންމެވެސް ވަރަކަށް ބެލުމަށެވެ. ބައެއް މީހުންގެ ދިރިއުޅުން ބަލަން ވެސް ބެލި އެވެ. އެކަމަކު އެއީ ވަރަށް މަދު ބަޔެކެވެ. އެ ވިސްނުން ބަދަލުވި ސަބަބެއް ނޭނގެ އެވެ. އޭގެ ބޭނުމެއް، ފައިދާއެއް އަދި ސާވޭކުރަން ދާން ކަނޑައެޅީ ކޮން ގެތަކެއް ކަމެއް ވެސް ނޭނގެ އެވެ. އޮތީ ހަމައެކަނި ހައުސިން މިނިސްޓްރީ އިން ބުނި ބަހެކެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި ސަރުކާރުން މި ފަހަރު ކުރީ ރެންޑަމް ޗެކެކެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް ދެ މަސް ދުވަސް ހޭދަވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެ މިނިސްޓްރީ އިން ބުނި ގޮތުން ދިރިއުޅުމުގެ ހާލަތު ވެރިފައި ކުރަނީ ދައުލަތުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. އެއީ، އެކިއެކި އިދާރާގައި ރައްކާ ކޮށްފައިވާ މައުލޫމާތުތަކެވެ.

އެހެން ނަމަވެސް ސަރުކާރުން އިއުލާން ކުރި ޕޮއިންޓް ދިނުމުގެ އުސޫލުގައި ދިރިއުޅުމުގެ ހާލަތު ނުބަލައި ޕޮއިންޓް ނުދެވޭނެ ކަންކަން އެބަހުއްޓެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިނަރެސް ތަޅުދަނޑި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިސާލަކަށް ގެދޮރުވެރިޔާ އުސޫލުގައިވާ ގޮތުން ދެމަފިރިންނާއި ފަސް އަހަރުގެ ދަރިން ފިޔަވައި ދެ މީހަކު އެއް ފާހަނައެއް ބޭނުން ކުރާނަމަ ހަތަރު ޕޮއިންޓް ލިބެ އެވެ. ތިން ނުވަތަ ހަތަރު މީހުން އެއް ފާހަނަ ބޭނުން ކުރާނަމަ ހަ ޕޮއިންޓް ލިބެ އެވެ. ފަހެއް ނުވަތަ ހަ މީހުން އެއް ފާހަނަ ބޭނުން ކުރާ ނަމަ އަށް ޕޮއިންޓް ލިބެ އެވެ. ހައަކަށް ވުރެ ގިނަ މީހުން އެއް ފާހަނަ ބޭނުން ކުރާނަމަ 13 ޕޮއިންޓް ލިބޭނެ އެވެ.

ހަމައެކަނި، "ފާހަނައެއް" ބޭނުން ކުރާ މީހުންގެ އަދަދަށް ބަލައި އެތައް ޕޮއިންޓެއް ތަފާތުކޮށް ލިބުމުގެ ފުރުސަތު އޮތް އިރު އެ މައުލޫމާތު ހަމަގައިމު ވެސް ދައުލަތުގެ އެއްވެސް އިދާރާއެއްގައެއް ނުހުންނާނެ އެވެ. ޖެހޭނީ ދިރިއުޅޭ ތަނަށް ގޮސްގެން އެ ހާލަތު ބަލައި އޮޅުންފިލުވާށެވެ. އެހެންވެ، އެފަދަ ކަންކަމަށް ޕޮއިންޓް ދިނީ ކިހިނެތް ބަލާފައިތޯ އެތައް ބަޔަކު ރޭ ވެސް ސުވާލު އުފެއްދި އެވެ. ރެންޑަމް ޗެކެއް އެކަނި ހަދައިގެން އެފަދަ ކަންކަމަށް އެންމެންނަކަށް އިންސާފުވެރިކަމާ އެކު ޕޮއިންޓެއް ނުދެވޭނެ އެވެ.

