އީސީގެ މެމްބަރު މުހައްމަދު އާސިފް (ކ) އަދި އަލީ ނަޝާތު (މ).-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
15 ނޮވެމްބަރ 2023 - 13:57
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ މެއި މަހު އެވެ.
ނަޝާތުއާ އިންޓިވިއުކޮށް، އާންމުންގެ ހިޔާލާ އެކު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
އެ ކޮމިޓީން ނިންމި ގޮތަށް، އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރަން މަޖިލިހުން މިއަދު ފާސްކުރީ، އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަޝާތު އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.
ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރު އައްޔަންކުރި ނަޝާތުގެ ދައުރު މިދިޔަ ޖުލައި މަހަށް ހަމަވެފައިވާ އިރު، މިދިޔަ ރިޔާސީ އިންތިހާބު ވެސް ބޭއްވީ ކޮމިޝަނުގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން ތިއްބަވައިގެންނެވެ.
އެއީ އީސީގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.
އިންތިހާބު ކުރިން، މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، މެމްބަރުންގެ ބައްދަލުވުންތައް ނުބޭއްވޭ ވަރަށް އީސީގެ އެތެރޭގެ މައްސަލަ ގޯސްވި އެވެ. އެކަމަކު، އެ ހިޔާލު ތަފާތުވުންތައް ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ހައްލު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން އޭރު ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުއާދުބެއްޔާ
15 November 2023
. ފުއާދުއަށް ޥަރަށް ސަލާން