މެޖިސްޓްރޭޓް އަލީ އާދަމް: އިތުރު މައްސަލައެއްގައި ފިޔަވަޅު އަޅައިފި
20 ނޮވެމްބަރ 2023 - 12:57
ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނުނިމި އޮއްވައި، އެފަދަ އިތުރު މައްސަލައެއްގައި އެންމެ ފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފި އެވެ.
މީގެ ކުރިން އަލީ އާދަމްއާ ގުޅޭ ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ފަހު އެ ދެ މައްސަލަ ވެސް އޭނާގެ މައްޗަށް ސާބިތުވާތީ، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ދެ ފަހަރެއްގެ މަތިން ވަނީ ފޮނުވައިފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ، ޖޭއެސްސީން އެކަމަށް އެދި ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
އަލީ އާދަމް ފަނޑިޔާރު ކަމުން ވަކި ކުރުމަށް ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް، މިހާތަނަށް އެކަމުގައި މަޖިލީހުން ގޮތެއް ނުނިންމަ އެވެ. މިކަމާ މެދު ޖޭއެސްސީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ގިނަ ޝަކުވާތަކެއް އޮތް އަލީ އާދަމްއާ ގުޅޭ ގޮތުން ޖޭއެސްސީން މިފަހަރު ބެލި މައްސަލާގައި އޭނާ ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި ނިންމީ، އޭނާގެ މަގާމު ދަށްކުރުމަށެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
އަލީ އާދަމްގެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާފައި އޮތީ އެ މެޖިސްޓްރޭޓް ވަކިކުރުމުގެ ކުރިން މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް މީގެކުރިން ފަނޑިޔާރުން ވަކިކުރި މައްސަލަތަކުގައި ކޮމެޓީން އެގޮތަށް ފުރުސަތު ދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަފަ
21 November 2023
މެޖިސްޓްރޭޓަކު ހަނާކުރަމުންދާއިރު މަޖިލިސް ނިދާފަ.
ވަކީލު
20 November 2023
ސިވިލް ކޯޓުގަ މައްސަލަ ނުހިންގާތިބޭ ގާޒީންގެ މައްސަލަ ވެސް ބަލާބަލަ. ދައުވާ ފޯމު ރައްދުކުރަން ފޮނުވާލަންވެސް ހަމަސް ހަތްމަސްވޭ. މީބޮޑުވަރު އެކަމު ހެނދުނު ދިހައެއް ޖަހަންދެން އެތިބެނީ ޖަސްޓިސް ބިލްޑިން ކައިރި ކެފޭތަކުގަ. މައްސަލަ ނުހިންގާ ފަރުވާ ކުޑަކުރީމަ ފިޔަވަޅު އަޅަންޖެހެނީ ވަކި ބަޔަކަަށްނޫން