"އަޅުގަނޑުގެ ދިރިއުޅުމުގެ ހާލަތު އެންމެ ފަހުން ސަރުކާރުން ބަލާފައި ވަނީ ހިޔާ ފްލެޓު ދިން ދުވަސްވަރު [މީގެ 10 ވަރަކަށް އަހަރު ކުރި]. އޭރު ހާލަތު އޮތް ގޮތަކަށް ނޫން މިހާރު މި އޮތީ. މީހުންގެ އެތައް ކަމެއް ވަނީ ބަދަލުވެފައި. އެންމެ ރަނގަޅަށް މިކަން ވެރިފައި ކުރެވޭނީ ރަނގަޅަށް ދިރިއުޅުމުގެ ހާލަތު ބަލައިގެން." އެ މައްސަލާގައި ޝަކުވާ ކުރި މީހަކު މިހާރަށް ބުންޏެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރި މީހުން ވަނީ ދިރިއުޅުމުގެ ހާލަތާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް މައުލޫމާތު ދިން މީހުންނަށް ވެސް ފްލެޓު ލިބިފައި ހުރެދާނެ ކަމަށް ބުނެފަ އެވެ. އަދި ހުއްޓަސް ސަރުކާރުން މި މަސައްކަތް ނިންމާލާފައި ވަނީ އެކަން ބެލޭނެ ދެފުށް ފެންނަ ނިޒާމަކަށް ނޫން ކަމަށް އެ މީހުން ބުންޏެވެ.

ޕޮއިންޓް ދިނުމުގައި ތަފާތު ކުރުމާއި އެތައް މައްސަލައެއް!

ދިރިއުޅުމުގެ ހާލަތު ވެރިފައި ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރަމުން ގެންދާއިރު ޕޮއިންޓު ދީފައިވާ ގޮތްތަކާ މެދު ހަގީގަތުގައި ވެސް ސުވާލު އުފައްދާ އެތައް ބަޔަކު އެބަތިއްބެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނަ އާއި އޭނާގެ ތިމާގެ މީހެއްގެ ދިރިއުޅުމުގެ ހާލަތާއި ދެ މީހުންގެ ދަރިންގެ އަދަދު ވެސް އެއް ވަރެވެ. އެހެން ނަމަވެސް އެކަކަށް 60 ޕޮއިންޓް ލިބިފައި އަނެކަކަށް ލިބުނީ 41 ޕޮއިންޓެވެ.

"އަހަރެން އުޅެނީ އެއް ފްލެޓަކުން ދެ އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން. އެއްވަރެއްގެ ދެ އާއިލާ. ގާތްގަނޑަކަށް ހުރިހާ ކަމެއް ހަމަ އެކައްޗެއް. އެކަމަކު ތަފާތު ޕޮއިންޓުތަކެއް ލިބެން ޖެހޭ ސަބަބެއް ނޭނގެ." އޭނާ ބުންޏެވެ.

މިހާރު އާ ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އޭނާ އަކީ ހިޔާ ފްލެޓަށް ކުރިމަތިލުމުން ދިރިއުޅުމުގެ ހާލަތު ބަލާފައި 90 ޕޮއިންޓު ސަރުކާރުން ދިން މީހެކެވެ. އެހެން ނަމަވެސް މިހާރު އޭނާގެ ޕޮއިންޓު ވަނީ 75 އަށް ވެއްޓިފަ އެވެ. އަދި ތިން ކޮޓަރި އަށް ކުރިމަތިލާފައި ހުރުމުން އޭނާ ޝަރުތު ހަމަ ނުވެ އެއްވެސް ފްލެޓެއް ނުލިބެ އެވެ.

"ކުރިން 90 ޕޮއިންޓް ލިބިފަ މިހާރު 75 އަކަށް އެ ވެއްޓުނީ. ވަރަށް ބޮޑު ބޭއިންސާފެއް މިއީ." އޭނާ ބުންޏެވެ.

"އެކްސް"ގައި ޝަކުވާ ކުރި އެހެން މީހަކު ބުނި ގޮތުގައި އޭނާގެ ދެ ދަރިންނާއި އަންބަކާ އެކު ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތި މާލޭގައި އެތައް އަހަރެއް އުޅެމުން އަންނަ އިރު އޭނާ އަށް ލިބުނީ 40 ޕޮއިންޓެވެ. ނަމަވެސް އެއްވެސް ދަރިއެއް ނެތް މީހުންނަށް 76 އަށް ވުރެ ގިނަ ޕޮއިންޓު ލިބިފައިވާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

އެ ޕޯސްޓަށް ޖަވާބު ދިން އެހެން މީހަކު ވެސް ބުނީ އޭނާ މާލޭގައި 20 އަހަރު ދިރިއުޅެމުން އައި ނަމަވެސް ލިބުނީ 30 ޕޮއިންޓެވެ. ނަމަވެސް މާލޭގައި ދިރިއުޅޭތާ އަހަރެއް ވެސް ނުވާ މީހުން އަދި ވަޒީފާއެއް ވެސް ނެތް މީހުންނަށް 90 އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި އޭނާ ދަންނަ އެއްވެސް ދަރިއަކު ނެތް ދެމަފިރިއަކަށް 96 ޕޮއިންޓް ލިބުނެވެ. އަދި އޭނާގެ ތިން ދަރިންނާ އެކު މާލޭގައި ހާލުގައި އުޅެމުން އައި ނަމަވެސް ލިބުނީ 41 ޕޮއިންޓެވެ.

މިކަމާ ގުޅޭ ގޮތުން ދެން އަންނަ އަނެއް ޝަކުވާއަކީ ދަށުން ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ލިބި އެއަށް ވުރެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް ފުރުސަތު ގެއްލޭ ގޮތަށް އުސޫލު އޮތް މައްސަލަ އެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލައިގެން 75 ޕޮއިންޓް ލިބުނު މީހުންނަށް އެއްވެސް ފްލެޓެއް ނުލިބި ފުރުސަތު ގެއްލިފައިވާ އިރު އެއަށް ވުރެ މަދު މާކްސް ލިބުނު ބައެއް މީހުންނަށް ދެ ކޮޓަރީގެ އެޕާޓްމަންޓު އެބަ ލިބެ އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް

ސަރުކާރުން ކުރި އިއުލާނުގައި ބުނާ ގޮތުން ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލި ފަރާތްތަކަށް 73 މާކްސް އިން މަތި ލިބިފައިވާ ނަމަ 4000 ފްލެޓުން ޖާގައެއް ލިބޭނެ އެވެ. އަދި ތިން ކޮޓަރި އަށް ކުރިމަތިލި މީހުން ފްލެޓެއް ކަށަވަރު ކުރަން މަދުވެގެން 76 ޕޮއިންޓް ބޭނުން ވާނެ އެވެ.

އެ މައްސަލާގައި ޝަކުވާ ކުރި މީހަކު ބުނި ގޮތުގައި ސަރުކާރުން އިއުލާނު ކުރި ޕޮއިންޓް ސިސްޓަމްގައި ދެ ކޮޓަރި އަށް ވެސް އަދި ތިން ކޮޓަރި އަށް ވެސް ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދެނީ ހަމަ އެއް އުސޫލަކުންނެވެ. ދަރިންގެ އަދަދާއި ކޮޓަރި އާއި ދިރިއުޅޭ ތަންތަން ހުންނަ ގޮތަށް ބަލައިފަ އެވެ.

"މިހާރު މިވާ ގޮތުން ތިން ކޮޓަރި އަށް ކުރިމަތިލެވުނީތީ ކިތަންމެ ހާލަތު ގޯހަސް އެއްވެސް އެއްޗެއް ނުލިބޭ. މިއަށް ވުރެ މަދުން ޕޮއިންޓް ލިބުނު މީހުންނަށް އެބަ ލިބޭ ދެ ކޮޓަރީގެ ތަންތަން. އަހަރުމެންނަށް ނެތް އިތުރު ފުރުސަތެއް." މި ފަހަރުގެ ލިސްޓުން 74 ޕޮއިންޓު ލިބުނު މީހަކު ބުންޏެވެ.

ޝަކުވާ ހުށަހެޅޭކަށް ވެސް ނެތް!

އެންމެ ބޮޑު މައްސަލައެއް ގޮތުގައި ގިނަ ބަޔަކު ޝާކުވާ ކުރަނީ ކުއްލިއަކަށް ދާއިމީ ލިސްޓެއް އާންމު ކުރުމުންނެވެ. ފްލެޓު ލިބޭނެ ކަމަށް ބުނެ ފުރަތަމަ އާންމު ކުރި ލިސްޓުގައި ޖަހާފައި އޮތީ ހަމައެކަނި "ޝަރުތު ހަމަވޭ" އާއި "ޝަރުތު ހަމަ ނުވޭ" އެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ. އަދި އެ ލިސްޓުގައި ވިއްސަކަށް ހާސް މީހުން އެބައޮތެވެ.

ހައުސިން މިނިސްޓްރީ އިން ރޭ ވެސް އިއުލާން ކުރީ ހަމަ އެ ލިސްޓެވެ. ނަމަވެސް މިފަހަރު ތަފާތަކީ އަރިމަތީގައި ޕޮއިންޓުތައް ލިޔެފައި ހުރި ކޮލަމްތަކެއް ހުރުމެވެ. އެހެންވެ މި ފަހަރު ހަގީގަތުގައި ވެސް ހުރި މައްސަލަތައް ފާހަގަ ކުރަން ރައްޔިތުންނަށް އެނގޭނެ އެވެ.

އާންމު ގޮތެއްގައި ސަރުކާރުތަކުން އަމަލު ކުރާ ގޮތަކީ ޕޮއިންޓާއެކު ލިސްޓެއް އާންމު ކުރުމަށް ފަހު މައްސަލަތައް ހައްލު ކުރުމަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތެއް ދިނުމެވެ. އެ މުއްދަތުގެ ތެރޭގައި ޝަކުވާތަކަށް ބަލާފައި ފަހުން ދާއިމީ ލިސްޓެއް އާންމު ކުރުމެވެ.

ނަމަވެސް މިފަހަރު އަމަލު ކުރީ އެ އުސޫލަކަށް ނޫނެވެ. ރޭ އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅޭނެ ގޮތެއް ނެތެވެ. އިއުލާނުގައި ބުނެފައިވާ ގޮތުން އެއީ "ދާއިމީ ލިސްޓެއް" ކަމަށެވެ. ކިތަންމެ ކަމެއް ފާހަގަ ވިޔަސް މައްސަލަ ޖެއްސޭކަށް ނެތެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ ފްލެޓު ބަހާލީ ކަމަށް ދައްކަމުން ދިޔަ ވާހަކަތަކަށް ބާރު ލިބޭ ކަމަކެވެ. އަދި ހިޔާނާތަށް ވެސް މަގުފަހިވާ ކަމެކެވެ. ސާވޭ އެއް ނުކޮށް ގުޅާ ވެސް ނުލައި ފްލެޓުތަކެއް ދިނުމަށް ފަހު އެންމެންގެ އަނގަ ބަންދުކޮށްލުމެވެ. އެއީ ކުރިޔަށް އޮތް ތަނުގައި ވެސް އެތައް މައްސަލައެއް ދިމާވާނެ ކަމެކެވެ.

ފްލެޓު ލިބޭކަށް ނެތް. އިތުރު ސްކީމަށް ލެވޭކަށް ނެތް!

ހަގީގަތަކީ މި ސަރުކާރުން މިހާރު އިމާރާތް ކުރަން ފަށާފައިވާ 4000 ފްލެޓުގެ އިތުރުން އެހެން ފްލެޓެއް ބާކީ މި އޮތް ދުވަސްތަކުގައި އިމާރާތެއް ނުކުރެވޭނެ އެވެ. އެކަމަށް ފައިސާ ވެސް ނުހޯދޭނެ އެވެ.

ޝަރުތު ހަމަވާ އެންމެނަށް ފްލެޓު ލިބޭނެ ކަމަށް ސަރުކާރުން އިއުލާން ކުރިޔަސް ގިނަ ބަޔަކަށް ލިބެން އޮތީ ފްލެޓު ދޭނެ ކަމުގެ ލިޔުމެވެ.

ކުރީ ސަރުކާރުން 2018 ވަނަ އަހަރު ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ފްލެޓާއި ގޯތި ލިޔުމުން ބެހުމުން އެކަމަށް ފާޑު ކިޔުމަށް ފަހު އައި މި ސަރުކާރުން ވެސް ކަންތައް ކުރީ އެގޮތަށެވެ. އަދި ވުޖޫދުގައި ނެތް ފްލެޓުތަކެއްގެ ލިޔުން އެތައް ހާސް ބަޔަކަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއީ އަދި އެއްވެސް އުންމީދެއް އޮތް ކަމެއް ނޫނެވެ.

އެހެން ނަމަވެސް ސަރުކާރުގެ އެއް ލިސްޓުގައި ނަން އޮތުމުން ބައެއް އެހެން ސްކީމްތަކަށް ކުރިމަތިނުލެވޭ ކަމުގެ ޝަކުވާ ވެސް ބައެއް ފަރާތްތަކުން ވަނީ ކޮށްފަ އެވެ. އެ ލިސްޓުގައި ނަން އޮތް ނަމަ އެމްއެންޔޫ އާއި ކަސްޓަމްސް ނުވަތަ އެހެނިހެން ކުންފުނިތަކުން ގެންގުޅޭ ހައުސިން ސްކީމަކަށް ކުރިމަތި ނުލެވޭ ކަމާއި އަދި ލިސްޓުގައި ތިބެގެން ފްލެޓެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެތައް ހާސް ބަޔަކަށް ގޯތި ލިބިފައިވާ އިރު އެކަން ވެސް 100 ޕަސެންޓު ކަށަވަރު ވެފައި ވަނީ ހުޅުމާލެއިން ގޯތި ލިބުނު މަދު ބަޔަކަށެވެ. ގުޅިފަޅާއި ގިރާވަރާއި އަދި ހުޅުމާލެ ތިން ވަނަ ފިޔަވައްސަކީ ވެސް އަދި ރަނގަޅަށް ތަރައްގީ ކުރަން އެތައް ދުވަހެއް ނަގައިފާނެ ތަންތަނެވެ.

ފްލެޓު ދޭނެ ކަމަށް ވެސް 13،000 މީހުންނަށް އުންމީދެއް ދިން އިރު ފަހުވަގުތު ލިބެނީ ހަމަ 4000 މީހަކަށެވެ. އޭގެ ވެސް ބޭއިންސާފު ކަމުގެ ވާހަކަ ހުސް ނުވެ އެވެ.

76 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 24%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާހަނަ

07 November 2023

އަސްލު ވީގޮތަކީ.. އަހަރެން ނިދަނީ ފާހަނައިގަ. ކަނީ ފާހަނައިގަ. ފާހަނަ ގޭގައުޅޭ 12 މީހުން ސެއަރ ކޮށްގެން އުޅެނީ. ނިދަނީ ފާހައިގަ ސެއަރ ކޮށްގެން އެތަނުގައި ބާލިސް އަޅައިގެން. މީ ފޯމުތަކުގަ ލިޔެފައި ހުރި ގޮތް. ދެން މި ފްލެޓް ކޮމިޓީން ބަލާފަ މިބުނަނީ އެއީ ތެދު . ޕޮއިންޓް 99 އޯކޭ

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

06 November 2023

މީ ވަރަށް މުޑުދާރު ކޮށް ކަންތައް ކުރާ ބައެއް. ފްލެޓަށް ޝަރުޠު ހަމަވާ ފުރަތަމަ ކަމަކަށް އޮތީ މާލޭ ގައި ދިރިއުޅޭތާ 15 އަހަރު ވުން. އެކަމަކު އެއްވެސް ވަރަކަށް އެކަމަށްވެސް ބަލާފައެއް ނެތް. ރަސްމީ ލިޔުމާއެކު ހުށްއެޅި މީހަކު ބުނި ތިމަންނަގެ ޝަރުތެއް ހަމައެއް ނުބެއޭ. މުއްދަތު ކުރުވެ. އެކަމަކު ޝަރުތު ހަމަވޭ ފްލެޓް ލިބޭ. އޭނަގެ ޕާރޓްނަރު މާލޭގަ އުޅޭތާ 3 އަހަރު. ޝަރުތު ހަމަވޭ 77 ޕޮއިންޓް. އެންމެ ދަރިއެއް. އަޅުގަނޑުގެ 3 ދަރިން. މާލޭގަ އުޅޭތާ 30 އަހަރު. 3 ދަރިން ވެސް 18 އަހަރުން ދަށް. 71 ޕޮއިންޓް. ތާހިރެއްނު

The name is already taken The name is available. Register?

މަރީ1234

06 November 2023

އަދި ކޮބާ، އެއްކަލަ ބިން ލިބުނު އެތައް ބަޔަކަށް ފްލެޓް ވެސް ލިބުނު. ދެމަފިރިންގެ ތެރެއިން އެކަކު ބިން އަނެކަކު ފްލެޓް. މިހެން ހެދުމުން ހަމަ އެއްބަޔަކަށް މިލިބެނީ ހުރިހާ އެއްޗެއް ވެސް!!!

The name is already taken The name is available. Register?

މަރީ51234

06 November 2023

މާލޭ މީހުންނަށް ހިޔާވަހިކަންދޭތީ ހަމަ ރުޅި އައީދޯ

The name is already taken The name is available. Register?

‫އބ

06 November 2023

ހ‫ުރިހާ ސަރުކާރަކުންވެސް ކަންކުރަނީ މިހެން. ހާލަތު ބަލޭނެގޮތް އެބައޮތް، އެގޮތަށް މަސައްކަތްކުރަން ބޭނުންނެތީ. ސަރުކާރުގަ މީހަކު މަސައްކަތްކުރިއަސް ނުކުރިއަސް ބޭލޭނެ އަދި ޒިންދާރުކުރެވޭނެ ގޮތެއް ނޯވޭ. ނުވިތާކަށް އެހާމުސާރަކުޑަ. ކުއްޔަށް ފުލެޓަކަ 20000 ދޭކަށް އެވަރުގެ މުސާރައެއްނުލިބޭ، ގިނަމީހުންތިބީ ބޭންކުތަކަށް ދަރާފަ.

The name is already taken The name is available. Register?

އަލި

05 November 2023

މިސަރުކާރަށް ނޫނޭކޭ ބުނި ސަބަބު ވަރަށް ސާފު. ރައްޔިތުންނަށް މިހާ ގައްދާރުވާކަށް ނުވާނެ.

The name is already taken The name is available. Register?

ދޮގު މަޢުލޫމާތުދިން މީހުން ހޯދާ

05 November 2023

ދޮގު މައުލޫމާތުދީ އޮޅުވާލައިގެން ފްލެޓް ނުވަތަ ގޯތި ދޫކުރެވިއްޖެ ނަމަ، އަނބުރާ ސަރުކާރަށް ނެގޭނެ ކަމަށް އިޢުލާންކޮށް، އެގްރީމެންޓްގައި ވެސް އެ ނުކުތާ ހިމަނާށެވެ. އަދި އެފަދަ ދޮގު މަޢުލޫމާތުދިިން ކަން ހާމަވެއްޖެނަމަ އެފަދަ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ވެސް އިޢުލާނު ކުރައްވާށެވެ.

The name is already taken The name is available. Register?

ދޮންކަލޯ އުޅެނީ މިރާއްޖޭގައިތަ؟

05 November 2023

މިހާ ކޮރަޕްޓް ތަނެއްގައި ކިހިނެތް؟ އިހަކަށް ދުވަހަކުއެއްނު ހިޔާފުލެޓް ގެ 2 އެޕާރޓްމެންޓް އެއްކޮށްލައިގެން ކަންތައް ވެގެން ދިޔަގޮތް ފެނުނީ. އެމީހުންނަށް ހަދާފައި އޮތް އެގްރީމެންޓް އޮތީ ބޮޑުފޮށީގައި ތަނަށް ދައްކަންޖެހޭ ފައިސާވެސް ނުދައްކާ ގިނަބަޔަކު އުޅެނީ ބޮޑު އަގުގައި ތަން ކުއްޔަށްދީގެން. މައްސަލަ ބަލަން އަންނަބައެއްގެ ޖީބަށް އެތިކޮޅެއް އަޅާލާއިރަށް އެމައްސަލަޔަކާ އެބަޔަކު ހުދު ކާފޫރަށްވީ.

The name is already taken The name is available. Register?

ފޫހި

05 November 2023

މިއީ ހަމަ ޕާޓީ ކުދިންނަށާއި މަޖިލިސް މެމްބަރުންގެ ޢާއިލާއަށް ބަހާލީ. ބަޔަކު ހިއްކާފަ ދިޔަ ހުޅުމާލޭގެ ބިންތައްވެސް އަމިއްލައަށް ލިބޭގޮތަށް ޝަރުޠުހަދައިގެން ބިންވެރިވީބައެއްގެ ވާހަކަ މިދައްކަނީ. ހާދަގޯސްކޮށޭ ބިންދިނުމާއި ފްލެޓްތައް މިދެނީ. ހުވާ މިބުނީ އެމްޑީޕީ އަކީ ދުވަހަކުވެސް ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ ބައެއްނޫން. ދައުރު ނިމެން 10 ދުވަހަށްވީމާ ކުރި ނުބައިކަންތައް ދެކެބަލަ. މުޅި ލިސްޓް ކުރަންޖެހޭނީ ބާޠިލް

The name is already taken The name is available. Register?

މަގޭރަހުމަތް

05 November 2023

މަށަށް އެނގޭ މަގޭ ރައްޓިއްސެއް އަނބިދަރިން އުޅެނީ ރަށުގަ. އޭނަވެސް މާލެއައިސް ލޯންޗެއްގަ ވަޒީފާއެއްގަ އުޅެންފެށިތާ އަދި ނުވޭ 4 އަހަރުވެސް، އެކަމު 80 އިން މަތިން ޕޮއިންޓް.

The name is already taken The name is available. Register?

ކުލީގެވާހަކަ، ނުދައްކާވާހަކަ

05 November 2023

އުމުރުދުވަހު ކުލިދައްކައިގެން އުޅޭކޮންމެމީހަކަށް ހުންނާނެ އެތަކެއްފްލެޓެއް ގަންނާނެ ފައިސާ މާލޭގެބިންވެރިންނަށްދީފަ. ޑޮލަރުން ކުލިކިޔާފަ ހުންނަ މިމާލޭގަ ކުލިދައްކައިގެން އުޅޭ އެންމެނަށްވެސް ފްލެޓް ލިބެންޖެހޭ. މާލެނޫންތަނެއް ނެތްތަރައްގީކޮށްފަ. މާލެތަރައްގީ ކުރަނީ ސަރުކާރުން، މާލެމީހުންނެއްނޫން

The name is already taken The name is available. Register?

ޕޮއިންޓު

05 November 2023

3 ކޮޓަރީގެ ފްލެޓުތައް ދޫކުރާ އަދަދާއި 2 ކޮޓަރީގެ ޕްލެޓުތައް ދޫކުރާ އަދަދު ތަފާތު. މިގޮތުން ޕޮއިންޓު ތަރުތީބުން ލިސްޓު އަތުރާލާއިރު 3 ކޮޓަރި ދޫކުރާ އެންމެ ފަހު އަދަދުގައި އޮތް ފަރާތަށް މި ލިބެނީ 76، އަދި 2 ކޮޓަރީގެ ފަރާތަށް ލިބެނީ 73. އެއްގޮތަކަށްވެސް ޕޮއިންޓު ދިނުމުގައި 3 ކޮޓަރި އަދި 2 ކޮޓަރިއަށް ފޯމު ލައިގެން ދިމާވި ކަމެއްހެނެއް ހިއެއްނުވޭ. މިކަހަލަ ކަންކަމާވެސް މި ދަނޑިވަޅު ވިސްނަންޖެހޭ. ފްލެޓު އެންމެންނަށް ދެވޭނީ ކޮން ސަރުކާރަކަށްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454